ތެޅިތެޅި އޮތް ހިތަކާ އެކުވެސް ތޫބާއަށް ކުރިމަތީއިން ޒުވާނާގެ މޫނަށް ނަޒަރު ހުއްޓާލެވުނެވެ. ހުޅުވިފައިވާ ދޮރުން ވަދެގެން އައިސް އެމީހުން ތިބި މޭޒާ ހަމައަށް އެޅިފައި ހުރި ފަނޑު އަލިކަމުގެ ތެރެއިން ޒުވާނާގެ މޫނު ފެނުމާއެކު ތޫބާގެ ގައިން ހީބިހިނެގިއެވެ. އެވަގުތު އެ ހޫނު ނޭވާތަކުގެ އަސަރާއެކު ތޫބާގެ ހިތުގެ ވިންދުތައް އަވަސްވަމުން ދާން ފަށައިފިއެވެ. އެހެން އިން އިރުވެސް އަލަމްގެ ސަމާލުކަން ހުއްޓިފައި ހުރީ އޮފީސް ތެރެއަށް ވަދެ ޝިކާރައަކަށް ދަހިވެތިވެ ބަލަމުން ހިމޭން ފިޔަވަޅުތަކެއް އަޅަމުން ދިޔަ ދެ ވަގުންނަށެވެ. ތަނުން ކަރަންޓް ކެނޑި، އެއަރ ކޮންޑިޝަނަރގެ ފިނިކަން ދިޔައީ ކެނޑެމުންނެވެ. އެއާއެކު ވެރިވަމުން ދިޔަ ހޫނުކަމާއެކު އަލަމްގެ ކޮންމެވެސް ވަރަކަށް ތުނިކޮށް ކޮށާލެވިފައިވާ ރީތި އިސްތަށިގަނޑު ފުރާނަމުން އައިސް މޫނުގެ އަރިމަތިން ދެމެމުން ދިޔަ ދާތިކިތަށް ކޮނޑުން ފުހެލުމަށް ހަރަކާތްކޮށްލި ވަގުތު އޭނާގެ ނަޒަރު ސީދަ ތޫބާގެ ފުން ދެލޮލަށް އަމާޒުކޮށްލެވުނެވެ. އެ މައްސޫމް އަންހެން ކުއްޖާގެ އެ ބެލުމުގެ އަސަރު ފުރަތަމަ ފަހަރަށް އޭނާގެ ހިތަށް އިހްސާސްކުރެވުނު ވަގުތު ކޮޅަކީ އެއީއެވެ. އެ ވަށް ތުނި މޫނާއި މިނިވަން ކަމަށް ދޫކޮށްލެވިފައިވާ ބުޅި އިސްތަށިގަނޑުގެ ފުރިހަމަކަން އެހާ ގާތުން އޭނާއަށް އިހްސާސް ކޮށްލެވުނު ފަހަރަކީވެސް އެއީއެވެ.
"ޑޯލް" ހުވަފެނަކުން ހޭލަމުން ދިޔަ މީހަކު ފަދައިން ތޫބާގެ މޫނަށް އެއިން ގޮތަށް ބަލަހައްޓައިގެން އިނދެ މަޑުމަޑުން އަލަމް އަށް ބުނެލެވުނެވެ. ދެން އެ ދެމެދުގައި ބަދަލުވެގެން ދިޔައީ ހަމަހިމޭން ކަމުގެ ފަޅި ސިކުންތު ކޮޅެކެވެ. އެ ހިމޭން ހިނދުކޮޅުގެ ހިތްގައިމުކަން ނަގާލީ އެމީހުންނާ ދިމާއަށް އަޅަމުން ދިޔަ ފިޔަވަޅުގެ އަޑެވެ. ދެމީހުންނަށް އެއްފަހަރާ ދޮރާދިމާއަށް ބަލައިލެވުނު އިރު ކަޅު ކުލައިން ސިފަ ވަކިނުވާގޮތަށް ހެދުން އަޅައިގެން ހުރި ދެމީހުން ގެ ތެރެއިން އެކަކު އެމީހުން ތިބި މޭޒާ ދިމާއަށް ފުރަގަސްވާގޮތަށް ކުރިއަށް ހިނގަމުން ދާތަން ފެނުނެވެ. ހަދަންވީގޮތެއް ވިސްނަމުންގޮސް ތޫބާ އަރައިގެން އިން "ހައިހީލް" އަލަމްގެ ލޮލުގައި އަޅައިގަތީ ކުއްލިއަކަށެވެ. ތޫބާގެ އިޒްނައެއްނެތި ތޫބާގެ ފައިން "ހީލް" ވަކިކޮށްލަމުން އަލަމް ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އަލަމްގެ އެ ޙަރަކާތަށްފަހު ދެން ފެނުނީ ވީ ނުވީއެއް ނޭނގި އެމީހާ ބިންމައްޗަށް ވެއްޓުނު ތަނެވެ. އެއާއެކު އެމީހުންގެ ތެރެއިން ދެންހުރި މީހާ ލިބުނު ފުރުސަތުގެ ބޭނުންހިފައި ދުވަމުން ކަހަލަ ގޮތަކަށް އެތަނުން ނިކުންނަން ދުއްވައިގަތެވެ.
