By: Aishath Maaha
"ދިވެހި ޓުވިޓާ"ގައި އިއްޔެ އެންމެ ގިނައީ ދިވެހި ހެދުމެވެ. ލިބާސް ސައްބީސް ކިޔާ ހޭޝްޓެގެއް ހަދައި ދިިވެހި ސަގާފީ ހެދުމުގައި އެތައް ބައިވަރު ފޮޓޯއެއް ހިއްސާކުރި އެވެ. ދިވެހިންގެ މިނިވަންކަމަށް 54 އަހަރު ފާހަގަކުރަން ޓުވިޓާގެ ރަށްވެހިން ޖެއްސި ހިންގާލި މި ހަރަކާތް ވަރަށް ފުރިހަމަ އެވެ. ހަމައެކަނި ޓުވިޓާއަށް ފޮޓޯގަނޑެއް ލުމުގެ ބަދަލުގައި ދިވެހި ހެދުން ލައިގެން އުޅޭ ދުވަހަކަށް ވެސް ހެދީ އެވެ.
މިއީ ދިވެހިންގެ ހެދުން އެޅުމުގެ ވައްޓަފާޅި ދޭސީވެފައި އޮއްވައި މިނިވަންކުރަން ދެ އަންހެނަކު ފެށި މަސައްކަތެކެވެ. ދިވެހި ރީތި ސަގާފީ ހެދުން އެޅުން އާންމުކަމަކަށް ހަދަން މި ޒުވާނުން ބޭނުންވެ އެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޓުވިޓާގައި ކުރިއަށް ގެންދިޔަ މި ކަހަލަ އެހެން ހޭޝްޓެގް މޫވްމަންޓަކުން އިންސްޕަޔާވެގެން ސަނާޔާ ޝިމްރީ އާއި މަރިޔަމް ރިފްގާ ރަޝީދު އިސްނަގައިގެން ކުރިއަށް ގެންދިޔަ މި މޫވްމަންޓަށް ހީކުރިވަރަށް ވުރެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.
ލިބާސް ސައްބީސް މޫވްމަންޓުގައި ބައިވެރިވި ޒުވާނެއް. --
"އަހަރެމެންގެ ހެދުން އެޅުން އެއްކޮށް ގޮސް ހުޅަނގުގެ ގޮތްގަނޑު މިއޮތީ. އަހަރެމެންގެ ހެދުން އެޅުން ވެސް މިނިވަން ކުރަންޖެހޭ އެބަ. އެހެންވެ މިނިވަން ދުވަސް ކައިރިވެފައި އޮތީމަ އެންމެ ފުރަތަމަ އައިޑިއާ އައިމަ މަޑުކޮށްލީ. މިނިވަން ދުވަހެއްގައި މިކަހަލަ ކަމެއް ކުރަން އެންމެ ރަނގަޅުވާނެ ކަމަށް ފެނުނީ،" މީގެ ދުވަސްކޮޅެއް ކުރިން ލިބާސް ސައްބީސް ހޭޝްޓެގް ހެދިކަން ފާހަގަކުރަމުން ސަނާޔާ ބުންޏެވެ.
މި ހޭޝްޓެގް ހާއްސަކުރީ ހަމައެކަނި ލިބާހާއި އަންހެނުންނަކަށް ނޫނެވެ. ދިވެހި ސަގާފީ ކޮންމެ ހެދުމެއް ވެސް މައްސަލައެއް ނެތެވެ. ދިވެހި ސަގާފީ ހެދުން އަޅައި މި މޫވްމަންޓުގައި ބައިވެރިވުމުގެ ފުރުސަތު ފިރިހެނުންނަށް ވެސް އޮތީ ހުޅުވާލައިފަ އެވެ. ގިނަ އަދަދެއްގެ ފިރިހެނުން ބައިވެރިވެސްވި އެވެ.
ސަނާޔާ އަދި ރިފްގާގެ ޕްލޭންގައި އޮތީ ހަމައެކަނި ޓުވިޓާގައި ފޮޓޯގަނޑެއް ދޫކޮށްލައިގެން ނިންމާލާކަށް ނޫނެވެ.
"އެންމެން މީޓުކޮށްލަން ވެސް ބޭނުންވި އެކަމަކު ބިޒީ ވެގެންނާ އެކަހަލަ ސަބަބުތަކެއް ދިމާވެގެން މީޓް ނުކުރެވުނު މިފަހަރު. ދެން ބައެއް ކުދިން އަތުގައި މިހާރު ދިވެހި ހެދުމެއް ނެތީމަ ކުރީގެ ފޮޓޯތައް ބޭނުންކޮށްގެން ވެސް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދިޔައީ،" ސަނާޔާ ކިޔައިދިނެވެ.
ލިބާސް ސައްބީސް މޫވްމަންޓުގައި އަންހެނުންނާއި ފިރިހެނުން ވެސް ބައިވެރިވެފައިވޭ
ކުރިއަށް އޮތް ބޮޑު އީދުގައި ވެސް މިކަހަލަ މޫވްމަންޓެއް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ. ދިވެހި ހެދުމުގައި ޓުވިޓާގެ ރަށްވެހިން ބައްދަލުކުރަން ވަނީ ނިންމާފަ އެވެ.
"ޖަލްސާއަކަށް ދާއިރު ވެސް ގައުން އެއް ކަހަލަ އެއްޗެއް މި ލަނީ. އޭގެ ބަދަލުގައި ދިިވެހި ހެދުންތައް ލުން ނޯމަލައިޒްކުރަން އެބަޖެހޭ. ދިވެހި ސަގާފީ ކޮންމެ ހެދުމެއް ވެސް އެހާ ރީތި."
ލިބާސް ސައްބީސް މޫވްމަންޓުގައި ބައިވެރިވިކުރި ފޮޓޯއެއް. --
އިއްޔެގެ މި މޫވްމަންޓުގައި ސަނާޔާމެން އުންމީދުކުރިވަރަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެ އެވެ. ހޭޝްޓެގް ބޭނުންކޮށްގެން 1،600 އަށްވުރެ ގިނަ ޓުވީޓު އިއްޔެ އެކަނި ވެސް ކޮށްފައިވެ އެވެ.
ލިބާސް ސައްބީހުގައި އިއްޔެ ބައިވެރިނުވެވުނު މީހުން މިހާރުން ފެށިގެން ދިވެހި ހެދުމެއް ހޯދައިގެން އީދަށް ތައްޔާރުވާން ހިނގާށެވެ.