21 Apr 2024

އިންތިޒާރުގައި - 20

އޭނާ އެދެއްކީ ކޮން ވާހަކައެއްކަން އަހަންނަށް އިނގެއެވެ. އެއީ އަހަރެންގެ ސިކުނޑިތެރޭ މިހާރަކަށް އައިސް އެންމެ ބޮޑަށް ވިސްނޭ އެއް ކަންތަކެވެ.

މާލެ އައިމާވެސް އަހަރެންގެ ހިތެއް ހަމައެއް ނުޖެހުނެވެ. ސަލީނާ ދެއްކި ވާހަކައާއި މެދު ހަމަ ވިސްނެނީއެވެ. އިއްމައަކީ އުމުރުން އެންމެ ފަންސަވީސް އަހަރުގެ ޒުވާނެކެވެ. އަހަންނަށްޓަކައި އޭނާގެ ޒުވާންކަން ނަގާލަން އެހެން ހުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ؟ އެހެންނަމަވެސް އޭނާ އެހެން އަންހެނަކާއިއެކު އުޅޭތަން ބަލަން އަހަންނަށް ކެތްވާނެ ހެއްޔެވެ؟ ސަލީނާ އަހަރެން ކައިރީ އެވާހަކަ ދައްކާށޭ ބުންޏެއްކަމަކު އެވާހަކަ ދައްކާކަށް އަހަރެން ބޭނުމެއް ނޫނެވެ. އޭނާ އެހެން މީހަކާ އިނދެފިއްޔާ އަހަރެން ހަދާނީ ކިހިނެތް ހެއްޔެވެ؟ އަހަރެން މިގެއިން ނުކުމެގެން ދާނެ އެހެން ތަނެއް ނެތެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. އަހަރެން ބަރާބަރަށް ބޭސް ކަމުން އަންނާތީ ބަލީގެ އެއްވެސް އުނދަގުލެއް އިރާދަ ކުރެއްވީތީ ނުވެއެވެ. އަހަރުމެންގެ ދިރިއުޅުން އާދައިގެ ގޮތެއްގައި މަޑުމަޑުން ކުރިއަށް ދެއެވެ. ނޫރާގެ އުމުރުން ތިން އަހަރު ބައި ވެގެން އޭނާ ސްކޫލަށް ވެއްދީމެވެ. އެންމެ ފުރަތަމަ ދުވަހު އޭނާ ގޮވައިގެން ސްކޫލަށް ދިޔައީ އަހަރުމެން ދެމީހުންނެވެ.

"އޭ ތިއީ ލިއު ދޯ" ނޫރާގެ ކުލާސް ކައިރިއަށް އަހަރެން ދިޔުމުން އޭނާގެ އާންޓީ އަހާލިއެވެ. އޭނާ ހުރީ ބުރުގާ އަޅާފައި ކަމުން އަހަންނަކަށް އެއީ ސިދާ ކާކު ކަމެއް ނޭނގުނެވެ.

"ނޭނގިފަ ދޯ ތިހިރީ ، މިއީ މަރިޔަމް ރަޝީދާ!" އޭނާ ވަރަށް ހެވިފައި ވާހަކަ ދެއްކިއެވެ.

"ޔާރައްބީ! މަރިޔަން!" އަހަންނަށް ބުނެލެވުނެވެ. އެއީ އެމް. އީ. އެސް. ގައި އަހަންނާއި އެއްކުލާހެއްގައި އުޅުނު ކުއްޖެކެވެ.

" ނޫރާ! މިއީ މައްމިގެ ކުލާސް ކުއްޖެއް!" އަހަރެން ނޫރާއަށް ކިޔައިދިނީމެވެ. އެވަގުތު އާންޓީ ކައިރިއަށް އަންނާށޭ ބުނީމާ ނޫރާ އެއްވެސް މައްސަލައެއް ނުޖައްސާ ހިނގައްޖެއެވެ.

"ނޫރާ މިހާރު ސްކޫލަށް ނާދެވިގެން އުޅޭތާ ކިތަންމެ ދުވަހެއް!" އަހަރެން ބުނެލީމެވެ. އޭރު އެ ކުލާސް ތެރޭގައި ރޯކުދިން ރޮނީއެވެ. ބޮޑާ ހާކާފައި ނުތިބޭންވެގެން އުޅޭ ކުދިން އެކުދިންގެ މަންމަމެން ކައިރީ ގަދަ ދައްކަނީއެވެ.

