27 Jun 2020

ހޭންޑްމެއިޑްސް ޓޭލްގެ އާ ބައެއް އަންނަނީ ވަރަށް ލަހުން

ހޭންޑްމެއިޑްސް ޓޭލްގެ އާ ބައެއް އަންނަނީ ވަރަށް ލަހުން

By: Ifraz Ali

މި އަހަރު އެންމެ ބަލައިލާ ހިތުން އުޅުނު ޑްރާމާއަކަށް ވާނީ ހުލޫގެ އޮރިޖިނަލް "ދި ހޭންޑްމެއިޑްސް ޓޭލް" އެވެ. އެކަމަކު ކޮވިޑް-19ގެ ސަބަބުން އާ ސީޒަންގެ ޝޫޓިންތައް ކުރިއަށް ނުގެންދެވި، އެންމެ ފަހުން ޖެހުނީ މުއްދަތެއް ނެތް ގޮތަށް ހުއްޓާލާށެވެ. އެކަމަކު އަންނަ އަހަރު އާ ސީޒަން ބަލައިލަން ލިބޭނެ ކަމުގެ އުއްމީދު ހުލޫ އިން މިހާރު ވަނީ ދީފަ އެވެ. އަދި ހަތަރު ވަނަ ސީޒަނަށް ތައްޔާރުވެ ތިބުމަށާއި ފޭނުން ކެތްމަދުކުރުވަން ވަނީ ޓީޒާއެއް ވެސް ދައްކާލައިފަ އެވެ.

އެންމެ މޮޅު ޑްރާމާގެ އެމީ އެވޯޑް ކާމިޔާބުކޮށްފައިވާ، މި ޑްރާމާގެ ޓީޒާ ގެނެސްދިނީ ކުރީ ސީޒަންތަކުގެ ގިނަ މަންޒަރުތަކަކާ އެކު އަންނަ ސީޒަންގެ ބައެއް މަންޒަރުތައް ވެސް ހިމަނައިގެންނެވެ.

މި ޑްރާމާގައި ވަނީ ކިހިނެއް؟

މިއީ މުސްތަގުބަލުގައި ވެދާނެ ކަމެއްގެ ގޮތުގައި ކެނެޑާގެ ޅެންވެރިޔާ/ވާހަކަލިޔުންތެރިޔާ މާގްރެޓް އެޓްވުޑް 1985 ގައި އޭނާގެ ހިޔާލަކަށް ލިޔެފައިވާ ވާހަކައެކެވެ. އެ ވާހަކަ އަސްލެއްގެ ގޮތުގައި ގެނެސްދޭ މި ޑްރާމާގައި ދައްކަނީ އެމެރިކާގެ އެތެރޭގައި ބަޣާވާތަކުން އުފެދޭ، ރިޕަބްލިކް އޮފް ގިލިއެޑް ކިޔާ އިތުރު ސަރުކާރެއްގެ އަނިޔާވެރިކަމެވެ. ފާހިޝް އަމަލުތައް ގިނަވާ ކަމަށް ބުނެ، އެކަން ހުއްޓުވުމުގެ ނަމުގައި އުފައްދާ މި ސަރުކާރު އަދި މާ ނުލަފަ އެވެ. އަމިއްލަ މިނިވަންކަން އެއްކޮށް ނަގާލަ އެވެ. އަދި ވަކިން ހާއްސަކޮށް އަންހެނުންނަށް އަނިޔާވެރި އެވެ.

އަންހެނުންނަކީ ދައުލަތުގެ މުދަލެކެވެ. ބަސް ބުނުމުގެ މިނިވަން ކަމެއް ނޯވެ އެވެ. އަމިއްލަ ނަފްސު ދިފާއުކުރުމުގެ މިނިވަންކަމެއް ވެސް ނުދެ އެވެ. އެ މީހުންނަށް އެއްވެސް ހައްގެއް ނޯވެ އެވެ. ހުދުމުހުތާރު ވެރިން ހެދިގޮތެއް، ހަދައިގެން ތިބެންޖެހޭނީ އެކަމެއް ތަހައްމަލުކުރާށެވެ.

މި ތަނުގައި އަންހެނުން ތިބެނީ އެކި ބައިބަޔަށް ގިންތި ކޮށްފަ އެވެ. އަދި އެ ބައެއް މިންކުރެވޭ ގިންތި ފާހަގަކުރުމަށް އެމީހުން އަޅަން ޖެހެނީ ވަކި ކުލައެއްގެ ހެދުމެކެވެ. ވެރިންގެ އަނބިން ވިލު ނޫކުލައިން، ގޭގައި ގެންގުޅޭ އަންހެނުން ނުވަތަ ދަރިން ލިބޭ އަންހެނުން -- ހޭންޑްމެއިޑްސް ކިޔަނީ މި މީހުނަށް -- ރަތް ކުލައިން އަދި ނޯކިރީ ކުރާ އަންހެނުން މަޑު ފެހި ކުލައިންނެވެ. ވެރިންގެ ދަށުން މަސައްކަތް ކުރާ ފިރިހެނުންގެ އަނބިން ހެދުން އަޅަނީ މި ތިން ކުލަ އެކުވާ ގޮތަށެވެ.

