By: Ahmed Nadym
ބޮލީވުޑްގެ ބާދުޝާހު، ޝާހުރުކް ޚާން އޭނާގެ އާއިލާއާ އެކު ޗުއްޓީ އަށް މިއަދު ރާއްޖެ އަތުވެއްޖެއެވެ. މިއަދުގެ ހެނދުނުގެ ވަގުތެއްގައި ނަގާފައިވާ މި ފޮޓޯތަކުން އެ ފެންނަނީ ޝާހުރުކް އޭނާގެ ތިން ކުދިންނާ އެކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ނުކުމެގެން ރިސޯޓަށް ފުރަން ދާތަނެވެ.
ޝާހުރުކްގެ އާއިލާގެ މެމްބަރުންނާއި އެހީތެރިން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.
އެނގިފައިވާ ގޮތުގައި ޝާހުރުކާއި އޭނާގެ އާއިލާގެ މެމްބަރުން ޗުއްޓީ ހޭދަކުރުމަށް ހަމަޖެހިފައި ވަނީ ޖުމެއިރާ ވިޓަވެލި މޯލްޑިވްސްގައެވެ. މި ޗުއްޓީ އަށް ތިން ކުދިން ގޮވައިގެން ޝާހުރުކް މި އައީ އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާންގެ ގުރެޖުއޭޝަނަށް ފަހު ކަމަށް އެނގިފައިވެއެވެ.
ޝާހުރުކް އޭނާގެ ދަރިފުޅު އަބްރާމްގެ އަތުގައި ހިފަހައްޓައިގެން އަދި އެމީހުންގެ ފަހަތުގައި އަންހެން ދަރިފުޅު ސުހާނާ (ކުޑައިގެ ހިޔަލުގައި).
މި ފޮޓޯގައި، 19 އަހަރުގެ ސުހާނާ އެ ފެންނަނީ ޝާހުރުކްގެ ފަހަތުން އެ ފެންނަ ނޫކުލައިގެ ކުޑަ ދަށުންނެވެ. ޝާހުރުކްގެ އަތުގައި ހިފައިގެން އެހެރީ އޭނާގެ އެންމެ ހަގު ދަރިފުޅު، ހަ އަހަރުގެ އަބްރާމް ޚާން އެވެ. ދަބަހެއް އަޅުވައިގެން އެމީހުންގެ ކުރިމަތިން އެ ފެންނަނީ ދޮށީ ދަރިފުޅު، 21 އަހަރުގެ އަރްޔަން ޚާން އެވެ.
ޝާހުރުކް އޭނާގެ ކުދިންނާއި އެހީތެރިންނާ އެކު ވީއައިޕީން ނުކުމެގެން ފުރަން ދަނީ.
އެމީހުންނަށް ހާއްސަކޮށްގެން ޖުމެއިރާ ވިޓަވެލިން ހަ ވިލާ ދޫކޮށްފައިވާއިރު ޝާހުރުކްގެ މި ޗުއްޓީ އަށް ރިސޯޓުން އެއްވެސް އަގެއް ނުނަގާ ކަމަށް ވަނީ އެނގިފަ އެވެ. ބަދަލުގައި ކޮންމެ ދުވަހަކު ޝާހުރުކާއި އޭނާގެ އާއިލާ އިން ރިސޯޓުގެ ހިތްގައިމު މަންޒަރުތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އެމީހުންގެ މިލިއަން ފޮލޯވަރުންނާ ހިއްސާކުރަމުން ގެންދާނެއެވެ.
ތިން ކުދިންނާ އެކު ޝާހުރުކް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.
ރާއްޖޭގެ މިފަދަ ރިސޯޓުތަކާއި ހިތްގައިމު މަންޒިލުތަކަށް އަންނަ ބޮލީވުޑްގެ ސުޕަސްޓާރުނާއި އިންޑިއާގެ ޓުއަރިސްޓުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މުމްބާއި އާއި މާލެއާ ދެމެދު އަގުހެޔޮ ޑައިރެކްޓް ދަތުރުތަކެއް ފެށިފައިވާކަން ފާހަގަކޮށްލެވެއެވެ. އޭގެ ނަތީޖާ ހިސާބުތަކުން ވެސް ފެންނަމުން އަންނައިރު އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތައް ވެސް ބައިވަރެވެ.
ޝާހުރުކް އޭނާގެ ހަގު ދަރިފުޅު އަބްރާމް (ކ) އާއެކު މިއަދު ހެނދުނު އެއާޕޯޓުގައި.