ކުރިމަތިން، ވަރަށް ބިޔަކޮށް ހެދިފައިވާ ނިކަގަހެއް ފެނުމުން، އެގަސް ހާދަ ބިޔަވެއްޖެ ދޯއޭ އަލީ ރަޝީދާއި ދިމާލަށް ހަނީފު ބުނެލިއެވެ. އެގަސް ވަނީ މުޅި ހިސާބަށް ފެތުރިފައެވެ. ޝިއުނާއަށް އެގަސް ފެނުމުން ކުރިއަށް ވުރެވެސް ބޮޑަށް ޖެހިލުންވެވުނެވެ. އެގަސް ކުރިކަނޑާފައި ތަންކޮޅަކަށް ދެވުނުތަނާ ހަނިމަގަކުން ގެތަކެއް ފެންނަން ފެށިއެވެ. އެޔާއިއެކު އެހެރީއޭ ބުނަމުން ޝިއުނާގެ ބައްޕަ އިޝާރާތް ކޮށްލިއެވެ.
އެގޭ ބޭރުފާރު، ދުވަސްވެ ބާވުމުގު ސަބަބުން އޮތީ ފެހިޖަހާ ކަޅުވެފައެވެ. ދޮރާށި މަތީގައި ގަހެއް ހެދިފައި ހުއްޓެވެ. އެގަސް ވަރުގަދަވެ، މަތީގައި އަޅާފައިވާ ގަލުން ބޮޑު ތަންގަނޑެއް ނެއްޓިފައިވެއެވެ. އެގަލުން ނެއްޓިފައިވާ ބައިތައް ކުދިކުދިވެފައި ގޭގެ ދޮރުކައިރީ ހުއްޓެވެ. ދޮރާށި މެދުގައި ތަޅު އިންނަންވާ ހިސަބުގައި އިނި ބޮޑު ބާގަނޑެކެވެ. ތަޅެއް ނެތެވެ. އެތަން ފެނިފައި އެރަށުގައިވެސް މިހާރު ވަރަށް ވައްކަން ކުރާމީހުން އުޅޭ ކަމުގައި އަލީ ރަޝީދު ބުނެލިއެވެ.
ހަނީފު ދޮރާށި ހުޅުވާލާފައި މަޑުކޮށްލިއެވެ. ގޭތެރެއިން ފެންނަން އޮތީ ފުދޭ ވަރަކަށް ބޮޑުކޮށް ހެދިފައިވާ ވިނަގަސްތަކެވެ. އެގެ ބަލަހައްޓަން މީހަކާ ހަވާލެއް ނުކުރޭތޯ ހަނީފު އަހާލިއެވެ. އެޔާއި އެކު ހިޔެއްނުވެޔޭ އަލީ ރަޝީދު ބުންޏެވެ. އޭނާވެސް މިއިން ޒަމާނަކު މިހިސާބަށް ނާންނަން ކަމުގައިވެސް ބުނެލިއެވެ.
ހަނީފު އެތެރެއަށް ވަނުމުގެ ކުރިން ޝިއުނާގެ އަތުގައި ހިފިއެވެ. ވިނަތަކުގެ ތެރެއިން ލާފައިގޮސް މައިގެއަށް ވަންނަން ހުންނަ ދޮރުކައިރިއަށް ހުއްޓުނެވެ. އެދޮރުގައި އަޅުވާފައިވާ ތަޅު އެދިމާލުން ބިންމަތީގައި ދަބަރުޖަހާފައި އޮތެވެ. ޝިއުނާގެ ބައްޕަ މަޑުމަޑުން އެ ދޮރުކޮށްޕާލިއެވެ. އަދި ޝިއުނާގޮވައިގެން އެތެރެއަށް ވަނެވެ. އެމީހުންގެ ފަހަތުން ޒިލާލުއާއި ޒުހުދާވެސް ވަނެވެ. އަލީ ރަޝީދު ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަން ބޭރުގައި މަޑުކޮށްގެން ހުރީއެވެ.
ގޭތެރެއަކު އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. ކުރިން އެތާނގައި ބޮޑު ސަރަންފީ ގޮނޑިއަކާއި އަދަރާދަ ގޮނޑިއެއް ހުންނާނެކަމުގައި ހަނީފު ކިޔައިދިނެވެ. އޭގެ އިތުރުން އޭނާގެ ކާފަ ކައިރިއަށް އަންނަ މީހުން އިށީންނަން ދިގު ގޮނޑިއެއްވެސް ހުންނާނެ ކަމަށް ބުނެދިނެވެ.
