10 Dec 2019

ގޯލްޑެން ގްލޯބްސްގައި މިއީ ނެޓްފްލިކްސްގެ ފަހަރެއް

ގޯލްޑެން ގްލޯބްސްގައި މިއީ ނެޓްފްލިކްސްގެ ފަހަރެއް

By: Ifraz Ali

ގޯލްޑެން ގްލޯބްސް އެވޯޑް 2019ގެ ނޮމިނޭޝަންތަކުގެ ރަން ވަނަތައް މިފަހަރު ލިބުނީ ނެޓްފްލިކްސް އަށެވެ. މިއަދު އިއުލާނުކުރި އެ އެވޯޑްސްގެ ނޮމިނޭޝަންތަކަށް ބަލާއިރު، ހައިރާންކޮށްލާ ވަރަށް ނެޓްފްލިކްސްގެ ފިލްމާއި ޑްރާމާތައް ނޮމިނޭޓުވި އެވެ. މިފަހަރު 17 ފިލްމު ނޮމިނޭޝަން އަދި 17 ޓީވީ ނޮމިނޭޝަން ނެޓްފްލިކްސް އަށް ލިބުނެވެ.

އެންމެ ގިނަ ނޮމިނޭޝަން ލިބުނީ ވަރިއެއްގެ ވާހަކަ ގެނެސްދިން ނެޓްފްލިކްސްގެ "މެރިއޭޖް ސްޓޯރީ" އަށެވެ. އެއީ ބެސްޓް ފިލްމާއެކު ހަ ނޮމިނޭޝަނެކެވެ. މި ފިލްމުން ސްކާލެޓް ޖޯންސަން އަށް ބެސްޓް އެކްޓްރެސް، އެޑަމް ޑްރައިވާ އަށް ބެސްޓް އެކްޓަރު، ލައުރާ ޑާން އަށް ބެސްޓް ސަޕޯޓިން އެކްޓްރެސް، ބެސްޓް ސްކްރީންޕްލޭ އަދި ބެސްޓް ބެކްސްކޯ ލިބުނެވެ.

ނެޓްފްލިކްސް ފިލްމަކަށް، ބެސްޓް ފިލްމަށް ދެން ނޮމިނޭޓްވީ "ދި އައިރިޝްމޭން" އަދި "ދި ޓޫ ޕޮޕްސް" އެވެ. މި ކެޓަގަރީން ނޮމިނޭޓުވި އެހެން ސްޓޫޑިއޯތަކުގެ ފިލްމުތަކުގެ ތެރޭގައި ހިމެނެނީ "1917" އަދި "ޖޯކާ" އެވެ.

ބެސްޓް އެކްޓްރެސް އިން އަ ޓީވީ ސީރީޒްއިން ނޮމިނޭޓުވި ތަރިން.

ބެސްޓް ކޮމެޑީ ނުވަތަ މިއުޒިކަލްގެ ބައިން އެންމެ މޮޅު ފިލްމަށް ނޮމިނޭޓުވީ ނެޓްފްލިކްސްގެ ޑޮލެމައިޓް އިޒް މައި ނޭމް" އެވެ. މި ކެޓަގަރީން ނޮމިނޭޓުވި އެހެން ސްޓޫޑިއޯތަކުގެ ފިލްމުތަކަކީ "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް"، "ޖޯޖޯ ރެބިޓް"، "ނައިވްސް އައުޓް" އަދި ރޮކެޓްމަން" އެވެ.

އެހެން ސްޓްރީމިން ނެޓްވޯކްތައް ކަމަށްވާ އެމެޒޯން ޕްރައިމް ވީޑިއޯ، ހުލޫ އަދި މިދިޔަ މަހު ލޯންޗުކުރި އެޕަލްގެ ޓީވީ ޕްލަސްގެ ޝޯތައް ވެސް ނޮމިނޭޓުވި އެވެ.

އެޕަލްގެ "ދި މޯނިން ޝޯ" ވަނީ ބެސްޓް ޓީވީ ސީރީޒަށް ނޮމިނޭޓުވެފަ އެވެ. އަދި މި ޑްރާމާގެ ލީޑުން ފެންނަ ޖެނިފާ އެނިސްޓެން އަދި ރީސް ވިދަސްޕޫން ވަނީ ބެސްޓް އެކްޓްރެސް އިން އަ ޓީވީ ސީރީޒަށް ވެސް ނޮމިނޭޓުވެފަ އެވެ.

