By: Ifraz Ali
މުޅި ދުނިޔެ ބަލިމަޑުކަމެއްގެ ތެރެއަށް ވައްޓާލި، ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަހަކީ ކޯއްޗެއް ކަމާއި އެއިން ރައްކާތެރިވުމަށް އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިކަން، ތަކުރާރުކޮށް އެކި ޕްރެސް ކޮންފަރެންސްތަކުގައި މި ބައްޔާ ގުޅޭ ކަންކަމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒާއި ސިއްހީ އޮފިޝަލުން އަންނަނީ އަންގައިދެމުންނެވެ. އަދި މިރޭ މަބްރޫކް ކުރެއްވި ޓުވީޓެއްގައި ވަނީ ނެޓްފްލިކްސް އިން މި ބައްޔާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ހާއްސަ ޑޮކިއުމެންޓްރީއެއް ބަލަން ރިކޮމެންޑް ކުރައްވައިފަ އެވެ.
އެއީ ނެޓްފްލިކްސްގެ ޑޮކިއު ސީރީޒް "އެކްސްޕްލެއިންޑް" ގެ ކޮރޯނާވައިރަސް އަށް ހާއްސަ ސްޕިން އޮފް ލިމިޓެޑް ސީޒެކެވެ.
"ނެޓްފްލިކްސްގެ 'ކޮރޯނާވައިރަސް، އެކްސްޕްލެއިންޑް' ބަލައިލުން ވަރަށް މުހިންމު،" މަބްރޫކްގެ ޓުވީޓްގައި ލިޔުއްވާފައިވެ އެވެ.
މަބްރޫކް ކުރެއްވި ޓުވީޓް.
ނެޓްފްލިކްސް އާއި އެމެރިކާގެ މީޑިއާއެއް ކަމަށްވާ "ވޮކްސް" ގުޅިގެން ގެނެސްދޭ މި ޑޮކިއު ސީރީޒްގައި އިންސާނުންގެ ދިރިއުޅުމާ ގުޅޭ ތަފާތު އެކި މައުލޫތަކަށް ވަރަށް ފުޅާކޮށް ބަލަ އެވެ. މީގެ ކުރިން، 10 އެޕިސޯޑްގެ ދެ ސީޒަނެއް ގެނެސްދީފައިވާ މި ސީރީޒްގެ ކޮންމެ އެޕިސޯޑެއްގައި ވަކި މައުލޫއަކަށް އަލިއަޅުވާލަ އެވެ. މި ދެ ސީޒަނުގެ އިތުރުން "އެކްސްޕްލެއިލްޑް" ގެ ސްޕިން އޮފް ލިމިޓެޑް ދެ ސީރީޒެއް ވެސް ކުރިން ގެނެސްދީފައިވެ އެވެ. އެއީ ފަސް އެޕިސޯޑްގެ "ދި މައިންޑް، އެކްސްޕްލެއިންޑް" އާއި "ސެކްސް، އެކްސްޕްލެއިންޑް" އެވެ.
"ކޮރޯނާވައިރަސް، އެކްސްޕްލެއިންޑް" އަކީ އެ މީހުންގެ ތިން ވަނަ ލިމިޓެޑް ސްޕިން އޮފް ސީރީޒެވެ. އާންމުކޮށް މީގެ އެޕިސޯޑެއް ތައްޔާރުކުރަން ވޮކްސް އިން 10 ހަފުތާ ހޭދަކުރެ އެވެ. އެކަމަކު ކޮވިޑް-19 ވަރަށް ހަލުވިކާމާ އެކު ފެތުރުމުން ދިއުމާއި މިކަމަށް އަވަހަށް މީހުން ހޭލުންތެރި ކުރުމަކީ މުހިންމު ކަމަކަށް ވާތީ ތިން ވަރަކަށް ހަފުތާ ތެރޭގައި މީގެ އެއް އެޕިސޯޑް އެމީހުން ނިންމާލި އެވެ. މަބްރޫކް ރިކޮމެންޑް ކުރި، މިހާރު ސްޓްރީމިންނަށް ދޫކޮށްލާފައި އެވަނީ މި އެޕިސޯޑެވެ. މީގެ އަދި އިތުރު ދެ އެޕިސޯޑެއް އަހަރުގެ މެދު ތެރޭގައި އަންނާނެ އެވެ.
ފުރަތަމަ އެޕިސޯޑްގައި އެންމެ ހާއްސަ އެއް ކަމަކަށް ފާހަގަކުރެވުނީ މައިކްރޮސޮފްޓްގެ ބާނީ އަދި އެމެރިކާގެ ވިޔަފާރިވެރިޔާ ބިލް ގޭޓްސް، ކޮރޯނާވައިރަހާ ގުޅޭ ގޮތުން ދެއްވާފައިވާ އިންޓަވިއުއެއް ހިމަނާފައިވުމެވެ. މި އިންޓަވިއުއަކީ ކޮވިޑް-19 ފެތުރުމުގެ ވެސް މާ ކުރިން، މިފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް އިންޒާރުދެއްވައި ބިލް ގޭޓްސް މިދިޔަ އަހަރު މެއި މަހު ދެއްވާފައިވާ އިންޓަވިއުއެކެވެ. މި އިންޓަވިއު ބިލް ގޭޓްސް އަސްލު ދެއްވާފައި ވަނީ "އެކްސްޕްލެއިންޑް" ގެ ދެ ވަނަ ސީޒަންގެ އެޕިސޯޑެއް ކަމަށްވާ "ދި ނެކްޓްސް ޕެންޑެމިކް" އަށެވެ. އޭނާ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މިފަދަ ބަލިމަޑުކަމަށް ދުނިޔެ އޮތީ ތައްޔާރަށް ނޫން ކަމަށެވެ. އެކަން މި ވީ ވެސް ހަމަ އެހެންނެވެ.
"ކޮރޯނާވައިރަސް، އެކްސްޕްލެއިންޑް" ގެ ޓްރެއިލާ.
ޕްރެސް ކޮންފަރެންސްތަކުގައި މަބްރޫކް ވެސް ތަކުރާރުކޮށް ވިދާޅުވަމުން އަންނަނީ ދިމާވެދާނެ ކޮންމެ ހާލަތަކަށް ރައްޔިތުން ތައްޔާރުވެ ތިބެންޖެހޭ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުން ދޭ ނަސޭހަތް ގަބޫލުކޮށް، އިރުޝާދުތަކަށް ތަބާވާންޖެހޭ ކަމަށެވެ.
މި ޑޮކިއުމެންޓްރީގައި ކޮވިޑް-19 އަކީ ކޮބައިކަމާއި މިބަލި ޖެހޭ ގޮތާއި މި ބަލި ފެތުރުން މެދުވެރިވި ސަބަބުތަކާއި އަދި ސައިންސްވެރިންނަށް މި ބައްޔާ ގުޅޭ ގޮތުން މިހާތަނަށް ހޯދިފައިވާ ހޯދުންތަކުގެ އަލީގައި އެ މައުލޫމާތު ވަރަށް ތިލަކޮށް ކިޔައިދެ އެވެ. އަދި މި ބަލިމަޑުކަމުގެ ކުރިން ދުނިޔެ ކުރިމަތިލި 2012 ވަނަ އަހަރު މާސް ރޯގާ އާއި 2002 ވަނަ އަހަރު ކުރިމަތިލި ސާސް ރޯގާ އަދިވެސް ދުނިޔޭގެ ތާރީހުގައި ހިނގާފައިވާ ބޮޑެތި ބަލިތަކާއި މި ބައްޔާ ހުރި ތަފާތު ކިޔައިދެ އެވެ.