13 Mar 2019

ދުންފުސް

ދުންފުސް

* މާޗް 10 ވަނަ ދުވަހުގެ ބަޔާ ގުޅޭ ...

ކުރިމަތީގައި ހުރީ އަމީނެވެ. އުންމީދު ނުކޮށް ހުއްޓައި ހަސީނާ ފެނުމުން އެމޫނުގައި ހުރި ހިނިތުންވުން ފަނޑުވެ ނުތަނަވަސްކަން އެމޫނު މައްޗަށް ވެރިވިއެވެ.

" އަހަނ.. ބައްޕަތޯ؟" މޫނުމަތިން ފެންނަން ހުރި ހައިރާންކަމާ އެއްވަރަށް ފުޅާ ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ހަސީނާގެ ފަހަތުން އައިސް ލުބާ އެހެން ބުނެލުމުން ހަސިނާގެ މޫނަށް ބަލަހައްޓައިގެން، ހުރި ފިޔަވަޅު މައްޗަށް ގަނޑުވެފައި ހުރި އަމީން، ސިހިފައި ލުބާއަށް ބަލައިލިއެވެ. އެހިނދުކޮޅުން ފެށިގެން އޭނާގެ ދުލުގައި ތަޅެއް އެޅުވުނު ފަދައެވެ. މާޒީގެ ސިއްރުތަކާއި ހެދުނުހާ ގޯސްތަކުން މިންޖުވެވުމެއް ނެތް ގޮތުގައި ރަނގަޅު ފަޟީޙަތަކުން މިއަދު އޭނާ ފަޟީޙަތްވާނެކަމުގައި ހިތް ބުނެދޭން ފެށުމުން ނިތްކުރިން އޮއްދާ ހިއްލާލިއެވެ.

"ބައްޕާ މިއީ ހަސީނާ... މިގޭގަ ކަންކަން ކޮށްލަދޭން ހުންނަ އަންހެނެއް!" ލުއި ގޮތަކަށް ހަސީނާއަށް ބަލައިލުމަށްފަހު އަމީންއާ ނަޒަރު ސީދާ ކުރެވުނު އިރު، ލުބާ ހަނދާންވީ ރޭގަ ޔަޝްވީން ދެއްކި ވާހަކަތަކެވެ. އަފީފާ މަރުގެ ތުންފަތް މައްޗަށް ވައްޓަލި މުޖުރިމަކަށް މި ފުރާޅުގެ ދަށުން ހިޔާވަހިކަން ދީގެން މިކުރެވެނީ ކީއްބާއޭ އޭރުވެސް ލުބާގެ ހިތަށް އަރަމުން ދިޔައެވެ.

ލުބާގެ އެ ޖުމްލައިން އަމީންއަށް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. އޭނާއަށް ހީކުރެވުނު ހަގީގަތްތަކާ ހަމައަށް އެދެމީހުންނަށްވެސް ވާސިލް ނުވެވޭކަމުގެ ހިއްހަމަޖެހުމާއެކު އަމީން ލުބާގެ ކޮނޑުގައި އެއް އަތް އަޅުވާލައި ބިންމަތީގައި ހުރި ކަޅު ދަބަސް ނަގަމުން ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ލުބާގެ އެ ޖުމްލައިން ހަސީނާގެ ހިތަށް ފުން އަސަރެއް ކުރިއެވެ. އޭނާ ބުނެދިން ހަގީގަތް ލުބާގެ ކަންފަތާ ހަމައަށް ވާސިލްނުވީތީއެވެ. އެހެން ނޫންނަމަ، މިއަދު ލުބާ ކަންތައް ކުރާނީ އެގޮތަކަށް ނޫނެވެ. އެހަގީގަތް އެނގުމަށްފަހު އަމީންއާ ބައްދަލުވާ ވަގުތު އޭނާ ކުރަން ބޭނުންވާނެ ކިތައްމެ ސުވާލެއް ހުރީހެވެ.

