11 Jan 2019

ނިވައިރޯޅި ރިވިއު: ނިއުމާ ދާތީ ދެރަވާ ވަރުވޭ

ނިވައިރޯޅި ރިވިއު: ނިއުމާ ދާތީ ދެރަވާ ވަރުވޭ

By: Aishath Maaha

"ނިވައިރޯޅި" ގެ ނަމުގައި ފިލްމެއް ހަދައި އެއީ ތިމަންނަ ކެމެރާގެ ކުރިމަތިން ފެންނާނެ އެންމެފަހު ފިލްމު ކަމަށް ބުނެ، ނިއުމާ މުހައްމަދު މީގެ އަހަރެއްހާ ދުވަސް ކުރިން ފިލްމު އިއުލާނުކުރި ފަހުން ފިލްމަށް ކުރި އިންތިޒާރަށްވުރެ އޭނާގެ ފޭނުން ކުރި ހިތާމަ މާ ބޮޑެވެ. އަހަރުތަކެއް ވަންދެން ދިވެހި ފިލްމީ އުދަރެހުގެ ތަހުތުގައި އިން "ރާނީ" ގެއްލެން އުޅެނީއޭ ހިތާ އެވެ.

ނަަމަވެސް ކެމެރާގެ ފަހަތަށް އަރާ ރިހި ސްކްރީނަށް "ނިވައިރޯޅި" އެރުވުމަށްފަހު ނިއުމާ ނިވާވީ "ގޯނާ" ޕްރޮޑިއުސްކޮށް އެ ފިލްމު ޑައިރެކްޓްކުރުމުގެ މަސައްކަތް ކުޅަދާނަ ޑައިރެކްޓަރު ރަވީ ފާރޫގާ ހަވާލުކޮށްފަ އެވެ. ފިލްމަކުން ދެން ނުފެނުނަސް، ފިލްމީ ދާއިރާއިން އޭނާ ނުގެއްލޭނެކަމުގެ ޔަގީންކަން ދެމުންނެވެ.

"ހިތި ތަޖުރިބާ" އަކުން ފެށި ނިއުމާގެ ފިލްމީ ކެރިއަރު 24 އަހަރު ފަހުން ނިންމާލައިފައި ކެމެރާގެ ފަހަތަށް މި ޖެހިލީ ފޮނި އަދި ކާމިޔާބު އެތައް މަސައްކަތްތަކެއް ދޫކޮށްލައިފަ އެވެ. ކެމެރާގެ ކުރިމަތިން ނިއުމާ ގެއްލޭއިރު އޭނާގެ އެންމެ ފަހުގެ މަސައްކަތް ރިވިއުކޮށްލަން ހިނގާށެވެ.

މެއިން ކްރެޑިޓްސް

ނިއުމާ މުހައްމަދު - މާނާ

ޔޫސުފް ޝަފީއު - ރިއްފަތު

އަހްމަދު އާސިމް - ހައިދަރު / ހާޑީ

ޑައިރެކްޓަރު - މޫމިން ފުއާދު

ސްކްރީންޕްލޭ - މޫމިން ފުއާދު

ޕްރޮޑިއުސަރު - ނިއުމާ މުހައްމަދު

ފިލްމުގެ ދިގުމިން - 130 މިނެޓު

ފިލްމުގައި ވަނީ ކިހިނެއް؟

ފިލްމުގައި ރިއްފަތު (ޔޫއްޕެ) އާއި މާނާ (ނިއުމާ) އަކީ އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ އެކަކު އަނެކަކުގެ ކުރިއެރުމަށް ހާއްސަ ސަމާލުކަމެއްދީގެން ދިރިއުޅެމުން އަންނަ ޒަމާނީ ދެމަފިރިންނެވެ. ކައިވެނިކޮށް އަހަރުތަކެއް ހޭދަވެގެން ގޮސްފައިވާއިރު ދަރިން ހޯދައި އާއިލާއެއް ފެށުމަށްވުރެ ބޮޑަށް އެދެމަފިރިން މަސައްކަތްކުރަމުން އަންނަނީ އަމިއްލަ ހުވަފެންތަކުގައި ކުލަޖެއްސުމަށެވެ. ދެ ފަރާތު އާއިލާގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށް ވަނީ އެކަމެވެ.

