19 Apr 2024

އިންތިޒާރުގައި - 19

އަހަރެން ފަދައިން، އޭނާވެސް ވަނީ މި ބަލީގެ ޝިކާރައަކަށް ވެފައިތޯ ނުވަތަ ނޫންތޯ ބަލަން އަހަރެން ކިތަންމެހާވެސް ބޭނުމެވެ. އެހެނަސް އަހަރެން އެކަން ކުރާނީ ކިހިނެތް ހެއްޔެވެ؟ ވިސްނި ވަރަކަށް އަހަރެންގެ ބޯ ހާސް ވަމުން ދިޔައެވެ. ބައެއް ފަހަރަށް ސަލީނާއަށް ތެދަށް ކިޔައިދޭން ވީއޭ ވެސް ހިތަށް އަރައެވެ. އޭރުން އޭނާ ކައިރީ ބުނެގެން ފާރިޝްގެ ހާލަކީ ކޮބައިތޯ ބަލާލަން ދެވޭނެއެވެ. އެކަމަކު ސަލީނާއަށް އިތުބާރު ކުރަން ވާނެ ހެއްޔެވެ؟

އަނެއްދުވަހު ހަވީރު އަހަންނަށް ސައި ގެނެސްދިނީ އެގޭގައި އުޅޭ ނޯކަރެކެވެ. ސަލީނާމެން ބޭރަށް ދާ ވާހަކަ ބުނި ހަނދާން ވީ އެހިސާބުންނެވެ. އެ ގަޑީގައި ކާން ޖެހޭ ބޭސް ގުޅަ ހިފައިގެން އަހަރެން ނުކުތުމުން އެމީހާ ސައިތަށި ދައްކާފައި ކޮންމެވެސް އެއްޗެކޭ ކިޔެވެ. އޭނާ ދެތިން ފަހަރަށް ވާހަކަ ދެއްކީމާވެސް އަހަންނަކަށް އޭނާ ބުނަނީ ކީކޭ ކަމެއް ނޭނގުނެވެ.

"މުޖޭ މާލޫމް ނެހީ!" ހިންދީ ބަހުން އަހަންނަށް ހީވާ ގޮތަކަށް ބުނީމެވެ. އެޔާއި އެކު އޭނާ އަތުން އިޝާރާތް ކުރަމުން މަޑުކޮށްލާށޭ ބުނެފައި ތިރިއަށް ދިޔައެވެ. އަދި ހަމަ ކުޑަކުޑަ އިރުކޮޅެއްގެ ތެރޭގައި ޒުވާން އަންހެން ކުއްޖަކު ގޮވައިގެން އައެވެ. އޭރު އަހަރެން އިނީ އޭނާ އެކިޔާ އެއްޗެއް ނޭނގޭތީ ސައިބޯން ނުކެރިފައެވެ.

"ދީދީ ޑޯންޓު އީޓް ބިސްކަޓް" އެކުއްޖާ ބުނެލިއެވެ. އެޔާ އެކު ނޯކަރު އަންހެން މިހާ އޭނާކައިރީގައި ކޮންމެވެސް އެއްޗެއް ބުންޏެވެ.

"އިޓްސް ޑުރަގްސް!... މަރުޖުއާނާ!" އެކުއްޖާ އޮޅުން ފިލުވައިދިނެވެ. އޭރު އެއަންހެން މިހާ އެ ބިސްކޯދު އަތަށް ނަގާފައި މެދުން ބިންދާލާ އެތެރެ ދައްކަމުން އަހަންނާއި ވާހަކަ ތަކެއް ދައްކަމުން ގެންދިޔައެވެ. އޭރު އަހަރެން އިނީ ވަރަށް ބިރުގަނެފައެވެ.

"ޑޯންޓް އީޓް.. ޓޮއިލެޓް ތުރޯ!' އެކުޑަކުއްޖާ ހަދަންވީގޮތް ބުނެދިނެވެ. އަދި 'މެޑަމް' އަށް އިނގިއްޖިއްޔާ އެމީހުން ދެކެ ވަރަށް ރުޅި އަންނާނެ އޭ ވެސް ބުނެލިއެވެ. އެމީހުން ވާހަކަ ދައްކަން ތިއްބާ ގޭޓު ދަމާލި އަޑު އިވުމުން ދެމީހުން އަވަހަށް ގަޑަގަޑަ ޖަހާފައި ތިރިއަށް ފައިބައިގެން ދިޔައެވެ. އަހަރެންވެސް އަވަސް އަވަހަށް ބިސްކޯދުތައް ފާޚާނާ ތައްޓައް އަޅާލާ ފުލަޝް ކުރީއެވެ. ސައިތަށިން އެއްބައި ބޯލިތަނާ ސަލީނާ އާއި ދޮންބެ މައްޗަށް އެރިއެވެ.