ޝިއުނާގެ މަންމަ ކޮޓަރިއޭ ކިޔާފައި ދެއްކި ކޮޓަރީގެ ދޮރުހުރީ ހުޅުވާލާފައެވެ. އެތާނގެ އެތެރޭގައި އެނދެއް ހުއްޓެވެ. އެކަމަކު ގޮދަޑިއެއް ނެތެވެ. އެނދު ތަންދޮށުގައި ،ހަން ފޮއްޓެއް ހުއްޓެވެ. އެ ފޮށި ފެނުމާއިއެކު އެއީ ކަންނޭނގެއޭ ޝިއުނާގެ ހިތަށް އެރިއެވެ. ޝިއުނާގެ ބައްޕަ އެފޮށި ދަމާ ނެރެ އެނދުމަތީގައި ބެހެއްޓިއެވެ.
ފޮށިތެރޭގައި ހުރީ ވަރަށް ފީވެ ހަލާކުވެފައިވާ ފޮތިތަކެކެވެ. ހީވާގޮތުން ޝިއުނާ މަންމަގެ އަންނައުނު ތަކެކެވެ. އޭގެ އެންމެ އަޑިން ގަދަ ނޫކުލައިގެ ފޮއްޓެއް ފެނުނެވެ. އެއީ އޭނާގެ މަންމަ ގަހަނާ އަޅަން ގެންގުޅު ފޮށިކަން އެނގުމުން ޝިއުނާގެ ހިތްއަވަސް ވެގެންދިޔައެވެ. އެކަމަކު، އެފޮށި ހުޅުވާލިއިރު އޭގާއި ހުރީ ހަލާކުވެފައި ހުރި ބިއްލޫރި ތަނޑުތަކެއް އެކަންޏެވެ. ޝިއުނާ ވަރަށް ދެރަވިއެވެ. އޭނާގެ ބައްޕަގެ މޫނަށް ބަލައިލި ވަގުތު އެވާނީ ހުރިހާ އެއްޗެއް ވަގަށް ގެންދިޔައީ ކަމަށޭ އޭނާގެ ބައްޕަ ބުނެލިއެވެ. އެތަނޑުބައިގައި ހަލާކުނުވެ އޮތް ކަޅު ރަތްކުލައިގެ ތަނޑުގަނޑެއް ޝިއުނާ ނެނގިއެވެ. އޭނާގެ މަންމަގެ ހަނދާނަކަށް ގެންދާނީއޭ ބުނަމުންނެވެ. އެކޮޓަރި ތެރޭގައި ހުރި އަލަމާރިވެސް ހުރީ ހުހަށެވެ.
"ހިނގާ ދެން ދަމާ!" ހަނީފު ބޭނުންވީ އެތަނުން އަވަހަށް ނުކުންނާށެވެ.
އެމީހުން އެކޮޓަރިން ނުކުތްއިރު އަލީ ރަޝީދު އައިސް އެމީހުންނާއި އަރާ ހަމަވަނީއެވެ.
"ބޭރުގައި އެހެންމީހަކު އެބަހުރިތަ؟" ހަނީފު އޭނާގެ ކައިރިއަށް ޖެހިލާފައި ތަންކޮޅެއް މަޑުމަޑުން އަހާލިއެވެ. އަލީ ރަޝީދު ނޫނެކޭ ބުނެލުމުން ދޮރުމަތިން މީހެއްގެ ހިޔަނީ ހަނީފުއަށް ފެނުނުހެން ހީވި ކަމަށް ބުނެދިނެވެ.
އަލީރަޝީދުއަށް ހަނީފު އެބުނިއެއްޗެއް ދޭހަވިއެވެ. އަވަހަށް މިތަނުން ނުކުންނަން އުޅޭށޭ ބުނެލިއެވެ. ޝިއުނާމެންނަށް އަޑު އިވޭ ވަރަށް މިތަނަށް ވަގުންވަދެ މުޅިތަން ކޮޅާލާފައޭ މިއޮތީ ހަނީފު ބުނެލިއެވެ. އެވަގުތު ކުރިމަތީގައި ހުރި ކޮޓަރިއަށް އިޝާރާތް ކޮށްލަމުން އެއީ ކޮންތަނެއްތޯ ޝިއުނާ އަހާލިއެވެ. އެއީ އޭނާގެ ކާފަ އުޅުނު ކޮޓަރިކަން އެނގުމުން ޝިއުނާ އެތަންބަލަން ބޭނުންވިއެވެ. ހަނީފު ގޮސް ދޮރު ހުޅުވާލި ވަގުތު އެތެރެއިން ބޮޑު ކަޅު ބުޅަލެއް ނުކުމެގެން އެމީހުންނާއި ދިމާލަށް ދުއްވައިގަތެވެ. އެވަގުތު އެންމެންވެސް ސިހުނެވެ. ޒުހުދާ ބިރުން އޭނާގެ ކައިރީގައި ހުރި ޝިއުނާގެ ގައިގަ ބައްދައިގަތެވެ.