"ނިވައިރޯޅި"ގެ ޓްރެއިލާއިން ނަގާފައިވާ މަންޒަރެއް --

ރާއްޖެއިން ބޭރުގައި މާނާ މަތީ ތައުލީމު ހާސިލުކުރަމުން އަންނައިރު ރިއްފަތު އަންނަނީ މާލޭގައި އޭނާގެ ބައްޕައާ ގުޅިގެން ކުރަމުން އަންނަ ވިޔަފާރި ދުވަހެއް ދުވަހަކަށް ފުޅާކުރަމުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރިއްފަތުގެ ދެމަފިރިން އުޅެމުން އަންނަނީ ތަނަވަސް ދިރިއުޅުމެކެވެ. ފިލްމުގެ މައިގަނޑު ވާހަކަ އާއި މައްސަލަގަނޑު ފެށިގެން އަންނަނީ ޗުއްޓީއަށް މާނާ އެނބުރި ގައުމަށް އަންނަ ހިސާބުންނެވެ.

ފިރިމީހާ ދެކެ އިންތިހާއަށް ލޯބިވާ ކިޔަމަންތެރި މާނާގެ މިޒާޖަށް އަންނަ ބަދަލުތަކާއެކު މައްސަލަތައް މަޑުމަޑުން އުފެދެން ފަށަ އެވެ. އަމިއްލައަށް މައްސަލަތައް އުފައްދައި ރިއްފަތަށް ޝައްކުކޮށް މާނާގެ "މޫޑު ސްވިންގް"ތައް ގުޅިފައި އޮތީ ޑިޕްރެޝަންނާއޭ ހީވެ އެ ބައްޔަށް ބޭސްކުރަން ފަށަ އެވެ. ޑިޕްރެޝަންއޭ ހީވި އަނެއް ސަބަބަކަށް ވަނީ ދަރިޔަކު ހޯދުމުގެ އެއްވެސް ވިސްނުމެއް އަދި އެއްވެސް ޕްލޭންއެއް ނެތި ހުއްޓައި މާނާ ބަލިވެ އިނުމެވެ. އެފަދަ ބައެއް ސަބަބުތަކަކީ ވެސް ބައެއް އަންހެނުން ޑިޕްރެޝަނަށް ދިއުމަށް މެދުވެރިވާ ސަބަބެކެވެ.

ފިލްމުގެ ފުރަތަމަ ހާފް ނިމުމަކާ ހަމައަށް އަހަރުމެން ވެސް ހީކުރީ މިއީ ޑިޕްރެޝަންގެ ވާހަކަ ކިޔައިދޭ ފިލްމެއް ކަމަށެވެ. "މި ފިލްމަކީ އިޖުތިމާއީ އެތައް މައްސަލަތަކެއް ވެސް ދައްކުވައިދޭނެ ފިލްމެކޭ" ނިއުމާ ބުނެފައިވާތީ ވެސް އެކުގަ އެވެ. ނަމަވެސް ބައެއް ފަހަރު މާނާގެ ބުއްދި ގޯސްވެފައޭ އެހެރީ ބުނާ ހިސާބަށް އޭނާގެ އަމަލުތައް ބަދަލުވެގެންދާތަން ފެނިގެންދިޔަ އެވެ.

"ނިވައިރޯޅި" ގެ ޓްރެއިލާއިން ނަގާފައިވާ މަންޒަރެއް --

ސްޕޮއިލާ އެލާޓް!

އަހްމަދު އާސިމް (ހާޑީ)ގެ ކެރެކްޓަރު ފިލްމުގެ ތެރެއަށް ފުންމާލަނީ މިހާ ހިސާބުންނެވެ. ނުވަތަ ދެވަނަ ހާފުގަ އެވެ. ހާޑީގެ ރޯލު ކިޔައިދޭ ނަމަ އެއީ ރިއްފަތުގެ ސްކޫލް ދައުރު ނުވަތަ އެމީހުންގެ ޅައިރުގެ ގާތް އެކުވެރި އެކެވެ. ފިލްމުގައި ހާޑީ އާއި ރިއްފަތު ބައްދަލުވަނީ އެމީހުން ބައްދަލުނުވާތައި 15 ވަރަކަށް އަހަރު ފަހުންނެވެ. ނަމަވެސް އެކުވެރިކަމުގެ ގުޅުން ވަރުގަދަވެފައި ތެދުވެރިކަމަށް ފެނެ އެވެ.

