ޒިލާލުއަށް މެސެޖް ފޮނުވާފައި ޖަވާބުގެ އިންތިޒާރުގައި އެތައް އިރަކު ޝިއުނާއިން އިރުވެސް އޭނާގެ ޚަބަރެއް ނުވިއެވެ. އެހިސާބުން އޭނާ ޖޮބް އިންޓަވިއުކަށް ދާން އޮތީމާ އަވަހަށް ނިދީ ކަމަށޭ އެވާނީ ޝިއުނާ ބުނެލިއެވެ. އަދި އޭނާ ވަޒީފާ އަދާކުރަން މިކޮޅުގައި އުޅެންޏާ ދިމާވާނެ ނޫންހޭ ބުނެލިއެވެ. އޭރު ޝިއުނާގެ ހިތް އަވަސް ވެއްޖެއެވެ. ޒިލާލު ގޮވައިގެން ގާޑިޔާ ކައިރިއަށް ގޮސްލާ ، މަގުމަތީގައި ހިނގާލަން ދާ މަންޒަރު އޭނާގެ ހިތަށް ސިފަވެގެންދިޔައީއެވެ.
"އެހެންވިއްޔާ މާދަން ވާނެ އޭނާއަށް ގުޅަން" އަޒީމާ ބުނެލިއެވެ.
އެހިސާބުން އަޒީމާ ޒުހުދާއަށް ގުޅަން މަސައްކަތް ކުރިއެވެ. އެވަގުތު ޒުހުދާ ކައިރީ އޭނައާއި ޒިލާލުއޭ ކިޔައިގެން ފާޑު ފާޑުގެ ވާހަކަ މަޖަލައްވެސް ނުދައްކައްޗޭ ޝިއުނާ ބުންޏެވެ. އަދި ގުރޭޝާއަކީ ޒުހުދާގެ ބެސްޓު ފުރެންޑު ކަމާއި އެދެމީހުން އަލުން ގުޅުވައިދޭށޭ އޭނާ ކައިރީގައި ޒުހުދާ ބުނެފައިވާކަން އަޒީމާއަށް ހަނދާންކޮށްދިނެވެ. އަޒީމާ ގުޅަން އުޅެއުޅެ ޒުހުދާގެ ފޯނަކަށް ގުޅޭ ގޮތެއްނުވިއެވެ. ދައްކަނީ އޭނާގެ ލައިން ބިޒީ ކަމަށެވެ. އެއީ އޭނާއާއި ހަމީދުއާއި ދެމީހުން ގުޅައިގެން މާފޮޅުވާ ގަޑި ކަމުގައި ޝިއުނާ ބުނެދިނެވެ. ކޮންމެއަކަސް ޝިއުނާ ގެއަށް އައީ ވަރަށް މާޔޫސްވެފައި ހުރެގެންނެވެ. ޒިލާލުގެ ޚަބަރެއް ނުވީތީއެވެ. އޭނާ ކުރިން ނިންމައިގެން ހުރީ ޒިލާލުއާއި ގުޅާފައި ހައިޝަމްއާއި ރުޅިވި ވާހަކަ ކިޔައިދޭށެވެ. އެހެންނަމަވެސް އޭނާގެ އެއްވެސް ޚަބަރެއް ނުވީމާ ޝިއުނާއަކަށް އޭނާއަށް އިތުރަށް މެސެޖެއް ވެސް ކުރާކަށް ނުކެރުނެވެ.
އޭނާ ޑައިރީ ނަނގާފައި މަތިމަތިން ބަލައިލިއެވެ. އެކަމަކު ކިޔަންފަށާ ހިތެއްނުވިއެވެ. އޭނާގެ ސިކުނޑިއަށް ވަނީ އެއަށްވުރެ މާ ބުރަވެފައެވެ.
***
އިންޓަވިއުއަށް ނުދާން ނިންމާފައިވާތީ ހެނދުނު ހޭލައިގެން އެހާ އަވަސް އަރުވާލާފައި މާލެ ދާކަށް ޒިލާލު ބޭނުމެއްނުވިއެވެ.
އޭނާ ވިލިންގިލިން މާލެ ދާން ނައްޓާލީ ދިހަގަޑި ބައިގެ ފެރީއިންނެވެ. މާލެ ފައިބާފައި ލޯންޗު ހޯދަން އެމް. އެމް. އޭ. އާއި ދިމާލަށް މިސްރާބު ޖެހިއެވެ.
