20 Apr 2024

ހެދުމާއި ބުރުގާ ގުޅުވާނެ ގޮތުގެ މި ގައިޑަކީ އަލަށް ބުރުގާ އަޅަން ފަށައިގެން އުޅޭ ނަމަ އެހީއެކެވެ. ސްޓައިލްކުރުން ކުއްލިއަކަށް ގިނަވާއިރު ބިޒީކޮށް އުޅެމުން، ލާންވީ ހެދުމާއި އެއާ ގުޅޭ ބުރުގާއާ ދޭތެރޭ ކޮންމެ ދުވަހަކު ވިސްނުމަކީ ފުރަތަމަ ކޮޅު ބޮޑު ކަމަކަށް ވެދާނެ އެވެ. މި ޕްރޮސެސް ފަސޭހަކޮށްލަދެވޭތޯ މި ބަލަނީ އެވެ.

"މިކްސް އެންޑް މެޗް"

މިކަން މާސްޓާކުރުމުގެ ބޭނުމަކީ މީ މުޅި އައުޓްފިޓަށް ދިރުން ގެނެސްދޭނެ ކަމަކަށް ވާތީ އެވެ. މިސާލަކަށް، ހެދުމާ އެކު އޭގެ ކުލަތަކަށާއި ސްޓްއިލަށް ކޮންޕްލިމެންޓު ނުވާ ބުރުގާއެއް އަޅާފައި ހުރުމުން މުޅި މީހާގެ ހެދުމުގައި އައިބު އަދި ބަލައިލަން އުނދަގޫ ގޮތެއް ހުރެދާނެ އެވެ.

މިކަން ރަނގަޅަށްކުރަން ވިސްނާލަން ޖެހޭ އެންމެ މުހިންމު އަދި އެންމެ ފަސޭހަ ގޮތަކީ ބުރުގާގެ ފޮއްޗައް ސަމާލުކަން ދިނުމެވެ. ޝިފޯން ފޮތީގެ ބުރުގާ އަކީ ލުއި ގޮތެއް ދައްކުވައިދޭ ވައްތަރެކެވެ. މާ ބޮޑަށް ހޫނުވާ ނަމަ ރަނގަޅު ކޮޓަން ވޮއިލް ބުރުގާއެއް އެޅުމުން ވައިދައުރު ކޮށްދޭނެ އެވެ. "ސޮފިސްޓިކޭޓަޑް" ނުވަތަ ހައިބަތެއް ހުރިކަން އަންގާލަދޭ ކަހަލަ ސްޓައިލެއް ބޭނުންވާ ނަމަ ޖޯޖެޓް ފޮތީގެ ބުރުގާއެއް ހޯދާށެވެ. ޖާޒީ ނުވަތަ ދެމޭ މަޑު ފޮތީގެ ބުރުގާ އަކީ ޕިންތައް ޖަހަން ފޫހިވާ ނަމަ އަޅާލަން ފަސޭހަ އަވަސް ގޮަތަކަށް ސްޓައިލް ކޮށްލެވޭނެ ވައްތަރެކެވެ.

ހުރިހާ ހެދުމަކާ ގުޅޭނެ ކުލައަކީ ކޮބާ؟

މިއީ އަލަށް ބުރުގާ އަޅާ ނަމަ ބައެއް މީހުން ވަރަށް ވިސްނާ އެއްކަމެވެ. އެއްފަހަރާ މާ ބައިވަރު ބުރުގާތަކެއް ނުގަނެ ހުރިހާ ހެދުމަކާ ގުޅޭ ކުލަތަކަށް ސަމާލުކަން ދޭން ބޭނުންވެ އެވެ. މިގޮތަށް ވިސްނާ ނަމަ ނިއުޓްރަލް ކުލަތައް ހޯދާށެވެ. ކަޅު ކުލައަކީ ރީތިވެލައިގެން ހުންނަ އައުޓްފިޓަކާ ގުޅުވާލަން "ބޯރިންގް" ބުރުގާ ކުލައަކަށް ވިޔަސް މީ އަތުގައި އޮތުން މުހިންމު ކުލައެކެވެ. އޭގެ އިތުރުން އެކި ޝޭޑުގެ މުށި ކުލަ އަދި އަޅި ކުލަ ހިމެނެ އެވެ. މީގެ އިތުރުން ޕޭސްޓަލް ކުލަތަކާއި ރަތް ކުލަ ފަދަ ބޯލްޑު ކުލަތައް އަތުގައި ހުރުމަކީ މޫޑާއި އައުޓް ފިޓް ގުޅުވާލަން އެކި ދުވަސް ދުވަހަށް އެހީއަކަށް ވާނެ ކުލަ ތަކެކެވެ.

