16 Dec 2018

ދުންފުސް

ދުންފުސް

އަރަމުންދިޔަ އިރާއެކު ފެތުރެމުންދިޔަ ރަން އަވީގެ ތެރޭގައި ދެފައި ވަށްކޮށްލައިގެން އަށް އަހަރުގެ ކުޑަކުޑަ އައިޝާ އިނެވެ. އަތުގައި އޮތް އިލޮށިން، ބިންމަތީގައި ދެމެމުން ދިޔަ ހިނިތަކަށް އޭނާ ދެމުންދިޔަ ހަމަލާތަކަކީ އެ ކުޑަކުޑަ މަޚްލޫގަށް ކެތްކުރެވޭ ވަރަށްވުރެ އަނިޔާވެރި ހަމަލާތަކެކެވެ. އެ ތުއްތު މައުސޫމް ހިތުގައި އުތުރި އަރަމުންދިޔަ ހިތާމަ އާއި ރުޅިވެރިކަން މަސްހުނިވެ އުފެދިފައިވާ ޖަޒުބާތު ހިނިތަކުގެ އެ ކެކުޅުން އިޙްސާސްކުރެވޭ ވަރަށް ވުރެ މާހަރުކައްޓެވެ. ދުނިޔެ އޭނާގެ ހާލަތާ މެދު ޣާފިލްވެފައި ވީނަމަވެސް، އައިޝާ އާއި އެ ހިނިތަކާ ދެމެދު އޮތް ފަރަގަކީ ހަމައެކަނި ޖިސްމާނީ ފަރަގެކެވެ. ތަހައްމަލް ކުރަމުންދާ ވޭން ދާދި އެއްގޮތެވެ.

މާދުރުން، ހިރަފުހާ ތަތްތެޅިގެން ހިސާބަކަށް ވައިހިނދިފައިވާ ބޯޅައަކުން ފުޓުބޯޅަ ކުޅެން ތިބި، އައިޝާއާ ދާދި އެއް އުމުރެއްގެ ދެ ފިރިހެންކުދިންނަށް، އެ ތުއްތު އަންހެންކުއްޖާ ފެނުނީ ފަކުރެއްގެ ގޮތުގަ އެވެ. ނޫނީ މޮޔައެއްގެ ސިފައިގައި ކަމަށް ވެސް ވެދާނެ އެވެ. އައިޝާ ލައިގެން އިން ބާވެ ހަސްފަސްނެތި ހިރަފުސް ކުލަ ހިފާފައިވާ ކުކުޅުބިސް ކުލައިގެ ހެދުން ރަމްޒުކޮށްދެނީ ވެސް އެފަދަ ސިފައެކެވެ. ބޮލުގެ އިސްތަށިގަނޑުގައި މިއިން ޒަމާނަކު ފުނާއެޅިހެން ހީވެސް ނުވެއެވެ. އައިޝާ ދެކެ ގަންނާ ކުރައްވާ ބިރުން ދެ ފިރިހެން ކުދިން، އޮޅިގެން ވެސް ބޯޅަ އައިޝާއާ ހަމައަށް ދިޔަ ނުދިނުމަށް މަސައްކަތްކުރި އެވެ.

"މީނދަ ލަދުކުޑަ ގަމާރު ކުއްޖާގަނޑާ! ކިތައްފަހަރުތަ ބުނާނީ ނިދާ ހޭލާގޮތަށް މަގު މައްޗަށް ނުނިކުންނާށޭ!؟"

ބިންމައްޗަށް ޖެހި އޮލަ ރަތްކުޅުގަނޑާ އެކު ލައިގެން ހުރި ދިގުހެދުން ކޮށިކޮށްލަމުން ހަސީނާ، އައިޝާގެ އިސްތަށިގަނޑުގައި ހިފައި ކޮޅަށް ނަގައިފި އެވެ.

"އައްދޯއި މަންމާ..."