އޭރު އޭނާ ވިސްނަމުންދިޔައީ ގުރޭޝާއާއި މެދުގައެވެ. އޭނާ ބޭނުމީ އިހަށް ދުވަސްކޮޅަކު ރަށުގައި މަޑުކޮށްލާށެވެ. ގުރޭޝާއާއި އަލުން އެގުޅުން ބަދަހިވޭތޯ ބަލާށެވެ. އެޚިޔާލުގައި ހުރެ ގޮސް ދަތުރުވެރިންގެ މާރުކޭޓާ އަރާ ހަމަވިތަނާ ހާދީއާއި ދިމާވިއެވެ. ހާދީއަކީ އޭނާއާއި އެކީ ރިސޯޓުގައި އުޅޭ މީހެކެވެ. ހާދީ ޗުއްޓީ ނަގައިގެން މާލެއައީ ޒިލާލުއާއި އެއް ލޯންޗުންނެވެ.އޭނާގެ ރައްޓެއްސެއްގެ ދަރިފުޅު ހިތާނުކުރަން ދާތީ އެމީހާއާއި އެކީގައި އެރަށަށް ދާންވެގެންނެވެ.
ޒިލާލުގެ ވަޒީފާ އިންޓަވިއު ދިޔައީ ކިހިނެތްތޯ އޭނާ އަހާލިއެވެ.
"އޭ ނުލިބުނޭ... އެހެންމީހަކު ނަގައިފިޔޯ" ޒިލާލު ދޮގެއް ހަދާލިއެވެ.
"އެހެންތަ؟ ދެން ކަލޭ ކީއްކުރާނީ؟" ހާދީ ސުވާލު ކުރިއެވެ.
ޒިލާލު މިއުޅެނީ ރަށަށް ދާން ކަމަށޭ ބުނުމުން އޭނާ އާއި އެކީގައި ހިނގާށޭ ބުނެލިއެވެ. އަދި އޭނާގެ ކައިރީ ހުރި އެކުވެރިޔާއަށް ޒިލާލު ދައްކާފައި މީނާ ބޮކިފަތިލާ ޑެކަރޭޝަން ހަދަން ވަރަށް ކުޅަދާނެ ވާނެއޭ ބުނެލިއެވެ. އެޔާއިއެކު އޭނާވެސް ޒިލާލު ކައިރީ ކަމެއް ނެތިއްޔާ އެމީހުންނާއި އެކީގައި އެރަށަށް ހިނގާށޭ ބުނެލިއެވެ.
ޒިލާލު ވިސްނާލާފައި އެމީހުންނާއި އެކީގައި ދާން އެއްބަސްވިއެވެ. އޭނާއަށް ގަބޫލު ކުރެވުނުގޮތުގައި އެއީ މިވަގުތައް އޭނާއަށް އެންމެ ރަނގަޅު ގޮތެވެ. އެކި ކަންކަމާއި މެދު ވިސްނާލާ ،ބަރުވެފައިވާ ސިކުނޑިއަށް ލުޔެއް ހޯދަން މިލިބުނީ ރަނުގެ ފުރުސަތެކެވެ. މާރުކޭޓު ހޮޓަލުން މެންދުރު ކައިގެން، ތިންމީހުން އެކީގައި ޅ. ކުރެންދޫއަށް ދާން ނައްޓާލީ ދޭއް ޖެހިއިރުއެވެ. ލޯންޗަށް އަރާފައި ހަމަ ޖެހިލިއެވެ. އޭނާ ދެން ޝިއުނާއާއި ދޭތެރޭ ނުވިސްނާން އަޒުމު ކަނޑައެޅިއެވެ. އޭނާއަށް ޝިއުނާ ނުލިބޭނެކަން ހިތުގެ އަޑިން ގަބޫލުކޮށްގެންނެވެ.
***
ޝިއުނާ އޮފީސް ނިންމާފައި ގެއަށް އައިއިރުވެސް ޒިލާލުގެ ޚަބަރެއް ނުވެއެވެ. އޭނާ ހެނދުނު އޮންލައިނު ވެފައި އިންކަންވެސް އެނގެންއޮތެވެ. ޝިއުނާ އުއްމީދުކޮށްގެން ހުރީ ހެނދުނު ޒިލާލުގެ ޚަބަރެއް ވާނެކަމަށެވެ. އޭނާ ހައިޝަމް އާއި ރުޅިވި ވާހަކަ ބުނެދޭނެ ފުރުސަތެއް ލިބޭނެކަމަށެވެ. އެންމެ ފަހުން، އިންޓަވިއު ދިޔައީ ކިހިނެތްތޯ އަހާފައި އަނެއްކާވެސް މެސެޖެއް ފޮނުވާލިއެވެ.
