5 Jan 2021

By: Ifraz Ali

ކޭ-ޑްރާމާގެ ގިނަ ދިވެހި ފޭނުން ބޮޑަށް ބުރަވަނީ ނިމުނު އަހަރުގެ އެންމެ ސަޅި ޑްރާމާއަކީ، މީހަކު މަރާލަން އުޅުނުކަމުގެ ކުށް ސާބިތުވެ ޖަލަށްލީ މީހަކު ދެ އަހަރު ފަހުން އެތަނުން މިނިވަންވެ، އޭނާގެ އަސްލު ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކުރާ މަސައްކަތް ދައްކާ "އިތޭވޮން ކުލާސް" ކަމަށެވެ. -- ކޮރެއާ ޑްރާމާތަކުގެ ތެރެއިން މި ދުވަސްކޮޅު އެންމެ ގިނަ މީހުން ބަލާ ޑްރާމާތައް ހޯދުމަށްޓަކައި އަހަރެމެން މިފަހަރު އެހީ ވެސް ދިވެހި ފޭނުން ގާތުގަ އެވެ. އަހަރެމެން އެދުނީ މިއަހަރު އެމީހުން ބެލި ޑްރާމާތަކުގެ ތެރެއިން، އެންމެ ކަމުދާ ޑްރާމާތަކުގެ ލިސްޓެއް ފޮނުވައި ދިނުމަށެވެ.

ފޭނުން ފޮނުވި ލިސްޓުތައް ފުރާނާލައިގެން، އަހަރެމެން މި ހޮވާލީ އެންމެ ގިނަ މީހުން ރީތި ކަމަށް ބުނެފައި ހުރި، މިފަހުން ނިކުތް ޑްރާމާތަކެވެ. އެމީހުނަށް މި ޑްރާމާތައް ކަމުދިޔަ ސަބަބުތަކާ ވެސް ކިޔައިދިނެވެ.

މިސްޓަ ކުއީން

މި ޒަމާނުގެ ޝެފެއް އެކްސިޑެންޓެއްވެ، ސުވިމިން ޕޫލަކަށް ވެއްޓި ހޭނެތޭ ހިސާބުން، މި ފެންޓަސީ ހިސްޓޯރިކް ޑްރާމާގައި އޭނާއާ ކުރިމަތިވަނީ މުޅިން އާދަޔާ ހިލާފު ކަމަކާ އެވެ. އޭނާގެ ހޭވެރިކަން އެނބުރި އަންނައިރު އޮންނަނީ ގަނޑުވަރެއްގެ ތެރޭގަ އެވެ. އަދި އެއީ 19 ވަނަ ގަރުނެވެ. މަޖާ ކަމަކީ އޭނާގެ ފުރާނާ، އެ ޒަމާނުގައި ދިރިއުޅުނު ކޮރެއާގެ ރާނީއެއްގެ ހަށިގަނޑުގައި ތާށިވުމެވެ.

އެހިސާބުން އޭނާއާ ކުރިމަތިވާ ހެއްވާ މަޖާ އެތައް ކަމެއް މީގައި ދައްކަ އެވެ.

"އާންމުކޮށް ހިސްޓޯރިކް ސީރީޒްތައް ވަރަށް ސީރިއަސް ވެފައި މިސްޓްރީއަސް ވެސް ވާނެ. އެކަމަކު މި ސީރީޒް ވަރަށް މަޖާ އަދި އަހަންނަކީ އެހާ ކޮމެޑީ ލައިކްވާ މީހެއް ވެސް ނޫން. މީގައި އުޅޭ ޝެފް، އަންހެނަކަށް ބަދަލުވީމަ އެ ހާލަތުގައި އޭނާ އުޅޭ ގޮތުން މީހަކު ހީހީ ހަލާކުވާނެ،" ފޭނަކު ބުންޏެވެ.

