6 Jul 2024

"ވަޅު ހުސްކޮށްފަދޯ ތި ނުކުތީ؟" ގިފިލި ދޮރު ލެއްޕުނު އަޑަށް އޭނާ ބުނެލިއެވެ.

އެޔާއިއެކު ޝިއުނާއަށް ހުރި ފިޔަވަޅު މައްޗަށް ހުއްޓެވުނެވެ.

" ތި ބާލިދީއަށް ފެން އަޅާލާފައި ވަޅު ދޮށުގައި ބަހައްޓާލަ ދީބަލަ" އޭނާ އެހެންއޮވެގެން ވާހަކަ ދެއްކިއެވެ.

ގިފިލި ދޮރުކައިރީގައި ބަހައްޓާފައިހުރި އޮރެންޖު ކުލައިގެ ބާލިދީ ތެރޭގައި މޫނު މައްޗެއް އޮތެވެ. ޝިއުނާ އެ ހިފައިގެން ގިފިއްޔަށް ވަދެ ވަޅު ދޮށުގައި ބަހައްޓާފައި ފެން އަޅާފައި ނިކުތެވެ. އޭރުވެސް އޭނާ ހަމަ އެ އޮތްގޮތަށް އޮތެވެ. ޝިއުނާ މަޑުމަޑުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

ޒިލާލު އެހެން އޮވެފައި އެދިމާ ބަލައިލީ އޭނާގެ ކޮއްކޮ އަނގައިން ނުބުނެ ހިނގައިގަތީމައެވެ. އޭނާއަށް ފެނުނީ ޒުހުދާއަށް ވުރެ ހިމަ، ދިގު އަންހެން ކުއްޖެކެވެ. ފޯލި ފޯއްޔަށް ކޮނޑުން ތިރިއަށް ފައިބާފައިވާ އިސްތަށިގަނޑުން ފޭބި ފެނުން، އޭނާ ލައިގެން ހުރި ކުކުޅު ބިސް ކުލައިގެ ޓީޝާޓު އޮތީ ތެމިފައެވެ. އެއީ ޒުހުދާ ނޫންކަން ވިސްނުނުހިނދު ޒިލާލުއަށް ފުންމައިގެން ތެދުވެވުނެވެ.

"އޭ ތީ ކާކު؟"

އެއަޑަށް ޝިއުނާ ފަސްއެނބުރި ބާލައިލިއެވެ.

"އަޅެ ސޮރީ... ގިފިލީގައި އުޅުނީ ޒުހު ކަމަށް ހީކޮށް" ގަތް ލަދުން ޒިލާލުއަށް އެނާއާއި ދިމާލަށް ބަލަން އިންނާކަށް ނުކެރުނެވެ.

"އެ އޯކޭ" އޭނާ ވަރަށް ލަދުގަނެއްޖެކަން ޝިއުނާއަށް ވިސްނުމުން އެހެން ބުނެލާފައި އަވަހަށް ގޮސް ޒުހުދާ ކޮޓަރިއަށް ވަނީއެވެ.

ޒިލާލު ދުވެފައި ދިޔައީ ބަދިގެއަށެވެ. އޭރު އޭނާގެ މަންމައާއި ކޮއްކޮ ހަވީރު ސައި ތައްޔާރު ކުރަން އުޅެއެވެ.

" ޒުހު ކާކު އެއުޅެނީ؟ މަ ލަދުން މަރުވެއްޖެ!" ޒިލާލު ކާމޭޒު ދޮށުގައި އިށީންނަމުން ބުނެލިއެވެ.

" ބޭބެ ކީއްކުރީ؟ އަނެއްކާ އޭނާ ހުއްޓާ ގިފިއްޔަށް ވަނީތަ؟"

ކުރެވުނީ އެއަށްވުރެ މާ ހަޑި ކަމެއްކަމުގައި ޒިލާލު ބުނަމުން ވީގޮތް ކިޔައިދީފައި، މަ ލަދުން ގޮސް ހަލާކުވެއްޖެއޭ ބުނެލިއެވެ.

"ޒުހު ނުވެސް ބުނަމެއްނު ރައްޓެއްސެއް ގޮވައިގެން އަންނަ ވާހަކައެއް... އެއީ ކާކުތަ؟" ޒިލާލު އަހާލިއެވެ.

