21 Jan 2018

ޖުމާއާ ހެދި އައްޒަގެ ޑިޒައިނަރުން ރުޅިގަދަވެދާނެ؟

ސުވާލަކީ ކުރީގެ ފިރިމީހާ އަދި މިހާރުގެ ލޯބިވެރިޔާ، އައްޒަގެ ހެދުންތައް ޑިޒައިންކޮށް ފަހައި ފައިވާންތައް ޖަރީކޮށް މޭކަޕްކޮށް އިސްތަށިގަނޑު ހަދައިދޭތީ އައްޒަ އަށް އެހެން ޑިޒައިނަރުންގެ ހިތް ނުބައިވެދާނެތޯ!

ސުވާލަކީ ކުރީގެ ފިރިމީހާ އަދި މިހާރުގެ ލޯބިވެރިޔާ، އައްޒަގެ ހެދުންތައް ޑިޒައިންކޮށް ފަހައި ފައިވާންތައް ޖަރީކޮށް މޭކަޕްކޮށް އިސްތަށިގަނޑު ހަދައިދޭތީ އައްޒަ އަށް އެހެން ޑިޒައިނަރުންގެ ހިތް ނުބައިވެދާނެތޯ!

By: Ahmed Nadym

އިސްމާއިލް ޖުމައިހް ނުވަތަ "ދޯ" އިން މިދިޔަ ހަފުތާގައި ގެނެސްދިން "އެންމެ ރީތި ފިލްމީ ތަރިން" ގެ ލިސްޓުގައި ހިމެނުނު ޖުމާ އަކީ ހަގީގަތުގައި ވެސް އެތައް ހުނަރެއްގެ ފަހަތުގައިވީ ކުޅަދާނަކަމެކެވެ. އޭނާގެ ހުނަރުވެރިކަމުގެ ލިސްޓަށް އެންމެފަހުން އިތުރުކޮށްފައިވާ ކުޅަދާނަކަމަކީ ރާއްޖޭގެ ނަން މަޝްހޫރު ފެޝަން ޑިޒައިނަރުން ކަންބޮޑުވާން ޖެހޭ ވަރުގެ ކަމަކަށް ވެސް ފަހަރުގައި ވެދާނެ އެވެ. ސަބަބަކީ މި ހުނަރުވެރިކަމަކާ އެކު ރާއްޖޭގެ އެއް ވަނަ ބަތަލާ އަދި ކުރީގެ އަންހެނުން މަރިޔަމް އައްޒަގެ ފުލްޓައިމް ފެޝަން ޑިޒައިނަރެއްގެ އިތުރުން ފެހުންތެރިޔަކަށް ވެސް ޖުމާ ބަދަލުވެގެންދިއުމެވެ.

މިވީހާ ދުވަހު ރެޑްކާޕެޓްގައި އައްޒަ ދެއްކި ފަރިކަމުގެ ހަގީގީ ފޮނި ލިބުނު ފެޝަން ޑިޒައިނަރުން އަދި ފެހުންތެރިންނަކީ ރަޒީނާ ތައުފީގާއި ޖާދުﷲ އިސްމާއިލް އަދި އެންމެ މަޝްހޫރު ހުސެން ޝަދިޔާން ސޭންޑީ އެވެ. އެކަމަކު އައްޒައާ ނިކަން ގާތުގައި ޖުމާ ދައްކަމުން އަންނަ ހުނަރުވެރިކަމަށް ބަލާއިރު މި މަޝްހޫރު ފެޝަން ޑިޒައިނަރުންނަށް އެމީހުންގެ އެންމެ ފެވަރިޓް އެއް ކްލައިންޓް ގެއްލިގެން ދިއުމުގެ ފުރުސަތު ބޮޑެވެ.

މިވަގުތު ފިލްމީ ދާއިރާގައި ހުރި އެންމެ މަޝްހޫރު އަދި އެންމެ މަގުބޫލު ބަތަލާ ފަރިކޮށްދިނުމުގެ ފުރުސަތު ގެއްލެން މިއިން އެއްވެސް ޑިޒައިނަރަކު ބޭނުންވާނެހެނެއް ހީނުވެ އެވެ.