އެކޮޓަރި ތެރޭގައި ހުރި އެނދުގައި ވެސް ގޮދަޑިއެއް ނެތެވެ. ދެން ހުރީ މޭޒެކެވެ. މޭޒާއި ދިމާލުގައި ވާ ކުޑަދޮރު ހުރީ ހުޅުވިފައެވެ. ޝިއުނާ އެތަނަށް ވަންނާކަށް ބޭނުމެއްނުވިއެވެ. އޭރު އޭނާ ހުރީ އެބުޅަލުގެ ސަބަބުން ވަރަށް ބިރުގަނެފައެވެ. އޭނާގެ ބައްޕަ ކައިރީގައި އެތަނަށް ވަންނަން ބޭނުންނޫން ކަމުގައި ބުންޏެވެ. އެގޭ ބަދިގެއާއި ގިފިލ ހުންނަނި ބޭރުގައި ކަމަށް ޝިއުނާގެ ބައްޕަ ކިޔައިދިނެވެ. އެދިމާލަށް ހިނގައިގަނެފައި، އެކޮޓަރީގެ ކުޑަދޮރު ލައްޕާލާފައި އަންނާށޭ ޒިލާލުއާއި ދިމާލަށް ބުނެލިއެވެ.
ބޭރަށް ނުކުންނަން ހުންނަ ދޮރު ހުޅުވާލިއިރު ފެނުނީ ބަދިގެ ފުރާޅުން ބޮޑުބައި ވެއްޓިފައި އޮތްތަނެވެ. ބޮޑެތި ގަސްތަކާއި ހެދި ބޭރަށް ފިޔަވަޅެއްވެސް އެޅޭކަށް ނެތެވެ. އެދިމާލުން ފާރުމަތީގައި ގޭތެރެއިން ނުކުމެގެން ދިޔަ ބުޅާ އެމިހުންނާއި ދިމާލަށް ބަލަހައްޓައިގެން އޮތްތަން ފެނުނެވެ. އެހިސާބުން ޝިއުނާ އާއި ޒުހުދާއާއި ދެމީހުން ބިރުން އެތަނަށް ނުކުންނާކަށް ބޭނުމެއްނުވިއެވެ.
ޒިލާލު ކުޑަދޮރު ލައްޕާލާފައި އެދިމާލުގައި ހުރި މޭޒު ވަތްގަނޑު ދަމާލިއެވެ. އޭގެ ތެރޭގައި ކުޑަކުޑަ ޚަތިމެކާއި ގަދަ ފިޔާތޮށިކުލައިގެ ބޭރުގަނޑެއް ލާފައިވާ މޮނީޓަރު ފޮތެއްފެންނަން އޮތެވެ. ޒިލާލު އެއާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. އެއީ ޝިއުނާގެ ކާފަ ލިޔެފައިވާ ފަންޑިތަ ފޮތެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. އޭނާ އެފޮތް ނެނގިއެވެ. އެވަގުތު ޝިއުނާ ބައްޕަގެ އަޑު އިވުމުން އަވަސް އަވަހަށް އެފޮތް އޭނާގެ ދަބަސް ތެރެއަށް ކޮށްޕާލިއެވެ.
އޭރު އެމީހުން އައިސް އެކޮޓަރި ދޮރާ އަރާހަމަވަނީއެވެ. ޒިލާލު ނުކުތުމުން ކުޑަދޮރު ލެއްޕުނުތޯ ޝިއުނާގެ ބައްޕަ އަހާލިއެވެ. ޒިލާލު ބޯޖަހާލިއެވެ. އަދި އެމީހުންގެ ފަހަތުން ނުކުންނަން ހިނގައިގަތެވެ.
މަގުމައްޗަށް ނުކުތް އިރު އުޑުމަތި އޮތީ ބަނަވެފައެވެ. ހުޅަނގު ފަރާތުން ބޮޑު ކަޅު ވިލާގަނޑެއް ދައްކާލާފައި ހުއްޓެވެ. ވިއްސާރާއިގައި ނުޖެހި އަވަހަށް ފުރޭތޯ ބަލަމާ ހިނގާށޭ ބުނަމުން ހަނީފު މަގު ހުރިގޮތަށް ހިނގައިގަތެވެ. ޒިލާލު އެ ފޮތުގެ ވާހަކަ ޝިއުނާ ކައިރީ ބުނަން ބޭނުންވިއެވެ. އެހެނަސް އޭނާގެ ބައްޕަމެންނަށް އަޑު އިވިދާނެތީ ނުކެރުނެވެ.