"ބުނެވޭނީ ބޭބެ ފެނިގެންތާ!" ޒުހުދާ ޖަވާބު ދިނެވެ. އަދި ޝިއުނާއަކީ ކާކުކަން ކިޔައިދީފައި އޭނާގެ ކާފައާއި ބައްދަލުކުރަން އެރަށަށް ދާއިރު އަހަރުމެންނާއި އެކީގައި ބޭބެ ގޮސްދޭނަން ދޯއޭ ބުނެލިއެވެ.

އެމީހުން ވާހަކަ ދައްކަން ތިއްބާ ޒުހުދާގެ ކޮޓަރި ދޮރު ލެއްޕުނު އަޑަށް ޒިލާލު ތެދުވިއެވެ. އެހިނދު ބޭބޭ މަޑުކޮށްބަލާށޭ އޯކޭ ވާނެއޭ ޒުހުދާ ބުންޏެވެ.

"އުނހޫ... މިހެން ހުރެގެން އަދި އަމުދުން ފެންނާކަށް ނުކެރޭނެ!" ޒިލާލު ހުރީ ހުސްގަޔާއެވެ. ޝިއުނާއަށް އެހިސާބަށް ނާދެވެނީސް އޭނާ އަވަސް އަވަހަށް އަނެއްދޮރުން ނުކުމެގެން ދިޔައެވެ.

ޝިއުނާ ސައިބޯން އިށީނުމުން ޒުހުދާ އާއި އޭނާގެ މަންމައާއި ދެމީހުން ވެގެން މަޖާވެފައި ޒިލާލު ކުރި ކަންތަކުގެ ވާހަކަ ކިޔައިދިނެވެ. އޭނާ ގަތް ލަދުން ޝިއުނާއަށް ނުފެންނަން ވެގެން ދިޔަ ވާހަކައަށް ދަންދެނެވެ.

"އެއީ ދެން އެވަރުގެ ކަމެއްނޫނެއްނު!" ޝިއުނާ ބުނެލިއެވެ.

ސައިބޮއެ ނިމިގެން ޝިއުނާ ގޮވައިގެން ހިނގާލަން ޒުހުދާ ނުކުތެވެ. ރަށް ފުށުގެ އާދަކާދައިގެ މަތިން ދިމާވާ ކޮންމެ މީހަކު ޝިއުނާއަކީ ކާކުތޯ މިރަށަށް އައީ ކީއްކުރަންތޯ ޒުހުދާ ކުރެން އަހައެވެ. އެއީ އޭނާގެ ރައްޓެއްސެއްކަމަށާއި ޗުއްޓީއެއްގައި މިރަށް އައީސްލީ ކަމުގައި ބުނެ ޒުހުދާ އެންމެންނަށްވެސް ޖަވާބު ދެމުން ގެންދިޔައެވެ. ޝިއުނާ އެދުނު ގޮތަށް އޭނާގެ ކާފަގެ ވާހަކައެއް އެއިން އެކެއް ކައިރިއަކުވެސް ނުބުނެއެވެ.

އިރުއޮއްސުނު އިރު އެމީހުން ތިބީ ރަށުގެ ތުނޑީގައެވެ. އެދިމާލުން ފެންނަން އޮތް ރަށަށް އިޝާރަތް ކޮށްލަމުން ކާފަ އުޅެނީ އެރަށުގައޭ ޒުހުދާ ބުނެލިއެވެ. އެވަގުތު ޝިއުނާގެ ހިތްއަވަސްވިއެވެ. ދެން އޮތީ ވީއެންމެ އަވަހަކަށް އެރަށަށް ދެވޭނެގޮތެއް ހޯދުމެވެ. އޭނާގެ ބައްޕަ މަހުން އައީމާ އެކަމާއި ބެހޭގޮތުން ވާހަކަ ދައްކާނީ ކަމުގައިވެސް ޒުހުދާ ވަނީ ބުނެފައެވެ.

"ކާފާ! އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ކާފައާއި ބައްދަލު ވާނެ" އެރަށާއި ދިމާލަށް ބަލަހައްޓައިގެންހުރެ ޝިއުނާ ހިތާހިތުން ބުނެލިއެވެ.

ރަތްވިލާ ދަޅަ އޮބެން ފެށީމާ އެދެމީހުން ގެއާއި ދިމާލަށް ހިނގައިގަތެވެ. ރަށުގެ މިސްކިތާއި ސްކޫލާއި ހުންނަ ހަތަރު އަނގޮޅި ކަންމައްޗާއި ހަމައަށް އަރާ ހަމަވިއިރު މިސްކިތުން ފައިބައިގެން މީހުންތައް ނުކުންނަނީއެވެ.