".......ހަމަ ހިތަށް އެރީ ސަޕްރައިޒެއް ދޭން! ވަރަށް ދުވަސްވެއްޖެ ދަރިފުޅާ ދިމާ ނުވާތާވެސް..." ކާކޮޓަރީގެ ދޮރާ ހަމައަށް ހަސީނާއަށް ދެވުނު އިރު އަމީން ބުނާތީ އިވުނެވެ. އެއިރު ލުބާ ކޮފީތައްޓެއް ހަދައިގެން ގެނެސް އަމީންގެ ކުރިމަތީގައި ބަހައްޓަނީއެވެ. ހަސީނާ ފެނުމުން ސޭންޑްވިޗެއް ހަދައިގެން ގެނެސް ދިނުމަށް ބުނުމަށްފަހު ލުބާ ސަމާލުކަން ދިނީ އަމީނަށެވެ. އެވަގުތު ދެ ލޯ ކަހަމުން އައިޝާ އައިސް ކާކޮޓަރީގެ ދޮރުމައްޗަށް ހުއްޓި ހަސީނާގެ އަތުގައި ހިފިއެވެ. ހޭވިފައިވާ ކަޅު އިސްތަށިގަނޑާއި ހުދުކުލައިގެ ސިލްކް ނައިޓީގައި އައިޝާ ފެންނަލެއް މައުސޫމް ވެފައި ލޯތްބެވެ. އަމީން ފެނުމުން ތިރިއަށް އެލުވާލައިގެން ހުރި އޭނާ އެންމެ ގަޔާވާ ޓެޑީބެއަރ މެއާލައި ބޮނޑިކޮށްލަމުން އެއްފަހަރު އަމީންގެ މޫނަށް އަނެއްފަހަރު ހަސީނާގެ މޫނަށް އައިޝާ ބަލައިލިއެވެ. ކުރިމަތީގައި އިން ނުދަންނަ ފިރިހެން މީހާއަކީ ކާކުކަން އެނގެން ބޭނުންވެފައިވާ ފަދައިންނެވެ. އައިޝާ ފެނުމާއެކު އަމީންއަށް ކޮޅަށް ތެދުވެވުނެވެ. ހަސީނާ އައިޝާގެ އަތުގައި ހިފައި އެއްފިޔަވަޅު ފަހަތަށް އެޅިއިރު އެމޫނުމަތިން ހާސްކަން ފެންނަން ހުއްޓެވެ.

"ބައްޕަ ދަންނަންތަ ހަސީނާ؟!" އަމީން އާއި ހަސީނާގެ މޫނަށް ބަލަން ހުރުމަށްފަހު ލުބާ އެހެން އެހުމާއެކު އަމީންއަށް އިސްޖަހާލެވުނެވެ. ނޫނެކޭ ބުނުމަށް އޭނާ އަވަސްވެގަތްގޮތާމެދު ލުބާ ރަނގަޅަށް ވިސްނާލިނަމަ، އޭނާ ހެދީ ދޮގެއްކަން ލުބާއަށް ރަނގަޅަށް އެނގުނީހެވެ.

ހަވީރުގެ ވަގުތެވެ. ދުވަހަކީ ބަންދު ދުވަހަކަށްވާތީ، އާދައިގެ މަތިން އައިޝާ ގޮވައިގެން ލުބާ ގެއިން ނިކުތެވެ. އައިޝާއަށްޓަކައި އެއީ ދުނިޔޭގެ ފުރިހަމަ ޖައްވުގެ ތެރެއަށް ނޭވާލައި ފުރިހަމަ މިނިވަންކަމާއެކު އޭނާ އެންމެ ހިތްއެދޭގޮތަށް ކުޅެލަންލިބޭ ވަގުތުކޮޅެވެ. މިއަދު މިރަށަށް އާދެވި ހަސީނާ އާ ބައްދަލުވި ހިސާބުން އަމީން ހުރީ އެފަދަ ފުރުސަތަކަށް އެދި އެދިއެވެ. އެވަގުތަކީ ކުރަންހުރި މަސައްކަތްތައް ނިންމާލުމަށްފަހު ހަސީނާ ޢަޞުރު ނަމާދުކޮށް ނިންމާލިވަގުތެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އޭނާ ދޮރާދިމާއަށް ބަލައިލިއެވެ. އެއްވެސް އިހްސާސެއްނެތި ކުށްވެރި ނަޒަރަކުން ބަލަހައްޓައިގެން އެހުރީ އަމީނެވެ.

"ކީއްކުރަން މިތަނަށް ތިއައީ؟!..." ހަސީނާގެ މޫނު މަތިން ފެނުނީ ނުރުހުމުގެ އަސަރެވެ. ދުވަހަކުވެސް އަމީނުގެ ސޫރަ ދެކެން އޭނާ ބޭނުން ނުވާކަހަލައެވެ.

"އަހަންނަށް މާފުކުރޭ!!... އަހަރެން ތި ދެމައިން ވަރަށް ހޯދިން... " އަމީނު ހަސީނާއާ ދިމާއަށް ހިނގައިގަންނަމުން ބުނެލިއެވެ.

"ހޯދި ނަމަ ނުފެންނާނެހާ ކުޑަތަނެއް ނޫން މިއީކީ.. އަހަރެން ކޮންމެ ތަނަކަށް ދިޔަޔަސް އަމީން އަހަރެން ނު ހޯދާނެކަން އެނގޭތީ އޭ އަހަރެން ފިލީވެސް..."