އެރެއަށް ފަހު ތޫބާއާ ދޭތެރޭ އަލަމް ދެކެމުން ދިޔަ ނަޒަރު މަޑުމަޑުން ބަދަލުވަމުން ދިޔައެވެ. ހިތުގެ ކަނެއްގައި ހޭލަމުން ދިޔަ ލޯބީގެ އިހްސާސްތަކާއެކު ތޫބާއަށް އޭނާ ބަލާގޮތް މުޅިން ތަފާތުވިއެވެ. އޭނާއަށްޓަކައި އެ އިޙްސާސްއަކީ މުޅިން އައު އިހްސާސްއެކެވެ. އޭނާގެ ހަޔާތަކީ އަންހެންކުދިންގެ ޖާގަތަކުން ފުރާލެވިފައިވާ މަންޒިލެއްނަމަވެސް، އެ މަންޒިލްގައި ޤަރަރުވެރިކަމުގެ ޖާގައެއް އެ އިން އެއްވެސް އަންހެން ކުއްޖަކަށް އޭނަ ނުދެއެވެ.
އޭނާގެ ހަޔާތަށް އައި ބަހާރެއްފަދަ އެ އުފާވެރި އިހްސާސްއާއެކު، އޭނާގެ ކާވެނީގެ ވާހަކަތައް ތަބައްސުމްގެ އާއިލާއާއެކު ދެކެވެންފެށި ދުވަސްވަރަކީވެސް އެއީއެވެ.
"މަންމާ! މިކާވެންޏެއް ނުކުރެވޭނެ!.." އަލަމް ވާހަކަ ދެއްކީ ޒައިނަބާއެވެ. އަލަމްގެ އެ ދެކޮޅު ހެދުމުގެ ހަގީގަތް ނޭނގި ހައިރާން ކަމުގައި ޒައިނަބު އިނެވެ. އެ ތަނަވަސް ސިޓިން ރޫމުގައި އަތުރާފައިވާ ބިޔަ ސޯފާތަކުން ސޯފާއެއްގައި އިށީނދެލައިގެން އިންއިރު، ޒައިނަބުގެ އަބުއި ޝަހުޞިއްޔަތު ދިޔައީ ރަނގަޅަށް ހާމަވަމުންެނެވެ. އޭނާގެ ބޮލާދިމާއިން މަތިން ދިއްލާ އަޅަފައިވާ ޗާންދަލިޔާގެ ރަން އައްޔާއި ގޭތެރެއަށް ފާޅުވަމުންދިޔަ ބޮކިތަކުގެ ހުދުއަލި އެކުވެ އުފެދިފައިވާ އަލިކަމުގެ ދަޅަ ޒައިނަބުގެ މޫނަށް އެޅިފައި ހުރި ގޮތުން އެ ޢުމުރުގައިވެސް އެމޫނުމަތީގެ ރީތިކަން ދިޔައީ ހާމަވަމުންނެވެ. އަތުގައި އޮތް ނޫސް ލައްޕާލަމުން ކުރިމަތީހުރި ބިއްލޫރި މޭޒުގައި ނޫސް ބާއްވާލަމުން އޭނާ ހަށަމަށް އަތްއަރުވާލިއެވެ. ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ދެވަނަ ފަހަރަށް ރަނގަޅުކޮށްލަމުން އޭނާގެ ނަޒަރު އަމާޒުކޮށްލީ ކުރިމަތީ އިން ސޯފާގައި އިށީނދެ ޒައިނަބުގެ ޖަވާބަކަށް އެދިގެން އިން އަލަމް އަށެވެ. ދެން ތަނަށް ވެރިވެފައިވާ ހިމޭންކަމުގެ ތެރެއަށް ފޭދިގެން ދިޔައީ ޒައިނަބު ދޫކޮށްލި ފުންނޭވާގެ މަޑު މަޑު އަޑެވެ.