ހަންގަނޑާ ގުޅޭ ކުލަތަކަކީ ކޮބާ؟

ބުރުގާގެ ކުލައަކީ ހެދުމާ އެއްވަރަށް އެ މީހެއްގެ ހަންގަނޑުގެ ކުލަޔާ ކޮންޕްލިމެންޓުވާ ކުލައެއްތޯ ބަލަންވާނެ އެވެ. ބުރުގާގެ ކުލަޔާއި އެ މީހެއްގެ އައުޓްފިޓުގެ ބޮޑުބައިގައި ހުރި ކުލަ ކޮންޓްރާސްޓުވާން ވާނެ އެވެ. "ވޯމް" ނުވަތަ ކަޅުކޮށް ހަންގަނޑުގެ ޓޯން ހުންނަ ނަމަ ރީތިވާނީ ބޮޑަށް އާތީ ޓޯންތަކެވެ. އޭގެ ތެރޭގައި އޮލިވް، މަސްޓާޑް އަދި ޓެރަކޮޓާ ފަދަ ކުލަތައް ގުޅޭނެ އެވެ. "ކޫލް" ނުވަތަ އަލިކޮށް ހުންނަ ހަމުގެ ޓޯންތަކާ ބޮޑަށް ގުޅޭ ކުލައަކުގެ ތެރޭގައި ނޫކުލަ، ދަނބު، އަދި އަލިކޮށް ހުންނަ ރަތް ކުލަތަކުގެ ޝޭޑުތައް ހިމެނެ އެވެ.

ބުރުގާ އަޅާއިރު ލެވޭނީ ކޮންކަހަަލަ ހެދުމެއް؟

ދިގުކޮށް ހުންނަ ހެދުމަކީ ބުރުގާއާ އެކު ގުޅުވުމުން އަންހެންވަންތަ އަދި އެލެގަންޓު ގޮތެއް ދައްކުވައިދޭނެ ރީތި ސްޓައިލެކެވެ. ދިގުކޮށް ހުންނަ ހެދުމެއް ލާއިރު އޭގައި ޕްރިންޓު ނުވަތަ ޕެޓާންތަކެއް ހުރެއްޖެ ނަމަ އެއް ކުލައިން ހުންނަ ޕްލެއިން ބުރުގާއެއް އެޅުމަކީ ބަލަންވާނެ ކަމެކެވެ. އެއް ކުލައަކުން ހުރި ގޮތްބޮޑު ނޫން ހެދުމަކާ އެކީ ބޯލްޑު ކުލައެއްގެ ބުރުގާއެއް އަޅާލުމުން ރީތިވާނެ އެވެ. ފޯމަލް ހަފްލާއަކަށް ދާން ނަމަ ޝިފޯން އަދި ޖޯޖެޓް ފޮއްޗަކީ ރީތި މެޓީރިއަލްތަކެވެ.

މި ގައިޑުގެ އެހީގައި މިނޫނަސް އިތުރު ސްޓައިލްތަކާއި ކުލަތައް އަމިއްލަޔަށް ބަލާލާށެވެ. އައުޓްފިޓާ ގުޅޭ ބުރުގާއެއް ހޯދަން އުނދަގޫ ވެގެން ރުޅިގަދަ ވުމުގެ ބަދަލުގައި ހިތްހަމަ ޖެހޭ، މޫޑާއި ހާލަތާއި އެމީހެއްގެ މިޒާޖާ ގުޅޭ ކުލަތަކާއި ސްޓައިލްތައް ހޯދަން ވަގުތު ދިނުމަކީ މުހިންމުކަމެކެވެ.

Popular