އިހުނަށްވުރެ ހަސީނާގެ އަޑު ބާރުވިއެވެ. އަމީނުގެ ފަރާތުން އޭނާގެ ހަށިގަނޑުގެ ބޭރުފުށުގައި ލެއްވި ޒަޚަމްތަކުގައި ލަކުނުތަކެއްގެ ސިފަ ޖެހި އެ ތަދުން ސަލާމަތްވެފައިވިޔަސް، ހިތަށް ލިބުނު ޒަޚަމްތައް ހަނދާންތަކެއްގެ ސިފައިގައި އޭނާގެ ހިތުތެރޭގައި އަދިއަދަށްދާންދެންވެސް ދެމި އެބައޮތެވެ.

"ތި ރުޅިވެރިކަމާއި ނަފްރަތު ހަމަ ހައްގު މީހެއް އަހަންނަކީ.. އެކަމަކު ކަންތައްތައް ދިޔައީ މުޅިއަކުން ހަސީނާ ތި ހީކުރާ ގޮތަކަށްވެސް ނޫން...." އަމީނުގެ އަޑުގައި ވަނީ މަޑުމައިތިރިކަމެވެ.

***

ހެނދުނެއްގެ އުޖާލާކަން ދުނިޔެ މައްޗަށް ވެރިވެފައި ވިޔަސް ހަސީނާގެ މުޅި ދުނިޔެވަނީ ބަނަވެފައެވެ. އަލަތު ދަރިފުޅުގެ މަރުގެ ހަބަރު އޭނާގެ ކަންފަތާ ހަމައަށްފޯރީ ހޮނު ގުގުރިއެއްގެ އަޑަށްވުރެ ބިރުވެރިކޮށެވެ. ހޭވެރިކަން ވީއިރު މައިދައިތައާއި އުފަންދަރިފުޅުގެ ކަށުކަމާކެމީގެ ކަންކަން ނިމި ކަންކަމުގައި އަތްގާތްކޮށްލަދޭން ގެއަށް އައިސް އުޅުނު އަވައްޓެރީންވެސް އެމީހެއްގެ ގެއަށް ދިޔަތާ ކިތައްމެ އިރެއް ވެއްޖެ ކަމުގައި އަމީން ބުނެދިނެވެ.

ލިބުނު ހަބަރާއެކު ކަރުނައިގެ ފުން ކޯރަކަށް ހަސީނާ ގެނބެމުން ދިޔައިރު، އަމީނުގެ ތުންފަތުގައި ކުޅެމުން ދިޔައީ ކެހިވެރި ހިނިތުންވުމެކެވެ. މަގުސަދުގައި ކާމިޔާބު ހޯދަފައިވާ ކުޅަދާނަ މަކަރުވެރިއެއް ފަދައިންނެވެ.

ފަތިހުގެ އަނދިރިކަމުގައި ހަސީނާ އެދަރިފުޅު މިދުނިޔެއަށް އުފަންކުރިކަމީ އަމީންގެ ނަސީބެވެ. ހަސީނާގެ ބަދުނަސީބާ ގުޅިފައިވަނީ ފަތިހުގެ އެ އަނދިރިކަމާއެވެ. އަފީފާއަށްޓަކައި އަމީން ބިނާކޮށްދިން ރީތި ގަނޑުވަރެއްފަދަ ކުޑަ ކުޑަ ގޭގައި އަފީފާގެ އަތްމައްޗަށް އެ ދަރިފުޅު ލައިދެވުނު ވަގުތު އަމީންގެ ވެފައިހުރި އުފާވެރިކަން ބަޔާންކޮށްދެންވެސް އޭނާއަކަށް ނޭނގުނެވެ.

"ލުބާ...! މި ދަރިފުޅުގެ ނަމަކީ ލުބާ!" އެދަރިފުޅަމެދު އަފީފާގެ ހިތުގައި މާ ޚާޢްސަ ލޯތްބެއްނެތަސް، އެދަވަހުން ފެށިގެން އެ ކުޑަ ދަރިފުޅުގެ މަންމަގެ ރޯލު ކުޅެންޖެހޭނީ އަފީފާއަށްކަން އަފީފާއަށް އެނގެއެވެ. ދުނިޔޭގެ އެދުމާއި ވަގުތީ ހިތްހަމަޖެހުން ފިޔަވައި އަފީފާ މިދުނިޔެއިން ބޭނުންވާ ހަމައެއްކަމެއްވެސް ނެތެވެ. އަމިއްލަ ނަފްސު ދެރަކުރުވުމަށްފަހު އަނެކުންނަށްޓަކައި ވާ ޤުރުބާނީއަކީ އެއިގައި އެއްވެސް އަގެއްނެތް ބޭކާރު ކަންތައްތަކެއްގެ ގޮތުގައި އަފީފާ ދެކެއެވެ.

