ދިވެހި މިއުޒިކުގެ އިސްޓޭޖުގައި ތޭރަވާ އަބްދުލްޣަނީ އަކީ "ޖޭޒީއެއް" ނަމަ، މަރިޔަމް އަޝްފާ އަކީ އަހަރެމެންގެ "ކްއީން ބޭ" އެވެ. ބަޔަކު ކިތަންމެ ނުރުހުނަސް ތޭރަވާ އާއި އަޝްފާ އަކީ ހަގީގަތުގައި ވެސް މި ރާއްޖޭގެ ޕޮޕް މިއުޒިކުގެ ތެރެއިން ނެގޭނެ އެންމެ ހުނަރުވެރި އަދި އެންމެ ސަޅި ޖޯޑު ވެސްމެއެވެ. އެކަމަކު އަޝްފާ މި ވަނީ އެންމެފަހުން "ތޭރަވާ" ދޫކޮށް މުޅިން އެހެން ދުނިޔެއެއް ތަޖުރިބާކުރުމުގެ ދަތުރެއް ފަށައިފައެވެ.
އަޝްފާގެ މިއުޒިކީ ހަޔާތުގެ ކާމިޔާބީގައި ތޭރަވާ އަކީ ވަރަށް މުހިންމު ބައިވެރިއެކެވެ. އަދި އާޓިސްޓެއްގެ ގޮތުގައި، ވަކިން ހާއްސަކޮށް ލަވަކިޔުންތެރިއެއްގެ ގޮތުގައި ކުރިއަށް ދާން ޖެހޭ މަގު ކޮށައިދިނުމުގައި ވެސް މުހިންމު ރޯލެއް އަދާކުރާ ފަރާތެކެވެ. އަޝްފާ 2016 ވަނަ އަހަރު "އަވަސް" ގެ "އަވަސް ވީކެންޑް" އިންޓަވިއުގައި ބުނެފައި ވަނީ "ލަވަ ކިޔުމުގައި ޑިޒިޝަން އިނދޭ ތޭރަގެ. އަބަދުވެސް އެޑްވައިޒް" ދޭ ކަމަށެވެ.
އެހެންކަމުން އަޝްފާގެ މި ހާއްސަ ދަތުރު ވެސް ތޭރަގެ "ބްލެސިން" އާ އެކުގައި ނޫނީ ނުފަށާނެކަން ޔަގީނެވެ. އަޝްފާ ވެސް ބުނެފައި ވަނީ އެހެންނެވެ. މިއީ ފިރިމީހާއާ މަޝްވަރާކޮށް އޭނާގެ ފުރިހަމަ ސަޕޯޓާއެކު ނެގި ފިޔަވަޅެކޭވެ.
ތޭރަވާ އާއި އަޝްފާގެ ހިތްގައިމު އެތައް ލަވަތަކެއް އަހަރެމެންނަށް އަޑުއިވިގެން ގޮސްފައިވާއިރު ދެ މީހުން އެކުގައި ބައެއް ފަހަރަށް ފިލްމުތަކުގެ ޕްރޮމޯޝަލަން ވީޑިއޯ ލަވަތަކުން ފެނިގެން ގޮސްފައިވެއެވެ. ފަހަރެއްގައި އާންމުންނަށް އަޝްފާ "އެކްޓަރެއް" ގެ އުސޫލުން ފެނިދިޔަ މަދު ފެނިލުންތަކަކަށް ވާނީ ހަމައެކަނި އެފަދަ ހޮވުންތަކެކެވެ. ނަމަވެސް އެކްޓިންގެ ހަގީގީ ދުނިޔެ އަކީ އަދި މުޅިން އެހެން މާހައުލެކެވެ.
ނަމަވެސް މިހާތަނަށް ކުރިއަށް ގެންދިޔަ މަސައްކަތްތަކަށް ބަލާއިރު އަޝްފާ އަކީ ބެލުންތެރިން ސަޕްރައިޒްކޮށްލަފާނެ ކަހަލަ އެކްޓިން ޓެލެންޓެއް ކަމަށް "ބީވީމާ" ގެ ޑައިރެކްޓަރު އަހުމަދު ޒަރީރު ސިފަކޮށްފައިވެ. ޒަރީރަކީ ފިލްމީ ދާއިރާ އަދި ޓެލެ ޑްރާމާތަކުގައި ތަޖުރިބާ ހުރި ފަރާތަކަށްވުމުން އޭނާގެ މި ވާހަކަ އަކީ ހަމައެކަނި ފިލްމު ޕްރޮމޯޓްކުރަން ދައްކާ ވާހަކައެއް ކަމަކަށް ގަބޫލުކުރުން ރަނގަޅެއް ނޫނެވެ.