އިތުރަށް ހާޑީގެ ވާހަކަ ނުވަތަ ހަގީގީ ހާޑީއަކީ ކާކުކަން ބުނެދީފި ނަމަ ފިލްމު ނުބަލާ މީހުންނަށް މި ފިލްމު އެއްކޮށް ސްޕޮއިލްކޮށްލެވުނީ އެވެ. ފިލްމުގައި ފެނިގެންދާ ހަގީގީ ވާހަކަ އާއި ހަގީގަތްތައް ނިއުޅިގެން އަންނަ ގޮތް އިތުރަށް ކިޔައެއް ނުދޭނަމެވެ. އޮލިމްޕަހަށް ގޮސް އެބައި ބަލައިލާށެވެ. އެ ދެ ގަޑިއިރެއްހާއިރު ބޭކާރު ވަގުތުތަކަށް ނުވާނެކަމުގެ ޔަގީންކަން ދެމެވެ.

ތައުރީފު

މި ފިލްމަށް ތައުރީފުކުރަން ފަށަންވީ ކިހާ ހިސާބަކުން ހެއްޔެވެ؟ ތަރިންގެ އެކްޓިން ނުވަތަ ފިލްމުގެ ޕްލޮޓް މޫމިން ފުއާދު އަތުރާލާފައި އޮތް ފުރިހަމަކަމުން ފަށައިގެން ހެއްޔެވެ؟ ނޫނީ ފިލްމުގެ އާޓް ޑިރެކްޝަނާއި ހިސާބުން ހެއްޔެވެ؟ މިއިން ކޮންމެ ބަޔަކަށް ތައުރީފުނުކޮށް ދޫކޮށްލެވޭކަށް ނެތެވެ. ފިލްމު ބެލި ކޮންމެ މީހަކު ވެސް މިކަމާ އެއްބަސްވާނެ އެވެ.

ތަރިންގެ އެކްޓިނުން ފަށަން ހިނގާށެވެ. މެއިން ތިން ކެރެކްޓަރު ނިއުމާ، ޔޫއްޕެ އަދި އާސިމް އަކީ ދާއިރާގައި ތަޖުރިބާ ހުރި ފުންނާބު އުސް އެކްޓަރުންނެވެ. ތިން އެކްޓަރުންގެ އެކްޓިންއަށް ވެސް ފުލްކޮށް މާކްސް ދޭ އިރު އަމިއްލަ ފޭވަރިޓަކީ އާސިމް އެވެ. ހާޑީގެ ރޯލުގައި އާސިމް ދައްކާފައިވާ އެކްޓިންއަކީ މިހާތަނަށް އާސިމް ދައްކާފައިވާ އެންމެ ރަނގަޅު އެކްޓިންއޭ ބުނަންޖެހެ އެވެ. އެ ރޯލު ކުޅުމަށް އޭނާ ދެ އަހަރުވަންދެން ދިޔައީ ތައްޔާރުވަމުންނެވެ. އެ ދެ އަހަރުގެ މަސައްކަތް ބޭކާރުނުވާކަން ފިލްމުން އިނގެ އެވެ.

ޔޫއްޕެގެ އެކްޓިންއާ މެދުގައި ދައްކާނެ މާ ގިނަ ވާހަކަތަކެއް ނެތެވެ. އަދިވެސް އެއީ އަހަރެމެންގެ އެންމެ ފޭވަރިޓް އަދި އެންމެ މޮޅު އެކްޓަރެވެ. ނިއުމާއަކީ ވެސް އަހަރެމެންގެ އެ ފޭވަރިޓް ލިސްޓުގައި އޮތް ތަރިއެކެވެ. އެކަމަކު މި ފިލްމަކީ މިހާތަނަށް އަހަރެމެން ބެލި ނިއުމާގެ ފިލްމުތަކުގެ ތެރެއިން އޭނާގެ އެންމެ ފުރިހަމަ އަދި އެންމެ ނެޗުރަލް އެކްޓިންއެއް ފެނިގެންދިޔަ ފިލްމެވެ. ފިލްމުގެ ފުރަތަމަ ހާފް ހާއްސަކޮށްފައި އޮތީވެސް ނިއުމާއަށެވެ. ފިލްމު ބަލަން އިންއިރުގައި ނިއުމާ ހަދާލާގޮތަކުން ގޮނޑިން ނުވެއްޓި ދަނީ ކިރިޔާ އެވެ. ދެރައީ އެހާ ފުރިހަމަ އެކްޓިންއެއް ދައްކާލައިފައި ދެން އޭނާ ސްކްރީނުން ނުފެންނާނެތީ އެވެ.