ލުބާ ހަސީނާގެ ލޯބީގެ ދާވަނިން ވަކިކުރެވި އެކަހެރި ކުރެވުނު ހަގީގަތަކީ ހުރާފާތެކެވެ. އެ ހުރާފާތުގެ ފެށުން އައީ އަމީނުގެ ވިޔަފާރި އަޑިއަޅަލައި އިނދަޖެހެމުން ދިޔަ ދުވަސްވަރެއްގައި އީސާފުޅު ކިޔާ މީހެއްގެ ފަރާތުންނެވެ. އަފީފާއަކީ ދުވަހަކުވެސް ދަރިން ލިބޭނެ މީހެއް ނޫންކަމުގައި އީސާފުޅު ބުނެދިނީ އަފީފާއާއި އަމީން ކާވެނިކޮށްގެން މާމުއި ހަނދުގެ ދުވަސްތައް ހޭދަކުރަމުންދިޔަ ދުވަސްވަރު އަފީފާގެ ބައްޕަގެ ދުނިޔޭގެ އެކުވެރިއެއްގެ ހައިސިއްޔަތުން އީސާފުޅު އަފީފާގެ ގެއަށްކުރި ޒިޔާރަތެއްގައެވެ. ދަރިން ނެތުމަކީ އަމީނުގެ ބަދުނަސީބުގެ ފެށުމަށް ވާނެކަމުގައި އެދުވަހު އީސާފުޅު ބުނެދިނެވެ.

"ތިކަމުން ސަލާމަތްވާން ބޭނުމިއްޔާ މައުސޫމު ބިކުރުވެރި އަންހެން ކުއްޖަކާ ކާވެނިކޮށްގެން އޭނާގެ ފުށުން އަވަހަށް ދަރިޔަކު ހޯދާ... އެލިބޭ ދަރިފުޅުވާނީ އަމީނުގެ ވިޔަފާރީގެ ކާމިޔާބީގެ ފެށުމަށް!..."

އަތުގައި އިން ކަޅުސައި ތަށިން ކޯވަރެއް ދަމާލަމުން ޔަގީންކަމާއެކު އީސާފުޅު ބުނެލިއެވެ. އޭނާގެ އަޅުވެރި ސިފަޖަހާ މޫނާއި ދުރުވިސްނޭ މިޒާޖުން އަމީނާއި އަފީފާގެ ހިތުގައި އީސާފުޅަމެދު ޔަގީންކަން އިތުރުކޮށްދިނެވެ.

އަމީނުގެ ނަސީބު އަތުގައި ހިފީ އީސާފުޅު އެވާހަކަ ދެއްކިތާ ހަފްތާއެއް ނުވަނީސް ހަކީމް ރަށްފުށަށް ކުރަންހަމަޖެހުނު ދަތުރުންނެވެ. އެދަތުރުގައި އަމީން ބައިވެރިވި މައިގަނޑު މަޤުސަދަކީވެސް އެއީއެވެ. އެރަށުން ފެނުނު ހުރިހާ އަންހެން ކުދިންގެ ތެރެއިން ދިއްލިފައިވާ ނޫރެއްފަދައިން އަމީނުގެ ލޮލުގައި އެންމެ ފުރަތަމަ ވެސް އަޅައިގަތީ ހަސީނާއެވެ. ހަސީނާއާ އޭނާގެ ނަޒަރު ސީދާ ކުރެވުނުވަގުތު މަލެއްފަދައިން މޯޅިވެ އެދޮން ކޯތާފަތަށްވެރިވި ޖަންބުކުލަ އޭނާގެ ހިތުގައި ހަމަރަނގަޅަށްވެސް ހަރުލީއެވެ. އޭނާއަށް ހަސީނާ ކަމުދިއުމުގެ ކުރިން ހަސީނާއަށް އޭނާ ކަމުދިއުން އެއީ އަމީނުގެ ނަސީބެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ހަސީނާގެ ހިތުގައި އޭނާގެ ނަން އޭނާ ހަރުލެއްވިއެވެ. ދުވަހަކުވެސް ފޮހެވިގެން ނުދާނެ ވަރަށެވެ. ދަތި އުނދަގުލުން ހަސީނާއާ ކާވެނި ކުރަން ބޭނުންވާ ވާހަކަ ބުނި ދުވަހަކު ހަކީމް އަށް ލިބުނީ ހައިރާންކަމެވެ. އަމީންއަކީ މީހެއްގެ ފިރިއަކަށްވެ ހުރެ އެފަދަ ފިޔަވަޅެއް އެޅުމަށް ހަކީމް އެއްވެސް ގޮތަކަށް ބޭނުމެއް ނުވިއެވެ.