ވީތަދުން ރޮއިގަންނަމުން، ހަސީނާގެ އަތް، އޭނާގެ އިސްތަށިގަނޑުން ވަކި ކުރެވޭތޯ އައިޝާ މަސައްކަތްކުރި އެވެ. ނަމަވެސް، އިސްތަށިގަނޑުން ދޫކޮށްލުމެއް ނެތި، އައިޝާ ގެންގޮސް ގިފިއްޔަށްލުމަށް ފަހު، ގިފިލީގެ ބޭރުން ދޮރުތަޅުލައި، ހަސީނާ އެ ދިޔަ ތަނަކަށް ގޮސް ގެއްލިއްޖެ އެވެ. އެ ގިފިލީގައި ބަންދުވެފައި އިންނަން ޖެހުނަސް، އެ އުމުރުގެ ކުޑަކުއްޖެއްގެ މޫނުމަތިން ފެންނަން ޖެހޭ ފަދަ ހާސްކަމެއް އައިޝާގެ މޫނުމައްޗަކުން ނުފެނެ އެވެ. ކަމަކަށް އާދަވެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި އެ ކަމެއް ބަލައިގަނެވުމުން ވާނީ ވެސް އެހެންނެވެ.

އަތުގެ ކުޑަވައި އިނގިލީގެ ނިޔަފަތި ހަފަމުން، އައިޝާ ގިފިލީގެ އެއް ފަރާތެއްގައި ހެދިފައިވާ ބިޔަ ފޭރުގަހުގެ ގޮފިގަނޑެއްގައި އިށީނދެ އިނދެ، "ކޯއް... ކޯއް" ގޮވަމުންދިޔަ ޑިންޑިންކޮވެލީގެ ހަރަކާތްތަކަށް ފަރުވާތެރިވެ އިނެވެ. އެ ކޮވެލީގެ ހިތްގައިމު "ހަޅޭކުން" އައިޝާގެ އެކަނިވެރިކަން ފިލުވައިދެމުން ދިޔައެވެ. ކޮވެލީގެ ތުނބުން ކޮއްޓަމުން ދަނިކޮށް ބިމަށް ވެއްޓުނު ދޮން ފޭރަށް ބަލައިލުމަށް ފަހު، ކޮވެއްޔަށް ހިނިތުންވުމެއް ރައްދުކޮށްލަމުން އައިޝާ ގޮސް ފޭރު ނަގައި، އެއިން އެތިކޮޅެއް ކާލި އެވެ. ހެނދުނުން ފެށިގެން މެންދުރު ބާރަ ޖެހުމަކާ ގާތްވަމުން ދިޔައިރު، އެ ބަސްމޮށުންތެރިކަން ލިބިގެންނުވާ ކުޑަކުޑަ ދޫންޏަށް ވެސް އައިޝާގެ ހައިހޫނުކަން އަންދާޒާކޮށްލެވުނު ކަހަލަ އެވެ.

"ދުނިޔޭގެ ކަންކޮޅުތަކުގައި އަނިޔާ ލިބެމުންދާ ތުއްތު ކުދިންނަށް އެހީވުމަށްޓަކައި ބަހައްޓާފައިވާ ފަންޑުފޮށި ރަށު އޮފީސް ކުރިމަތީގައި ބެހެއްޓިފައިވާނެ! މިއަދު ހަވީރު ހަތަރަކުން ފެށިގެން ހުރިހާ ބޭފުޅުން ވެސް މި ފަންޑަށް އެހީވުމަށް ދަންނަވަން."

ތާޅަފިލިން، ހަރުއަޑުން ގޮވަމުން ދިޔަ ގޮވެލިފަތި އަޑުއަހަން އިނުމަށްފަހު، ފޭރުގެ ބާކީއޮތް ބައި އަނގަޔަށް ލަމުން، އައިޝާ ގޮސް ގިފިލީގެ އެއްފަރާތުގައި އިން އަށީގެ ކަނަކަށްވާ ގޮތަށް ބަހައްޓާފައި ހުރި ދަޅުނަގައި މަތި ހުޅުވާލި އެވެ. އެ ދަޅުގައި ބެލެވޭގޮތުން އޮންނާނީ ވިއްސަކަށް ވަކި ރުފިޔާ އެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ކުދިންގެ ހާލަތު ޓީވީތަކުން ފެނި އެ ކުދިންގެ ހާލަތަށް ހަމްދަރުދީވެފައިވާ ހިތްތަކުގެ ތެރޭގައި އައިޝާގެ ކުޑަކުޑަ ހިތް ވެސް ހިމެނެ އެވެ.