ނެޓްފްލިކްލްސް އަށް ފަހު ސޮނީ

ސޮނީ ޕިކްޗާސް އަށް ދިހަ ނޮމިނޭޝަނެއް ލިބުނެވެ. އެއީ ކުއެންޓިން ޓެރެންޓީނޯގެ "ވަންސް އަޕޯން އަ ޓައިމް" އާއި ސްޕެނިޝް ފިލްމު "ޕެއިން އެންޑް ގްލޯރީ" އަދި "ލިޓްލް ވުމަން" އަށް ލިބުނު ނޮމިނޭޝަންތަކެވެ.

ނެޓްފްލިކްސް އަށް ފަހު އެންމެ ގިނަ ޓީވީ ނޮމިނޭޝަންތައް ލިބުނީ އެޗްބީއޯ އަށެވެ؛ އެއީ 15 ނޮމިނޭޝަނެކެވެ. އެކަމަކު އެމީހުންގެ އެންމެ ވަރުގަދަ ޑްރާމާ "ގޭމް އޮފް ތުރޯންސް" އަށް ލިބުނީ އެންމެ ނޮމިނޭޝަނެކެވެ. އެއީ ކިޓް ހެރިންގްޓަން އަށް ބެސްޓް އެކްޓަރުގެ ނޮމިނޭޝަނެވެ.

ބެސްޓް އެކްޓާ އިން އަ ފިލްމުން ނޮމިނޭޓުވި ތަރިން.

ފިލްމުތަކުގެ ބެސްޓް ޑައިރެކްޓާ އަށް މިފަހަރު ހުސް ފިރިހެން ޑައިރެކްޓަރު ނޮމިނޭޓުވީމަ ވަރަށް ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެ ކެޓަގަރީން ނޮމިނޭޓުވީ ޓެރެންޓީނޯ، ޓޮޑް ފިލިޕްސް (ޖޯކާ)، ސޭމް މެންޑޭސް (1917)، ބޮންގް ޖޫ ހޫ (ދި ޕެރިސައިޓް) އަދި މާޓިން ސްކޯސެސީ (ދި އައިރިޝްމޭން) އެވެ.

ފާހަގަކޮށްލެވޭ އިތުރު ނޮމިނޭޝަންތައް

ބެސްޓް އެނިމޭޓެޑް ފިލްމު؛

- ފްރޯޒެން 2

- ހައު ޓު ޓްރެއިން ޔުއާ ޑްރެގަން؛ ދި ހިޑެން ވޯލްޑް

- ދި ލަޔަން ކިންގް

- މިސިން ލިންކް

- ޓޯއީ ސްޓޯރީ 4

ބެސްޓް ފޮރިން ފިލްމު؛

- ދި ފެއާވެލް

- ލެސް މިސެރެބަލް

- ޕެއިން އެންޑް ގްލޯރީ

- ޕެރެސައިޓް

- ޕޯޓްރެއިޓް އޮފް އަ ލޭޑީ އޮން ފަޔާ

ބެސްޓް ޓީވީ ސީރީޒް؛

- ބިގް ލިޓުލް ލައިސް

- ދި ކްރައުން

- ކިލިންގް އީވް

- ދި މޯނިން ޝޯ

- ސަކްސެޝަން

ބެސްޓް ސްކްރީންޕްލޭ؛

- މެރިއޭޖް ސްޓޯރީ

- ޕެރެސައިޓް

- ދި ޓޫ ޕޮޕްސް

- ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް

- ދި އައިރިޝްމޭން

ގޯލްޑެން ގްލޯބްސް އެވޯޑް އޮންނާނީ އަންނަ އަހަރު ޖެނުއަރީ ފަހެއްގަ އެވެ. މިފަހަރު ޝޯ ހޮސްޓުކުރާނީ، ކުރިން ފަސް ފަހަރެއްގެ މަތިން ވެސް އެ އެވޯޑް ހޮސްޓުކޮށްދިން ބްރިޓިޝް ކޮމެޑިއަން ރިކީ ޖާވޭސް އެވެ.

ހޮލީވުޑް ގޯލްޑެން ގްލޯބް އެވޯޑްސް

Popular