ރަށުގައި އެދުވަހު ހަކީމްގެ ޝަރަފުގައި ބޭއްވި ޖާފަތަށްފަހު ހަކީމްގެ ރުހޭ ބަސް ހޯދަން ގެއަށްއައިސް ވަތްއިރުވެސް އެދެމީހުންގެ ބޯކޮޅުބަލަމުން ހަސީނާ އެމީހުންގެ ފަސްފަހަތުން އައިކަން އަމީނަށް އެނގުނެވެ. އެތެރެގޭތެރެއަށް ވައްދައި ހަކީމްއަށް އޭނާ މިކާވެނިކުރާމަގުސަދު އަމީން ބުނެދިނެވެ.

"އަފީފާއަކީ ދުވަހަކުވެސް ދަރިއެއް ލިބޭނެ މީހެއް ނޫންކަމުގައި ބޭސްވެރިޔަކު ވަނީ ބުނެފަ... ވާރިޘަކުނެތް ބަފައެއްގެ ގޮތުގައި ދުނިޔެ އަޅާދާން އަހަރެން ބޭނުމެއްނޫން..." އަމީންގެ އެ ބަސް ހަކީމުގެ ހިތަށް ރުވާފައި ދޫކޮށްލި ތީރެއްފަދައިން ހެރުނެވެ. އަމީނާ ހިސާބުން ހަކީމްގެ އަމިއްލަ އާއިލާ ނިމުމަކީ ހަކީމްވެސް ބޭނުންވާގޮތެއް ނޫނެވެ.