"އޯ ސަޅި އަހަރުމެންނަށް ކުރަހާ ޕޭރަންޓެއް މިލިބުނީ " ތަންކޮޅެއް ދުރުގައި ބަލަހައްޓައިގެން ހުރި އިއްމައަށް އޭނާ އިޝާރާތް ކޮށްލިއެވެ.

ނޫރާ ސްކޫލަށް ލާފައި އަހަރުމެން ދެމީހުން ހިނގާލާފައި ދިޔައީ އެތާ ކައިރީގައި ހުރި ކެފޭއަކަށެވެ. އެތަނުގައި ދެމީހުން ސައިބޮއެ ވާހަކަ ދައްކާލާ ހަދަން މަޑުކޮށްލީއެވެ. އަހަންނާއި އިއްމައާއި ދެމީހުންގެ ޖިސްމާނީ އެއްވެސް ގުޅުމެއް ނެތްކަމަކު، މިހާރު ކުރިއަށް ވުރެވެސް ދެމީހުން ގުޅުން ގާތެވެ. އޭނާގެ މަސައްކަތު ދާއިރާގައި ވާ ކަންތައްތަކާއި ރިސޯޓަށް ގޮސް ކުރާ ކަންތަކަށް ދަންދެން އަހަންނަށް ކިޔާދެއެވެ. އޭނާގެ އުއްމީދަކީ ކޮންމެވެސް ރިސޯޓެއްގެ ގެސްޓު ފިހާރާއެއް ހިންގަން ކަމުގައިވެސް އޭނާ އަހަރެން ކައިރީ ބުނެއެވެ.

އިއްމަ ކުރިއަށްވުރެވެސް ބޮޑަށް އަހަންނާއި އެގޮތަށް ގާތްކޮށް އުޅެން ފެށީމާ އަހަރެން ވަރަށް އުފާވެއެވެ. އަހަރެން އެވާހަކަ އޭނާގެ ކައިރީގައި ބުނީމެވެ.

"ލިޔު ހިތްހަމަ ޖައްސައިދޭން އަހަންނަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަން މިހިރީ ތައްޔާރަށް.. ތިއަށްވުރެ މުހިއްމު މީހެއް އަހަރެންގެ ހަޔާތަކަށް ނާންނާނެ!" އެދުވަހުވެސް އޭނާ އަހަންނާއި ދިމާލަށް ބުންޏެވެ.

އޭނާ އެހެންބުނާ ކޮންމެ ފަހަރަކު އަހަންނަށް އުނދަގޫވެއެވެ. އޭނާއަށް ތާ އަބަދު ހަމަ އެގޮތުގައި ހުރެވޭނެ ބާވައޭ ހިތަށް އަރައެވެ. އެކަމަކު އޭނާ ކައިރީގައި އެހެން އަންހެނެއް ހޯދާ ވާހަކަ ދައްކާ ވަރަށް ވުރެ އަހަރެން ފިނޑިއެވެ. ނޫނެކެވެ. ފިނޑީއެއް ނޫނެވެ. އެއަށް ވުރެ އަމިއްލަ އެދުން ބޮޑީއެވެ.

ނޫރާމެން ސްކޫލުގެ ފެއަރ އަކަށް ތައްޔާރުވަމުން ދިޔައިރު އެތަން ތައްޔާރުކުރަން އުޅުނު ބެލެނެވެރިންގެ ތެރޭގައި އިއްމަވެސް ހިމެނެއެވެ. ރޭގަނޑު ކައިގެން އެތަނުގެ މަސައްކަތައް ދާން ފެށިއެވެ. އެހިސާބުން އަހަންނަށް އުނދަގޫވާން ފެށިއެވެ. އެތަނުން އޭނާއަށް އެހެން ކުއްޖަކު ފެނި އަޅައިގެންފާނެއޭ ހިތްބުނާތީއެވެ. އޭނާއަކީ ކުރިން އެގޮތަށްވެސް އެގޮތަށް ބޭރަށް ގޮސް އުޅޭ މީހެއް ނޫނެވެ. އެހެންކަމުން އޭނާ ގެއަށް އަންނަންދެން ނުނިދާ އޭނާގެ އިންތިޒާރުގައި އިނދެވެއެވެ.

