19 Oct 2021

"ހޯމްޓައުން ޗާ ޗާ ޗާ" ނިމިއްޖެ، ދެން ހަދާނީ ކިހިނެއް؟

By: Ahmed Jaishan

މިދިޔަ އޯގަސްޓު މަހުން ފެށިގެން އެތައް ބައެއްގެ ކޮންމެ ހަފްތާއެއްގެ އެންމެ ބޮޑު ހައިލައިޓަކަށް ވެފައިވަނީ ކޮރެއަން ޑްރާމާ "ހޯމްޓައުން ޗާ ޗާ ޗާ" އެވެ. ހޮންގް ޑުޝީކް އާއި ޔުން ހައިޖިން ލޯބިކޮށް އުޅޭ މަންޒަރު ބެލުމަށް އެތައް ބަޔަކު ތިބެނީ ކެތްމަދު ވެފަ އެވެ. އެކަމަކު މިދިޔަ އާދިއްތަ ދުވަހު އެ ޝޯ ވަނީ އެންމެ ފަހުން ނިމިފަ އެވެ. ދެން ހަދާނެ ގޮތެއް ނޭނގިފައި ތިބީ ކިތައް މީހުން ހެއްޔެވެ؟

ހޯމްޓައުން ޗާ ޗާ ޗާ އެހާ ގިނަ ބަޔަކަށް ކަމުދިޔައީ ތަފާތު ރޮމޭންސެއް ކޮރެއަން ޑްރާމާއިން ދެއްކުމުންނެވެ. ޓޮކްސިކް ގުޅުމުގެ ބަދަލުގައި ވަރަށް "ސޮފްޓް" އަދި ލޯބި ގުޅުމެއް ދައްކާތީ ބެލުންތެރިން ވަގުތުން ޝޯ ދެކެ ލޯބިވެއްޖެ އެވެ.

ކޮންމެ ހޮނިހިރު ދުވަހަކާއި އާދިއްތަ ދުވަހު އާ އެޕިސޯޑެއް ގެނެސްދެމުން އައި އެ ޝޯ އަކީ ހަފްތާގެ އުދާސްތަކުން ދުރަށް ޖެހިލުމަށް ގިނަ ބަޔަކު ބަލަމުން އައި ޝޯއެކެވެ. އެކަމަކު މިހާރު އެ ޝޯ ނިމުމުން ދެން ހަދާނެ ގޮތެއް ނޭނގިގެން އެތައް ބަޔަކު އެބަ އުޅެ އެވެ.

ހޯމްޓައުން ޗާ ޗާ ޗާ ބެލުމަށްފަހު އެފަދަ އިތުރު ޝޯތައް ބެލުމަށް ޝައުގުވެރިވާ މީހުންނަށް މިއޮތީ ކުޑަ ލިސްޓެކެވެ.

ހޮސްޕިޓަލް ޕްލޭލިސްޓް

ހޮސްޕިޓަލް ޕްލޭލިސްޓަކީ ވެސް ތަންކޮޅެއް ހަމަޖެހިލައިގެން ބެލޭނެ ޝޯއެކެވެ. މި ޝޯގައި ފެންނާނީ މެޑިކަލް ސްކޫލު ދުވަސްވަރުން ފެށިގެން އެކުވެރިންގެ ގޮތުގައި އުޅޭ 40 އަހަރުގެ ފަސް ޑޮކްޓަރުންގެ ވާހަކަ އެވެ. އެ ފަސް މީހުންނަކީ ވެސް ޔުލްޖީ މެޑިކަލް ނަމަކަށް ކިޔާ ހޮސްޕިޓަލެއްގައި އެކީގައި މަސައްކަތް ރޭގަނޑު އެކީގައި ބޭންޑެއްގައި އުޅޭ ބައެކެވެ. މި ޝޯއިން ފެންނާނީ އެކުވެރިކަމުގެ ގުޅުމާއި ލޯބީގެ ގުޅުމުގެ ވާހަކަތަކެވެ. މިހާރު މި ޝޯގެ ދެވަނަ ސީޒަން ނިމިފައިވާއިރު ތިންވަނަ ސީޒަނެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގެ ވާހަކަތަކެއް އަންނަނީ ދެކެވެމުންނެވެ.

ނެޓްފްލިކްސް އިން މި ޝޯ ބަލާލެވޭނެ އެވެ.

ވަން ސްޕްރިންގް ނައިޓް

މި ޝޯގައި ވެސް ފެންނާނީ ދެމީހުން ލޯބިވާ ގޮތުގެ ވާހަކަ އެވެ. މި ޝޯގެ ލީޑް ކެރެކްޓަރުންނަކީ ޖުންގް ހައެ އިން އާއި ހަން ޖި މިން އެވެ. ޖުންގް އަކީ ސިންގަލް ބައްޕަ އެކެވެ. ދެމީހުންނަށް ލޯބި ވެވޭއިރު ހަން ޖި މިން ދާދި ފަހުން ވަނީ ގިނަ ދުވަސްވީ ބައިވެރިޔާ އާ ރުޅި ވެފަ އެވެ. އޭނާ ވަކިވި ބައިވެރިޔަކީ އޭނާގެ އާއިލާއިން އެންމެ ބޭނުންވާ މީހާ އެވެ. ނަމަވެސް އެ ހުރިހާ ކަމެއް ހުރި އިރު ވެސް ހަން ޖި މިން އަށް ޖުންގް ދެކެ ލޯބި ވެވެ އެވެ.

މި ޝޯ ވެސް ނެޓްފްލިކްސް އިން ބަލައިލެވޭނެ އެވެ.

ވެން ދަ ކެމީލިއާ ބްލޫމްސް

ހޯމްޓައުން ޗާ ޗާ ޗާގެ ސެޓިން ކަމުދާނަމަ މިއީ ވެސް ކަމުދާނެ ޝޯއެކެވެ. މި ވާހަކަ ސެޓުކޮށްފައިވަނީ އޮންގްސަންގް ނަމަކަށް ކިޔާ ހިޔާލީ އަވަށަކަށެވެ. މި ޝޯގެ ލީޑް ކެރެކްޓަރަކީ އޮ ދޮންގް ބައެކް ނަމަކަށް ކިޔާ ސިންގަލް މަންމައެކެވެ. އޭނާ އެ އަވަށަށް ބަދަލުވެ ކެމީލިއާ ނަމުގައި ބާ އެއް ހުޅުވަ އެވެ. އަދި ފުރަތަމަ ދުވަސްވަރު އޭނާ އަށް އެ އަވަށަށް އެޑްޖަސްޓުވެ މީހުންގެ ލޯބި ހޯދަން ވަރަށް އުނދަގުވެ އެވެ. ނަމަވެސް ކަންތައްތައް ހަމައަކަށް އެޅޭ ހިސާބުން އަންނަނީ ޔޮންގް ސިކް ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަށް ދޮންގް ވަގުތުން ކަމުގޮސް އޭނާގެ ލޯބި ހޯދަން މަސައްކަތް ކުރެ އެވެ. މި ޝޯގައި ރޮމޭންސްގެ އިތުރުން ކްރައިމް އަދި މިސްޓްރީގެ ރަހަތައް ވެސް ހުންނާނެ އެވެ.

މި ޝޯ އަކީ ވެސް ނެޓްފްލިކްސް އިން ބަލާލެވޭނެ ޝޯ އެކެވެ.

ސައުތު ކޮރެއާ ޓީވީ ޝޯ

Popular