15 Apr 2021

ސްނައިޑާ މިފަހަރު ފޭނުން މޮޔަކޮށްލާނީ ޒޮމްބީ ފިލްމަކުން

މި ފިލްމުގައި ދައްކާނެ ކަމަށް ވަނީ ޒޮމްބީ އެޕަކޮލިޕްސްގެ ދުވަސްވަރެއްގައި ބަޔަކު ފައިސާތަކެއް ފޭރެން އުޅޭ ގޮތް ނުވަތަ ހައިސްޓެއް

މި ފިލްމުގައި ދައްކާނެ ކަމަށް ވަނީ ޒޮމްބީ އެޕަކޮލިޕްސްގެ ދުވަސްވަރެއްގައި ބަޔަކު ފައިސާތަކެއް ފޭރެން އުޅޭ ގޮތް ނުވަތަ ހައިސްޓެއް

By: Ifraz Ali

ހޮލީވުޑްގެ ޑައިރެކްޓަރު ޒެކް ސްނައިޑާ މިދިޔަ މަހު ގެނެސްދިން އޭނާގެ އަމިއްލަ "ޖަސްޓިސް ލީގު"ގެ ވާޝަންއާ އެކު ފޭނުން މޮޔަކޮށްލި އެވެ. ފޭނުން ކުރި ދިގު އިންތިޒާރަށް ހިތްހަމަޖެހޭ ވަރުގެ ނިމުމެއް އޭނާ ގެނެސްދިނެވެ. އެ މަސައްކަތަށް ފަހު މިހާރު ސްނައިޑާގެ ފޭނުން އެންމެ ޝައުގުވެރިވެފައި ތިބީ މި މަހު ރިލީޒްކުރާ އޭނާގެ އާ ފިލްމަށެވެ.

އެއީ ޒޮމްބީ ފިލްމެއް ކަމަށްވާ "އާމީ އޮފް ދަ ޑެޑް" އެވެ. މިއީ ބޮޑު ބްރޭކަކަށް ފަހު އޭނާ އެނބުރި އަންނަ ފިލްމެވެ.

ޒޮމްބީ މޫވީސް އަކީ ސްނައިޑާ އަށް އަދި މުޅިން އާ ޖޯންރާއެކެވެ. މިއީ އޭނާ އަމިއްލައަށް ލިޔެ، ޑައިރެކްޓުކުރާ ފިލްމެކެވެ. އަދި ސިނަމަޓޯގްރެފީގެ މަސައްކަތުގައި ވެސް އިސްވެ ހުރީ އޭނާ އެވެ. ނެޓްފްލިކްސް އިން އަންނަ މަހު 21 ގައި ސްޓްރީމިން އަށް ދޫކޮށްލާ މި ފިލްމަށް އެންމެ ބޮޑަށް އިންތިޒާރު ކުރަންޖެހޭ ސަބަބުތަކަކީ ވެސް އެއީ އެވެ.

މިހާރު ޓްރެއިލާ ވެސް ނެރެފި އެވެ.

"އާމީ އޮފް ދަ ޑެޑް" ގެ ޓްރެއިލާ.

މި ފިލްމުގެ ކޮންސެޕްޓް ތައްޔާރުކޮށްފައި ވަނީ ކިއާނޫ ރީވްސްގެ އެކްޝަން ފިލްމު "ޖޯން ވިކް ޗެޕްޓާ 3" ގެ ސްކްރީންރައިޓަރު ޝޭ ހަޓެން އާއި ސްޓާ ވޯސްގެ ކުރިއަށް އޮތް ޓީވީ ސީރީޒް "އޮބިވާން ކެނޮބީ" ގެ ސްކްރީންރައިޓަރު ޖޮބީ ހާލޯޑް އެވެ.

މި ފިލްމުގައި ދައްކާނެ ކަމަށް ވަނީ ޒޮމްބީ އެޕަކޮލިޕްސްގެ ދުވަސްވަރެއްގައި ބަޔަކު ބޮޑު ލާރިގަނޑެއް ހޯދުމަށް އުޅޭ ގޮތެވެ. ނުވަތަ ހައިސްޓެކެވެ. މުހިންމު ރޯލުތަކުން ޑޭވް ބައުޓިސްޓާ، އެލާ ޕާނެލް، ކްރިސް ޑި އީލާ، އޮމަރީ ހާޑްވިކް ޓިގް ނަޓަރޯ ފަދަ އެކްޓަރުން ފެންނާނެ އެވެ. މި ފިލްމުގެ ކާސްޓު ވަރަށް ބޮޑެވެ. ބޮލީވުޑްގެ އެކްޓަރު ހުމާ ގުރޭޝީގެ ރޯލެއް ވެސް މި ފިލްމުން ފެންނާނެ އެވެ.

ސްނައިޑާ މި ފިލްމުގެ މަސައްކަތް ފެށީ 2007 ގަ އެވެ. އޭރު އޭނާ ހުރީ ވޯނާ ބްރަދާސް ސްޓޫޑިއޯ މެދުވެރިކޮށް މި ފިލްމު ގެނެސްދޭ ގޮތަށެވެ. އެ ސްޓޫޑިއޯގެ ވަރުގަދަ ފްރެންޗައިޒް ކަމަށް ޑީސީ ފިލްމުތަކުގެ މޭސްތިރިއަކަށް ކުރިން ހުރީ އޭނާ އެވެ. ޑީސީގެ އިތުރުން ވެސް ކާމިޔާބު މަސައްކަތްތަކެއް އެ ސްޓޫޑިއޯއާ ގުޅިގެން އޭނާ ކުރި އެވެ.

އެކަމަކު 2019 އަހަރާ ހަމައަށް ވެސް އެ ސްޓޫޑިއޯ ތެރޭގައި މި ފިލްމު ސްޓަކުވެފައި އޮތުމަށް ފަހު، އެންމެ ފަހުން ނެޓްފްލިކްސް އިން މިއަށް ފެހި ސިގުނަލެއް ދިނުމުން އޭނާ ސްޓޫޑިއޯ ބަދަލުކުރީ އެވެ. އެއީ 70-90 މިލިއަންއާ ދެމެދުގެ ބަޖެޓެކެވެ. އަދި ނެޓްފްލިކްސްއާ ގުޅިގެން ފްރެންޗައިޒެއްގެ ގޮތުގައި މި ނަމުގައި އިތުރު ފިލްމުތައް ގެނެސްދޭން ވަނީ ނިންމައިފަ އެވެ.

ހޮލީވުޑް ފިލްމު

Popular