ޒިލާލުގެ ޖަވާބެއް އައީ އޭގެ ގަޑިއެއްހާއިރު ފަހުންނެވެ. އެ ވަޒީފާއަށް އެހެންމީހަކު ނަގައިފިކަމަށާއި އެހެންވެގެން އިންޓަވިއުއެއް ނެތްކަމަށް އޭނާ ލިޔެފައި އޮތެވެ. އަދި މިހާރު އޭނާ މިއައީ ޅ. ކުރެންދޫއަށް ކަމަށާއި އެއީ އޭނާގެ ރައްޓެއްސެއްގެ ދަރިފުޅު ޚިތާނު ކުރާތީ އެކަމުގެ ކަންތަކުގައި ހެލްޕް ވެދޭން ކަމަށްވެސް އޮތެވެ.
އޭނާގެ ޚަބަރެއްވީތީ ޝިއުނާ އުފާވިއެވެ. އެހެންނަމަވެސް އޭނާގެ މެސެޖް ކިޔާފައި ކުރިއަށްވުރެ ބޮޑަށް ދެރަވިއެވެ. އޭނާއަށް އެއްވެސް ޚަބަރެއް ނުވެ ފުރައިގެން ދިޔައީތީއެވެ. އޭނާ ޒިލާލުއަށް ޖަވާބު ލިޔުނުނެވެ. ވަޒީފާ ނުލިބުނު ވާހަކައަށް 'ސޭޑް ޓު ހިޔަރ ދަޓް' ޖަހާލާފައި އޭނާ ރަށަކަށް ދިޔަވާހަކަ އަށް 'އޯކޭ ހޭވް ފަން' ޖަހާފައި ފޮނުވީއެވެ. އޭނާ ވާހަކަ ދައްކަން ބޭނުންކަމަށާއި ހުސްވަގުތެއް ލިބުނީމާ ގުޅާލަބަލާށޭ ކިޔާފައި މެސެޖް ލިޔަން އުޅެފައި ހުއްޓާލިއެވެ. ދެން އިތުރަށް ލިޔާނީ ޒިލާލުގެ ޖަވާބެއް އައީމާ ކަމަށް ނިންމާފައެވެ. އެކަމަކު، އެދުވަސް ނިމިގެން ދިޔައީވެސް ޝިއުނާ ޒިލާލުގެ ޚަބަރެއްވޭތޯ ބަލަބަލާ ހުއްޓައެވެ.
ޝިއުނާ، އޭނާގެ މަންމަގެ ޑައިރީ ހުޅުވާލީ އެރޭ ނިދަން އޮށޯވެފައެވެ. ކުރީރޭ ޒިލާލު ކިޔައިދންބައި މަތި މަތިން ބަލައިލާފައި އެހިސާބުން ކިޔަންފެށިއެވެ. ދެން ލިޔެފައިވާ ބަޔާއި އޭނާގެ ބައްޕަ ދެއްކި ވާހަކައާއި ދިމާވެއެވެ. އޭގާއި އޮތީ މަންމަ ކުނި އުކާލާފައި ތެލި ދޮވެގެން އަންނަނިކޮށް ބައްޕަ ފެނުނު ވާހަކައެވެ.
"އޭނާ ފެނުމުން އަހަރެންގެ ހިތަށް އަނެއްކާވެސް ބުނެދޭން ނޭނގޭ ގޮތެއްވާން ފެށި" އެތަން ކޮޅު ކިޔާލާފައި ޝިއުނާ ލޯ މަރާލިއެވެ. އެޔާއިއެކު ފެނުނީ ޒިލާލެވެ. ޒިލާލު ފެނުމުން އޭނާގެ ހިތަށްވެސް ބުނެދޭން ނޭނގޭ ކަހަލަ ގޮތްތަކެއްވާކަން މިހާރު އޭނާއަށް ހަމަ ޔަގީނެވެ. ޝިއުނާގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އޭނާ ޑައިރީއެއް ލިޔަންޏާ ފަށާނީ ވިލިނގިލި ފެރީ އާއި ހިސާބުން ހެއްޔެވެ؟.
އެތައް އިރެއްވަންދެން ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި ޝިއުނާއަށް އޮވެވުނެވެ. އެއަށްފަހު އޭނާ އަނެއްކާވެސް ޑައިރީ ކިޔަންފެށިއެވެ.