ދަޅުގައި ހުރި ވަކިލާރިކޮޅު ލައިގެން ހުރި ހެދުމުގެ އެއްފަރާތުގައި އިން ޖީބަށް ލުމާ އެކު، ގިފިލީގެ ދޮރު ހުޅުވުނެވެ. ކުރިމަތީގައި ހުރީ ހަސީނާ އެވެ. ހިނިތުންވުމެއް ނެތް މޫނު މައްޗާއި އަނަރޫފަ ހަށިގަނޑުން، އެއީ ވެސް ތަހައްމަލްތަކެއްގެ އަޅެއްކަން ދޭހަވާހާވެ އެވެ. ހަސީނާގެ އެކަނިވެރި ދިރިއުޅުމުގައި ކައިގެން ބޮއެގެން އުޅުމަށްޓަކައި ރަށުގެ އެކި ގޭގެއަށް ގުލާނުކޮށްދިނުމަކީ އޭނާގެ ދިރިއުޅުމުގެ މަޖުބޫރީ އެވެ. އެއް ލާރި ދެ ލާރި އަށް ހެދުމަށްޓަކައި ރޭދުވާާ ވަކިކުރުމެއް ނެތި ކުރާ ބުރަ މަސައްކަތުން ލިބޭ މިންވަރުން އޭނާ އާއި އައިޝާގެ ބަނޑުފުރާނަ މުއްތިކުރެވޭވަރު ވަނީ ހަމަ ކިރިޔާ އެވެ. ހަށިގަނޑުގެ އެ ބުރަކަމުގެ ރުޅި އަބަދުވެސް ހަސީނާ ބާލަނީ އައިޝާއަށެވެ. ޖިސްމާނީ އަނިޔާތަކާއި ނަފްސާނީ އަނިޔާތައް ވެސް ހިމެނޭ ގޮތުންނެވެ. އެކަން ރޭކާލުމުން އެކަމާ ހަސީނާ ދެރަވިޔަސް، އެ ސިލްސިލާ އަށް ނިމުމެއް ނާދެ އެވެ.

ގިފިލީގެ ދޮރު ހުޅުވާލުމަށް ފަހު، އަތުގެ އިޝާރާތުން އަންނަން ބުނުމުން ހަސީނާގެ ފަސްފަހަތުން އައިޝާ ގޭތެރެ އަށް ވަންނަން ހިނގައިގަތެވެ.

"ހުސޭނުބޭ ގެއިން ލިބުނު ގަރުދިޔަކޮޅަކާ ބަތްކޮޅެއް ހުންނާނެ ބަދިގޭގައި... ނަގައިގެން ކާލާ!" އައިޝާ އަށް ބަލައިލުމެއް ވެސް ނެތި ހަމަ އާދައިގެ ރާގެއްގައި އެހެން ބުނެލަމުން ހަސީނާ އަނެއްކާ ވެސް ގެއިން ބޭރަށް ނުކުންނަން ހިނގައިގަތެވެ.

"މަންމާ...! އެބައުޅެއެއްނު ފަންޑު ފޮށި ބަހައްޓައިގެން!"

އައިޝާ އެހެން ބުނެލުމާއެކު ހަސީނާ ފަސްއެނބުރި އައިޝާ އަށް ބަލައިލި އެވެ.

"އައިޝާގެ އަތުގަ މިއޮތީ ނަވާރަ ރުފިޔާ،" ޖީބުން ވަކިލާރި މުއްވަރެއް ނަގަމުން ހަސީނާއާ ދިމާއަށް އައިޝާގެ ކަނާއަތް ދަމާލި އެވެ. ހަސީނާ ގޭގެ އަށް މަސައްކަތް ކުރަންދާއިރު ބައެއްފަހަރު އައިޝާ ވެސް ގެންދެއެވެ. އެގޮތަށް ގެންދާ ބައެއް ގޭގެއިން އައިޝާ އަށް ވަކި އުޖޫރައެއް ދީ ހަދައެވެ. އައިޝާ އަށް އެގޮތަށް ލިބޭ ފައިސާ އެއްވެސް މިންވަރަކަށް ހަސީނާ ބޭނުމެއް ނުކުރެއެވެ.