އެމީހުން ހިނގަމުން ގޮސް ރަށުގެ މީހުން ވަޅުލާ ސަރަހައްދާއި ހަމައަށް ދެވުމުން މަންމަ ވަޅުލާފައި އޮތީ ކޮންތާކުތޯ ޝިއުނާ އަހާލިއެވެ. އޭނާ މަހާނަ ދެކިލަން ބޭނުންވިއެވެ. އެވަގުތު އަލީ ރަޝީދު ޝިއުނާގެ ބައްޕައާއި ދިމާލަށް ބަލައިލިކަން ޒިލާލުއަށް ފާހަގަ ކުރެވުނެވެ.
"މިހާރަކު މަޑެއްނުކުރެވޭނެ! ވާރެ ވެހިގަތުމުގެ ކުރިން ފުރޭތޯ ބަލަން ހިނގާ!" ޝިއުނާގެ ބައްޕަގެ ޖަވާބު އައީ ތަންކޮޅެއް ރުންކުރުކޮށެވެ. އެހިނދު ހޮސްޕިޓަލުން ދިމާވި ގާޑު ދެއްކިވާހަކަ އެއީ ހަމަ އަސްލުގައިވެސް ތެދަކީ ބާވައޭ ޒިލާލުގެ ހިތަށް އެރިއެވެ.
ހަނު ހިމޭންކަމާއި އެކު ވަރަށް ބާރަށް އެންމެން ކުރިއަށް ހިނގަމުން ދިޔައިރު މަގު ހިނގާ މީހުން އެމީހުންނާއި ދިމާލަށް ބަލާކަން ޒިލާލުއަށް ފާހަގަ ކުރެވުނެވެ. ސައިކަލެއްގައި ދިޔަ މީހަކު އަލީ ރަޝީދުއަށް އައްޔާއޭ ކިޔާފައި ގޮވާލުމުން ބައްޕަ ދަންނަ މީހަކު މިރަށުގައި ނޫޅެނީތޯ ޝިއުނާ އަހާލިއެވެ.
"ނޫނޭ އުޅޭނެ... އެކަމު އަދި ދިމާނުވަނީ" ހަނީފު ޖަވާބު ދިނެވެ. ހަގީގަތުގައި އޭނާ އޭރުހުރީ މީހަކަށް އޭނާ އެނގިގެން އައިސް ވާހަކަ ދައްކަން ފަށާފާނެތީ ވަރަށް ކަންބޮޑުވެފައެވެ. އޭނާގެ ބޮލުގައި ތޮތްޕެއްއަޅައިގެން އެރަށަށް ފޭބީވެސް އެއީ ކާކުކަން މީހުންނަށް ވަންހަނާ ކުރުމުގެ ބޭނުމުގައެވެ.
ބަނދަރު މައްޗަށް ނުކުމެވުނުއިރު ކަޅުވިލާތައް މުޅި އުދަރެސް ބައްދާލާ ނިމިއްޖެއެވެ. ވައި ގަދަވާން ފަށައިފިއެވެ. އެކަމަކުވެސް ހަނީފު ބޭނުންވީ އެރަށުން ފުރާށެވެ. ވިއްސާރަ ވެއްޖިއްޔާ ކޮންމެވެސް އެހެން ރަށަކަށް ވަންނާނީ ކަމުގައި އޭނާ ނިންމިއެވެ.
އެހެންނަމަވެސް ލޯންޗު އިސްޓާޓެއްނުވިއެވެ. ލޯންޗު ދުއްވަން ހުރިމީހާ ގޮސް އިންޖީނު މަތިނެނގިއެވެ. އަލީ ރަޝީދުވެސް ވީ ކީއްތޯ ބަލަން ލޯންޗަށް އެރިއެވެ. އޭރު ބޯމަތިވަމުން އަންނަ ވިލާގަނޑުގެ ވަޔަށް ލޯންޗު ވަރަށް ބޮޑަށް ރޯލުކުރަންވެސް ފަށައިފިއެވެ. ލޯންޗު އިސްޓާރޓު ވަންދެން އެއްގަމަށް ފޭބިއަސް ހެޔޮތޯ ޝިއުނާ އަހާލިއެވެ.