ނަމަވެސް ޖުމާ ބުނަނީ އައްޒަގެ ހެދުންތައް ފަހައިދޭން ބޭނުންވާ އެހެން ފެހުންތެރިންނާއި ޑިޒައިނަރުން ހާސްވާވަރުގެ ކަމެއް އަދި ނުވާ ކަމަށެވެ.

"އަދި މާކަ ޕްރޯކޮށް ފަހަން ފެށީކީއެއް ނޫން އަހަރެން. އެކަމަކު ވެސް ފައްޗެއް ޖަހާލެވޭވަރުވީމަ (ޖުމާއަށް) ވަރަށް ބޮޑުވަރުވީތާ. އަނެއްހެން މާކަ ޕްރޯކޮށް ނުވަތަ މާ ގިނަ ކަންތަކެއް ދަސްކޮށްގެން ފަހަނީކީއެއް ވެސް ނޫން އަދި،" ޖުމާ ބުނީ ފެހުމުގެ ހުނަރު މިފަހުން ތަޖުރިބާކޮށްލީ ދިވާސް ފެޝަން ޝޯގައި ބައިވެރިވެ 100 ޕަސެންޓް އަމިއްލަ އުފެއްދުންތަކެއް އާންމުންނަށް ދައްކާލުމުގެ ބޭނުމުގައި ކަމަށެވެ.

އައްޒަ ދިވާސް ފެޝަން ޝޯގައި ޖުމާގެ ކަލެކްޝަނުން ހެދުމެއްގައި.

ދިވާސް ޝޯގައި ޖުމާގެ 8 ޑިޒައިނެއް ދައްކާލާފައިވާއިރު އެ ފަސް ހެދުމާއި ތިން ސޫޓަކީ ވެސް ސީދާ އޭނާ އަމިއްލަ އަށް ޑިޒައިންކޮށް އަމިއްލަ އަށް ފަހާފައިވާ ހެދުންތަކެވެ. އެ ޝޯގައި އައްޒައާ އެކު ޖުމާ ދައްކާލި ވިދުން ގަދަ ހެދުމަކީ ފެޝަން ޑިޒައިނިން އާއި ޓެއިލަރިންގައި ވެސް ޖުމާ އަކީ އަރާހުރި ނަމެއްކަން ސާބިތުކޮށްދިން މަސައްކަތެކެވެ.

"ބޮޑަށް އަމިއްލަ އަށް މިގޮތަށް މި ފަހަނީ ވެސް އައްޒަގެ އެއްޗެހިތަކެއްވީމަ. އެއީ ހަލާކުވިޔަސް ރޯޅިއެއް ނާންނާނެކަން އެނގޭނެތާ. އެކަމަކު ފެހުމަކީ އެއް އިރެއްގައި ވެސް ކުރިން އަހަރެން ކުރާހިތްވި ކަމެއް ނޫން،" ޖުމާ ބުންޏެވެ.

"އެކަމަކު ޑިވާސް ފެޝަން ޝޯގައި ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ބައިވެރިވިއިރު އެހެން މީހުން ލައްވައި މަގޭ ޑިޒައިންތަކަށް ހެދުން ފައްސަން ބޭނުންނުވީ އަސްލު. އެ ހެދުމެއްގެ ކްރެޑިޓް އެގޮތަށް ނުބަހަންވެގެން އޭގައި ދައްކާލާނެ ހެދުންތަކެއް ފަހާލީ."

އާންމުކޮށް އައްޒަގެ ރެޑްކާޕެޓް ހެދުންތަކުގެ ފަހަތުން ފެންނަ ހުނަރުވެރިކަމަކީ ޑިޒައިނަރު ރަޒީ އެވެ. ރަޒީ އަކީ އައްޒަ އާއި ޖުމާގެ ކައިވެންޏަށް އައްޒަގެ "ރެއިންބޯ ވެޑިން ޑްރެސް" ވެސް ތައްޔާރުކޮށްދިން ފަރާތެވެ. ރަޒީގެ އިތުރުން ސޭންޑީ އާއި ޖާދު އަކީ ވެސް އައްޒަ އަށް ބޭނުންއިރަކު ބޭނުންގޮތަކަށް ހެދުން ފަހައިދެމުން އަންނަ ނިކަން ވަފާތެރި ދެ ޑިޒައިނަރުންނެވެ.

