21 Mar 2020

މީހުން ގާތު އަހައިގެން ލިބުނު ފިލްމު ލިސްޓު!

މީހުން ގާތު އަހައިގެން ލިބުނު ފިލްމު ލިސްޓު!

By: Aishath Maaha

މިހެން ގޭގައި ތިބެން ޖެހުނީމާ ފޫހިވެގެން އެންމެ ގިނަ ބަޔަކު ކުރާ އެއް ކަމަކަށް ވެފައި އޮންނަނީ ފިލްމު ބެލުމެވެ. ބަލާނެ އެއްޗެއް ނޭނގިގެން ސޯޝަލް މީޑިއާގައި ރަނގަޅު ފިލްމެއް ނުވަތަ ސީރީޒެއް ސަޖެސްޓު ކުރާށޭ ބުނީމާ އެމީހަކަށް ކަމުދާ ފިލްމަކާއި ސީރީޒެއްގެ ވާހަކަ ކިޔައިދެ އެވެ.

މިއީ އެތައް ބަޔަކު ގާތު އަހައިގެން ތައްޔާރުކޮށްފައިވާ ލިސްޓެކެވެ. އަދި ގިނަ ބަޔަކަށް ކަމުދިޔަ ފިލްމުތަކެކެވެ. މީގެ ތެރޭގައި ކުރިން ބަލާފައި ހުރި ފިލްމުތައް ވެސް ފަހަރުގައި ހިމެނިދާނެ އެވެ.

ޕެރެސައިޓް

މި އަހަރު ބޭއްވި އޮސްކާ އެވޯޑްސް ހޯދައިގެން ތާރީހުން ޖާގަ ހޯދީ މި ފިލްމެވެ. މިއީ ދެކުނު ކޮރެއާގެ ފިލްމެކެވެ. މި ފިލްމުގައި ދައްކަނީ ތައުލީމީ ފެންވަރު ދަށް ފަގީރު އާއިލާއެއްގެ މެމްބަރުންތަކެއް ވަޒީފާ ނުލިބިގެން، ދޮގާއި މަކަރުން މުއްސަނދި އާއިލާއެއްގެ ވަޒީފާތަކަކަށް ކުރިމަތިލުމުން ކުރިމަތިވާ ކަންތައްތަކެކެވެ.

ގޭގައި ކަރަންޓީނު ވެގެން ތިބޭ މި ދުވަސްވަރު ބަލައިލަން އެންމެ ރަނގަޅު އެންމެ ފިލްމަކަށް ޕެރެސައިޓް ވާނެ އެވެ. ޔަގީނުން ވެސް ޑިސަޕޮއިންޓް ނުވާނޭ ފިލްމެކެވެ،

އަ ކުއައިޓް ޕްލޭސް

މިއީ އެމެރިކަން ހޮރޯ ފިލްމެކެވެ. މި ފިލްމުގައި ދައްކަނީ އަޑަށް އައިސް ހަމަލާދޭ މަހުލޫގުންތަކެއްގެ ކިބައިން ސަލާމަތްވެގެން ދިރިއުޅެމުންދާ ކުޑަ ކުޑަ އާއިލާއެއްގެ ވާހަކަ އެކެވެ. ގަދަ އަޑެއް އިވުނަ ނުދީ ސައިން ލޭންގުއޭޖުން ވާހަކަ ދައްކައި އުޅޭ މި އާއިލާ އެ ކްރިއޭޗާގެ ކިބައިން ސަލާމަތްވާން ކުރާ މަސައްކަތް ދައްކައިދެ އެވެ. މި ފިލްމު ނެޓްފްލިކްސް އިން ބެލޭނެ އެވެ.

މީ ބިފޯ ޔޫ / ނޯޓް ބުކް / ލަވް، ރޯޒީ

މިއީ ގިނަ ބަޔަކު ބަލާފައިވާނެ ފިލްމުތަކެކެވެ. ނަމަވެސް ރޮމޭންޓިކް ފިލްމުތައް ބަލަން ބޭނުން މީހުން ދެވަނަ ފަހަރަށް ވެސް ބަލައިލަން މި ފިލްމުތައް ރަނގަޅުވާނެ އެވެ. މި ފިލްމުތަކަކީ ޓީނޭޖު ކުދިންގެ މެދުގައި މަގުބޫލުކަން ވެސް ހޯދާފައިވާ ފިލްމުތަކެކެވެ.

ކޮންޓޭޖަން

މި ދުވަސްވަރު ބަލަން އެންމެ އެކަށީގެންވާ އެއް ފިލްމަކީ މިއީ އެވެ. މިހާރު ފެތުރިގެން އުޅޭ ކޮރޯނާ ވައިރަސް ފަދަ ނުރައްކާތެރި ވައިރަސްއެއް ފެތުރި ބޮޑު ބަލިމަޑުކަމެއް މި ފިލްމުގައި ދައްކަ އެވެ. މި ފިލްމުގެ މަގުބޫލުކަން އިތުރަށް ގަދަވެގެން އެބައުޅެ އެވެ.

ޓްރެއިން ޓު ބޫސާން

ޒޮމްބީ ފިލްމެއް ބަލައިލަން ބޭނުންނަމަ ބަލާލަން އެންމެ ރަނގަޅު އެއް ފިލްމަކީ މިއީ އެވެ. މިއީ ވެސް ދެކުނު ކޮރެއާގެ ފިލްމެކެވެ. މި ފިލްމުގައި ދައްކަނީ ބޫސާންއަށް ދަތުރުކުރަމުން ދިޔަ ޓްރޭނަކަށް އިންފެކްޓްވެފަ ހުރި މީހަކު އަރާ އޭނާ ޒޮމްބީއަކަށް ބަދަލުވެ އޭނާގެ ހަމަލާ ގިނަ ބަޔަކަށް އަމާޒުވެ ޒޮމްބީތަކެއްގެ ކިބައިން ސަލާމަތްވާން ކުރާ މަސައްކަތެކެވެ. އަދި ވީނުވީއެއް ނޭނގި މުޅި ކޮރެއާއަށް މި ޒޮމްބީ އައުޓްބްރޭކް ކުރިމަތިވެ އެވެ. ފިލްމުގެ ދެވަނަ ބައެއް ހެދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

- ގިލްޓީ

- ގްރަޖް

- ޗަޕަކް

- ޕެސެންޖާސް

- ދެ އޭޖް އޮފް އެޑަލިން

މިއީ މި ދުވަސްވަރު ގޭގައި ތިބެގެން ބަލައިލަން އެންމެ ރަނގަޅު ބައެއް ފިލްމުތަކަށްވާނެ އެވެ. މި ލިސްޓަށް މަދުވާ ފިލްމުތައް ކިޔާބަލާށެވެ.

Popular