15 May 2023

ދިވެހިންގެ ޓްރެވަލް ޓޮޕް 5: މިފަހަރުގެ ޗުއްޓީއަށް ކޮން ގައުމެއް؟

By: Aminath Ibrahim

ޖޫން މަހު ސްކޫލްތައް ބަންދުވުމާ އެކު ފެށޭނީ އަހަރުގެ ބޮޑު ޗުއްޓީ އެވެ. އެއީ ޓްރެވަލް ސީޒަނެވެ. އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލައި، މާހައުލުން ބޭރުން ތަފާތު ތަޖުރިބާއެއް ކޮށްލަން ގިނަ ބަޔަކު އެއްތަނުން އަނެއްތަނަށް ދަތުރުކުރާ ދުވަސްވަރެވެ. ހާއްސަކޮށް ގައުމުން ބޭރަށް ކުރާ ދަތުރުތައް ބޮޑު ޗުއްޓީގައި އެތައް ގުނައެއް އިތުރެވެ.

އަހަރެމެން މި ހިމަނާލަނީ، އިމިގްރޭޝަން އިން ލިބުނު މައުލޫމާތަށް ބިނާކޮށް، މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ އޭޕްރިލް މަހުގެ ނިޔަލަށް ޗުއްޓީ ހޭދަކޮށްލަން ދިވެހިން އެންމެ ގިނައިން ދިޔަ ފަސް ގައުމެވެ.

ޓޮޕް 1: އިންޑިއާ

ރާއްޖެއާ ގާތުގައި އޮތް އިންޑިއާ އަށް އަހަރެއްގެ މައްޗަށް އެތައް ހާސް ދިވެހިންނެއް ދެ އެވެ. އެކަމަކު އިންޑިއާ އަށް އެންމެ ގިނަ ބަޔަކު ދަތުރުކުރަނީ ބޭސް ފަރުވާއަށެވެ. އެކަމަކު، ދަތުރުކުރި މީހުން އިމިގްރޭޝަނަށް ދީފައިވާ މައުލޫމާތަށް ބަލާއިރު، ޗުއްޓީއަށް ވެސް އެންމެ ގިނަ މީހުން ދިޔައީ އިންޑިއާ އަށެވެ.

މިދިޔަ އަހަރު އެކަނި ވެސް، 23،815 މީހުން ޗުއްޓީ ހޭދަކޮށްލަން އިންޑިއާ އަށް ދިޔަ އެވެ. މި އަހަރު، މިދިޔަ މަހުގެ ނިޔަލަށް 4700 އަށްވުރެ ގިނަ މީހުން ދަތުރުކުރި އެވެ.

ޗުއްޓީ ހޭދަކޮށްލަން އިންޑިއާއަށް ދާ މީހުން ގިނައީ، ދުރު ނުވަތަ އާސިއާންގެ ގައުމުތަކަށްވުރެ އިންޑިއާއަށް ދެވޭ ހަރަދު ކުޑަވެފައި، ދިވެހިންނަށް ފަރިތަ ގައުމަކަށް އިންޑިއާ ވާތީ ކަމަށް ވެސް ވެދާނެ އެވެ. ނުވަތަ އިންޑިއާގައި ވަޒަންވެރިވެގެން އުޅޭ ދިވެހިންގެ އަދަދު ގިނަ ވުން ވެސް ސަބަބަކަށް ވެދާނެ އެވެ.

ދަތުރު ހަދާފައި ގޮސް ބަލާލަން ރީރި ތަންތަން އިންޑިއާގައި ގިނަ އެވެ. ސަގާފީ ގޮތުން ބެއްޔަސް، އިންޑިއާ އަކީ ޑައިވާސް ނުވަތަ ސިންދަފާތު ސަގާފަތަކާއި ޖޯގްރަފީއެއް އޮތް ގައުމެކެވެ.

ޓޮޕް 2. ސްރީ ލަންކާ

ކެންޑީ - ލަންކާ

ވަރަށް އަވަހަށް ޝޮފިންއެއް ނިންމާލަން ދާން ޖެހުނަސް، ކުއްލި ގޓަވޭއެއް ހަދަން ބޭޏުންވިޔަސް، އަދި އާއިލާ އެކުގައި ގައުމުން ބޭރުގައި ކައިވެންޏެއް ނުވަތަ އިވެންޓެއް ރޭވިޔަސް ދިވެހިންގެ "ގޯ-ޓު" އަކީ ލަންކާ އެވެ. މި ސަބަބާ ހެދި، ލިސްޓުގެ ކުރީގައި އިންޑިއާ އޮތުމުން ކުޑަކޮށް ހައިރާން ވެސް ވިއެވެެ.