"ހުސް ސައިތަ ގެނައީ؟" ސަލީނާ އެންމެ ފުރަތަމައިނުން ވެސް ސުވާލު ކުރިއެވެ. އަހަރެން ނޫނެކޭ ބުނަން ބޯހޫރާލީމެވެ. އަދި ބޭސްގުޅަ ކާލާފައި ބޮލަށް ބަރުވީކަމަށް ހަދާ އެކްޓު ޖެއްސީމެވެ.

"އޮށޯވެލަން ދަމާ ހިނގާ!" ސަލީނާ ވަރަށް އޯގާތެރިކޮށް ބުނެލިއެވެ.

އަހަންނަށް އެވާ ގޮތެއް އެވަނީ އެ ބިސްކޯދު ކެއީމާކަން އެދުވަހު ޔަގީން ވިއެވެ. ސަލީނާ ނުކުމެގެން ދިޔުމުން އަހަރެން ދެލޯ ބޮޑުކޮށްގެން ވިސްނަން އޮތީމެވެ. ސަލީނާ އަހަންނަށް އެކަހަލަ އެއްޗެއް ދިނުމުގެ ބޭނުމަކީ ކޮބައިބާވައެވެ. ނޫނީ ސަލީނާއަށްވެސް އެއީ ކޮންއެއްޗެއް ކަން ނޭނގެނީ ހެއްޔެވެ؟ އެއީ ވެސް އެ އަޔުރު ވެދިކް ބޭސް ހަދާ ތަނުން ދޭ އެއްޗެއް ބާވައެވެ؟

ކޮންމެއަކަސް އެދުވަހު އަހަންނަކަށް ނުނިދުނެވެ. ލޯމަރައިގެން އެތައް އިރަކު އޮތް އިރުވެސް ކުރީ ދެދުވަހު ކުރިކަހަލަ އެއްވެސް އިހުސާސް އެއް ނުކުރިއެވެ. ފާރިޝް މަތިން ހަނދާން ކުރުމުންވެސް ކުރީ ދެދުވަހު ކުރިކަހަލަ އަސަރުތަކެއް އިހުސާސް އެއް ނުވިއެވެ.

އިރުއޮއްސި އަނދިރިވެގެން ދިޔައިރުވެސް އަހަރެން އޮތީއެވެ. ނުނިދުނީމާ ފޫހިވެފައެވެ. އެހެންނަމަވެސް ސަލީނާ އައިސް ކޮޓަރިއަށް ވަންނާނީ ކޮން އިރަކުންކަން ނޭނގޭތީ ތަނެއް ގުޑުވާލަންވެސް ނުކެރިފައި އޮތީއެވެ. އެހެން އޮވެ އޮވެ އެތައް އިރެއް ވީފަހުން ވަރަށް މަޑުމަޑުން ދޮރު ހުޅުވާލާފައި ސަލީނާ ވަނެވެ. އޭނާ އައިސް ނިދާ ބޮކި ދިއްލާފައި އަތުގައި ހުރި މޭވާ ތަށި އެނދުކައިރީ ބެހެއްޓިއެވެ. އަދި އަހަރެންގެ ކައިރިއަށް ގުދުވެ ވަރަށް ފަރުވާތެރިކަމާއި އެކު އަހަންނާއި ދިމާލަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ.

ސަލީނާ ކޮޓަރިން ނުކުމެ ދޮރު ލެއްޕުމާއިއެކު އަހަރެން ހަށި ފުރާ ނޭވާއެއް ލީމެވެ. އެއަށް ވުރެ ކުޑަ ސިކުންތުކޮޅެއް އިތުރަށް ސަލީނާ މަޑުކޮށްލި ނަމަވެސް ފަޅާ އެރީސްކަން އަހަންނަށް ޔަގީނެވެ. އިރުގަނޑެއް ވަންދެން އެހެން އޮތުމަށް ފަހު ސަލީނާ ގެނައި ފުރުޓުތައް ކާލައިގެން ކިރު ތަށި ބޮއެގެން އަނެއްކާވެސް ނިދޭތޯ އޮށޯތީއެވެ.