ކާވެނިކޮށްގެން މާލެ އާދެވުމާއެކު ހަސީނާއާ ހައްވައާ ދިމާވެ ހައްވަގެ ފުށުން އަމީންގެ ހަގީގަތް އޭނާގެ މަގުސަދު ހާސިލް ނުވަނީސް އެނގޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އެކަން ހަސީނާއަށް އެނގިގެން ނުވާނެ ކަމުގެ އިންޒާރު ހައްވައަށް އަމީން ދިނެވެ. ހައްވަގެ އެފަދަ ކޮންމެ ފިޔަވަޅަކާއެކު ހަސީނާއަށް އިތުރު އަނިޔާއަކާ ކުރިމަތިވާނެ ކަމުގެ އިންޒާރު ދެމުންނެވެ. ދުވަސްތައް މާޒީވަމުން ގޮސް ލުބާ ބޮޑު އަންހެން ކުއްޖަކަށް ވީއިރު ލުބާއާއި އަމީންގެ ގުޅުން ވަނީ ގޯސްވެފައެވެ. ފަތުއަޑުކިޔާ ކުރިއަރަމުން ދިޔަ ވިޔަފާރި ނަގައި ކޮޅަށްޖެހުމުގައި ދަރިފުޅުމަތިން ވެސް އޭނާ ހަނދާންނައްތާލިއެވެ. ލުބާގެ އަމިއްލަ ޒިންމާތަކުގެ ބަލަދުވެރިއަކަށްވީ ޚުދު ލުބާއެވެ. އަފީފާއާ އޭނައާ ދެމެދު އޮތް ގުޅުން ބަލިކަށި ވަމުން ދިޔަ ވަރަކަށް ހަސީނާގެ ގާތުން އަމީން ހޯދަމުންދިޔަ އުފާތައް އިތުރު ވިއެވެ. އަންބެއްގެ ލޯބި ހަސީނާގެ ފަރާތުން އޭގެ ހަގީގީ މާނައިގައި ދިޔައީ ލިބެމުންނެވެ. އައިޝާއަށް ބަނޑުބޮޑުވެ ހަސީނާ ވިހެއިރު، އަފީފާއަށްވުރެ ބޮޑަށް އަމީން ބޭނުންވީ ހަސީނާއެވެ. އަމީންއަށް ހެދުނު ގޯސްތައް ބުނެދީގެން ދިރިއުޅުމުގެ އެހާ ހިސާބަށް، ދުޅަހެޔޮކަމުގައިވާ އެ ދިރިއުޅުމަށް ތޫފާނެއް ކުރިމަތިކުރުވަން އަމީނު ބޭނުމެއްނުވިއެވެ. ނަމަވެސް، އެތޫފާނާ އޭނާ ކުރިމަތިލާން ޖެހުނީ ހުރިހާ ކަމެއް ރަނގަޅުވީ ކަމަށް އޭނާ ބަލައިގެން ހުއްޓައެވެ. އެއީ ރޭގަނޑެއްގެ ލަސްގަޑިއެވެ. ގަދަވަޔާއެކު ވެހެމުންދިޔަ ވާރޭ މިއިން އިރަކު ހުއްޓާލަފާނެކަމުގެ ނިޝާނެއްވެސް ފެންނާކަށްނެތެވެ. އަމީން އުޅުނީ އޮފީހުގައެވެ. މޭޒުމަތީގައި އޮތް ފޯނު ދެފަހަރަކު ވައިބްރޭޓްވެލުމާއެކު އަމީން ފޯނު އަތަށް ނެގިއެވެ. ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ މެސެޖް ކިޔާލުމަށްފަހު އިރުކޮޅަކު ވިސްނަން ހުރުމަށްފަހު ފޯނު ފަޓުލޫނުގެ ޖީބަށްލަމުން އޭނާއަށް ހާއްސަ ކުރެވިފައިވާ ކެބިންގެ އެއްފަރާތުގައި ހުރި ބޮޑު އަލަމާރިން ކަޅުކުލައިގެ ވިއްސާރަ ކޯޓުނަގައި ގަޔަށް މަހާލަމުން އޭނާ އެތަނުން ނުކުންނަން ހިނގައިގަތެވެ. އެމެސެޖްގައި އޮތީ ވަރަށް މުހިއްމުކަމަކު ޕިންކްވިލާ ގެސްޓްހައުސްގެ ފުރަތަމަ ފްލޯއަށް އައުމަށް އެދިފައެވެ. އެ މެސެޖާމެދު އޭނާގެ ޝައުގުވެރިކަން އިތުރުވީ މިރޭ ނުފެނިއްޖެނަމަ ކޮންމެހެން ފެންނަންޖެހޭ މަންޒަރެއް އޭނާއަށް ދެން ނުފެންޏާނެކަމަށް ބުނެފައިވުމުންނެވެ. ވެހެމުންދިޔަ ވާރޭތެރެއިން ގެސްޓްހައުސްއާ ހަމައަށް ފޯރުނީ ފަނަރަ ވަރަކަށް މިނިޓް ސައިކަލުގައި ދުއްވުމަށްފަހުއެވެ. ގެސްޓްހައުސް ތެރެއަށް ވަދެވުމާއެކު ފަހަތުން ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި އަތް ބޭއްވުމާއެކު ސިހިފައި އޭނާއަށް ފަހަތަށް އެނބުރެވުނެވެ. ކުރިމަތީގައި ހުރީ އާސިމެވެ. ތަންކޮޅެއް ކުރިން އޭނާއާއެކު މަސައްކަތްކުރަން އުޅުނު ރައްޓެއްސެކެވެ. އާސިމްގެ އެދުމަށް ގެސްޓްހައުސްގެ ފުރަތަމަ ފަންގިފިލާއަށް އެރުމަށްފަހު، ސިޑިން އެންމެ ކައިރިއަށް ހުރި ކޮޓަރީގެ ދޮރުގައި އޭނާ ޓަކިދިނެވެ. އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން ބަސްހުއްޓިފައި އިރުކޮޅަކު އަމީނަށް ހުރެވުނެވެ. އޭނާގެ ކުރިމަތީގައި އެހުރީ އާދިލްއެވެ. އޭނާގެ ފަހަތުން އެނދުގެ ހުދުކަމުގެ ތެރޭގައި އެނދުމައްޗަށް އުކާލެވިފައިވާ ރަތްފިނިފެންމާތަކުގެ ތެރޭގައި ފައިގެ ފަލަމަސްގަނޑަ ހަމައަށް އަންނަ ވަރުގެ ކުރު ނައިޓީއެއް ލައިގެން އެއޮތީ އަފީފާއެވެ. ހުޅުވާލާފައިވާ ދޮރުގެ ހަނި ދޭތެރެއިން އަފީފާގެ މޫނު އޭނާއަށް ހަމަރަނގަޅަށްވެސް ފެނުނެވެ. ގައިގައި ހުރި ބާރެއްލާފައި