ފެއަރ ހުޅުވުމުގެ ކުރީރޭ ތަންކޮޅެއް އަވަހަށް ދާން ވެގެން އިއްމަ ދިޔައީ ނުވެސް ކައެވެ. އޭނާ އާދޭތޯ އެތައް އިރަކު މަޑުކޮށްފައި، އަހަރެން ބޭސްކާން ޖެހެނޭތީ އެންމެ ފަހުން ކެއީއެވެ. އޭނާ އައީ ބާރަވެސް ޖެހިފަހުންނެވެ. އަހަރެން އޭނާ ކައިރީ ކާންވީ ނޫންތޯ ބުނުމުން ނުކާނަމޭ ބުނަމުން އަހަރެންގެ ކައިރީ އިށީނެވެ.

"މިއައީ ފާރިޝް އާއި އެކީ ހޮޓަލުން ކައިގެން!"

އެނަން އަޑު އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ކީކޭ ހޭ އަހާލެވުނެވެ.

"މިޝްކާގެ ބައްޕަ!" އޭނާ އޮޅުންފިލުވައި ދިނެވެ.

އެކުލާހުގައި އުޅޭ މިޝްކާއެއްގެ ވާހަކަ ނޫރާ އަބަދުވެސް ދައްކާނެއެވެ. "މައި ފުރެންޑު މިޝްކާ" އޭނާގެ ވާހަކައިގަ ވަރަށް ގިނައިން އަންނާނެއެވެ. އެއީ އެ ފާރިޝް ނޫންކަން އެނގުނީމާ އަހަރެންގެ ހިތަށް އެވަގުތު ލުއިވެގެން ދިޔައެވެ.

އެހެންނަމަވެސް، އެރޭ އަނެއްކާވެސް ފާރިޝް މަތިން ހަނދާންވެފައި ނުނިދިފައި އޮވެވުނެވެ. އެހަނދާން އާވާ ކޮންމެ ފަހަރަކު ހަމަ ދާދި ދެންމެ ހިނގާ ދިޔަ ކަމެއްހެން އެމަންޒަރުތައްވެސް ސިފަކުރެވެން ފަށައެވެ. އަހަންނަށް އެންމެ އުނދަގޫވަނީ ފާރިޝްގެ ހާލު ނޭނގޭތީއެވެ. އޭނާ ބަލިތޯ ނުވަތަ ގަދަ ތޯ އޮޅުން ނުފިލާތީއެވެ. އަހަންނަށް މިބަލި ޖެހުނީ އޭނާގެ ފަރާތުންކަމެއް ނުވަތަ އޭނާއަށް މިބަލި ދެވުނީ އަހަންނަށްކަމެއް ނޭނގޭތީ ބައެއް ފަހަރަށް ވަރަށް، ވަރަށް ކަންބޮޑުވެއެވެ.

ސްކޫލު ފެއަރ އޮތީ އަނެއްދުވަހު ހަވީރުއެވެ. އެތަނުން އެބުނާ ފާރީޝް އެއް އަހަންނަށް ތަޢާރަފު ވިޔެވެ. އެއީ އަހަރެންގެ ފާރިޝް އާއި އެއްވެސް ގުޅުމެއް ހުރި މީހެއް ހެނެއް ހިޔެއްނުވެއެވެ.

"ހާދަ ރީއްޗޭދޯ އިއްމަގެ މަސައްކަތް!" އޭނާ އަހަންނާއި މުޙާތަބު ކުރިއެވެ.

އޭނާގެ ވާހަކައިގެ ރާގުން އެއީ ދެކުނު ކޮންމެވެސް ހިސާބެއްގެ މީހެއްކަން އަހަންނަށް ޔަގީންވިއެވެ. އިއްމަ ކުރަހާފައި ހުރި ކާޓޫން ކެރެކްޓަރތަކަށް ބާލަން ހުރެ އަހަރެން ހިނިތުންވެލަމުން އޭނާ އާއި އެއްބަސް ވުމަށް ބޯޖަހާލީމެވެ.

"ލިއުޝާ ވަރަށް އުފާވޭ ދޯ އެހާ މޮޅު މީހާކާ އިނދެގެން އުޅެން" މިޝްކާގެ މަންމަ ބުނެލިއެވެ. މިޝްކާގެ މަންމައާއި ސްކޫލު ދޮށުން ދިމާވެގެން ދެމީހުން ވާހަކަ ދައްކާ ހަދާތާ ދުވަސް ކޮޅެއް ވެއްޖެއެވެ.

