3 Jul 2024

އުމުރުގެ ތަފާތުން ލޯތްބަށް އޮތީ ކޮން ހުރަހެއް؟

ލޯތްބަކީ ކަނުއެއްޗެކޭ ބުނާ ސަބަބުތަކުގެ ތެރޭގައި ދެ މީހުންގެ އުމުރުގެ ފަރަގު ކިތަންމެ ބޮޑަސް އެކުގައި ލޯބިން އުޅޭ އުޅުން ހިމެނެ އެވެ.

ބައެއް މީހުން ލޯބީގެ ގޮތުން ގުޅުމުގެ ކުރިން ދެ މީހުންގެ އުމުރުގެ ފަރަގު އަޅާކިޔައި އެކަމާ ވަރަށް ބޮޑަށް ވިސްނަ އެވެ. އަނެއް ބަޔަކު މިކަމަކާ ނުވިސްނަ އެވެ. އަހަރެމެން ދިވެހިންގެ ތެރޭ ކިޔައިއުޅޭ ގޮތުގައި ދެ މީހުންގެ އުމުރުގެ ފަރަގު ފަސް ވަރަކަށް އަހަރު ހުރި ނަމަ އެއީ އެންމެ ކަމުދާ ތަފާތެވެ. ފިރިހެން މީހާގެ އުމުރުން ފަސް ވަރަކަށް އަހަރު ދޮށިވުމެވެ.

އަންހެން ބައިވެރިވާ ދޮށީ ނަމަ ނިކަން ފާޑުފާޑުގެ ވާހަކަ ދައްކަ އެވެ.

އުމުރުގެ ފަރަގު ބޮޑުވުމުން ދެމީހުންގެ މެދުގައި މައްސަލަދިމާވާނެތޯ އެއީ ވަރަށް ގިނަ މީހުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. ދެމީހުންގެ އުމުރުގެ ބޮޑު ފަރަގެއްވާ ނަމަ މިކަމުގެ ސަބަބުން ވަކި ކަހަލަ ކަންތައްތަކަކާ ކުރިމަތިލާން ޖެހޭއިރު މައްސަލަތައް ދިމާވުމަކީ ވެދާނެކަމެކެވެ. މިސާލަކަށް، ތިީރީހުގެ މެދުތެރޭ ނުވަތަ ފަހު ކޮޅުގައި އުޅޭ މީހެއް ނަމަ ލޯބީވެރިޔާއާ އެކީ އެ މީހެއްގެ ދިރިއުޅުމަށް އަވަހަށް ގެންނަން ބޭނުންވާ ބޮޑެތި ބަދަލު ތަކެއް ހުރެދާނެ އެވެ. ނަމަވެސް ގިނަ ފަހަރަށް އެ މީހަަކަށްވުރެ އުމުރުގެ ގޮތުން ހަގުކޮށް ފަރަގު ބޮޑު ލޯބިވެރިއެއް ހުރި ނަމަ މި ބޮޑެތި ބަދަލުތަކަކީ ދިރިއުޅުން ހުރި ހިސާބުން ބޭނުން ނުވެދާނެ ބަދަލުތަކަށްވުން ގާތެވެ.

މީގެ އިތުރުން ދިރިއުޅުމުގައި އިސްކަން ދެވޭ މައިގަނޑު ކަންކަމާއި ދެމީހުންގެ އެނާޖީ ލެވަލްތައް ދިމާނުވެދާނެ އެވެ.

ބައެއް މީހުން ދެކޭ ގޮތުގައި އުމުރުން ބޮޑު ލޯބިވެރިއެއް ހުރި ނަމަ ދެ މީހުންގެ ދެމެދުގައި އޮންނަ އަންޑަސްޓޭންޑިންގެ ރަނގަޅުވެ ހަމަޖެހޭ ނުވަތަ "މެޗުއާ" ލޯބީގެ ގުޅުމެއްގައި އުޅެވޭނެ އެވެ. މިއީ މުޅިން ރަނގަޅު ހީވުމެއް ނޫނެވެ. "މެޗުއާރިޓީ" އަކީ އުމުރުގެ ގޮތުން މީހުންގެ ގައިގައި ހުންނަ ކަމެއް ނޫންކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ.

އޮސްޓްރޭލިއާގައި 2017 ވަނަ އަހަރު ހެދި ދިރާސާއަކުން އެނގިފައިވާ ގޮތުގައި އުމުރުގައި ބޮޑެތި ފަރަގުތަކެއް ހުރި ލޯބިވެރިންގެ ގުޅުން ފުރަތަމަ 6-10 އަހަރާ ދެމެދު ވަރަށް އަވަހަށް ހީނަރުވެފައިވެ އެވެ.

ކޮރެއާގެ ދިރާސާއަކުން ދައްކާފައިވާ ގޮތުގައި އުމުރުގެ ކުޑަ ފަރަގެއް ހުރި ލޯބިވެރިންނާ އަޅާކިޔާއިރު ތިން އަހަރު ނުވަތަ އެއަށް ވުރެއް ބޮޑު ފަރަގުތަކެއް ހުރި ލޯބިވެރިންގެ މެދުދާއި ޑިޕްރެޝަން ހުރި ވަރު ވެސް ގިނަ އެވެ.

މި ހޯދުންތަކުން ދައްކާ ގޮތުގައި އެންމެ ރަނގަޅު ފަރަގަކީ 1-3 އަހަރުގެ ފަރަގެކެވެ. ނަމަވެސް އެކަކު އަނެކަކު ދެކެ ލޯބިވަނީ ތަފާސްހިސާބަށް ބަަަލައިގެން ނޫންކަން މި ދިރާސާތައް ހެދި މީހުންނަށް ވެސް އެނގެ އެވެ. ދެމީހުންގެ ދެމުގައި އޮންނަ އިތުބާރާއި އެކަކު އަނެކަކަށް ކުރާ އިހުތިރާމާ އެކު ކިތައްމެ ބޮޑު ފަރަގެއް ހުއްޓަސް އުޅެވިދާނެކަން އެތައް ބަޔަކު ވަނީ ސާބިތުކޮށްދީފައިވެ އެވެ.

Popular