ޖެހިގެން އައި ދުވަހު ސައި ގެނައީމާ އެ ބިސްކޯދުތައް ކެއީ އަހަރެން އަމިއްލެއަށް ބޭނުންވެގެންނެވެ. އެކަމަކު އެދުވަހު އަހަންނަށް ފެނުނީ އަހަރެންގެ ފިރިމީހާއެވެ. އަހަންނަށް މިޖެހުނު ހާލާއި ހެދި ދެރަވެގެން އުޅެނިކޮންނެވެ. އޭނާއާއި ނޫރާއާއި ދެމީހުންވެސް ރޮނިކޮންނެވެ. ހޭލެވެނު އިރު އަހަރެން ހުރީ މުޅިން މޫޑު ޚަރާބު ވެފައެވެ. މާބޮޑަށް އިއްމަ އާއި ނޫރާ މަތިން ހަނދާން ވެފައެވެ. އެމީހުންގެ ކައިރިއަށް މާލެ ދާން ބޭނުންވެފައެވެ.

އޭރު އިއްމަ މާލެ ދިޔަފަހުން ހަމަގައިމުވެސް ހަފްތާއަކަށް ވުރެ ގިނަދުވަސް ވެދާނެއެވެ. ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާ އަހަންނަށް ގުޅާނެއެވެ. އަހަރެންގެ ފޯނަށް އިންޓަރނޭޝަނަލް ކޯލު ނުލިބޭތީ އޭނާ ގުޅާނީ ސަލީނާގެ ފޯނަށެވެ. އެހެންކަމުން އަހަންނަށް އިއްމައާއި އެކަނި ވާހަކަ ދައްކާލާކަށް އެއްގޮތަކަށްވެސް ޗާންސެއް ނުލިބެއެވެ. އަހަންނަށްވުރެ ބޮޑަށް އަހަންނަށް ވާގޮތް އޭނާއަށް ކިޔައިދެނީވެސް ސަލީނާއެވެ.

އެދުވަހު އިއްމަ ގުޅީ ދޮންބެގެ ފޯނަށެވެ. އޭރު ސަލީނާ ގޭގައި ނެތީއެވެ. ދޮންބެ އަހަރެން އަތަށް ފޯނު ގެނެސްދިނީމާ ފޯނު ހިފައިގެން ތަންކޮޅެއް ދުރަށް ޖެހިލީމެވެ.

"އިއްމާ! ލިއު އަކަށް ދެން ތިދެމީހުންނާއި ދުރުގައި ކެތެއްނުވާނެ!... އަހަރެން ގެންދޭ" އަހަރެން ބުނީމެވެ.

އޭގެ ދެދުވަސް ފަހުން އިއްމަ ހުރީ އިންޑިޔާއަށް އައިސްއެވެ. އޭނާ އައީ ކުލަ ގަންނަން ކަމުގައި ސަލީނާމެން ކައިރީގައި ބުންޏެވެ. އެހެންނަމަވެސް އަހަރުމެން ދެމީހުން އެކަނި ވުމުން އޭނާ އަހަރެންގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ރުޔެވެ. އޭނާ ދިރިއުޅުމުގައި މިހާ ހިތްދަތިކަން އިހުސާސް ކުރެވުނު ދުވަސް ކޮޅެއް ނާންނަކަމުގައި ބުނަމުންނެވެ.

އަހަރެން މާލެ ގެންދާ ވާހަކަ ބުނީމާ ސަލީނާ އެންމެ ފުރަތަމަ ހިތްހަމަ ނުޖެހުނެވެ. ބަލިވެއްޖިއްޔާ މާލެއިން ޑޮކްޓަރަށް ދައްކާނީތޯ އެއްސެވެ.

"އުނހޫ ފުރައިގެން އަންނާނީ މިކޮޅަށް!" އިއްމަ ޖަވާބު ދިނެވެ. އޭނާގެ ނިންމުމަށް ދޮންބެވެސް ތާއީދު ކުރިއެވެ. ލިއުޝާ ރަނގަޅަށް ހުރި ދުވަސްކޮޅު އޭނާގެ ދަރިފުޅު ކައިރީގައި ހޭދަކުރުން ވަރަށް މުހިއްމުވާނެ ކަމުގައި ދޮންބެ ބުނެލިއެވެ.