"އޭނާ އަހަންނާއި ދިމާލަށް އަންނަން ފެށީމާ އަހަރެންގެ ހިނގުން މަޑުކޮށްލީމެވެ. އޭނާ އައީ މާދުރުން ފެށިގެން ހެވިފައި ހުރެގެންނެވެ. ކުއްލިއަކަށް އަހަންނަށް ފެނުނީ ބައްޕަ އަތިރި މައްޗަށް ނުކުތްތަނެވެ. އޭރު އޭނާ އަހަންނާއި އަރާހަމަ ވަނީއެވެ. އަހަރެން އެޔޮއް އަންނަނީ ބައްޕައޭ ބުނަމުން އަވަސް އަވަހަށް ހިނގަން ފެށީމެވެ. އޭރު އަލީ ރަޝިދުވެސް އޭނާއާއި ދިމާލަށް ވަރަށް ބާރަށް އާދެއެވެ. އެއީ އަހަރެންގެ ބައްޕަ ފެނުނީމާ އެވާހަކަ ބުނަން ކަން ޔަގީނެވެ"
އެގަނޑުގައި ލިޔެފައި އޮތީ އެހިސާބަށެވެ. ޝިއުނާ އަނެއްގަނޑު އެއްލިއެވެ. ހަމަ އެގޮތަށް ޖެހިގެން އައި ދުވަހުގެ ތާރީޙު ޖަހާފައި މުޅި ގަނޑު ފުރެންދެން ލިޔެފައި އޮތެވެ. އޭރު ޝިއުނާ އޮތީ ވަރަށް ނިދިއައިސްފައެވެ. އޭނާގެ ސިކުނޑިން އޭނާގެ އަމިއްލަ ވާހަކަ ޑައިރީއެއްގެ ސިފައިގައި ލިޔާނެ ގޮތުގެ މޮޅެތި ޚިޔާލުތައް އޭރުވެސް ދެމުން ގެންދެއެވެ. އެހެންކަމުން ދެން އެހެން ވަގުތަކުން ކިޔަން ނިންމާފައި އަލަމާރިއަށް ލާ ތަޅުލާފައި ނިދޭތޯ އޮށޯތެވެ.
އޭނާ ނިދުމުގެ ކުރިން ޒިލާލު އޮންލައިން ގައި އިންތޯ ބަލައިލިއެވެ. އެޑައިރީގެ ވާހަކަ އޭނާއަށް ދެއްކޭނީ ޒިލާލުއާއި އެކަންޏެވެ. އެއީ ބަހާނައަކަށް ހަދާފައި ނަމަވެސް އޭނާ ޒިލާލުއާއި ވާހަކަ ދައްކަން ބޭނުންވިއެވެ. ޒިލާލު މެންދުރުފަހުން ފެށިގެން އޮންލައިން ވެފައެއް ނެތެވެ. އެހެންކަމުން އޭނާ އުޅޭނީ ވަރަށް އަވަދިނެތި ކަންނޭގެއޭ ޝިއުނާ ހިތަށް އެރިއެވެ. އޭނާއާއި ހެދި ޒިލާލުއަށް ބޮޑު އުނދަގުލަކަށް ވާކަށް ބޭނުމެއްނޫނެވެ.
ކޮންމެއަކަސް އޭނާއަށް ނުނިދިފައި އޮވެވުނެވެ. ޒިލާލުގެ ފަރާތުން އެކި ފަހަރު ލިބިފައިވާ އެކި އެކި ސިގްނަލް ތަކަށް ވަކިވަކިން ވިސްނާލިއެވެ. ޒިލާލު އޭނާއަށް ޝައުގުވެރިވެޔޭ ހީވި ހީވުން އެއީ ކުށްހީއެއް ބާވައެވެ؟
***
ޒިލާލު އެރަށަށް ދިޔަގޮތަށް އުޅުނީ މަސައްކަތުގައެވެ. ގޯތި ތެރޭގައިވާ ގަސްގަހަށް ބޮކިލާ ހެދުމުގައެވެ. އެންމެފަހުން އެކަން ނިންމާލާފައި ފެންވަރާލައިގެން ނުކުތް އިރު ރޭގަނޑު ދިހައެއް ޖަހައިފިއެވެ. އޭނާއާއި ހާދީއާއި ދެމީހުން ރަށު ތެރޭގައި ބުރެއްޖަހާލަށޭ ކިޔާފައި ނުކުތީއެވެ.