"ދަރިފުޅަށް އެނގޭތަ ތިބުނެވޭ އެއްޗެއް؟! އަޒްހަރަށް އަހަރެމެން ދޭނީ ކޮން ޖަވާބެއް؟! ދެން އެހެން ނޫނަސް ކުއްލިއަކަށް ކާވެންޏަށް އިންކާރު ކުރުމުގެ ސަބަބަކީ ކޮބާ؟! ދަރިފުޅާއި ތަބައްސުމްގެ ގުޅުމަކީ އެންމެން ދަންނަ ގުޅުމެއް. އެންމެ ކުޑައިރުން ފެށިގެން..." ރުޅިވެރިކަމުގެ ބަދަލުގައި ޒައިނަބު ވާހަކަ ދެއްކީ ކެތްތެރިކަމާ އެކުގައެވެ. އޭނާގެ އެއްވެސް އެދުމަކަށް މީގެ ކުރިން ދެކޮޅު ނަހަދާ ދަރިފުޅުގެ އެ ކުއްލި އިންކާރު، އޭނާގެ ނަފްސުގެ ހަމަޖެހުންވެސް ނަގާލި ކަހަލައެވެ. އެ އަމަލަކީ މިންހާލްގެ އަމަލެއްނަމަ، ސުވާލެއްނެތި އެކަން އޭނާއަށ ްގަބޫލުކުރެވުނީހެވެ. އެކަމަކު އަލަމްއަކީ އޭނާގެ ދެލޮލުގެ ނޫރެވެ. ތިން ދަރިންގެ ތެރެއިންވެސް އޭނާގެ ހިތުގެ ޚާއްސަ ލޮތްބަކާއި ޤަދަރެއް ދެވިފައިވާ އޭނާގެ ބަސްއަހާ ދަރިފުޅެވެ. މިޒާޖުގައި މިންހާލް ކަހަލަ މަޑުމައިތިރިކަމެއް ނެތަސް، ކުޑައިރުން ފެށިގެން މަންމައާ އެންމެ ދޯޅަ ދަރިއަކީ އަލަމް އެވެ.
"އެންމެ ކުޑައިރުން ފެށިގެން އެ އޮތް ގުޅުމަކީ އެއްވެސް ހަގީގަތެއް ނޫންކަން އެނގުނީ އަދިކިރިޔާ... ކޮންމެ ގޮތެއްވިޔަސް ތަބައްސުމް އަކާ ކާވެންޏެއް ނުކުރާނަން!" ވިސްނުންތަކާއި ފިކުރުތަކުން ސިކުނޑި ބަނދެލައިގެން އިނދެ ޒައިނަބު ބުނި ވާހަކަތައް މެދު ކަނޑާލަމުން އަލަމް އެހެން ބުނެލީ ކުއްލިއަކަށެވެ. އަމިއްލަ ނަފްސަށްޓަކައި އެ ނިންމުން އޭނާ ނިންމިއަސް، ހިތުގެ މުރާދު ހާސިލް ވާނެކަން އޭރުވެސް އޭނާ ހުރީ ނޭނގުމެއްގެ ތެރޭގައެވެ.
އެ ޚަބަރު އަޒްހަރުގެ ޢާއިލާއާ ހަމައަށް ގެންދަން ޒައިނަބަށް މަޖުބޫރުވިއެވެ. ތަބައްސުމްގެ ހިތް ހަލާކުވިއެވެ. ކުޑައިރުން ފެށިގެން ހިތުގައި އުފެދުނު ލޯބި އަމިއްލަ އަތުން ކަފުންކޮށް ވަޅުލަން ޖެހުނީ ތަބައްސުމް އަށެވެ. އޭނާއަށް އެނގެއެވެ. އޭނާއަށްޓަކައި އަލަމް ދުވަހަކުވެސް ލޯބީގެ ވަޢުދުތަކާއި އަހްދުތަކެއް ނުކުރެއެވެ. އަލަމްގެ ހަޔާތަށް އޭނާ ވަދެގަތީ އޭނާގެ އަމިއްލަ އިޚްތިޔާރުގައެވެ. އަލަމްއަކީ ތަބައްސުމްގެ މީހަކަށް ހަދަން އޭނާ ބޭނުންވީއެވެ.