އެހެންވީމަ ސުވާލަކީ ކުރީގެ ފިރިމީހާ އަދި މިހާރު އެކުގައި އުޅޭ ލޯބިވެރިޔާ، އައްޒަގެ ހެދުންތައް ޑިޒައިންކުރުމުގެ އިތުރުން އެ ހެދުންތައް ފަހައި ފައިވާންތައް ޖަރީކޮށް މޭކަޕްކޮށް އިސްތަށިގަނޑު ވެސް ބޭނުންގޮތަށް ހަދައިދޭތީ އައްޒަ އަށް އެހެން ޑިޒައިނަރުންގެ ހިތް ނުބައިވެދާނެތޯއާ މެދު ކުރެވޭ ސުވާލެވެ. ޖުމާ ބުނަނީ އެހެން ވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މިފަހުން "ދޯ" އަށް ދިން އިންޓަވިއުއެއްގައި ސޭންޑީ ބުނެފައި ވަނީ އައްޒަގެ ހެދުންތަކެއް ފެހުމުގެ ފުރުސަތު މިހާރު ނުލިބުނަސް އެކަމާ ހިތްހަމަޖެހުމެއް ނެތް ކަމަށާއި ޖުމާ، އައްޒަގެ ހެދުންތައް ފެހުމަކީ އެމީހުންނާ ގުޅިގެން ކްރިއޭޓިވް އިތުރު މަސައްކަތްތަކެއް ތަޖުރިބާކޮށްލަން ހުޅުވިގެން ދިޔަ ދޮރެއް ކަމަށެވެ.

ޖުމާ ޑިޒައިންކޮށް ފަހާފައިވާ ހެދުމެއްގައި އައްޒަ: އައްޒަގެ މޭކަޕުން ފެށިގެން ރީތިވުމުގެ ހުރިހާ ކަމެއް މިހާރު ކޮށްދެނީ ޖުމާ.

އެހެންވީމަ އިސްމާއިލް ޖުމައިހް މި ވަނީ އެތައް ހާސް ހުނަރެއްގެ ވެރިއަކަށް ނޫން ހެއްޔެވެ؟ ފިލްމީ ދާއިރާ އަށް އޭނާ ތައާރަފްވެ ނަށައި އެކްޓްކުރަން ފެށުމުގެ ކުރިން ވެސް ޖުމާ އަކީ ކުރެހުމާއި މޭކަޕްކުރުމުގެ ހުނަރަށް ފާހަގަކޮށްލެވޭ ޒުވާނެކެވެ. ފެޝަން ޑިޒައިނަރެއްގެ ގޮތުގައި ރާއްޖޭގެ ސްޓައިލްގެ މައިދާނުން އޭނާ ޖާގައެއް ކަށަވަރުކޮށްފައިވިޔަސް އަދިވެސް އޭނާގެ އެންމެ ކުޅަދާނަ ހުނަރަކީ މޭކަޕްކުރުމެވެ. ރެޑްކާޕެޓްތަކުން ފެންނަ އައްޒަަގެ ހިތްގައިމު މޭކަޕްތަކާއި އަބްދުލް ފައްތާހުގެ ފިލްމު "ހައްދު" އިން ދެއްކި ހައްދެއް ނެތް މޭކަޕްގެ އިތުރުން ފާތިމަތު ނަހުލާގެ "4426" ގައި ދެއްކި ސްޕެޝަލް މޭކަޕަކީ ވެސް ޖުމާގެ ސަޅި މަސައްކަތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ މަސައްކަތްތަކެކެވެެ.

އެކްޓްރެސް މަރިޔަމް އައްޒަ ފެޝަން

Popular