"ނޫރާ ވެސް ވަރަށް ރީތި ވާނެ ކުރަހާލެއް" އަހަރެން ފޮނިވެލީމެވެ.

ސަލީނާ ދޭތެރެ ދޭތެރެއިން އަހަރެންގެ ހާލު ބަލަން ގުޅައެވެ. އަދި ބަރާބަރަށް އަހަންނަށް ބޭސް ފޮނުވައިދެއެވެ. ގިނަ ފަހަރަށް ބޭސް ހުސްވުމުގެ ކުރިން އިއްމަ އިންޑިޔާއަށް ދަނީއެވެ. އެބޭސް ތަކަށް އެމީހުން އެއްގޮތަކަށްވެސް ލާރީގައި ނުހިފައެވެ. އެއީ ދޮންބެއާއި ދައްތަމެން އަހަންނަށް ކޮށްދޭ ކަމެއް ކަމުގައި ބުނެފައި ނިންމާލަނީއެވެ. އަހަރެން ދޮންތަ ކައިރީގައި އެވާހަކަ ދެއްކީމެވެ. އެއީ ދޮންތަ ބުނިކަހަލަ ގޯސް މީހެއްނޫނޭ ބުނުމުގެ ގޮތުންނެވެ. އެކަމަކު ދޮންތަ އެކަން ގަބޫލު ކުރިހެނެއް ހިޔެއްނުވެއެވެ. އެވާނީ އިމްރާން ދެކެ އޭނާ ވާ ލޯތްބެއްގެ ސަބަބުން ކަމަށޭ ވަރަށް ފަރުވާ ކުޑަގޮތަކަށް އޭނާ ބުނެލިއެވެ.

އެއްފަހަރަކު އިއްމަ އިންޑިޔާއަށް ގޮސްފައި ގުޅާފައި އޭނާ އޯޑަރު ދިން ޓީ ޝާރޓު ތަކުގައި ކުޑަ މައްސަލައެއް އުޅޭތީ ތިންދުވަސް އިތުރަށް މަޑުކުރަން ޖެހުނު ވާހަކަ ބުންޏެވެ. އޭރު އަހަރެންގެ އަތުގައި ބާކީ ހުރީވެސް ތިން ދުވަހު ކާހާ ބޭހެވެ. އެކަންވެސް އިއްމަ ހަނދާން ހުއްޓެވެ. އެހެންވީމާ ބޭސް ހުސްނުވަނީސް އާދެވޭނެ ނޫންހޭ އޭނާ ބުނެލިއެވެ. ފޯނު ބޭއްވިއިރު އަހަރެން ހުރީ ވަރަށް ބޮޑަށް އުފާވެފައެވެ. އަހަރެންގެ ފިރިމީހާ އަހަންނާއި ދޭތެރޭ ވިސްނާވަރު އެއިންވެސް ހާމަ ވެގެން ދިޔައީތީއެވެ. އޭނާ އެނބުރިއައުމުން އަހަރެން އޭނާގެ ގައިގަ ބައްދާލާފައި އަހަރެންގެ ބޭސް ހުސްވާ ދުވަސް ހަނދާން ހުރީތީ ވަރަށް އުފާވި ވާހަކަ ބުނީމެވެ.

"ބުނީމެއްނު އަހަންނަށް ތިއަށްވުރެ މުހިއްމު މީހަކު މިދުނިޔެ މައްޗަކު ނެތޭ... އެހެންވީމާ ހަނދާން ހުންނާނެއެއްނު!" އޭނާވެސް ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ.