އަހަރުމެން މާލެ އަންނަން އުޅެންފެށީމާ އަސްލު ޑޮކްޓަރެއްގެ ލިޔުމެއް ސަލީނާ ހޯދިއެވެ. އަހަންނަކީ މައިބަދައިގައި މައްސަލައެއްގައި ދިގު މުއްދަތަށް ބޭސްކުރާ މީހެއްކަމުގައި އެލިޔުމުގައި ވެއެވެ. އަދި އެއަޕޯޓުން އިތުރަށް ސުވާލު ކޮށްފިއްޔާ ޓިއުމަރ އިން ވާހަކަ ބުނާށޭ އިއްމަ ކައިރީ ބުންޏެވެ. ސަލީނާ އެލިޔުން ދީފައި އަހަރެންގެ ޓެސްޓު ރިޕޯޓު މިއީ ދެން ބޭނުން އެއްޗެއް ނޫނެއްނޫންހޭ ކިޔާފައި ވީދާލީއެވެ.

"ދައްތަ ވާހަކަ ދެއްކިން އިހަށް ދުވަހުވެސް އެ ޑޮކްޓަރާ.. އެމީހުން ވަރަށް ޔަގީންކަން ދޭ އެބަ ލިޔުޝާ ބަލިނުވެ ހުންނާނެ ކަމަށް.. އެމީހުންގެ ބޭސް ވަރަށް ކާމިޔާބު .. މިހާރު އެ މަސައްކަތް ކުރަނީ އެ ޖަރާސީމް ހަށިގަނޑުން ނައްތާލެވޭ ވަރުވޭތޯ.. އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް އެކަންވެސް އެމީހުން ކުރާނެ!" ސަލީނާ އެހެން ބުނުމުން އަހަންނާއި ދިމާލަށް ބަލާލާފައި އިއްމަ ހިނިތުންވެލިއެވެ.

ސަލީނާ ކާންދިން ބިސްކޯދުގެ ވާހަކަ އަހަރެން އިއްމަ ކައިރީ ބުނީ މާލެ އައިސްފައެވެ. އިއްމަ އައި ފަހުން އެބިސްކޯދު ކާން ދޭން ނޫޅުނީތީ އެއީ އޭނާއަށް އެނގިގެން ގަސްތުގައި ކުރިކަމެއްކަން އަހަންނަށް ހަމަ ޔަގީންވިއެވެ. އެކައިގެން ވީގޮތް އިއްމައަށް ކިޔައިދިނީމާ އިއްމަ ހިނިގަނޑެއް ޖަހާލާފައި ލިޔު ހައިވީ ދޯ އޭ ބުނެލިއެވެ.

" ނޭނގެ ވީގޮތެއް ކިޔައިދޭކަށް.. އަހަރެން ވަރަށް ބިރުގަތް... ފުރަތަމަ ރޭ ހީވި ފުރާނަ ދަނީއޭވެސް!"

އިއްމައަށް ސަލީނާ ގޯސް ނުވީމާ އަހަރެން ހައިރާންވިއެވެ. އޭނާ ދުށްގޮތުގައި އެއީ މާބޮޑު ކަމެއް ނޫނެވެ. އެއީ އަހަރެންގެ ބޭކާރު ޚިޔާލުތަކާއި ފިކުރު ތަކާ ދުރުކުރުވުމުގެ ނިޔަތުގައި ދައްތަ ކުރިކަމެއް ކަމުގައި އޭނާ ބުނެލިއެވެ.

"އެގަޑީގައި މީހާ ހުންނާނީ ވަރަށް ހަމަ ޖެހިލާފައި... އުފާވެރި އިހުސާސް ކުރެވޭނީ!" އޭނާ ކިޔައިދިނެވެ.

"އިއްމަވެސް ބޭނުން ކުރަންތަ؟" އަހަރެން އެހެން އަހާލީ ވަރަށް ބިރުންހުރެއެވެ.

"ބައެއް ފަހަރު!" އޭނާ ބުނެދިނެވެ.

އެހިސާބުން އަހަރެން އިތުރުއެއްޗެއް ބުނާކަށް ބޭނުމެއްނުވިއެވެ.

ކޮންމެއަކަސް އަހަރެން މާލެ އައިސް އާއްމު ދިރިއުޅުމުގައި އުޅެން ފެށީމެވެ. އިއްމަ އޮތީ ދޮންތަ ކައިރީގައި އަހަރެންގެ ޓެސްޓުތަކެއް ހަދަން ޖެހިގެން މަޑުކުރީ ކަމުގައި ބުނެފައެވެ. އެހެން ކަމުން އަހަރެން ހަމަ އައިތަނާ ދޮންތަމެން ވަރަށް ކަންތައް ބޮޑުވެގެން އެކަމާ ސުވާލު ކުރިއެވެ. އަހަރެންގެ އެތެރެ ހަށީގައި ޓިއުމަރެއް އިންކަމަށާއި އެއީ އަދި ނުރައްކާތެރި އެއްޗެއް ނޫންކަމުގައި އަހަރެން ބުނެދިނީމެވެ.