ހަސީނާ އެއްޗެއް ނުބުނުމުން، އައިޝާ އިސްޖަހާލި އެވެ. އައިޝާ ބުނަން އުޅެނީ ކީކޭކަން ހަސީނާ އަށް އެނގެއެވެ. އެހީގެ މިންވަރު ކިތަންމެ ކުޑަޔަސް، އެހީތެރިކަމަކީ ކިހާ މުހިއްމު އެއްޗެެއްކަން އެނގޭނީ ވެސް ހަސީނާ ފަދަ އެހީތެރިކަމަށް ބޭނުން ޖެހިފައިވާ މީހުންނަށެވެ. އިތުރު އެއްޗެއް ބުނުމަކާ ނުލައި އައިޝާއާ އެއްބަސްވުމުގެ ގޮތުން ހަސީނާ ބޯޖަހާލި އެވެ. އެއާއެކު އައިޝާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔަ އެވެ. މީހުންގެ ތެރެއަށް ނުކުމެލައި، މި ބަންދު ދިރިއުޅުމުން ހިނދުކޮޅެއްގެ މިނިވަންކަމެއްް ލިބުމަށް އައިޝާ ހުރީ އެދިއެދި އެވެ. އުޑުމަތިން އުދުހިދާ ދޫނިތަކާއި ބިންމަތީގައި އުތުރެމުންދާ ހިނިތަކުގެ އެކުވެރި ކަމަށް ވުރެ ބޮޑަށްް އިންސާނުންގެ ރަހްމަތްތެރިކަން އައިޝާ ވެސް ބޭނުމެވެ.

އިރު އޭގެ އާދައިގެ ދުވެލީގައި އުދަރެހާ ދިމާއަށް މިސްރާބު ޖެހުމާ ގާތްވަމުން ދަނީ އެވެ. ހަވީރު ފިންޏަށް ނަލަ ހެދިގެން ދެ ދަރިން އަތުލަފި ކޮށްގެންދާ އެ ދެ ކުދިންގެ މައިމީހާގެ ފިޔަވަޅުތަކަށް ބަލަމުން އެ މީހުންގެ ފަސް ފަހަތުން އައިޝާ ވެސް ހިނގަމުން ދިޔަ އެވެ. މަގުގެ ދެ ފަރާތުން ރުއްގަހުން ބަރިޖަހާލާފައިވާ ރަށުގެ ބޮޑުމަގުން ކުރިއަށް ހިނގަމުން ދިޔައިރު، މަގުހިނގާ މީހުންގެ ނަޒަރު އައިޝާ އަށް އަމާޒުވަމުން ދިޔަތަން އައިޝާ ދުއްޓެވެ. ކީއްވެކަން ނޭނގުނަސް ރަށު މީހުން އައިޝާ ދެކެ ރުޅިއަންނަކަން އެ ކުޑަކުޑަ އަންހެންކުއްޖާ އަށް ވަންހަނާ ވެފައެއް ނުވެ އެވެ. މީހުންގެ ބުނުންތަކާއި އަބުއި ނަޒަރުތަކަށް ސަމާލުކަން ދޭވަރަށް ވުރެ އައިޝާ ކުޑަވެފައި މައުސޫމެވެ.

ވެވުނު ކުޑަ އެހީތެރިކަމާ އެކު ވެސް، އައިޝާގެ ހިތް އުފަލުން ފުރުނު ފަދަ އެވެ. އަމިއްލަ ނަފްސުގެ ބޮޑުކަމާއި މުހިއްމުކަން އިހުސާސްކުރެވުނު ކަހަލަ އެވެ. ގެއަށް ދިއުމަށް ކުރިއަށް އެޅި ފިޔަވަޅާ އެކު، އައިޝާގެ ޚިިޔާލް ބަދަލުވެ، ރަށުގެ ބަނދަރާ ދިމާއަށް މިސްރާބު ޖެހި އެވެ.

އޮއްސެމުންދާ އިރާއި އެ އިރުގެ ޚިދުމަތުގައި އުދަރެހުން ފަވަމުންދިޔަ ކުލަތަކުން މަންޒަރުގެ ރީތިކަމަށް ގެއްލި އާޝޯޚް ވެފައި އައިޝާ އަށް އިނދެވުނެވެ. ކަނޑުގެ އޮމާން ސަތަހަ ފަޅިކުރަމުން މަޑުދުވެލީގައި އައި ކަނޑުބޯޓު ބަނދަރާ ގާތްކުރީ އެ ވަގުތު އެވެ. ބޯޓުން ފައިބާ މީހުންގެ އިސްތިގުބާލުގައި ހިސާބަކަށް އެ ސަރަހައްދަށް މީހުން ޖަމާވެފައި ވެއެވެ. އޮފީހުގެ ރަސްމީގަޑި ނޫނަސް ޓައީ އަޅައިގެން އެ އެންމެންގެ ތެރޭގައި މާހިން ވެސް ހުއްޓެވެ. އިންތިޒާރު ދިގުވެ ފޫހިވާ ގޮތްވެފަ އެވެ. ރަށު ސިއްހީ މަރުކަޒުގެ މެނޭޖަރުގެ ރަސްމީ މަސައްކަތެއް އޭނާގެ ބޮލުގައި އެޅުވީތީ އެވެ. މިތަނަށް އަންނަން ނުޖެހުނު ނަމަ އޭނާ މިހާރު ހުންނާނީ މިރޭ އެކުވެރިންނާ އެކު ދާން އޮތް މަސްދަތުރުގެ ތައްޔާރީތައް ވާށެވެ. މާހީންއަކީ ރަށު ސިއްހީ މަރުކަޒުގެ އިދާރީ ބައިގައި މަސައްކަތްކުރާ ޒުވާނެކެވެ. ކަންފަސޭހަ، ސަކަ މިޒާޖެއްގެ އެންމެނާ ގުޅޭ ޒުވާނެކެވެ. ރީތި ކަމާއި ފުރިހަމަ ކަމުގައި މި ރަށުގައި އެންމެ ނަން ވިދާލާފައިވާ ޒުވާނާއަކީ ވެސް އެއީ އެވެ.

