19 Apr 2024

By: Aishath Mihna Nasih

ރޯދަ ނިންމާފައި ކައްޓާއަކަށް އަރާއިރު، ހިކެން މި އަހަރު ކުރި ހުރިހާ މަސައްކަތެއް ގެއްލިފައި ވަނިކޮށް ފެނުމަކީ ހިތްދަތި ކަމެކެވެ. އެކި ޒާތުގެ ތެއްލި ހެދިކާތަކާއި ފޮނި ޕުޑިންތަކާއި ކޭކުތަކާއި ފަނިތަކުން ބަރުދަން އިތުރުވީ އެވެ. ދެން އެންމެ އަވަހަށް ބެލެނީ ފަށާނެ މޮޅު ޑައެޓެކެވެ.

ޑައިޓީޝަން އާސިޔާ އަބްދުލް ރަހީމް ބުނާގޮތުން ކޮންމެ ކޮންމެ ޑައެޓަކީ އަދި ސިއްހަތަށް އެންމެ ފައިދާހުރި ޑައިޓަކަށް ނުވެދާނެ އެވެ.

ޓިކްޓޮކްގައި އާސިޔާ ހިއްސާކުރި ވީޑިއޯއެއްގައި ވަނީ މިހެން ޑައެޓެއް އިޚްތިޔާރު ކުރާއިރު ވިސްނާލަންވީ ބައެއް ކަންކަން ކިޔައިދީފަ އެވެ. ބަރުދަން ލުއިކުރުމަށް އިސްތިހާރުކުރާ ބައެއް ޑައެޓްތަކުގައި ވަކި ވައްތަރުތަކުގެ ޝޭކް އާއި ހާބަލް ސަޕްލިމެންޓް ނުވަތަ ކޮންމެވެސް ކަހަލަ ހާބަލް ސައެއް ބޭނުންކުރަންޖެހޭކަމަށާއި މިއީ އެއްގޮތަކަށް ވެސް ރަނގަޅުގޮތެއް ނޫންކަމަށް އާސިޔާ ވަނީ ބުނެފަ އެވެ. ނުވަތަ ކެއުމުގައި ކޮންމެހެން ހިމަނަންޖެހޭ ކޮންމެވެސް ބާވަތެއް މަދުކޮށްލަންޖެހޭކަން ވެސް އާސިޔާ ވަނީ ފާހަގަކޮށްފަ އެވެ.

"މިއީ ގޯހެއް! ބަރުދަން ލުއިކުރާއިރު ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ އަދި ވަކިބަޔަކު ބުންޏަސް ސަޕްލިމެންޓް، މިލްކްޝޭކް، ޓީ އެއްޗެހި ބޯކަށް ނުއެއް ވާނެ. އާންމުކޮށް ކެއުމުގައި ހިމަނަންޖެހޭ ބާވަތްތަކެއް ލުއިކޮށްލަން ނުވަތަ ދޫކޮށްލައްވާ ނަމަ އެއީވެސް ގެއްލުމެއް ލިބިދާނެ ކަމެއް،" އާސިޔާ ބުންޏެވެ.

ހަމައެޔާ އެކު، ހިކެން ބޭނުންވިޔަސް އެންމެ ރަނގަޅީ އާންމުކޮށް ކައި އުޅޭ ކެއުމާ މާ ބޮޑަށް ޚިލާފުނުވާ ކެއުންތަކެއް އިޚްތިޔާރުކުރުން ކަމަށް އާސިޔާ ބުންޏެވެ.

ސޯޝަލް މީޑިއާގައި އާސިޔާ ވަނީ މީގެކުރިންވެސް ތަފާތު ރެސިޕީތަކެއް ހިއްސާކޮށްފަ އެވެ. މީގެތެރޭގައި އާންމުކޮށް ދިވެހިން ކެއުމުގައި ބޭނުންކުރާ ތަފާތު ބާވަތްތަކުގެ ތަރުކާރީ އާއި ފަލަމަޑީގެ ބާވަތްތައް ބޭނުންކޮށްގެން ސިއްހަތަށް ފައިދާހުރި ގޮތްތަކަށް ތައްޔާރުކުރެވޭނެ އެކި ބާވަތްތައް ހިމެނެ އެވެ.

Popular