ދޮންތަމެން އެ ޖަވާބުން ހިތްހަމަ ޖެހުނަކަސް އަހަންނަކަށް ކުޑަވެސް ހަމަ ޖެހުމެއް ނުލިބެއެވެ. ކޮންމެ ދުވަހަކުވެސް ހެނދުނު ތެދުވެގެން ލޯގަނޑު ދޮށަށް ހުއްޓި އަހަރެންގެ މޫނާއި އެތަން މިތަން ބަލަމެވެ. އެބަލީގެ ކުޑަވެސް އަލާމާތެއް ފެނޭތޯއެވެ. ހަމަ އެހެންމެ އަހަރެން ނަމާދުކޮށް ދުޢާ ކޮށް ހަދަމެވެ. އަހަރެންގެ ނޫރާ ބޮޑުވެ އެކަނި އުޅެވޭ ވަރުވަންދެން މިގޮތަށް ހެޔޮހާލުގައި ލެއްވުން އެދިއެވެ.

އޭގެ ދެމަސް ފަހުން އިއްމަގެ އަނެއްލޯ އޮޕަރޭޝަން ކުރަން އަހަރުމެން ދިޔައީމެވެ. އެފަހަރު އަހަރުމެން ދިޔައީ ނޫރާވެސް ގޮވައިގެންނެވެ. އިއްމަގެ އޮޕަރޭޝަން ކުރުމުގެ ކުރިން، އަހަރުމެން ތިންމީހުން ހަމަ އުފާވެރި އާއިލާއެއް ގޮތަށް ވަގުތު ހޭދަކުރީމެވެ. ނޫރާ ގޮވައިގެން ޕާކަށް ގޮސް އައިސްކުރީމް ބޮއެ މަޖާކޮށް ހަދަމުން ގެންދިޔައިރު އަހަންނަކީ މަރުގެ އިންތިޒާރުގައި ހުރި އަންހެނެކޭ ފެންނަ މީހަކު ނުބުނާނެއެވެ.

އޮޕަރޭޝަން ނިންމާފައި ފުރަންވެގެން އެއްޗެތި ގަންނަން އިއްމައާއި އޭނާގެ ދޮންބެ ބާޒާރަށް ނައްޓާލި ދުވަހެކެވެ. އަހަރެން އިނީ ގޭގެ ތިރީގައެވެ. ނޫރާއަށް ގަނެދިން ސްކޫޓަރ ދުއްވަން އޭނާ ސިޓިންރޫމްގައި އުޅެއެވެ. ސަލީނާ ބޭސްކޮތަޅު ހިފައިގެން އައީ އަހަރުމެން އެތާނގައި ތިއްބައެވެ.

ސަލީނާ އައިސް އަހަރެން ދައްކަން ބޭނުން ނުވާ ވާހަކަ ފެށިއެވެ. އޭނާ ބޭނުންވީ އަހަރުމެން ދެމީހުންގެ އެގުޅުން ކުރިއަށް ދޭތޯ ބަލާށެވެ. އަހަރެން އެއަކަށް ޖަވާބެއް ނުދެމެވެ. އިސްޖަހާލައިގެން އިނީއެވެ.

"ވަރަށް ބޮޑު ރިސްކެއް އެއީ! އެކަން އަބަދުވެސް ލިޔު ހަނދާން ބަހައްޓާތި!" އަހަރެން އެއްޗެއް ނުބުނެ އިންނަން ފެށުމުން އޭނާ އަނެއްކާވެސް އެ މައުލޫއާއިގެން ކުރިއަށް ދިޔައެވެ.

"ލިޔުޝާ ބައްޔަސް އިމްރާން ބައްޔެއް ނޫންދޯ. އެހެންވީމާ އޭނާ އާއި ދޭތެރޭ ވިސްނާލާތި!" ސަލީނާ ބުނެލިއެވެ. އޭނާ އެދެއްކީ ކޮން ވާހަކައެއްކަން އަހަންނަށް އިނގެއެވެ. އެއީ އަހަރެންގެ ސިކުނޑިތެރޭ މިހާރަކަށް އައިސް އެންމެ ބޮޑަށް ވިސްނޭ އެއް ކަންތަކެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: އިންތިޒާރުގައި

Popular