ބޯޓުން ފައިބަމުންދާ މީހުންތަކުގެ ތެރެއިން ފޭބިި ރީތި އަންހެންކުއްޖާ މާހީންގެ ލޮލުގައި އަޅައިގަތީ އެ ވަގުތު އެވެ. އިރުކޮޅެއް ވަންދެން ހެވިފައި އަންހެންކުއްޖާ އަށް ބަލަން ހުރުމަށްފަހު، އަންހެންކުއްޖާ ހުރި ދިމާއަށް މާހީން ހިނގައިގަތެވެ.

"ޑރ. ލުބާ ދެއްތޯ؟"

"މެނޭޖާ ޝަފީގު ތޯ؟ ކުރިމަތީ ހުރި ޒުވާން ފިރިހެން ކުއްޖާ އަށް ހައިރާންކަމާ އެކު ބަލައިލަމުން ލުބާ އެހިއެވެ. ޝަފީޤުއާ ދެކެވިފައިވާ ވާހަކަތަކުން ޝަފީގުއަކީ ދެ ކުދިންގެ ބައްޕައެއްކަން ލުބާ އަށް އެނގިފައި ވެއެވެ.

"ނޫން. މީ... ބޮސް ދަރިފުޅު ބަލިވެގެން ކުއްލިއަކަށް ގެއަށް ދާންޖެހިގެން އަޅުގަނޑު ފޮނުވީ... މިއީ މާހީން. ސިއްހީ މަރުކަޒުގެ ސްޓާފެއް!"

ޑރ. ލުބާ އޭނާ އަށް ތަސައްވުރު ކުރެވިފައިވާ ގޮތާއި ހަމަލޮލަށް ފެނުނު ގޮތް ތަފާތު ވުމުން މާހީން ކުޑަކޮށް ހިނިއަންނަ ގޮތްވި އެވެ. ލުބާއަކީ އެހާ ޒުވާން ޑޮކްޓަރެއް ކަމެއް މާހީން އަށް ކުރިއަކުން ނޭނގެ އެވެ. އޭނާގެ ޚިޔާލީ ތަސައްވުރުގައި ކުރެހުނު، ހަށިގަނޑުން ފަލަ، ކުރު، މެދު އުމުރުގެ ލުބާގެ ބަދަލުގައި ކުރިމަތީގައި ހުރީ އިސްކޮޅުންދިގު ހިމަތޮޅި ދޮން ރީތި ޒުވާނެކެވެ. އިސްތަށިގަނޑު ފަންވެފައި ލައިގެން ހުރި ހުދުކުލައިގެ ބްލައުޒް އާއި އައިސްބްލޫ ޖީންސްގައި ލުބާ ފެންނަލެއް ހިތްގައިމެވެ. ދަތުުރުން ފޭބުމުގެ ކުރިން ތާޒާވެލައިގެން ހުރުމުން ލުބާގެ ރީތިކަން އިތުރުކޮށްދީފައި ވެއެވެ.

"އޯހް... އެހެން ވީމަ މިރޭ ޝަފީގުއާ ބައްދަލެއް ނުވާނެ ދެއްތޯ؟"

ރަށުތެރެއަށް ހިނގައި ގަންނަމުން ލުބާ އެހެން އެހީ މާހީން އާ ހަތަރުކަޅި ހަމަކޮށްލަމުންނެވެ. ޖަވާބުގައި މާހީން ކޮނޑުއަރުވާލި އެވެ.

