7 Jan 2021

އޮލިމްޕަސް ހުޅުވޭނެ އިރެއް ނޭނގެ؛ އެމްއެފްއޭ ދައުރު ހަމަވެފައި!

އޮލިމްޕަސް ހުޅުވޭނެ އިރެއް ނޭނގެ؛ އެމްއެފްއޭ ދައުރު ހަމަވެފައި!

By: Ifraz Ali

ދިވެހި ފިލްމު އަޅުވަން ހުރި ހަމައެކަނި ސިނަމާ، އޮލިމްޕަސް ކޮވިޑްގެ ބިރަށް ބަންދުކުރީ މިދިޔަ އަހަރު މާޗުގަ އެވެ. އޭގެ ފަހުން އަދިވެސް އޮލިމްޕަސް އަލުން ހުޅުވާނެ ތާރީޚެއް ޔަގީންނެއް ނުވެ އެވެ. ވަރަށް ގިނަ ފަންނާނުން ވެސް އަންނަނީ އޮލިމްޕަސް ހުޅުވާނެ ދުވަހަކާ ބެހޭގޮތުން ސުވާލުކުރަމުންނެވެ. -- އެ ސިނަމާ ހިންގަމުން އަންނަ، ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ބުނީ އޮލިމްޕަސް އަލުން މަރާމާތުކުރުމުގެ މަސައްކަތް ވެސް ކުރަންޖެހިފައިވާ ކަމަށެވެ. އެ މަސައްކަތްތައް ފަށާފައިވީ ނަމަވެސް، ސިނަމާ އަލުން ހުޅުވޭނެ ސީދާ ތާރީޚެއް އަދި ބުނަން ނޭނގޭ ކަމަށެވެ.

އޮލިމްޕަސް ބަންދުކޮށްފައި ހުރުމުން، ފިލްމުތައް އެޅުވޭނެ ދުވަހެއް ޔަގީންނުވާތީ ވަރަށް ގިނަ ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުން ތިބީ ކަންބޮޑުވެފަ އެވެ. މިދިޔަ އަހަރަށް ތާވަލުކޮށް، ނޭޅުވި ހުރި ބައިވަރު ފިލްމުތައް ވެސް އޮތީ ފުނިޖެހިފަ އެވެ. ވަރަށް ގިނަ އާ ފިލްމުތަކެއް މަސައްކަތް ވެސް ކުރިއަށް ރޭވިފައި އެބަހުއްޓެވެ. އަދި އޭގެ ތެރެއިން ބައެއް އާ ފިލްމުތަކުގެ މަސައްކަތް ވެސް ހުރީ ނިމިފަ އެވެ. އަދި ފަށަން ވެފަ އެވެ.

އެންސީއޭގެ އިސްވެރިޔާ އަދި މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އިކްރާމް ވިދާޅުވީ އޮލިމްޕަސް އަލުން ހުޅުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ވެސް މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އޮލިމްޕަސް މިހާރު ހުރި ގޮތަށް ހުޅުވުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށް އެޗްޕީއޭ އިން އަންގާފައިވާތީ އެ އިދާރާގެ ގައިޑްލައިންތަކާ އެއްގޮތަށް ސިނަމާ އަލުން ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ ދެ ގޮނޑިން އެއް ގޮނޑި ދޫކޮށްލައިފައި ވިޔަސް، އެންމެ އަވަހަށް ހުޅުވެން އޮތް ފުރުސަތެއްގައި ހުޅުވޭތޯ،" އިކްރާމް ވިދާޅުވި އެވެ.

"އަޕްގްރޭޑެއްގެ ކުރެވޭތޯ އަޅުގަނޑުމެން އެބަ މަސައްކަތްކުރަން. އަދި އަޅުގަނޑަކަށް ސީދާ ޔަގީން ކަމެއް ނުދެވޭނެ. އަޕްގްރޭޑޭ މި ދަންނަވަނީ އޮލިމްޕަހުގައި އެބަހުރި މަރާމާތުތައް ކުރަން. ވަރަށް ދުވަސްވީ އިމާރާތެއް އެއީ، އެހެންވީމަ ބައެއް ތަންތަނުގައި އެބަހުރި ފެން ލީކުވުން ކަހަލަ ސްޓްރަކްޗުރަލް ވަރަށް ގިނަ މައްސަލަތައް،" އެއީ މި ވަގުތަށް ކުރުން މުހިންމު މަސައްކަތެއް އިކްރާމް ވިދާޅުވި އެވެ.

އޮލިމްޕަސް އަލުން މަރާމާތުކުރުމުގެ މަސައްކަތަށް ސަރުކާރުން ވަނީ ބަޖެޓެއް ވެސް ހަމަޖައްސައި ދީފަ އެވެ.

ފިލްމު އެސޯސިއޭޝަންގެ ދައުރު ހަމަވެ، އިންތިޚާބު ނުބޭއްވިފައި

މޯލްޑިވްސް ފިލްމު އެސޯސިއޭޝަންގެ ދައުރު ވެސް ވަނީ މިދިޔަ ޑިސެމްބަރު މަހު 24 އަށް ހަމަވެފަ އެވެ. އެ އެސޯސިއޭޝަނަށް އާ މެމްބަރުން އިންތިޚާބުކުރުން ލަސްވެފައި ވަނީ ކޮވިޑްގެ ސަބަބުން އިންތިޚާބު ފަސްކުރަން ޖެހިގެންނެވެ.

އާ ދައުރެއްގެ އިންތިޚާބު ބާއްވާން ހުއްދައަށް އެދުމަށް، އެ އެސޯސިއޭޝަނުން ޔޫތު މިނިސްޓްރީ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް އެނގިފައިވެ އެވެ.

އެ އެސޯސިއޭޝަންގެ ބޯޑު މެމްބަރުން ހޮވުމަށް އެންމެ ފަހުން އިންތިޚާބެއް ބޭއްވީ 2018 ވަނަ އަހަރު ޑިސެމްބަރުގަ އެވެ. އެއީ ދެ އަހަރުގެ ދައުރަކަށެވެ.

މިހާރު އެ އެސޯސިއޭޝަންގެ ރައީސަކަށް ހުރީ ޝިވާޒް އަބްދުﷲ (މާސްކޭ) އެވެ. ނައިބަކީ ކުރީގެ އެކްޓްރެސް ނިއުމާ މުހައްމަދެވެ. ފަސް މެމްބަރުން ހިމެނޭ އެ ބޯޑުގައި ދެން ތިބޭ މެމްބަރުންނަކީ އެކްޓަރު މުހައްމަދު މަނިކާއި ޖާދުﷲ އިސްމާއިލްގެ އިތުރުން އަލީ ޝާނީޒް އެވެ.

މޯލްޑިވްސް ފިލްމް އެސޯސިއޭޝަން ދިވެހި ފިލްމް އިންޑަސްޓްރީ އޮލިމްޕަސް ސިނަމާ

Popular