30 Jul 2020

ބްރެޑް ޕިޓް އާ ސައިކަލުގައި ނައްޓާލީ އެންޖެލީނާ ޖޯލީ ގެއަށް

ޕިޓަކީ ސައިކަލަށް "މޮޔަވާ" މީހެއް. އެކި ބްރޭންޑްތަކުގެ އަގުބޮޑު ސައިކަލު ކަލެކްޝަނެއް އޭނާ ގެންގުޅޭ.

ޕިޓަކީ ސައިކަލަށް "މޮޔަވާ" މީހެއް. އެކި ބްރޭންޑްތަކުގެ އަގުބޮޑު ސައިކަލު ކަލެކްޝަނެއް އޭނާ ގެންގުޅޭ.

އެމެރިކާގެ އެކްޓަރު ބްރެޑް ޕިޓަށް އިއްޔެ އަކީ ވަރަށް އުފާވެރި ދުވަހެކެވެ. ކުރިއަށް އޮތް މިއަހަރުގެ އެމީ އެވޯޑސް އިން އޭނާ އަށް ނޮމިނޭޝަނެއް ލިބިއްޖެ އެވެ. މި އުފަލުގައިކަމެއް ނޭނގެ އެވެ. ޕިޓް އިއްޔެ ގެއިން ނުކުތީ ވެސް މުޅިން އާ ސައިކަލެއްގަ އެވެ. މަޑު ނޫކުލައިގެ ޖިންސެއްގައި އަތް ދިގު ހުދު ޓީޝާޓެއްގެ މަތިން އަތް ކުރު ނޫކުލައިގެ ޓީޝާޓެއް ލައިގެން ލޮސް އެންޖަލަސްގެ މަގުމަތީގައި، ޕިޓް މި ސައިކަލު ދުއްވާފައި ދާ ފޮޓޯތައް އެބަ ދައުރުވެ އެވެ. އަދި ޕިޓް އިނީ އަތަށް ލެދާ އަންގި ވެސް އަރުވައިގެން، ރީތި އަވި އައިނެއް ވެސް އަޅައިގެންނެވެ.

ޕިޓް މި އާ ސައިކަލުގައި އަސްލު ދިޔައީ، އޭނާގެ ކުރީގެ އަންހެނުން އަދި އެމެރިކާގެ އެކްޓްރެސް އެންޖެލީނާ ޖޯލީގެ ގެއަށް ކަމަށްވެ އެވެ. އޭނާގެ ކުދިންގެ ގާތަށެވެ.

ޕިޓަކީ ސައިކަލަށް "މޮޔަވާ" މީހެކެވެ. އެކަން އެންމެ ރަނގަޅަށް ސާފުވެ، އެނގުނީ 2014 ވަނަ އަހަރު ޕިޓް ކުޅުނު އެކްޝަން ވޯ ފިލްމު "ފިއުރީ" ގައި އޭނާ ދުއްވި އަގުބޮޑު ސައިކަލު އަސްލަށް ވެސް ގަތުމުންނެވެ. އެއީ 250،000 ޔޫރޯގެ އަގުހުރި، "ވޯލްޑް ވޯ ޓޫ" ގެ ސައިކަލެކެވެ. ބްރެޑްގެ ސައިކަލު ކަލެކްޝަންގައި ދުނިޔޭގެ އެންމެ އަގުބޮޑު ސައިކަލު ކަމަށްވާ "އިކޯސް ޓައިޓޭނިއަމް ސީރީޒް އެކްސް އެކްސް" ސައިކަލެއް ވެސް އެބަހުއްޓެވެ. ޔަމަހާ އާރް ވަން އަކާއި ޑުކަޓީ ޑެސްމޮސެޑިޗީ އާރް އާރް އަދި އިންޑިއަން ލެރީ އެއްވެސް އެބަހުއްޓެވެ.

View this post on Instagram

A post shared by Brad Pitt (@bradpittofflcial) on

ޕިޓް އެމީ އަށް މިފަހަރު ނޮމިނޭޓްވީ ގެސްޓް އެކްޓާ ކެޓަގަރީންނެވެ. އެއީ އެންބީސީގެ ކޮމެޑީ ޓޯކް ޝޯ "ސަޓަޑޭ ނައިޓް ލައިވް" ގެ ގެސްޓެއްގެ ގޮތުގަ އެވެ. މިދިޔަ އެޕްރީލް މަހު، ތިން މިނެޓުގެ ވަގުތުކޮޅަކަށް، މެހުމާނެއްގެ ގޮތުގައި ޕިޓް އެ ޝޯގައި ބައިވެރިވި އެވެ. އޮސްކާ އެވޯޑް ދެ ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ ޕިޓް އަށް މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ވަނީ އެމީ ނޮމިނޭޝަންތައް ލިބިފަ އެވެ. އޭގެ ތެރެއިން އެއް ނޮމިނޭޝަން ކާމިޔާބުކޮށް، ޕިޓް ވަނީ އެމީ އެވޯޑް އުފުލާލައިފަ އެވެ.

ހޮލީވުޑް ބްރެޑް ޕިޓް ސައިކަލް

Popular