ތިއޮއްދަނީ ބޭބެ!" ކުރިމަތީގައިވާ ގޯޅިއަށް އެޅި ބަޔަކަށް ޒުހުދާ އިޝާރާތްކޮށްލިއެވެ. އަދި ތަންކޮޅެއް ބާރަށް އެދިމާލަށް ހިނގައިގަންނަމުން ބޭބޭ އޭ ކިޔާފައި ގޮވާލިއެވެ. އެޔާއިއެކު އެތަނުން އެކަކު ފަހަތް ބަލައިލިއެވެ. ޒުހުދާ މަޑުކޮށްބަލާށޭ ބުނުމުން ސްކޫލު ފާރުކައިރިއަށް ހުއްޓުނެވެ.

ޒުހުދާގެ ބޭބެއަށް ޝިއުނާ ތަޢާރަފު ކޮށްދިން ވަގުތު އޭނާ ޝިއުނާއާއި ދިމާލަށް ބަލައިލީ ވަރަށް ރަކިވެފައި ހުރެގެންނެވެ.

އެމޫނު ފެނުމުން ޝިއުނާގެ މެއަށް ކޮންމެވެސް ކަހަލަ ގޮތެއް ވެގެން ދިޔަކަން އިހުސާސްވިއެވެ. އެއީ ކުރީ ދުވަހު ފެރީއިން ފެނުނު ޒުވާނާ ބާވައޭ ހިތަށް އެރީއެވެ.

"ލޯބި މަތިމަސް ކޮޅެއް....." ޝިއުނާގެ ހިތަށް އައީ އެދުވަހު އަޒީމާ ބުނެފައިވާ ޖުމްލައެވެ. އެއްވެސް އިޚުތިޔާރަކާއި ނުލާ ޝިއުނާގެ ނަޒަރު އެދިމާލަށް ދިޔައެވެ.

"ދެން މިއީ މަގޭ ޅިޔަނު ހާމިދު" ޒިލާލުއާއި އެކީ ހުއްޓިގެން ހުރި ކުއްޖާ ދައްކާފައި ޒުހުދާ ބުނެލިއެވެ.

އޭނާ ވަގުތުން ޝިއުނާއާއި ސަލާމް ކުރަން އަތް ދިއްކޮށްލިއެވެ. އޭނާއާއި ސަލާމްކޮށް ނިމުމުން ޒިލާލު އަތް ދިއްކޮށްލިއެވެ. "ވަރަށް ބޮޑަށް ސޮރީ އިނގޭ މިއަދު ވީ ގޮތުން!" ޝިއުނާގެ އަތުގައި ހިފަމުން އޭނާ ބުނެލިއެވެ. އަދި ވަރަށް ފަރުވާތެރި ކަމާއި އެކު ޝިއުނާގެ މޫނަށް ބަލައިލަމުން ކުރިން، ކޮންމެވެސް ތާކުން ފެނިފަ ކަންނޭނގެއޭ ހުރީ މަޑުމަޑުން ބުނެލިއެވެ.

"އާނ މިއަދު ހަވީރު.... ގޭ ގިފިލި ކައިރިން" ޒުހުދާ ހެމުން ހެމުން ބުނެލިއެވެ. އެއީ ތެދެކޭ ބުނަމުން ޝިއުނާވެސް ޒުހުދާ އާއި އެކީ ހުނުމުގައި ބައިވެރިވިއެވެ.

އޭރުވެސް ޒިލާލުއަށް ހުރެވުނީ ޝިއުނާގެ މޫނަށް ބަލާށެވެ. އެއީ އޭނާއަށް ފެރީއިން ފެނުނު ކުއްޖާއެއް ނޫން ބާވައޭ ހިތަށް އެރަމުން ދިޔައެވެ.

"އޭ ޒިލާ ހިނގާ ދާން" އެވަގުތު ހާމިދު ބުނެލިއެވެ. އަދި އެމީހުން އެދަނީ މުނީޒު އަތުގައި ވިއްކާ ފޯނެއް އޮތީމާ އެބަލައިލަން ކަމުގައި ބުނެފައި ހިނގައިގަތީއެވެ.

ޒުހުދާ ވުޟޫކުރަން ގިފިއްޔަށް ވަނީމާ ޝިއުނާ ނުކުތީ ބޭރަށެވެ. އޭނާ އަވަސް އަވަހަށް އަޒީމާއަށް ގުޅިއެވެ.