ދޮރު އެތެރެއަށް ކޮށްޕާލުމާއެކު އަމީންގެ ހަރަކާތަށް ނުވިސްނައި ހުރި އާދިލް ދިޔައީ ވިއްސައިގެންނެވެ. ބުނަންވީއެއްޗެއް ނޭނގި އަފީފާއަށް ކޮޅަށްތެދުވެވުނެވެ. "ތިހުރީ ވަރިކޮށްފަ...!" އަމީންއަށް އެލަފްޒު ބުނަން ކުޑަކޮށްވެސް އުނދަގުލެއް ނުވިއެވެ. އަފީފާގެ އަގު އޭނާގެ ކުރިމަތީގައިވަނީ ގެއްލިފައެވެ. އެ ޖުމްލައަށްފަހު ހަސީނާއާއެކު ދިރިއުޅުމުގެ ބަކީބައި ހޭދަކުރުމުގެ ފޮނި އެދުމުގައި އޭނާ އެތަނުން ނުކުންނަން ހިނގައިގަތެވެ. "ދެން ކިހިނެތް ހަދާނީ؟! ވިޔަފާރިން ބައެއް ކަލެއަށް ދޭގޮތަށް އޭނަ ނިންމާފަ އޮތަސް އެކަންވެސް ނުވީމި! މިހުރިހާ ކަމެއް މިވީ ކަލެއާހެދި... މަ ކިތައްފަހަރު ބުނެފިން މާގިނަ ގިނައިން ބައްދަލުކުރުން ރަނގަޅެއްނޫނޭ... މިހާދުވަހުގެ މަސައްކަތް ބޭކާރުވީނު މި...ކަލެއަށް ވީ އެއްވެސް ކަމެއްނެތޭ.. އަމީންގެ މަންމަގެ އެއޮއް ބޮޑު ގޮތިވެސް އެލިބުނީ ހަސީނާއަށް... ލިބެން އޮތް އެތިކޮޅުވެސް ނުލިބޭގޮތެއްނު މިވީ..!" ކޮޓަރިން ނުކުމެގެން ދަމުންވެސް ދޮރުކައިރީގައި މަޑުކޮށްލުމާއެކު އަމީން ދާނެހައި ވަގުތު ބަލާފައި އާދިލް ބުނެލިއަޑު އިވުނެވެ. އާދިލްގެ އެ ޖުމްލަތަކުން އަމީންއަށް މަންޒަރު ސާފުވިއެވެ. އަފީފާއާއި އާދިލްގެ ގުޅުމަކީ އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ގުޅުމެއް ނޫންކަމެވެ. އެމީހުންގެ އެދުމަކީ އަމީނުގެ މުދަލާއި ފައިސާކަމެވެ. "ކަލޭގެ ވަޒީފާއާ މަތީމަގާމަކީވެސް މަގޭ ކޮށްދިން މަސައްކަތުގެ ނަތީޖާއެއް ނޫންތަ؟!.. ކިޔަވައިގެން ހުއްޓަސް ތިކަހަލަ ތާކުންތާކު ނުޖެހޭ ގޮތެއް ފޮތެއް ނެތް މީހަކަށް ކާކު މަތީ މަގާމެއްވެސް ދޭނީ؟!...." އަމީން ސިޑިން ފައިބައިގެން ދިޔައިރު އަފީފާ އެހެން ބުނާތީ އޭނާ އެހިއެވެ. އަފީފާއާއި އާދިލްގެ ކޯޅުން ނިމުނުއިރު އެނދުގެ ސައިޑް ޓޭބަލްމަތީ މޭވާވަށިގަނޑަށް ޖަހާފައިވާ ތޫނު ވަޅިގެ ޝިކާރައަކަށް އަފީފާވިއެވެ. އެކުށުން ރެކި އަމީނުގެ އެނިންމުގެ އެންމެ ފަހުގެ ހަތިޔާރަކަށް އާދިލް އިޚްތިޔާރު ކުރީ ހަސީނާއެވެ. ލުބާ ދިރިހުރިކަމުގެ ހަގީގަތް ބުނެދެމުން އެ ގެސްޓް ހައުސްއަށް އައުމަށް ހަސީނާއަށް ދަޢުވަތު ދިނެވެ. އެ އުފާވެރި ހަބަރާއެކު ހަސީނާގެ ސިކުނޑި ހަމައިން ނެއްޓުނެވެ. އެވިއްސާރައިގައި ތުއްތު އައިޝާ ގޮވައިގެން އެ ގެސްޓުހައުސްއަށް އައި އިރު އެ ކޮޓަރީގެ ދޮރު ހުރީ ހުޅުވާފައެވެ. ޓެކްސީއެއް ނަގައިގެން ހަސީނާ އެތަނަށް އައިސް އެކޮޓަރިއަށް ވަނެވެ. އެތަނުގައި އާދިލް އެއް ނެތެވެ. ލޭގެ ކޯރެއްގައި ދިރިހުރިކަމުގެ ނިޝާނެއްނެތި ޚަބަރު ހުސްވެފައި އޮތް އަފީފާ ހަސީނާއަށް ފެނުނުއިރު އޭނާގެ ފަޔާހަމައަށް އައިސް ހުއްޓިފައިވާ ލޭގެ ކޯރު ފެނި ހަސީނާގެ ބުއްދި ގޯސްވިއެވެ. ލޭގެ ފިޔަވަޅުތައް އަޅަމުން ގެސްޓުހައުސްއިންނުކުމެ އެ ބޯ ވާރޭގެ ތެރެއަށް ހަސީނާ ދުއްވައިގަތެވެ. އަތުގައި ނިދިޖެހިފައިވާ ތުއްތު އައިޝާއާމެދު ވިސްނާލެވޭވަރަށްވުރެ ބޮޑަށް ފެނުނު މަންޒަރުން އޭނާގެ ބުއްދިއަށްވަނީ އަސަރުކޮށްފައެވެ. އެހިސާބުން އަމީންއަށް ހަސީނާ ގެއްލުނެވެ. ހަސީނާ ވީތަނެއް ހޯދޭތޯ އޭނާ މަސައްކަތްކުރިއެވެ. ހަސީނާއާ އެކު ހޭދަކުރެވުނު ދުވަސްތަކުގައި ކުޑަމިނުން ހަސީނާގެ ފޮޓޯއެއްހާ ހިސާބުވެސް އަތުގައި ނެތީތީ ފުލުހުންނަށް ހަސީނާ ހޯދަން އުނދަގޫވިއެވެ. ކުށްވެރިއެއްގެ ގޮތުގައި ހިފާ ހައްޔަރު ކުރެވުނު ޒުވާން ފިރިހެން ކުއްޖާ އެ ތުހުމަތުން ސަލާމަތްވީ މަރަށްތެޅެމުންވެސްވެސް، އަފީފާ މަރުގެ ތުންފަތުން ސަމާމަތްވީތީއެވެ. އާދިލްގެ އަތުގައި އަޅާ ގަޑި ހާދިސާ ހިނގިތަނުން ފެނުމަކީ އާދިލްއާ ދެކޮޅަށް އަފީފާ ދިން ބަޔާނަށް ބާރުލިބި އާދިލްގެ މައްޗަށް ކުށް ސާބިތުވި ސަބަބެވެ.

