ކުރިން މި އަހަރު ރިލީޒް ކުރާނެ ކަމަށް ބެލެވުނު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ފިލްމް "ދޭތީ އަނިޔާ" އަންނަ އަހަރު ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.
ކުރިން މި އަހަރު ރިލީޒް ކުރާނެ ކަމަށް ބެލެވުނު އަމްޖަދު އިބްރާހީމް (އަމްޖޭ) ގެ ފިލްމް "ދޭތީ އަނިޔާ" އަންނަ އަހަރު ރިލީޒް ކުރާ ގޮތަށް ނިންމައިފި އެވެ.
އަސަރުގަދަ ލޯބީގެ ވާހަކައަކަށް ހަދާ މި ފިލްމަކީ ހާމިދު އަލީ ޕްރޮޑިއުސްކޮށް، މުހިއްމު ރޯލެއް ވެސް ކުޅޭ ފިލްމެކެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި އައިމިނަތު ރިޝްފާ އަދި އަހުމަދު އީސަ (އާނަންދް) ވެސް ހިމެނެ އެވެ.
އަމްޖޭ ބުނީ ފިލްމް އަންނަ އަހަރު އަޅުވާ ގޮތަށް ނިންމި ނަމަވެސް އަދި ވަކި ތާރީހެއް ނުނިންމާ ކަމަށެވެ. "ދޭތީ އަނިޔާ" ގެ ބޮޑު ބައި ވަނީ ޝޫޓްކޮށް ނިމިފަ އެވެ.
"މިހާރު ދެން ދިހަ ވަރަކަށް މަންޒަރު ނުނެގި ހުންނާނީ. ނުނެގި ހުރި މަންޒަރުތައް ނަގަން ފިލްމުގެ ޝޫޓިން މި މަހުގެ އަށާވީސް ވަނަ ދުވަހު އަލުން ފަށަން މިހާރު ވަނީ ރާވާފައި،" އޭނާ ބުންޏެވެ.
ހުޅުމާލޭގައި ބޮޑު ބައި ޝޫޓް ކުރާ "ދޭތީ އަނިޔާ" އަޅުވާނެ ތާރީހެއް ނިންމާނީ ފިލްމްގެ މަސައްކަތް އެއްކޮށް ނިންމުމަށް ފަހު ކަމަށް އަމްޖޭ ބުންޏެވެ.
"އަހަރެން ބޭނުމެއް ނޫން ފިލްމުގެ މަސައްކަތް ނިމުމުގެ ކުރިން ފިލްމް އަޅުވާ ތާރީހު އިއުލާން ކުރާކަށް. އެހެން ހެދީމަ އެ ތާރީހަކަަށް އެބަ ޖެހޭ އަވަސް އަރުވާލައިގެން މަސައްކަތް ނިންމަން،" 51 ވަނަ ފީޗާ ފިލްމާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "ވަރަށް ހަމަޖެހިލައިގެން، ބޭނުންވާ ފެންވަރަށް މަސައްކަތް ނިންމާފައި ނޫނީ ފިލްމް އަޅުވާ ތާރީހެއް އިއުލާން ކުރާ ކަހަލަ ވިސްނުމެއް އަހަރެން މިހާރަކު ނުގެންގެޅުން."
އަމްޖޭ ބުނީ އޭނާ "ދޭތީ އަނިޔާ" އަކީ ޓެކްނިކަލް ގޮތުން ވެސް މޮޅު ފިލްމަކަށް ވާނެ ކަމަށެވެ.
"ބަލާލަން ރީތި މަންޒަރުތައް މުއްސަނދި ހިތްގައިމު ފިލްމަކަށް ފިލްމް ވާނެ. ޓެކްނިކަލީ ވެސް ވަރަށް ތަޖުރިބާކާރު ޓީމެއް ފިލްމުގައި އަހަންނާ އެކު މަސައްކަތް ކުރަނީ،" އޭނާ ބުންޏެވެ. "އެހެންވީމާ މީގެ ކުރިން އަހަރެން ހަދާފައި ހުރި ފިލްމުތަކާ މި ފިލްމާ ވަރަށް ބޮޑު ތަފާތެއް ޓެކްނިކަލީ ފެންނާނެ."