"އޭ ތިއެއް ނޫނޭ! އެއްކަލަ ދުވަހު ވިލިނގިލި ފެރީން ފެނުނެންނު ކުއްޖެއް؟... އެއީ ޒުހުދާގެ ބޭބެ ކަންނޭނގެ!" ޝިއުނާއަށް ވާހަކަ ދެއްކުނީ ވަރަށް އަވަސް އަރުވާލާފައެވެ.

"ހުވާތަ؟" އަޒީމާއަށް މަޖާވިއެވެ.

"ޔަގީނެއްނޫން... އެކަމަކު ހަމަ ވަރަށް ވައްތަރު.. " ޝިއުނާ ކިޔައިދިނެވެ. އަދި ބާލިދީއަށް ފެން އަޅައިދޭން ބުނި ހިސާބުން ފެށިގެން ވީގޮތް ކިޔައިދިނެވެ. އޭރު ޝިއުނާގެ ހިތަށް ގޮތްނޭނގޭ އުފާވެރިކަމެއް އިހުސާސް ވަމުން ދާން ފަށައިފިއެވެ. އޭނާއަށް ތަޢާރަފު ކޮށްދިން ވަގުތު ޒިލާލު ވަރަށް ރަކި ގޮތަކަށް ހިނިއައިސްފައި ހުރި މަންޒަރު ޝިއުނާގެ ހިތަށް ފެނިގެން ދިޔައެވެ.

"ތިވީ މާ ރަނގަޅަކަށްނު! ދެން ހައިޝަމް މަތިން ހަނދާން ނައްތާލާ!"

އަޒީމާ އެހެން ބުނުމުން ކަންވީ ދިމާ އިދިކޮޅަށެވެ. ހައިޝަމް މަތިން ހަނދާންވެ، އޭނާއަށް އިހުސާސް ކުރެވެމުން އައި އުފާވެރިކަން އެއްފަހަރުން ފިލިއެވެ.

"ތިޔައީ ބަސްބުނާހާ ފަސޭހައިން ވާނެކަމެއްނަމަ މިހާރު ވެއްޖައީސް!" ޝިއުނާ މާޔޫސްވެލާފައި ބުނެލިއެވެ.

ހައިޝަމް ލަންކާއަށް ދެވުނު ވާހަކަ ބުނަން މެސެޖްކުރި ގޮތަކަށް އިތުރު ޚަބަރެއް ނުވެއެވެ. ހައިޝަމް މިހާރު ވާނީ ކޮންތާކުބާވައެވެ؟ ކުރާނީ ކޮންކަމެއް ހެއްޔެވެ؟ މާހުނާޒު އާއި އެކީގައި ވަގުތު ހޭދަކުރާނީކަން ހިތަށްއެރުމާއި އެކުޝިއުނާގެ މެޔަށް ބާރުވާން ފެށިއެވެ.

"އޯކޭ ފަހުން ގުޅާނަން " ޒުހުދާ ގިފިލިން ނުކުތްތަން ފެނުމުން ޝިއުނާ ބުނެލިއެވެ.

***

ޒުހުދާގެ ބައްޕަ ނިންމީ ހުކުރު ދުވަހު އެމީހުން ގޮވައިގެން އެރަށަށް ދާށެވެ. އެގޮތް އެންމެ ރަނގަޅު ތޯ އަހާލުމުން ޝިއުނާ އާނއެކޭ ބުނަން ބޯޖަހާލިއެވެ. އެއީ އަންގާރަ ދުވަހެވެ. ހުކުރު އަންނާނީ އޭގެ ދެދުވަސް ފަހުންނެވެ. ޝިއުނާ ބޭނުމީ ވީހާވެސް އަވަހަކަށް އެރަށަށް ގޮސްފައި އެނބުރި މާލެ ދާށެވެ. އެހެންނަމަވެސް ޒުހުދާ ބައްޕަ އެހެން ބުނީމާ އިތުރު އެއްޗެއް ބުނާކަށް އޭނާއަކަށް ނުކެރުނެވެ.

އޭރު އެންމެން ތިބީ ރޭގަނޑުގެ ކެއުމަށް އިންސާފު ކުރާށެވެ. ޒުހުދާގެ ބައްޕަ ، ޝިއުނާ ކާފަގެ ވާހަކަ ދެއްކިއެވެ. ކުރީ ދުވަހު ޒުހުދާ ކިޔައިދިން ވާހަކަ ތަކެވެ. އަބަދު މިސްކިތުން ފެންނަ ވާހަކައެވެ. އެކަމަކު މިހާރު ބަލިކަމުން ވަރަށް ނުކުމެ ނޫޅޭކަމަށް އެރަށު މީހަކު ބުނި ވާހަކައެވެ. ޝިއުނާގެ ބައްޕައަކީ ކާކުތޯ އާއި ކޮން މަސައްކަތެއް ކުރާ މީހެއްތޯ އޭނާ އޮޅުންފިލުވިއެވެ. އޭރު ޝިއުނާ އިނީ ވަރަށް ބިރުންނެވެ. އޭނާ އެރަށަށް އައީ ބައްޕަމެންނަށް ނޭނގިކަން ފަޅާއަރާފާނެތީއެވެ.