***

"މަންމާ....!" ހަސީނާއާއި އަމީންއަށް ފަސް އެނބުރި ބަލައިލެވުނު އިރު ލުބާއާއި އައިޝާ ކޮޓަރީގެ ދޮރުކުރިމަތީގައި ތިއްބެވެ. އެދެމީހުން ދައްކަމުން ދިޔަ ހުރިހާވާހަކައެއް ލުބާމެންނަށް އަޑު އިވުނުކަން އެނގުމުން އަމީންއާއި ހަސީނައަށްވެސް އެކަކު އަނެކަކަށް ބަލައިލެވުނެވެ. އެދުވަހަކީ ލުބާއަށް އޭނާގެ ކުޑަކުޑަ އާއިލާ ލިބުނު ދުވަހެވެ. ހަޔާތުގެ ދުސްފުންގަޑުތެރެއިން، ކިތައްމެ ގިނަ އަޑިގުޑަން ތަކަކާ ކުރިމަތިލާން ޖެހި މާފު ނުކުރެވޭފަދަ ސަބަބުތަކެއް މެދުވެރިވެފައި ވީނަމަވެސް ހަސީނާ އަމީންއަށް މާފުކުރިއެވެ. ދެ ދަރިންނާއި އާއިލާގެ ހައްގުގައެވެ. ދިރިއުޅުމުގައި ކޮންމެ އިންސާނަކީވެސް ދެވަނަ ފުރުސަތެއް ލިބިދޭން ޖެހޭ މީހެއްކަމުގައި އޭނާއަށް ގަބޫލުކުރެވިފައިވާތީއެވެ.

ޖެހިގެން އައި ދުވަހު އަމީން އޭނާގެ އަނބިމީހާއާއި ދެދަރިން ގޮވައިގެން މާލެދާން ފުރިއިރު ޔަޝްވީންވެސް އެމީހުނާއެކު މާލެދިޔައެވެ. ޔަޝްވީނާއި އަމީން ކުރީގައި ދިމާވެފައިވާތީ އެދެމީހުންގެ ދެމެދުގައި ބީރައްޓެހިކަމެއް ނެތެވެ. ހަމއެކަނި ތަފާތަކީ އެހެން މީހަކު ކުރިކުށެއްގެ ސަބަބުން އަމީން އޭރު ޔަޝްވީނުދެކެ ރުޅިއަޔަސް ހަގީގަތް އެނގުމުން ދަނބިދަރިއެއްގެ ގޮތުގައި އޭނާ ޔަޝްވީން ގަބޫލުކުރިކަމެވެ. މާހީންއަށް ޔަޝްވީންގެ ހިތުން ލުބާއަށް މާކުރިންސުރެ ޖާގަ ދެވިފައިވާކަން އެނގުނީ އެދުވަހުއެވެ. އެކުވެރިޔާގެ ހަޔާތަށް އެޅުނު ހިޔަންޏަކަށް ނުވެވުނީތީ މާހީން އުފާކުރިއެވެ. -- ނިމުނީ --

ދިގު ވާހަކަ ވާހަކަ: ދުންފުސް

Popular