ޒުހުދާ ގުޅީ އެމީހުން މަގުމަތީގައި ތިއްބައެވެ. އޭނާ ވަރަށް އުފާވެލާފައި ހަމީދު ރަށަށް އަންނަވާހަކަ ބުނެލިއެވެ. އަދި އޭރަށް ވާއިރަށް ބޭބެވެސް އަންނާނަން ދޯއޭ ބުނެލިއެވެ.
"އާނ މި ޚިތާނީ ކަންތައް ނިންމާފައި ދާނަން" ޒިލާލު ބުނެލިއެވެ. އޭނާގެ އަދި ވާހަކަ ދައްކަމުން ދައްކަމުން ގޮސް ޝިއުނާގެ ޚަބަރެއް ވީތޯ އަހާލިއެވެ.
"ބޭބޭ .. އޭނާއާއި މެދު ނުވިސްނަބަލަ!" ޒުހުދާ ބުނެލިއެވެ.
"އެހެންވިސްނަނީއެއް ނޫން އެކަމު ދެން ހަމަ އަހާލީ" ޒިލާލު އަވަސް އަވަހަށް ބުނެލިއެވެ.
އެޔާއިއެކު އެދުވަހު މެންދުރު އަޒީމާ ގުޅިކަމަށާއި އެފޯނުން ޝިއުނާވެސް ވާހަކަ ދެއްކިކަމަށް ޒުހުދާ ބުނެދިނެވެ.
"ކޮއްކޮ ހަނދާން ކުރާތި .. ޝިއުނާއާއި ބެހޭގޮތުން މަ ދެއްކި އެއްވެސް ވާހަކައެއް އެކަކު ކައިރީގައިވެސް ނުބުނާތި!" ފޯނު ނިންމާލުމުގެ ކުރިން ޒިލާލު ބުނެލިއެވެ. އެވާހަކަތައް ޒުހުދާއަށް ކިޔައިދެވުނީތީ އޭނާ ކަންބޮޑުވިއެވެ. އޭނާ ހުރީ އެވާހަކަތައް އެކަކަށްވެސް ކިޔައިނުދޭށެވެ. އެހެންނަމަވެސް އެވަގުތު ވެފައިވާ ދެރައިން އޭނާއަށް އެކަންކުރެވުނީއެވެ.
ދަންވަރު ޝިއުނާއަށް ހޭލެވުނީ ކޮޓަރި ތެރޭގައި މީހަކު އުޅޭ އަޑަށެވެ. އޭނާ ލޯ ހުޅުވާފައި ބަލައިލިއެވެ. ފެންނަން ހުރީ އެމީހާގެ ފުރަގަހެވެ. އެއީ އޭނާގެ ބައްޕަހެން ހީވިއެވެ. އެކަމަކު، ބައްޕައަކީ ދުވަހަކުވެސް އެގޮތަށް އޭނާގެ ކޮޓަރިއަށް ވައިން މީހެއްނޫނެވެ.ޝިއުނާ އޭނާ ކުޑަކޮށް ޖެހިލުންވިއެވެ. ޝިއުނާ އެއްޗެއް ބުނަން އުޅެފައިވެސް، ހަދާ އެއްޗެއް ބަލަން ނިދާކަމަށް ހަދައިގެން އޮތީއެވެ. އޭނާގެ ބައްޕަ ވަރަށް މަޑުމަޑުން ގޮސް އޭނާގެ އަލަމާރި ހުޅުވިއެވެ. އަދި ޑައިރީ ލާފައި އޮތް ވައިތްގަނޑުގައި ހިފިއެވެ.
"ބައްޕާ؟" ޝިއުނާއަށް ގޮވާލެވުނެވެ. އެވަގުތު އެމީހަކު ދުވެފައި ނުކުމެގެން ދިޔައެވެ. އަލަމާރީގެ ދޮރުފަތްވެސް ހުޅުވާއަޅާފައެވެ.
ޝިއުނާ އަވަސް އަވަހަށް ކޮޓަރި ބޮކި ދިއްލާލިއެވެ. އެޔާއިއެކު އޭނާ ހައިރާންވިއެވެ. އަލަމާރި ދޮރުފަތް ހުރީ ހަމަ ކުރިންވެސް ހުރިގޮތަށް ލައްޕާފައެވެ. އޭނާ ތެދުވެގެން ގޮސް ކޮޓަރި ދޮރު ބަލައިލިއެވެ. އެދޮރުވެސް ހުރީ އޭނާ ތަޅުލިގޮތަށެވެ. ތަޅުދަނޑިވެސް ޖަހާފައެވެ.
-- ނުނިމޭ --