އަހަރެންގެ އާދައިގެ މަތިން އޭނާގެ ފޮށި ހުސްކޮށް ދާ އެއްޗެތި ދޮންނަން އަޅަން ދިޔައީމެވެ. އޭނާގެ އެއްޗެތި މެޝިނަށް އަޅަމުން ގޮސް އޭނާ އެކޮޅަށް ދިޔައިރު ލައިގެން ހުރި މަޑު ނޫކުލައިގެ ގަމީސް ނެގި ވަގުތު އޭގެ ގިރުވާނުކައިރީ ކޮޑުމަތީގައި މަޑު ފިޔާތޮށި ކުލަ ޖެހިފައި ހުއްޓާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. އޭނާލާ އެއްޗެތީގައި ކުލަ ޖެހިފައި ހުރުމަކީ އާއްމު ކަމެކެވެ. އެހެންކަމުން އަހަރެން ހީކުރީ އެއީ ކުލަ ކަމަށެވެ. އެހެންނަމަވެސް އޭނާ އިންޑިޔާގައި އެކަހަލަ ރީތި ގަމީހެއްލައިގެން، އެކަހަލަ މަސައްކަތެއް ކުރަން އުޅެފާނެ ބާވައޭ ހިތަށް އެރިއެވެ. ދެވަނަ ފަހަރަށް ތަންކޮޅެއް ރަނގަޅަށް އެތަން ބަލާލާފައި އެއީ ލިޕްސްޓިކް ބާވައޭ އަހަރެންގެ ހިތަށް އެރިއެވެ. އެޔާއި އެކު އަހަރެން ފިނިވެގެން ދިޔައެވެ.

އެރޭ އަހަންނަކަށް ނުނިދުނެވެ. އަހަރެންގެ ހިތަށް އެކި ފާޑު ފާޑުގެ ވަހުމް ވަންނަން ފެށިއެވެ. އޭނާ އިންޑިޔާއަށް ދިޔައީ އަންހެން ކުއްޖަކު ގޮވައިގެން ބާވައޭ ހިތަށް އަރަން ފެށިއެވެ. އާނއެކެވެ. އޭނާ އަކީވެސް ޒުވާން ފިރިހެނެކެވެ. އަހަންނަށްޓަކައި އެގޮތުގައި މުޅި އުމުރު ހޭދައެއް ނުކޮށްލާނެކަން އަހަންނަށް އަބަދުވެސް އެނގެއެވެ. އެހެނަސް އަހަރެންގެ ޟަމީރު އެކަން އެގޮތަށް ގަބޫލު ކުރަން ބޭނުން ނުވަނީއެވެ. ސްކޫލު ފެއަރ އަށް ފަހު އޭނާއަށް އަލަށް ލިބުނު ރައްޓެހިންނާއި އެކީގައި ކޮފީއަށޭ ކިޔާފައި ދޭތެރެއަކުން ދެއެވެ. އޭނާ އަންހެން ކުއްޖަކު ހޯދީ ހެއްޔެވެ؟ އަހަރެން ދެރަވެ ކަންބޮޑުވާން ފެށިއެވެ.

ދެދުވަސް ވެގެން ދިޔައިރުވެސް އަހަންނަކަށް އެކަންތައް ހަނދާން ނައްތައެއް ނުލެވުނެވެ. އޭރު އަހަރެން އަމިއްލެ އަށް އެއީ ހަމަ ލިޕްސްޓިކް ކަމަށްވެސް ނިންމައިފީމެވެ. އެހެންނަމަވެސް އިއްމަ ކައިރީ އެވާހަކަ ދައްކާކަށްވެސް ނުކެރުނެވެ. އެކަން ހިތަށް އެރުމާއިއެކު ފާޑެއްގެ ބިރެއް ގަންނަން ފަށައެވެ.

އެހެންނަމަވެސް، އަހަރެންގެ ހިތާއި ނަފްސު ކެނޑި ނޭޅި އަހަންނަށް އުނދަގޫ ކުރަމުން ގެންދިޔައެވެ. އެ ލިޕްސްޓިކްގެ ހަގީގަތް އޮޅުން ފިލުވާށޭ ބުނަމުން ގެންދިޔައެވެ. ކޮންމެ ގޮތެއްވިޔަސް އެއީ އަހަރެންގެ ފިރިމީހާއޭ އެހެންވީމާ އަހަންނަށް އެވަރުކަމެއް އެނގުމުގެ ހައްގު އޮންނާނެއޭ ބުނެ އަހަރެންގެ ސިކުނޑި ވަކާލާތު ކުރަމުން ގެންދިޔައެވެ.