"ނޫން ބުނުއްވި މިރޭ ދިމާވެލައްވާނެ ކަމަށް!"

ތަނަށް ވެރިވެގެން އައި އަނދިރިކަމާ އެކު ބަނދަރުމަތީގައި ހުރި ބަނދަރު ބައްތިތައް ދިއްލި މުޅި ތަނަށް ވެރިވެފައިވާ އުޖާލާކަމުގެ ތެރެއިން، މާދުރުން ހިޔަނި ވަމުން އައި ކާސިމް، އައިޝާ އަށް ފެނުނީ އެ ވަގުތު އެވެ. ގަޔަށް އެރި ހީބިހިގަނޑާ އެކު ތުރުތުރު އަޅައިގަނެ އައިޝާ އަށް ދެވޭ ނުދެވޭ ދިމާއެއް ނޭނގި ގައިގައި ހުރި ބާރެއްލައި ދުއްވައި ގަނެވިއްޖެ އެވެ. ކަނޑުން އަރައިގެން އައި ކަނޑު ވިގަނި ދެކެ ބިރުން ދުއްވައިގަންނާނެ ފަދައަކުންނެވެ.

"ދޫކުރޭ! ދޫކުރޭ! މަންމާ!"

ލުބާގެ މެދުހަށީގައި ބާރަށް ބައްދައިގެން ހުރެ އައިޝާ ރޮމުން ދިޔަ އެވެ. ރޯމަހެއް ތެޅޭހެން ބިރުން ތެޅިފޮޅެމުން ދިޔަ އައިޝާ މައިތިރިކުރެވޭތޯ ލުބާ ކުރި މަސައްކަތްވީ ބޭކާރެވެ. އެ ހިނދު އައިޝާގެ ބޮލުގެ ފުއްކިބައަށް އެރި ބާރު ހަމަލާއާ އެކު ލުބާ އަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.

"ތަނަކަށް ފޮނުވިޔަސް އަވަހަށް ގެއަށް ވަންނާކަށް ނޭނގޭނެ މީނައަކަށް."

ގަދަކަމުން ލުބާގެ ހަށިގަނޑުން އައިޝާ ވަކިކުރަމުން ހަސީނާ އެހެން ބުނީ ރުޅި އައިސް ހުރެ އެވެ. އެ ތަނުގައި ތިބީ ކޮން ބައެއްކަން ބަލާކަށް ހަސީނާގެ އެއްވެސް ފަރުވާލެއް ނެތެވެ. ހަސީނާގެ ގަދަ ދެއްކުންތަކުން ކުޑަކުޑަ އައިޝާއަށް ވެދާނެ ގެއްލުމަކާ މެދު ވިސްނަމުން އައިޝާގެ އަތް ފޮޅުވާލެވޭތޯ ލުބާ މަސައްކަތްކުރި އެވެ.

ހަސީނާ އަށް ލުބާއާ ހަތަރު ކަޅި ހަމަކުރެވުނީ އެ ވަގުތު އެވެ. ބިރެއް ފެނިގެން ތެޅިގަންނަހެން ހަސީނާ އަށް ތެޅިގަނެވުނެވެ. އެ ސޫރައަކީ ހަސީނާ ދުވަހަކު ވެސް ދެކެން ބޭނުންނުވާ ސޫރައެކޭ ބުނާ ފަދައިންނެވެ. ބަލާކަށް ނުހުރެ އައިޝާ ދަމަމުން ކަހަލަ ގޮތަކަށް، އެތަނުން އަވަހަށް ދެވޭތޯ ހަސީނާ ހިނގައިގަތެވެ.

"ކިހިނެއްތަ އެވީ؟!"

ޖެހި ބުދެއްހެން މަންޒަރު ބަލަން ހުރުމަށްފަހު މާހީން އެހި އެވެ. ދެންމެ ކަންވީގޮތުން ލުބާ ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.

"އެއީ ކާކު؟ ކޮން ކުއްޖެއް އެއީ؟ އެ އަންހެންމީހާ މާ ބިރުން އެއުޅުނީ ކީއްވެ؟"

ހިތުގައި އުފެދުނު އެތައް ސުވާލުތަކުގެ ތެރެއިން އެ ވަގުތަށް ކުރަން އެންމެ ބޭނުންވި ސުވާލު ކުރަމުން ލުބާ މާހީން އަށް ބަލައިލި އެވެ.

(ނުނިމޭ)

ދިގު ވާހަކަ ވާހަކަ: ދުންފުސް

Popular