27 Apr 2024

ފައިވާން ގަންނަންވީ މެރޫން ކުލައިން

މިއަހަރު ފައިވާނެއް ގަންނަން ހިޔާލުކުރާ ނަމަ އަބަދު އަރަން ގެންގުޅޭ ކުލައިގެ ފައިވާންތަކަށް ނުގޮސް އެހެން ކުލައެއްގެ އަޖުމަބަލާލާށެވެ. ކަޅާއި މުށި ކުލަތަކަކީ އެންމެ ގިނައިން، ހުރިހާ ހެދުމަކާ ގުޅޭނޭ ހިތަށްއަރުވާލައިގެން ގަންނަ އެންމެ "ސޭފް" ކުލަތަކެވެ. މިއީ ހުރިހާ ހެދުމަކާ ގުޅުނަސް އެންމެ ބޯރިންގް" އަދި އެންމެ އާންމު ޗޮއިސް އެވެ.

މިއަހަރުގެ "ސަމަ 2024" ޓްރެންޑުގައި އެންމެ ގަދަޔަށް ހިނގާ އެއް ކުލައަކީ މެރޫން ކުލަ އެވެ. މެރޫންގެ ގަދަ ޝޭޑަކުން ފައިވާން ނުވަަތަ ބޫޓެއް ގަނެ ސްޓައިލްކޮށްލުމާ ދޭތެރޭ ވިސްނާލަން ހިނގާށެވެ. މިއީ އަނދިރި ޝޭޑެއްގެ ކުލައެއްކަމުން ގިނަ ހެދުންތަކާ ގުޅޭނެ އެވެ. އަދި އެއްކަލަ ފޫހި ގޮތްގަނޑު ކެނޑި ކޮންމެވެސް ވަރެއްގެ ކޮންފިޑެންސެއް، ލައިގެން ހުންނަ އައުޓްފިޓާ މެދު ލިބޭނެ އެވެ. އޮފީހަށާއި އެކި ކަހަލަ ހަފްލާތަކަށް އަދި ޖެހިގެން ހުންނަ ފިހާރަށް ދާންވިޔަސް މި ފައިވާނުގެ ކުލަ ފިޓުވާނެ އެވެ.

މެރޫން ކުލައިގެ ފައިވާނާ އެންމެ ކައިރިކުރާ ކުލަތަކުން ހެެދުން އެޅުމަކީ އެއްގޮތެވެ. އަނެއް ގޮތަކީ ކޮންޓްރާސްޓުވާ ކުލަތަކުން އައުޓްފިޓު ބެހެއްޓުމެވެ. ކޮންޓްރާސްޓުވާ ކުލަތަކުގެ ތެރޭގައި ވިލުނޫ އަދި މިންޓް ގްރީން ހިމެނެ އެވެ. މިއީ ފައިކުރި ފުޅާ ނޫ ޖިންސުތަކާއި އެކި ކަހަލަ ކުރު އަދި ދިގު ހެދުންތަކާ އެކީ އަރަން ވެސް މި އަހަރުގެ އެންމެ ހިނގާ އެއް ފައިވާން ކުލަ އެވެ. މި ފައިވާން ޓްރެންޑަކީ އަންހެނުންނަށް ހާއްސަ ޓްރެންޑެއް ވެސް ނޫނެވެ.

Popular