ނިވައިރޯޅި ރެޑްކާޕެޓް: ނިއުމާ މުހައްމަދު އޭނާގެ ދަރިފުޅު ޒޯޔާއާއެކު -- | ފޮޓޯ: އަހްމަދު ނިޝާތު

ފިލްމުގައި އަހްމަދު އަޒްމީލް (އަޒޭ)ގެ އެއް ސީން ހިމެނުނުއިރު އަޒޭގެ އެކްޓިން ވެސް މީގެ ކުރިން އަޒޭ ދައްކާފައިވާ އެކްޓިންތަކާ ތަފާތެއް ނެތެވެ. ނިއުމާގެ މަންމަގެ ރޯލުން ފެނިގެންދިޔަ ޝަކީލާ އަދި ޔޫއްޕެގެ މަންމަގެ ރޯލުން އައިމިނަތު ރަޝީދާ (އައިންތު)ގެ އެކްޓިން އަކީ އެއަށް އިތުރު އެއްވެސް ކޮމެންޓެއް ދޭންޖެހޭނެ އެކްޓިންއެއް ނޫނެވެ. އަބަދުވެސް ދައްކަމުން އަންނަ މޮޅު އެކްޓިން ފިލްމުގައި ހިމެނުނު މަދު މަންޒަރުތަކުގައި ވަނީ ދައްކާލައިފަ އެވެ.

ދެތިން މަންޒަރަކުން ފެނިގެންދާ ނިއުމާގެ ދަރިފުޅު ޒޯޔާގެ އެކްޓިން އަށް ވެސް ކޮމެންޓެއްނުކޮށްލާ މި ރިވިއު ނިންމާލައިފިނަމަ ރިވިއު އެންމެ ފުރިހަމައެއް ނުވާނެ އެވެ. މިއީ ފިލްމަކުން ޒޯޔާ ފެނިގެން ދިޔަ ފުރަތަމަ ފަހަރެވެ. އެކްޓިން އާ ދޭތެރޭ ބުނެލަން އޮތީ އެކްޓިން ވަރަށް ރަނގަޅޭ އެވެ. މަންމަ ނިއުމާގެ ފަރާތުން އެކްޓުކުރުމުގެ ހުނަރު ލިބިފައި ހުރިކަން ފާހަގަކޮށްލެވެ އެވެ.

ފިލްމުގެ ސިނެމެޓޮގްރަފީއަށް ބުނެލަން އޮތީ ހުސެން ނުވަތަ ކުޑަ ޓެޑުގެ ތަޖުރިބާ ބޭނުންކޮށްފައިވާކަން ފާހަގަކުރެވެ އެވެ، ފިލްމުގެ ސިނެމެޓޮގްރަފީގެ އިތުރުން އާޓް ޑިރެކްޓަރު އަޖުނާދުގެ މަސައްކަތަށް ސާބަސް ދޭން ޖެހެ އެވެ. ނިވައިރޯޅީގެ ވިޝުއަލް އިފެކްޓްސްގެ މަސައްކަތް ކޮށްފައިވަނީ މުޅިން އަލަށް ފިލްމީ ދާއިރާއަށް ތައާރަފްވި ފަންނާނެއް ކަމަށްވާ ހަސަން އެވެ.

މި ހުރިހާ ތައުރީފަކާއެކު ފިލްމުގައި ހުރި ބައެއް މައްސަލަތައް ވެސް ފާހަގަކޮށްލާނެމެވެ. އެގޮތުން އެންމެ ބޮޑަށް ފާހަގަވި އެއް މައްސަލައަކީ ފިލްމުގެ ނިންމުމެވެ. ފިލްމުގެ ނިންމުން ވީކް ކަމަށް ފާހަގަކުރެވެ އެވެ. އޭގެ އިތުރުން ފިލްމުގެ ޓްރެއިލާ އިން ފެނުނު ބައެއް މަންޒަރުތައް ވެސް ފިލްމުން ނުފެނެ އެވެ. ނަމަވެސް މި ފިލްމަކީ އޯވަރޯލްކޮށް ރަނގަޅު ފިލްމެކެވެ. ސަތޭކަ ރުފިޔާ ހަރަދުކޮށްލައިގެން ޓިކެޓެއް ގަނެ ދެ ގަޑިއިރެއްހާއިރު ގޮސް ބަލައިލާން އެއީ ހަމަ ވޯތު ފިލްމެކެވެ.

ނިއުމާ މުހައްމަދު ފިލްމު ރިވިއު

Popular