ކައިނިމިގެން ދުފަންވެގެން ޒުހުދާ ފޯއްވަޅިން ފޯއްކޮށާތަން ބަލަހައްޓައިގެން ހުރެފައި ޝިއުނާ ފޯއްވަޅި އަތުލިއެވެ. އޭނާއަށް އެކަން ކުރަން އޭނގޭތޯ ބަލާށޭ ކިޔާފައެވެ.

"އަދި ދުވަހަކުވެސް ފޯއްވަޅިއަކުން އެއްޗެއް ނުކޮށަން" ފޯއް ކިބައެއް އަތަށް ލައިގެން ، އެކޮށަށް މަސައްކަތް ކުރަމުން ޝިއުނާ ބުނެލިއެވެ.

"އަނެއްކާ އިނގިލި ބުރިކޮށްނުލާތި!" ފަހަތުން ޒިލާލުގެ އަޑު އިވުނެވެ.

ޝިއުނާ އަތުން ފޯއްކިބަ ވިއްސައިގެން ދިޔުމުން ޒިލާލު ފޯއްވަޅި އަތުލިއެވެ. ތަބަކުން އެހެން ފޯއްކިބައެއް ނެގުމަށްފަހު ވަރަށް ފަސޭހަކަމާއިއެކު ކޮށާލާފައި ޝިއުނާގެ އަތަށް އަޅާލިއެވެ. ޝިއުނާ އެގޮތަށް ދުފާ ނޫޅެމޭ ބުނަމުން އޭގެތެރެއިން ދެފޮތި ނަގާފައި ދެން ހުރި އެއްޗެތި ދުފާތަބަކަށް އަޅާލިއެވެ.

"ސެންޓު ރަހަ!.... ޗީޑި" އޭނާ ފޯއްކޮޅު އަނގަޔަށް ލީވަރަށް ވުރެ އަވަހަށް އަތަށް އަޅާލިއެވެ.

އަދި ބަދިގެއާއި ދިމާލަށް ހިނގައިގަތެވެ.

"އަޅެ ސޮރީ!" ޒިލާލު ބުނެލިއެވެ. އޭރު ޒުހުދާ ހޭންފަށައިފިއެވެ. އަނެއްކާ ޝިއުނާއަށް ލަނޑެއް ދިނީއޭ ކިޔާފައެވެ.

އޭރު ޒިލާލު ހުރީ އަސްލުގައިވެސް ކަން ބޮޑުވެފައެވެ. އެއީ އޭނާ ގަސްތުގައި ކުރިކަމެއް ނޫނޭވެ. އަތުން ގަރުދިޔަވަސް ކަނޑުވަން އޭނާ އަބަދުވެސް ކައިނިމިގެން އާފްޓަ ޝޭވް އުނގުޅައެވެ.

"ރަހަ ލާނެ ކަމަށް އެއްގޮތަކަށްވެސް ވިސްނާނުލެވުނީ!" ޒިލާލު ބުނެލިއެވެ. ޒުހުދާ ހިނިގަނޑު ކޮންޓުރޯލު ކުރަމުން ޝިއުނާ ކޮބައިތޯ ބަލަން ބަދިގެއަށް ވަނެވެ. އޭރު އޭނާ ހުރި ސިންކުކައިރީގައި އަނގަ ދޮންނާށެވެ.

" ބޭބެ ވަރަށް ކަންތައް ބޮޑުވެފައި އެބަހުރި... ބުނީ ހިތަށް އަރާނެދޯއޭ ތިމަންނަ ގަސްތުގައި އެހެންހެދީއޭ" ޝިއުނާއަށް ފެންތައްޓެއް އަޅައިދެމުން ޒުހުދާ އޮޅުންފިލުވައި ދިނެވެ. އެޔާއިއެކު ޝިއުނާއަށް ހިނިތުންވެލެވުނެވެ. ދެން އޭނާ ފެންނައިރުވެސް ހުންނާނީ ކުރިއެކޭ އެއްގޮތަށް ރަކިވެފައި ބާވައޭ ހިތަށް އެރިއެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular