19 Sep 2017

ދަ މޭކިން އޮފް ޝާމިން

By: Ahmed Nadym

އަބަދުވެސް އޭނާގެ ބޮލުގައި އިންދި އެއް ހިޔާލަކީ "ފިލްމު ސްޓޫޑިއޯއެއް"ގެ ފޮނިކަމެވެ. އެކަމަކު އެ ދާއިރާއިން އާ ކަމެއް ދަސްކޮށް އެ އުފަލުގައި ނިދައި ބެލި ކޮންމެ ހުވަފެނަކުން ހޭލައްވާލީ މަންމަ އާއި ބައްޕަ ދިން ނަސޭހަތެވެ. މިއުޒިކަށް ޖެހުނު ލޯތްބެއްގެ ބޮޑުކަމުން ގޮސް ގިޓާކުޅެން ދަސްކުރީމަ އެމީހުން ބުނީ "ދަރިފުޅާ، އެއީ އާމްދަނީއެއް ލިބޭނޭ ވަރުގެ މަސައްކަތެއް ނޫން" ކަމަށެވެ. ފޮޓޯނަގަން ބޮޑުވި ޝައުގުވެރިކަމުގައި ގޮސް އެކުވެރިއެއްގެ އަތުން ކެމެރާއެއް ހޯދައިގެން ފޮޓޯނަގަން ދަސްކުރީމަ ދިން ނަސޭހަތަކީ ވެސް އެއީ އެވެ.

އެންމެފަހުން ވީޑިއޯގުރާފަރަކަށް ހެދިގެން ގޭތެރޭގައި ކެމެރާގަނޑެއް ހިފައިގެން އުޅެން ފެށީމައި މަންމަމެން ދެން ކޮށްލި ސަމާސާއަކީ "ތިޔަ އުޅެނީ އަމްޖޭއަކަށް ވާން ހެއްޔޭ؟" އެވެ. ސަބަބަކީ ދިވެހި އެހެން ކޮންމެ މަންމަ އަކާއި ބައްޕައެއް ފަދައިން ވެސް އެ މީހުންގެ ވެސް ހުވަފެނަކަށްވީ "ދަރިފުޅު" ބޮޑުވެގެން "އޮފީހެއް"ގެ ޝަރަފްވެރި މަގާމަކުން ކުރިއަރައިގެން ދިއުމެވެ.

އެކަމަކު އަހުމަދު ޝާމިން ނިޒާމް ވަދެ ފިލައި އޮތީ އޭނާގެ ކުޑަކުޑަ ފިލްމު ސްޓޫޑިއޯގަ އެވެ. ތައުރީފު އޮހެމުން އަންނަ ޒުވާން ސިނެމެޓޯގްރަފާ ޝާމިން، މިއަދު އެހެރަ ހިސާބަށް އައުމަށް އޭނާ ފެށި ދަތުރުގެ ޕައިލެޓް އެޕިސޯޑުގެ އިންޓްރޯ މިނޫން އެހެން ގޮތަކަށް ލިޔެވޭކަށް ނެތެވެ.

އުމުރުން 27 އަހަރުގައި މިއަދު އޭނާ އަކީ ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކާއި އޮފީސްތަކަށް ވެސް ހިދުމަތްދޭ ކާމިޔާބު، ވީޑިއޯ ޕްރޮޑަކްޝަން ހައުސްއެއް ހިންގައި ކުންފުނިތަކާއި ހިދުމަތްތައް އިޝްތިހާރުކުރުމުގެ ވައްޓަފާޅި އަށް އިންގިލާބެއް ގެނެސްފައިވާ ހުނަރުވެރިއެކެވެ. އެކުވެރިޔަކާ އެކު މީގެ ހަތަރު އަހަރު ކުރިން "މަދޮޝިޕް"ގެ ނަމުގައި އުފެއްދި މި ސްޓޫޑިއޯގެ ފަހަތުން ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތައް ދުވަމުން އަންނައިރު ހާލެއްގައި ބައިގަރުނު ހޭދަކޮށްފައިވާ ދިވެހި ފިލްމީ ދާއިރާ އަށް މިހައި ދުވަހު ނުފެނުނު މާވަހަރު މި ވަނީ ގާތްގަނޑަކަށް އަތުޖެހިފަ އެވެ.

ދިވެހި ސިނަމާ އަށް އިންގިލާބެއް ގެނެވިދާނެ ނަމަކާއި ބްރޭންޑަކަށް "ޝާމިން އާއި މަދޮޝިޕް" އެންމެފަހުން ބަދަލުވެފައި ވިޔަސް އެއް އިރެއްގައި ޝާމިން "އެންމެ ރުޅިއައި ބަޔަކީ ދިވެހި ފިލްމު ހަދާ މީހުން"ނެވެ. ފޮޓޯ އާއި ވީޑިއޯގްރެފީގެ ހުނަރުވެރިކަމަށް ހިތްދަމައިގެން ދިޔައިރު ފިލްމު އުފެއްދުން އޭނާގެ ލިސްޓުގައި ނެތީ ނުވަތަ އެންމެ ފުލުގައި އޮތީ ފަހަރުގައި މިހެންވެ ކަމަށް ވެދާނެ އެވެ.

އެކަމަކު ފަހުން އެ ހިޔާލު ބަދަލުވެ "ލޯބީގެ އަސަރުގަދަ ދިވެހި ފިލްމެއްހެން" އޭނާގެ ހިތް މި ދާއިރާ އަށް ގެނބިގެންދިޔަ ގޮތް އޭނާ ކިޔައިދިނީ މިހެންނެވެ.

ޝާމިން:

އަސްލު އެންމެ ފުރަތަމަ (ކިޔަވައި ނިމިގެން) މާލެ އައިއިރު ފިލްމީ ދާއިރާގެ މީހުން ދެކެ ވަރަށް ރުޅިއާދޭ. ހިތަށް އެރީ މި މީހުން މި އޮތީ މި ދާއިރާ އެކުގައި ހަލާކުކޮށްލާފައޭ. ހަލާކުކުރަނީއޭ.

ދެން ފިލްމީ ދާއިރާގެ ބައެއް މީހުންނާ އެކު ފިލްމު "ލޫދިފާ"ގެ މަސައްކަތުގައި ބައިވެރިވެލީމަ އެނގުނީ ތާކުންތާކުނުޖެހޭ ރުޅިއެއްކަން މި އާދެވެނީ އެ މީހުން ދެކެ. އެ މީހުންނާ އެކީގައި އުޅެގެން އެނގުނީ އެ މީހުން ވެސް ބޭނުންވަނީ ހަމަ ފިލްމީ ދާއިރާ ކުރިއަރުވަންކަން.

ހަގީގަތް ބަލާނުލައި އާދެވުނު ރުޅީގެ މޮޔަ ހިތަށް އަރުވައިގެން ހީހީފައި މި ވާހަކައެއް ކިޔައިދިނަސް އޭނާ ބުނީ އެ މީހުންނާ އެކު އެއްގަލަކަށް އަރަން ބޭނުންނުވި އެއް ކަމެއް ދެން ވެސް އޮތް ކަމަށެވެ.

ޝާމިން:

ދެން ބޮލުގައި އިން ޕްލޮޓެއް ކިޔައިދީމަ (ވަރަށް މަޝްހޫރު ޑައިރެކްޓަރަކު) ބުނީ ކިހިނެއް ހެއްޔޭ އެގޮތަށް ދިވެހި ފިލްމެއް ހަދާނީ ހުރި ދަތިތަކާއި ގޮންޖެހުންތަކާ އެކުގައި. އެކަމަކު ވެސް އަހަރެން ހިތަށް އެރީ އެ މީހުން އެގޮތަށް ބުންޏަސް ދިވެހި ފިލްމެއް އެ ފެންވަރުގައި ހެދިދާނެ ކަމަށް.

ޝާމިން ބޭނުންވި ފެންވަރަކީ އާންމުކޮށް ދިވެހި ސިނަމާގައި ކިޔައިދޭ މެލޯޑްރާމާ އާއި ލޯބީގެ ވާހަކަތަކުގެ ރަހަ އާއި ކުލަ ބަދަލުކޮށް ދިވެހިންގެ އަސްލު ދިރިއުޅުމުގެ ރިފްލެކްޝަން ފެންނަ ޒާތުގެ ފިލްމުތަކެކެވެ. އެ "ފެންވަރުގެ" ފިލްމަކަށް ދިވެހި ފިލްމުމޭކަރުން މަސައްކަތްނުކުރާ ސަބަބު އެ މީހުން ކިޔައިދިނުމުން ޝާމިން އެ ވާހަކަ ގަބޫލެއް ނުކުރި އެވެ.

މިހައި ހިސާބަށް މި ވާހަކައެއް އަންނައިރު، މިހައި ހިސާބަށް ޝާމިންއެއް އައީ އެންމެ ގާތުގައި ތިބި މީހުން ވެސް ދެއްކި ވާހަކަ ގަބޫލުނުކޮށް އޭގެ އިދިކޮޅު ސާބިތުކޮށްދީގެންކަން މި ހިސާބުން ހަނދާންކުރައްޗެވެ.

އެހެންވީމަ، "ތިޔަހެނެއް އަދި މި ރާއްޖޭގައި ފިލްމެއް ނެހެދޭނެއޭ" ބުނީމަ އެހާ ފަސޭހައިން އެ ވާހަކައެއް ޝާމިން ގަބޫލުކުރާ ހިތެއް ނުވި އެވެ. އެއީ މެލޭޝިއާގެ ލިމްކޮކް ޔުނިވާސިޓީގައި މަލްޓި މީޑިއާގެ ދާއިރާއިން ކިޔަވަން އުޅުނުއިރު ވެސް ދިވެހި ސިނަމާގެ ރަހައާ މުޅިން ތަފާތު ތިން ކުރު ފިލްމެއް އޭނާ އުފައްދައިގެން އެތައް ބައެއްގެ ތައުރީފު އޮހިފައިވީމަ ކަމަށް ވެސް ވެދާނެ އެވެ.

އެ އިތުބާރާއި ހިތްވަރުގައި އޭނާ އަނެއްކާ ވެސް ކުރު ފިލްމެއް ލިޔެ ނިންމާލި އެވެ. އެއަށް ދިން ނަމަކީ "ބޮންދު" އެވެ.

ޝާމިން:

ކަމެއް ނުކޮށް އަނގަ ތެޅީމަ ފިލްމީ ދާއިރާގެ މީހުން ބުނާނީ އެއްވެސް ކަމެއް ނުވެއެއް ނޫން ހެއްޔޭ. އެހެންވީމަ އެބަ ޖެހޭ އެންމެ ފުރަތަމަ އަހަރެމެން ރަނގަޅު އެއްޗެހިތަކެއް ހަދަން. ކުރު ފިލްމުން ފަށައިގެން ދިގު ފިލްމާ ހަމަ އަށް ދާންވީ.

ބޮންދު ލިޔުނީ އެގޮތަށް ވިސްނައިގެން. އޭރުން އެނގިދާނެތާ ކިހާ ވަރެއްގެ ކަމެއް ކަމާއި ޗެލެންޖުތަކަކީ ކޮބައިކަން އަދި ފިލްމެއް ހަދަން ހޭދަވަނީ ކިހާވަރެއްކަން ވެސް.

މި ކުރު ފިލްމެއް އުފައްދައި ތަފާތެއް ސާބިތުކޮށްދޭން އޭނާ ނުކުތީ ފިލްމީ ދާއިރާއިން ލިބުނު ރައްޓެހިންނާއި އެހެން ޕްރޮފެޝަނަލް ހުނަރުވެރިންގެ ހިޔާލާއި ތަޖުރިބާ ވެސް ދަސްކޮށްގެންނެވެ. އެކަމަކު ވެސް ކެމެރާގަނޑު ހިފައިގެން މާލޭގެ މަގަށް ނުކުތްތަނުން ޝާމިންގެ މޫނުމަތީގައި އެއްކަހަލަ މަޝްހޫރު ޑައިރެކްޓަރު ބުނި ވާހަކަ ވަރުގަދަ އެތިފަހަރެއް އަޅުވައިލީ އެވެ.

ޝާމިން:

އެ ދުވަސްކޮޅު ހީވީ ރިއަލިޓީ ސްލެޕެއް މޫނު މަތީގައި އަޅުވައިލިހެން. ހިތަށް އެރީ ބޮލުތެރޭގައި ފިލްމު ހަދަން ހާދަ ސިމްޕަލްއޭ. މިސާލަކަށް ބޮންދު ފިލްމު އެންމެ ފުރަތަމަ ލިޔުނުއިރު އޭތި ފެށޭއިރު ދައްކާލަ ދޭނެ މަގުމަތީގައި ހިނގާ ޒުވާބެއް ވެސް. މިހެން ބުނެލަން ވަރަށް ފަސޭހަ މަންޒަރެއްތާ އެއީ. އެކަމަކު އެ މަންޒަރު ޝޫޓުކުރަންވީމަ އެނގެނީ އުނދަގޫވާވަރު.

ޝާމިންގެ ހިތް ދިވެހި ސިނަމާގެ އެންމެ ފުނަށް ގެނބުނީ 11 މިނެޓްގެ އެ ކުރު ފިލްމު އުފެއްދުމަށް އޭނާ ހޭދަކުރި ފަސް އަހަރު ތެރޭގަ އެވެ. – އާނއެކެވެ! އެންމެން އާޝޯހުކޮށްލި އެ ކުރު ފިލްމު އުފައްދަން އޭނާ އަށް ފަސް އަހަރު ނެގި އެވެ!

އެކަމަކު ވެސް އެ "ގެނބުން" ހަމަ އެންމެ ރަނގަޅެވެ. މައްޗަށް އެރިއިރު އެންމެން ޝާމިން އަށް ތައުރީފުކޮށް އަތް ޖަހަނީ އެވެ.

ޝާމިން:

އެންމެފަހުން ބޮންދު އަލުން ރީރައިޓްކޮށް ވަރަށް ސިމްޕްލިފައިޑް ވާޝަންއެއް އެންމެފަހުން މި ނެރެވުނީ. މިކަމެއް ނުވާނެއޭ ހިތަށް އެރި ފަހަރުތައް ވެސް ދިޔަ.

އެކަމަކު މަސައްކަތް ފަށައިގެން ގޮސް ފެއިލްވިޔަސް، ފެއިލިއާއަކަށްވުން ވެސް އެއީ ސަކްސަސްއެކޭ ހިތަށް އަރަނީ. ސަބަބަކީ ދެން އެނގޭނެތާ ފެއިލްވީ ކޮން މިސްކޭޓްތަކެއް ހެދިގެންކަން.

އުނދަގުލާ އެކު ވެސް އެންމެ ފަހުން އެ ފިލްމުގެ މަސައްކަތް ނިންމާލެވުނީމަ ހިތަށް އެރީ މިކަން ހަމަ ކުރެވިދާނެއޭ.

އެހިސާބުން އޭނާ އަތުކުރިއޮޅާލީ އަނެއްކާ ވެސް ކުރު ފިލްމަކަށެވެ. ނަމަވެސް އެއަތުގައި އައިސް ހިފީ އިތުރު ތައާރަފަކަށް ބޭނުންނުވާ "ވިޝްކާ" އެވެ.

"ވިޝްކާ" ގެ ޓްވިސްޓެޑް އަދި އެވަރަށް ކާމިޔާބު އެ ތަޖުރިބާ އަށް ފަހު ޝާމިން އާއި އޭނާގެ މަދޮޝިޕް ކްރޫ މިހާރު މަސައްކަތްކުރަމުން އަންނަނީ އެ މީހުންގެ ފުރަތަމަ ފީޗާ ފިލްމަށެވެ. ނަމަވެސް އޭގެ މަސައްކަތް ވަނީ މާލީ ދަތިތަކާ ހެދި މި ވަގުތަށް ލަސްވެފަ އެވެ.

ޝާމިންގެ ވިސްނުމަކީ ލޯނެއް ނަގައިގެން ވިޔަސް މި ފިލްމު ފުރިހަމަކޮށް، ވީއެންމެ އަވަހަކަށް ސިނަމާ އަށް ގެނެސްދިނުމެވެ. ދިވެހި ސިނަމާ ސަލާމަތްކުރަން އޭނާ ހުރީ ހުރިހައި އިމެއް ވެސް ފަހަނަޅައިދާން ނިންމައިގެންނެވެ. ޕާޓް 2: ޑައިރެކްޓާ އޮފް ފޮޓޯގްރެފީ

ޝާމިންގެ ވާހަކަ މަތީގައި މި ކިޔައިދިން ވަރަށް ކިޔައިދެވުނަސް މިއީ ކާކުކަން، ކީއްކުރާ މީހެއްކަން ނުވަތަ ކިހާ މުހިންމު، ކޮން ފެންވަރެއްގެ ހުނަރުވެރިއެއްކަން އަދިވެސް ވަރަށް ގިނަ ބަޔަކަށް ނޭނގިދާނެ އެވެ. –

ޕާޓް ޓޫއެއް މި ލިޔުމަށް މުހިންމު ވަނީ މި ސަބަބާ ހެދި އެވެ.

ޝާމިން:

އެންމެ ކުރިން ފެށިގެން ވެސް ކްރިއޭޓިވް އާޓަށް ޝައުގުވެރިކަން ހުރޭ. ބޮޑަށް އާއިލާ ތެރެއިންހެން ހީވަނީ ކްރިއޭޓިވް މަސައްކަތުގެ ތެރެއަށް ވަދެވުނީ. މަންމަ އަކީ ފަހާ މީހެއް.

މަންމަ ފަރާތު ކާފައަކީ ދިވެހިން ހެއްވައި ރޮއްވާލި މަޝްހޫރު ކޮމީޑިއަން ފީބޯ އެވެ.

ޝާމިން:

ކްރިއޭޓިވް ކަންތައް އެންމެ ފުރަތަމަ ކުރަން ފެށީ ހޮބީއެއްގެ ގޮތުގައި.

ގިޓާކުޅެން ދަސްކުރަންވެގެން (މަޝްހޫރު ގިޓަރިސްޓް) ޗިއްޕެ ކައިރިން ޓިއުޝަން ވެސް ނެގިން.

އެއަށް ފަހު ސްކޫލްގައި އުޅެމުން މިއުޒިކް ބޭންޑެއް ވެސް ހެދިން.

ކުރަހަން.

ސްކޫލްގައި ޑްރާމާ ވެސް ކުޅުނިން.

ޑްރާމާއެއް ޑައިރެކްޓް ވެސް ކުރިން.

އެކަމަކު ކިޔަވަން ވެސް ކިޔަވަން. މެތުސް އެއްޗިއްސަށް ވަރަށް ރަނގަޅުވާނެ.

އަބަދުވެސް ބޭނުންވީ ތަފާތު ކަމެއް ކުރަން. އާ ކަމެއް ދަސްކުރަން. ކިހިނެއްވާ ކަމެއްތޯ ބަލައި ދަސްކުރަން.

މިއޮތީ ފަޓާސް ބަރިއެއްހެން ޝާމިންގެ ވާހަކަ ސެލެބްރޭޓްކޮށްލައިފަ އެވެ. ދެން އޭނާގެ އެންމެ މަޝްހޫރު ހުނަރުކަމުގައިވީ، "ސިނެމެޓޯގްރެފީ" ގެ ފެށުމަށް ދަމާ ހިނގާށެވެ.

އެކަމަކު އޭގެ ކުރިން އޭނާ އޮފީސް ބޯއިއަކަށް އުޅުނު ވާހަކަ އާއި އޮފީސް ބޯއިއަކަށް އުޅެމުން ގްރެފިކްސް ޑިޒައިނަރަކަށް ފުންމައިގެން އެރި އާދަޔާހިލާފު ވާހަކަ ވެސް އެބައޮތެވެ.

ޝާމިން:

ދިހައެއް ނިންމާލާފައި ވިލާ ޓްރެވަލްސްގައި ވޯކް އެކްސްޕީރިއަންސަށް މަސައްކަތްކުރީ ބައްޕަމެން ބުނެގެން.

އާއިލާ އިން އަބަދުވެސް ބުނާނެ ނުވަތަ ވިސްނައިދީފައި ހުންނާނީ ކުރަހާ މީހަކަށް ވެގެން ނުވަތަ މިއުޒިކް ކުޅޭ މީހަކަށްވެގެން އާމްދަނީއެއް ނުހޯދޭނެ ކަމަށް ބުނެ.

ވިލާ ޓްރެވަލްސްގައި އުޅުނީ ހަމަ އޮފީސް ބޯއިއެއްހެން.

ބޭންކަށް ދާން ޖެހޭނެ ކޮންމެ ދުވަހަކު ޗެކު ޑިޕޮސިޓްކުރަން ވެސް.

އެތަނުގައި އުޅެގެން ވެސް ދެން އަމިއްލަ އަށް ވިލާ ޓްރެވަލްސް އަށް އިޝްތިހާރެއް ހަދައިގެން ގޮސް ދެއްކީ މިއީ ވެސް ތިމީހުންނަށް އިޝްތިހާރެއް ހެދިދާނެ ގޮތެކޭ ކިޔާފައި.

ދެން އެހިސާބުން ގްރެފިކް ޑިޒައިން ޑިޕާޓްމަންޓަށް އެ މީހުން ވަގުތުން ބަދަލުކޮށްފި.

އަގެއް ލިބޭ ގޮތަށް ޝާމިން ހެދި ފުރަތަމަ އިޝްތިހާރުން އޭނާ އަށް ލިބުނީ 500ރ. އެވެ. ތިރީސް ސިކުންތުގެ އެ އެޑަށް ފަހު އަމިއްލަ އަށް ވީޑިއޯ އެކި މަސައްކަތްކުރަމުން ދަނިކޮށް އޭނާ އަށް ފުރުސަތު ލިބުނީ މޫއިންކް ނަމަކަށް ކިޔާ ކޮމްޕެނީއެއްގައި އޭނާ ބޭނުންވާ ކަމެއް ކުރުމުގެ ފުރުސަތެވެ.

ޝާމިން:

އެ މީހުންނާ އެކުގައި އުޅެމުން އެނގުނީ ސިނެމެޓޯގްރެފީ އަކީ ކޮބައިކަން ވެސް. ސިނެމެޓޯގްރެފީއާ ބެހޭ ގޮތުން ރިސަޗުކުރަން ފެށުނީ ވެސް އެތަނުގައި އުޅެމުން.

އޭރު ވެސް ހިތަށް އަރާ ދިވެހި ފިލްމުތައް ފެންނަ ގޮތް އެހާ ހަޑީ ކީއްވެގެން ހެއްޔޭ. ބޭރު މީހުން ހަދާ ފިލްމުތައް އެހާ ރީއްޗީ ކީއްވެ ހެއްޔޭ. ދެން ދިރާސާކޮށްގެން އެނގުނީ އެ މަންޒަރު ރީތިކުރަން ބޭނުން ނަމަ ސިނެމެޓޯގްރަފާއެއް ވަރަށް މުހިންމޭ. ސިނެމެޓޯގްރެފީ ވަރަށް ރަނގަޅުކުރަން އެބަޖެހެއޭ. ލައިޓިން އާއި ފްރޭމިން ރަނގަޅުކުރަން އެބަޖެހެއޭ.

އެގޮތަށް ވިސްނަން އުޅެފައި ދިޔައީ މެލޭޝިއާ އަށް މަލްޓިމީޑިއާ ކިޔަވަން. ފިލްމު ކޯހެއް ވެސް އިންދައި މަލްޓިމީޑިއާ ނެގީ ސޭފް ނެޓަކަށް. އެއީ މާލެ އެނބުރި އައިސް ފިލްމު ހެދުމުގެ އިތުރުން އެހެން މަސައްކަތް ވެސް ކުރެވޭނެ ކަހަލަ ކަމެއް ދަސްކުރަންވެގެންނާ އެކު.

އޭރު ވަރަށް ބޮޑަށް މައިންޑް ސެޓުގައި ހުރީ ސީދާ ފިލްމުމޭކިން އަށް ދާން.

ކުރިން ސްކޫލްގައި އުޅުނުއިރު އަހަންނަކީ އެސޭގަނޑެއް ވެސް ލިޔާ މީހެއް ވެސް ނޫން. އެކަމަކު ހުރިހާ އެއްޗެއް ފިއްތާލައިގެން ލިޔަން ފެށީ ފިލްމު ލެންގުއޭޖު ދަސްކުރަންވެގެން.

ފޭޑް އައުޓް.

ދިވެހި ފިލްމް އިންޑަސްޓްރީ ޓީވީ އިޝްތިހާރު ދޯ މަޖައްލާ

Popular