"ދި ހޭންޑްމެއިޑްސް ޓޭލް" ސީޒަން ހަތަރެއްގެ ޓީޒާ.

މުޅި ޑްރާމާ ބިނާވެފައި ވަނީ މި އަނިޔާތަކުގައި ކަސްތޮޅު އެޅިފައިވާ ހޭންޑްމެއިޑެއް ކަމަށްވާ، ޖޫން ކިޔާ ހިތްވަރުގަދަ އަންހެނަކު (އެލިޒަބެތު މޮސް) މިތަނުން އޭނާ އާއި އެހެން މީހުން ސަލާމަތްކުރުމަށް އުޅޭ ގޮތުގެ މައްޗަށެވެ. ބަދަލެއް ގެނައުމަށް އޭނާ ކުރާ މަސައްކަތެވެ. އަދި ގިލިއެޑްގެ ސަރުކާރުން އަތުލާފައިވާ އޭނާގެ ދޮށީ ދަރިފުޅު އަނބުރާ ހޯދުމަށް އުޅޭ ހާލު ވެސް ދައްކަ އެވެ. ސީރީޒް ފެށިގެން، މިދިޔަ ތިން ސީޒަނުގައި ވެސް ޖޫން ވަނީ ގިލިއެޑުން ސަލާމަތްވުމަށް ވަރަށް ހިތްވަރުކޮށްފަ އެވެ.

އެންމެ ފަހުން ގެނެސްދިން ސީޒަން ނިމުނީ، ޖޫން އޭނާގެ އެކުވެރި ހޭންޑްމެއިޑުންނާއި ގެތަކުގައި ނޯކިރީ ކުރާ އަންހެނުންނާއި އެއްބައިވެ، އެތެރޭގެ ވަރުގަދަ ރޭވުންގަނޑަކުން ގިލިއެޑުން އެތައް ކުޑަކުދިންނެއް ސަލާމަތްކޮށް، ކެނެޑާއަށް ފޮނުވާލާ ހިސާބުންނެވެ. އޭނާ މިކަން ކުރީ ގިލިއެޑްގެ ނުފޫޒުގަދަ ވެރިއެއް މަރާލުމަށް ފަހު އެވެ. އެ ސީޒަން ނިމުނުއިރު، ބަޑީގެ ހަމާލާއެއް އަމާޒުވެ، ޖޫން ވެސް ވަނީ ޒަހަމްވެފަ އެވެ.

އާ ސީޒަންގައި ވާނީ ކިހިނެއްބާ؟

ދެން ވާނެ ގޮތެއް ބަލަން މިހާރު ކެތްވާވަރެއް ނުވެ އެވެ. އާ ސީޒަންގެ ޓީޒާގައި އާންޓް ލިޑިއާ (މި ހޭންޑްމެއިޑްސް ބެލުމާއި ހަވާލުވެ ތިބޭ އަންހެނުންގެ ބޮޑު މީހާ) ބުނާ ގޮތުން ޖޫން އަކީ އަދަބުދީގެން އިސްލާހު ކުރެވޭ ވަރަށް ވުރެ މާ ނުރައްކާތެރި އަންހެނެކެވެ. ހީވާގޮތުން އާންޓް ލީޑިއާ އެހެން އެ ބުނީ ޖޫން މީގެ ކުރިން ވެސް، ގިލިއެޑްގެ އުސޫލުތަކާއި ދެކޮޅަށް މި ކަހަލަ ކިތައްމެ ބަޣާވާތެއް ރާވައިގެން އޭނާއަށް އަދަބު ދިނުމުން ވެސް އިސްލާހުވެފައި ނުވާތީ އެވެ.

ހޮލީވުޑް ރިޕޯޓާއަށް ދިން އިންޓަވިއުއެއްގައި އާންޓް ލިޑިއާގެ ރޯލު ކުޅޭ އޭން ޑޯޑް، ފަހު ސީޒަންގެ ނިމުން ސިފަކުރީ "ނިއުކްލިއާ ހަމަލާއެއްގެ" ގޮތުގަ އެވެ. މީގެ ސަބަބުން ކުރިއަށް އޮތް ތަނުގައި އޭނާ ކުޅޭ ރޯލަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމަށާއި އޭނާ ތަރުބިއްޔަތު ކޮށްދޭ ދަރިވަރުންގެ ގޮތުގައި ތިބޭ ހޭންޑްމެއިޑްސް، ގިލިއެޑްގެ ސަރުކާރާ ދެކޮޅަށް މިފަދަ ބޮޑު ރޭވުމެއް ރޭވީތީ އޭގެ އަދަބު އޭނާއަށް ވެސް ލިބޭނެހެން ހީވާ ކަމަށް ބުންޏެވެ.

އާ ސީޒަންގެ އެޕިސޯޑެއް މޮސް ވެސް ޑައިރެކްޓް ކުރާނެ އެވެ. އަދިވެސް އިންތިޒާރު ކޮށްލަމާ ހެއްޔެވެ.

އެމީ އެވޯޑްސް ޓީވީ ސިލްސިލާ

Popular