އަހަރެންގެ އަމިއްލަ ސިކުނޑި ބުނެދިނީ އޭނާ މިކޮޅުން އަންހެން ކުއްޖަކާއި އެކިގައި އިންޑިޔާއަށް ދިޔައީ ކަމުގައެވެ. އެކަމަކު އެހެން އަންހެން ކުއްޖެއް ގޮވައިގެން ގޮސް ދޮންބެގެ ގޭގައި އޭނާ ނުހުންނާނެ ކަން އަހަންނަށް ހަމަ ޔަގީނެވެ. ސަލީނާމެންނަށް އެކަހަލަ ކަމެއް އެނގުނިއްޔާ އަހަރެން ކައިރީގައި ބުނާނެ ބާވައެވެ؟ އަހަރެންގެ ސިކުނޑި ހަލަ ބޮލިވެގެން ދިޔަ ދިޔައިނުން އެންމެ ފަހުން ބޮލުގައި ރިއްސަން ފެށިއެވެ.

އަނެއްރޭ ނޫރާ ނިންދަވާފައި އަހަރެން ޓީވީ ކައިރީގައި އިންދާ އިއްމަ ފެންވަރާ ރީތިވެގެން ނުކުމެފައި އެބަ އަންނަމޭ ކިޔާފައި ބޭރަށް ދާން ނުކުތުމުން އަހަރެންގެ ޝައްކު ޔަގީނަށް ބަދަލުވިއެވެ. އަހަރެން އެތާނގައި އިނދެ ރުއީމެވެ. އޭނާގެ ހަޔާތައް އެހެން އަންހެނަކު އައިމާ ދެން އަހަންނަށް ވާނީ ކިހިނެއް ހެއްޔެވެ؟

އެހިސާބުން އަހަރެންގެ ވިސްނުން ފާރިޝް އާއި ދިމާލަށް ދިޔައެވެ. އިއްމަ އެއީ ފާރިޝް ނަމަ އަހަންނަކަށް އެހެނެއް ނަހަދާނެއޭ ހިތަށް އެރިއެވެ. އަނެއްކާވެސް ފާރިޝް އާއި ގުޅަން އަހަރެންގެ ހިތް އެދެން ފެށިއެވެ. އިއްމަ ގެއަށް އައިއިރުވެސް އަހަރެން އޮތީ ނުނިދައެވެ. އޭނާ ކޮޓަރިއަށް ވަދެ އެއްޗެތި ބަދަލުކޮށްލައިގެން ނިކުތީއެވެ.

އޭގެ އިރުކޮޅެއް ފަހުން ފެންބޯން ކަމަށް ހަދާފައި އަހަރެން ނުކުތް އިރު އޭނާ މަސައްކަތް ކުރަން ހުއްޓުވެ. އަހަރެން ގޮސް ދޮރުމައްޗަށް އެރުމުން ލިޔު އަދިވެސް ނުނިދަން ހެއްޔޭ އަހާލިއެވެ.

"ހޭލެވުނީ ފެން ބޮވައިގަނެގެން" އަހަރެން ދޮގެއް ހަދާލީމެވެ.

"މިއައީ ޒައްރަމެންނާއި އެކީ މީޓިން އަކަށް ގޮސްސަ" އޭނާ ވަރަށް ހެވިފައި ވާހަކަ ދެއްކިއެވެ. "ގެސްޓު ޝޮޕްގެ ކަންތައް ހީކުރިވަރަށް ވުރެ އަވަހަށް ވާނެ ކަންނޭގެ!" އޭނާ ބުނެލިއެވެ.

އިއްމަ އެހެން ބުނުމުން އަހަރެން އުފާވިއެވެ. އޭނާއާއި ގުޅުވައިގެން އަހަރެންގެ ހިތަށް އެވައިން ވަސްވާސް ތަކުގެ ސަބަބުން އަމިއްލެއަށް ލަދުވެތިވެވުނެވެ.

އަނެއްދުވަހު ހެނދުނު އަހަރެން ގޭތެރެ ސާފުކުރަން އުޅެނިކޮށް ސްޓޫޑިޔޯ ތެރެއިން އިއްމަގެ ފޯނު ވާ އަޑު އިވެންފެށިއެވެ. އޭރު އިއްމަ އޮތީ ނިދާފައެވެ. އަހަރެންގޮސް ވައިންތަނާ އެ ފޯނު ކެނޑުނެވެ. ގުޅާފައި އިނީ ސޭވް ނުކޮށް އިން ނަމްބަރަކުންނެވެ. އެއީ އެލިޕްސްޓިކްގެ ވެރިޔާ ހެއްޔެވެ؟ ދެކޮޅު ހޯދާ ބަލާލަފައި އެފޯނު ނަގާ މެސެޖް އިންބޮކްސް ހުޅުވާލީމެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންތިޒާރުގައި

Popular