ތޮށިގަނޑު މައްޗަށް ފައިބާފައި ވިއްސާރައިގައި ދަތުރު ކުރާކަށް ބޭނުމެއްނޫނޭ ޒުހުދާމެން ކައިރީ ޝިއުނާ ބުންޏެވެ. އެޔާއިއެކު ޒުހުދާވެސް ބޯޖަހާލިއެވެ.
އިރުކޮޅަކުން ޝިއުނާގެ ބައްޕައާއި އަލީ ރަޝީދުއާއި ދެމީހުން ފޭބިއެވެ. އިންޖީނަށް ޕެޓްރޯލު ދާ ހޮޅިކޮޅެއް ފަޅައިގެން ގޮސްގެން އުޅެނި ކަމުގައި ޝިއުނާގެ ބައްޕަ ކިޔައިދިނެވެ. އަދި އޭގެ ހޮޅިކޮޅެއް ލިބިގެން ނޫނީ ލޯންޗު ރަނގަޅެއް ނުކުރެވޭނެ ކަމަށްވެސް އޮޅުންފިލުވައިދިނެވެ. އަދި އިންޖީނު ހެދެންދެން އެކުދިން އަލީ ރަޝީދު މެންގޭގައި މަޑުކުރާނީ ކަމުގައި ވެސް ބުނެދިނެވެ. އަލީ ރަޝީދު ގޮސް ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެން އިން މީހެއްގެ ސައިކަލު އަތުލައިގެން އައެވެ.
"ދަރިފުޅު ދޭ އަލީ ރަޝީދުބެ އާއި އެކީގައި"
"އޭރުން އެމީހުން؟" ޝިއުނާ އެކަނި ދާކަށް ބޭނުމެއްނުވިއެވެ.
އެޔާއިއެކު އަލީ ރަޝީދު ތި ދެކުދިން ހިނގާފައި އަންނާށޭ ބުނަމުން އޭނާގެ ގެ ހުންނަ ތަން ކިޔައިދިނެވެ. "ބޮޑުމަގު ހުރިގޮތަށް ދާނީ ކެފޭ ރޯޒް ކިޔާ ހޮޓާ ފެންނަންދެން... އެއާއި ޖެހިގެން އޮތް ގޯޅީގައި ހުންނާނީ... އެހިސާބަށް ގޮސްފައި ބުނޭ އަލީ ރަޝީދު ގެ ކޮބައިހޭ" ޒުހުދާ އާއި ޒިލާލުއާއި ހިނގައިގަތުމުން އަލީ ރަޝީދު ސައިކަލު ދުއްވާލިއެވެ.
އެގެއަށް ދެވުނީ ފުދޭވަރަކަށް ދުރަށް ދުއްވާފައެވެ. އަލީ ރަޝީދުގެ އަންހެނުންނަށް ޝިއުނާ ތަޢާރަފު ކޮށްދިނީ ފަރީޝާގެ ދަރިފުޅޭ ކިޔާފައެވެ. އޭނާ ވެގެން އުޅޭގޮތް ކިޔައިދިނެވެ. އެހެންދެކުއްޖަކުވެސް އެބަ އާދެއޭ ބުނެފައި އެކުދިންނަށް ސައި ހަދައިދޭށޭ އޭނާ ބުނެލިއެވެ.
ސިޓިން ރޫމް ގޮނޑީގައި އިށީނދެފައި ޝިއުނާ ފޯނު ބަލައިލިއިރު ހައިޝަމް މެސެޖްކޮށްފައި އޮތެވެ. އޭނާގެ އާދައިގެ މަތިން 'ހައި ބޭބީ' އޭ ލިޔެފަ އޭނާ އުޅޭ ހިސާބުގެ އިންޓަރނެޓް ލިބުން ދައްކަމުން މެސެޖެ ނުކުރެވޭ ވާހަކަލިއެފައި އޮތެވެ. ޝިއުނާއަށް ހައިޝަމްގެ ޚަބަރެއްވެފައިވަނީ އޭގެ ތިން ދުވަސް ކުރިންނެވެ. އޭނާ ކާފަ ދެކެން ރަށަށް ދާން އުޅުނު ދުވަހުއެވެ. އެދުވަހު އޭނާ ފޮނުވި 'ހައި ބޭބީ' އަކަށް ޝިއުނާ ޖަވާބެއްނުދެއެވެ. އޭނާއަކަށް މިހާރު ހައިޝަމް އެހާ މުހިއްމެއް ނޫނެވެ. ކުރިން ހީކުރިގޮތާއި ޙިލާފަށް ހައިޝަމް އާއި ނުލައިވެސް އޭނާއަށް ދިރިއުޅެވޭނެކަން މުޅިން ޔަގީން ވެއްޖެއެވެ.
-- ނުނިމޭ --