"އަހަރެން އަދި ބެލީ އެންމެ ދެ އެޕިސޯޑް، އެކަމަކު އެހާ އަވަހަށް ފޭނަކަށް ވެއްޖެ. ޝިން ޔޭ ސުން އެއީ އަހަރެންގެ ފޭވަރިޓް،" އެހެން ފޭނަކު ބުންޏެވެ.

ޝިން ޔޭ ސުން އަކީ މި ޑްރާމާގެ ލީޑުން ފެންނަ އެކްޓްރެސް އެވެ. އަދި އޭނާ އެކު ލީޑުގައި އުޅޭ އެކްޓަރަކީ ކިމް ޖުން ހިއުން އެވެ. އަދި ރާނީގެ ހަށިގަނޑުގައި ތާށިވެފައިވާ ޝެފްގެ ބައި ކުޅެނީ ޗޭ ޖިންޔޯ އެވެ. މިދިޔަ މަހު ދައްކަން ފެށި މި ޑްރާމާގެ އަދި ނިކުތީ އެންމެ 8 އެޕިސޯޑެވެ.

ދަ ޕެންޓްހައުސް: ވޯ އިން ލައިފް

ފޭނަކު ބުނީ އަދި މިހާތަނަށް، ބަލައިފައި މިހާ ރުޅި އައި ކޮރެއާ ޑްރާމާއެއް ނެތް ކަމަށެވެ. މީގައި އުޅޭ ކެރެކްޓާސް ހަމަ އެހާ ވެސް ނުލަފަ އެވެ. އަމިއްލަ އެދުން ބޮޑުވެފައި، ވަރަށް ނުބަ އެވެ. މި ޑްރާމާގައި ދައްކަނީ މުއްސަނދި އާއިލާތަކެއް ބޮޑުންނާއި ކުދިންގެ މެދުގައި ހިނގާ ހަމަނުޖެހުންތަކެކެވެ. އަދި ތިނެސްކަން ލޯބީގެ ވާހަކައަކާއި ގޮތް ނޭނގޭ މަރެއްގެ ހަގީގަތް ހޯދަން ވެސް އުޅެ އެވެ.

"އެމީހުން ނުބަޔަސް، އަބަދުވެސް މޮޅުވާނީ އެމީހުން. އެމީހުން ބުލީ އާއި މަރާއި އަދި އަމިއްލަ ޕްރިވިލެޖެސްތަކާ ޑީލްކުރާ ގޮތް ވަރަށް ތަފާތު. އިޓްސް ވަން ސްކްރޫޑް އަޕް ތިންގް. އެކަމަކު އަހަންނަށް ވަރަށް ކަމުދިޔަ. އިޓްސް ފުލް އޮފް ޑްރާމާ އެންޑް ޓުވިސްޓް،" މި ކަހަލަ ކޮރެއާ ޑްރާމާއެއް އަދި ނުބަލާ ކަމަށް އޭނާ ބުންޏެވެ.

މި ޑްރާމާގެ ފުރަތަމަ ސީޒަން ދައްކާ ނިމޭނީ މިއަދު އެވެ. އަދި މި ޑްރާމާގެ އިތުރު ދެ ސީޒަނެއް ގެނެސްދޭން މިހާރު ވަނީ ނިންމައިފަ އެވެ.

ޓޭލް އޮފް ދި ނައިން ޓެއިލްޑް

"މި ޑްރާމާގައި ގޮތަކަށް ކިޔައިދެނީ އަހަރެމެން މީހަކު ދެކެ ވަރަށް ބޮޑަށް ލޯބިވެވުމުން، އަދި އަހަރެމެންނާ ކޮންމެ ކަހަލަ ކަމެއް ކުރިމަތިވިޔަސް، ދެމީހުން އެކީގައި އެކަމަކާ ކުރިމަތިލާ ގޮތުގެ ވާހަކަ. ހީވަނީ މި ޑްރާމާ ވަރަށް ކަމުދާނެހެން، މީގެ ކެރެކްޓާސްތައް އެމީހުން އެދައްކާ އިހުސާސްތަކާ ވަރަށް ގުޅޭ. މީގެ ސިނެމަޓޯގްރެފީ ވެސް ވަރަށް ސަޅި،" މިހާތަނަށް މި ޑްރާމާގެ ފަސް ވަރަކަށް އެޕިސޯޑް ބެލި ފޭނަކު ބުންޏެވެ.