2022 ވަނަ އަހަރު ޗުއްޓީ އަށް 14،600 އަށްވުރެ ގިނަ މީހުން ލަންކާ އަށް ދަތުރުކުރި އެވެ. މި އަހަރުގެ އޭޕްރިލްގެ ނިޔަލަށް 3800 މީހުން ވަނީ ދަތުރުކޮށްފަ އެވެ.

ލަންކާ އަކީ ގުދުރަތީ ރީތިކަން ލިބިފައިވާ ދިވެހިންނަށް ހެޔޮވަރު މޫސުމެއް އޮންނަ، ދިވެހިންގެ ބޮޑު އާބާދީއެއް ވެސް އޮންނަ ގައުމެކެވެ.

ޓޮޕް 3. މެލޭޝިއާ

މެލޭޝިއާ

މަދު އަހަރުތަކެއް ކުރިން، ކުއްލިއަކަށް ދިވެހިންގެ ބޮޑު ސަމާލުކަމަކާ ޝައުގުވެރިކަމެއް ލިބުނު މެލޭޝިއާ އަކީ ދިވެހިންގެ އެންމެ ބޮޑު އެއް ފޭވަރިޓޭ ބުނެގެން ދޮގަކަށް ނުވާނެ އެވެ. މެލޭޝިއާގައި ވެސް ދިވެހިންގެ ބޮޑު އާބާދީއެއް ދިރިއުޅެ އެވެ. ޝޮޕިން ކޮށްލައި އާބަން ސިޓީ ލައިފް އެއް އެކްސްޕީރިއަންސްކޮށްލަން މިއީ ހިތްގައިމު ގައުމެކެވެ.

މިދިޔަ އަހަރު، 10،747 މީހުން މެލޭގައި ޗުއްޓީ ހޭދަކުރިއެވެ. މިއަހަރުގެ އަދި މިހާތަނަށް މެލޭޝިއާ އޮތީ ހަތަރުވަނައިގަ އެވެ. ކުޑަ ކުޑަ ތަފާތަކުން ތައިލެންޑް އުޅެނީ ޗުއްޓީ ހޭދަކުރަން ދާ މީހުންގެ ލިސްޓުގައި ކުރީގަ އެވެ.

ޓޮޕް 4. ތައިލެންޑް

ތައިލެންޑް

ދިހަ ހާހަށްވުރެ ގިނަ މީހުން މިދިޔަ އަހަރު ތައިލެންޑަށް ޗުއްޓީހޭދަކޮށްލަން ދިޔަ އެވެ. މި އަހަރުގެ މިދިޔަ މަހުގެ ނިޔަލަށް ތިން ހާހެއްހާ މީހުން ދަތުރުކޮށްފައިވެ އެވެ.

ތައިލެންޑަކީ ވިޔަފާރި ހަބެކެވެ. ދިވެހިން ލާ ގިނަ އަންނައުނާއި ހިފައި ގެންގުޅޭތަކެއްޗަކީ ތައިލެންޑުން ގެންނަ ތަކެއްޗެވެ. އާންމުކޮށް ތައިލެންޑަށް ޗުއްޓީ ހޭދަކޮށްލަން ދާ ދަތުރެއްގެ 90 ޕަސެންޓަކީ ޝޮޕިން އެވެ. އެކަމަކު މިއީ ވެސް ތަފާތު ސަގާފަތެއް އޮތް ގައުމަކަށް ވެފައި، ކެއުންތައް އެހާ މީރު، އަދި މަޖާކުރާނެ ގިނަ އޮޕްޝަންތަކެއް ހުރި ގައުމަކަށް ވާތީ ވެސް ތައިލެންޑަކީ ގިނަ ބައެއްގެ ފޭވަރިޓެކެވެ.

ޓޮޕް 5. ޔުނައިޓެޑް އަރަބް އެމިރޭޓްސް

ދުބާއީ

ޓޮޕް ފަހެއްގެ މި ސްލޮޓެއް ޑުބާއީ އަށް "ވެލް-ޑިޒާވްޑް" އެވެ. ޕޮޝް ސިޓީ ލައިފާއި އިންސްޓަގްރާމް ވޯތު ފޮޓޯ ނަގަން ދިވެހިންނަށް އެންމެ އެސްތެޓިކް އެއް ޓްރެވަލް ޑެސްޓިނޭޝަނަކީ ވެސް މިއެވެ.

ޖޫން މަސް މިހިރަ ލައްވާލަނީ އެވެ. މިފަހަރު ދާން ގައުމުތަކުގެ ނަންތައް ކޮމެންޓް ސެކްޝަންގައި ހިމަނަމުން ގެންދަންވީ އެވެ.

ޗުއްޓީ ދުވަސްވަރު

Popular