އަނެއްކޮޅުން ޒަރީރު ބުނެފައި ވަނީ އޭނާގެ އަލަތު ފީޗާ ފިލްމަކަށް "ބީވީމާ" ވެގެންދާއިރު އޭނާ މި ފިލްމެއް ޑައިރެކްޓްކުރަން ނިންމި އެންމެ މުހިންމު އެއް ސަބަބަކީ ވެސް އަޝްފާ ފަދަ މަޝްހޫރު މޫނެއް ފިލްމުގެ ލީޑަށް ހަމަޖެހިގެން ދިއުމެވެ. އެއީ އަޝްފާ މަޝްހޫރު ލަވަކިޔުންތެރިޔަކަށްވުމުން އޭނާގެ އެކްޓިން ކެލިބާ ހުރި ނެތް ހިސާބެއް ބަލަން އެންމެން ވެސް ޝައުގުވެރިވާއިރު ޑައިރެކްޓަރެއްގެ ގޮތުގައި އެ ޗެލެންޖު ކާމިޔާބުކުރަން ބޭނުންވާތީ ކަމަށެވެ.
އެއީ ތެދެކެވެ. ރިހި އިސްކިރީނުގައި އަޝްފާ "ހިޓަކަށް" ހެދުން ވާނީ ޗެލެންޖަކަށެވެ. އެކަމަކު މި ޕްރޮޖެކްޓް ކާމިޔާބު ކުރެވިދާނެ ކަމުގެ އެންމެ ބޮޑު އުއްމީދެއް އުފައްދަނީ ފިލްމުގެ ފަހަތުސީޓުގައި އޮތް ޑާކް ރެއިންގެ ޕްރޮޑަކްޝަން ޓީމެވެ. އެމީހުން ވަނީ މީގެ ކުރިން ވެސް މުޅިން އާ، ނޫކަށިފުރައިގެ ކުދިންތަކެއްގެ ކިބައިން އެއް ވަނަ ދަރަޖައިގެ އެކްޓިން ނެރެދީފައެވެ. އެހެންވީމަ އަޝްފާ ހިޓަކަށް ވެދާނެކަމާ މެދު އުފެދޭ ސުވާލުގެ ޖަވާބު ފޮނިވެދާނެ ކަމުގެ އުއްމީދު ބޮޑެވެ.
އަނެއްކޮޅުން މި ފިލްމުގައި އަޝްފާއާ އެކު ލީޑް ރޯލު ކުޅޭ ކޮޕީ އިސްމާއިލް ރަޝީދު އަކީ އޭނާގެ ގޭމުގައި އެއް ވަނަ ދަރަޖައިން ދަރަޖަކުރެވޭ އެކްޓަރަކަށްވާއިރު މިއީ ފިލްމުގެ މުޅި ޓީމަށާއި އަލަށް ނުކުންނަ އަޝްފާ އަށް ވެސް ލިބޭ ބޮޑު ޕްލަސް ޕޮއިންޓަކާއި ހިތްހަމަޖެހުމެކެވެ. އެއްގޮތަކީ އަޝްފާ އަށް އޭނާގެ ހިޔަނީގައި އެތައް ބައިވަރު ކަމެއް ދަސްވެ އެކްޓަރެއްގެ ގޮތުގައި ފުރާފުރިހަމަވާން ފަސޭހަވުމެވެ. އަނެއްގޮތަކީ ކޮޕީ އިއްސެގެ ހިޔަނިން، އަޝްފާގެ އައު ކަމާއި އަބުއި އެކްޓިން ބެލުންތެރިންނަށް މާ ބޮޑަކަށް ފާހަގަކުރެވިގެން ނުދިއުމެވެެ.
އެކަމަކު މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ބަލައި ފިލްމުގެ ޑައިރެކްޓަރު ބުނަނީ ކޮޕީ އިއްސެ އެއް ވަނައިގެ އެކްޓަރަކަށްވިޔަސް އަޝްފާ އޭނާއާ އެކު ފެންނައިރު، އަލަށް އެކްޓިން އަށް ނުކުތް މީހެކޭ ބުނަން އުނދަގޫވާ ވަރަށް އަޝްފާ މޮޅު ކަމަށެވެ.
އަޝްފާ ބުނެފައި ވަނީ ކުރިން ވެސް ފިލްމުކުޅެން ފުރުސަތު ލިބުނަސް އޭނާ މަޑުކޮށްލީ މިކަހަލަ ޓީމެއް ފަހަތުގައި އޮތް ރަނގަޅު ޕްރޮޖެކްޓަކަށެވެ. އަދި އެކްޓަރެއްގެ ގޮތުގައި އަދި މިގޮތަށް ފެނިގެން ދިޔަ ނަމަވެސް "ފިލްމު ސްޓާރަކަށް" ވުމުގެ އެދުމެއް އޭނާގެ ނެތް ކަމަށެވެ.
އެހެންވީމަ އަހަރެމެންނަށް ދެން އޮތީ ދިގު އިންތިޒާރެއްގައި މަޑުކޮށްލުމެވެ.
ލަވަ އާއި މިއުޒިކުގެ ދުނިޔޭގައި އަޝްފާ ދައްކާ ޖާދޫ އޭނާ ސިނަމާގައި ވެސް ތަކުރާރުކުރާނެ ކަމަށް ގަބޫލުކުރެވޭ ނަމަ މި އާޓިކަލްގެ ތިރިއަށް ހަމަ ކޮންމެ ބޭފުޅަކު ވެސް ހިޔާލު ފޮނުވަމުން ގެންދަންވީއެވެ.