އޭނާ ބުނީ މި ޑްރާމާގެ ލީޑުގައި އުޅޭ އެކްޓަރު ލީ ޑޮން ވޫކް އަކީ ދުވަހަކު ވެސް އޭނާ މާޔޫސްކޮށްލި އެކްޓަރަކަށް ނުވާތީ، ކުރިއަށް ހުރި އެޕިސޯޑުތައް ބަލާނެ ކަމަށެވެ. ލީ ޑޮން ވޫކް ގިނަ ބަޔަކަށް އިނގޭނީ 2016-2017 އާ ދެމެދު ގެނެސްދިން "ގާޑިއަން: ދި ލޯންލީ އެންޑް ގްރޭޓް ގޯޑް" ޑްރާމާ އިންނެވެ.

މި ޑްރާމާގެ 16 އެޕިސޯޑް ދައްކާ ނިމުނީ މިިދިޔަ މަހު އެވެ.

ޓްރޫ ބިއުޓީ

ހުންނަ ސިފަ ހުތުރު ކަމަށް ބުނެ އާއިލާ އާއި ރައްޓެހިންގެ ފަރާތުން އަބަދުމެ މަލާމަތް ރައްދުވާ އަންހެއް ކުއްޖެކެވެ. އެކަމާއި ކަންބޮޑުވެ، އޭނާ ހައި-ސްކޫލަށް ދާންވާއިރަށް، އިންޓަނެޓުން މޭކަޕް ޓިއުޓޯރިއަލްސްތައް ބަލައިގެން މޭކަޕް ކުރަން ދަސްކުރެ އެވެ. މޭކަޕުން އޭނާގެ ރީތިކަން ދައްކާލާ އެންމެ ހައިރާންކޮށްލަ އެވެ. އަދި އެ ރީތިކަމުގެ ފަހަތުގައިވާ ހަގީގަތަކީ ކޮބައިކަން އެހެން މީހުނަށް ފޮރުވަ އެވެ.

"ތެދަށް ބުނަންޏާ އަހަރެން މި ޑްރާމާ ބަލަނީ މީގައި އުޅޭ ފިރިހެން ލީޑުތައް ބަލާ ހިތުން. އެކަމަކު މީގެ މެއިން ސްޓޯރީ ލައިން ވެސް ވަރަށް ކަމުދޭ. ހައި-ސްކޫލް ރޮމޭންސް ދައްކަނީ. ވަކި ހިސާބަކުން މި ކަހަލަ ޑްރާމާ ބެލުން ވެސް ހުއްޓާލިން. އެކަމަކު ކުރިން މި ބުނި ސަބަބާ ހެދި ބަލަނީ،" ފޭނަކު ބުންޏެވެ.

މި ޑްރާމާގެ ލީޑުގައި އުޅެނީ މޫން ގަ ޔަނަގް އާއި ޗާ އުން ވޫ އަދި ހުވާން އީޕް އެވެ.

ލިސްޓުތަކުގައި ހުރި އެހެން ބައެއް ޑްރާމާތައް

- ރިކޯޑް އޮތް ޔޫތު

- ފްލާވާ އޮފް އީވިލް

- ސްޓާޓްއަޕް

- ހޮސްޕިޓަލް ޕްލޭލިސްޓް

- އިޓްސް އޯކޭ ޓު ބީ ނޮޓް އޯކޭ

ސައުތު ކޮރެއާ ޓީވީ ސިލްސިލާ

Popular