ކުރެވުނު ކުށުގެ މާފް ހޯދުމަށް އަލަމް ތަބައްސުމްގެ ގާތަށް ދިޔައެވެ. ލޯބި ނުވެވި ލޯބީގެ އިޤުރާރު ވުމަކީ ކިހާ ބޮޑު ގޯހެއްކަން ވިސްނުނު އިރު، އަލަމް އާއި ތަބައްސުމްގެ ޒަމާންވީ ރަހުމަތްތެރިކަމަށް ނިމުން އައުމުގެ ކޮޅުމަތި ފެންނަން ފަށައިފިއެވެ. ތަބައްސުމް ދެކެ ލޯބި ނުވެވުނަސް އެ އެކުވެރިކަމަށް ނިމުން ގެންނާކަށް އަލަމް ބޭނުމެއް ނުވިއެވެ. އަލަމް އެންމެ އުފާވީ އަލަމްގެ އެ އެދުމަށް އެއްވެސް ޝަރުޠެއްނެތި ތަބައްސުމް އެއްބަސްވުމުންނެވެ. އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި އޭނާގެ އެންމެ ގާތުގައި އަބަދުވެސް ވުމަށް އޭނާ ރުހުނީތީއެވެ.
"އެ ނަސީބުވެރިޔާއަކީ ކާކު؟!" ބަނޑިބަނޑި ލައްވަމުން ދިޔަރެހަށް ބީހަމުން ދިޔަ ތުނި ރާޅުތަކަށް ބަލަހައްޓައިގެން އިނދެ އެހެން އަހަމުން މޭޒުމަތީގައި އިން ކޮފީތަށި ނަގައި ތަބައްސުމް ތުނބުގައި ޖެހިއެވެ. ދިހަބުރި އިމާރާތެއްގެ ޓެރަހުގައި ހަދާފައިވާ އެ ކުޑަ ކެފޭގެ މަތިން ވަށައިގެން އޮތް ކަނޑުގެ ސަތަހަ ފެންނަނީ ހިމޭންކޮށެވެ. ނަމަވެސް ތަބައްސުމްގެ އެ ސުވާލައެކު އަލަމްގެ ހިތަށް ހަލަބޮލިކަމެއް ވެރިކުރުވިއެވެ. ދެން ހަށަމަށް އަތް އަރުވާލަމުން ރީތި ފަރުމާއަކަށްއިން ދަނގަޑު ގޮޑީގައި ލެނގިލަމުން އަލަމް ފުންނޭވައެއް ބޭރުކޮށްލައިފިއެވެ. އަލަމްގެ އެ ހަރަކާތަށް ބަލަހައްޓައިގެން ތަބައްސުމް އެއިން ގޮތަށް އިނެވެ. އޭނާގެ ހިތުގައި އުފެދެމުން ދިޔައީ ކޮންކަހަލަ އިހްސާސްތަކެއް ކަމެއް އެވަގުތު އަލަމް އަކަށް ފަހުމްއެއް ނުވިއެވެ. އެކަމަކު ތަަބައްސުމްގެ އެ ސުވާލުގައި ރިހުމެއް ފޮރުވިފައިވާހެން އަލަމް އަށް ހީވިއެވެ.
"ބުނަން ވީތަ؟!" ޖާދުވީ ރީތި ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވަމުން ދެމީހުންތިބި ކުޑަ ވަށްމޭޒުގައި އުޅަނބޮށި އަޅުވާލަމުން ސީދާ ތަބައްސުމްގެ ދެލޮލަށް ބަލައިލުމަށްފަހު އަލަމް އެހިއެވެ. އެއާއެކު އާންއެކޭ ބުނާފަދަ ބީދައަކުން ބޯޖަހާލަމުން ތަބައްސުމްގެ ނަޒަރު އަނެއްކާވެސް އަމާޒުކޮށްލީ އެމީހުން ތިބި އިމާރާތުގެ ތިރިން ދުރުދުރުން ފެންނަން އޮތް މޫދާ ދިމާއަށެވެ.
"މީ އެކުއްޖަކީ..." އަލަމް އެހެން ބުނެލުމާއެކު ތަބައްސުމްއަށް ކުއްލިއަކަށް އަލަމް އާދިމާއަށް ބަލައިލެވުނެވެ. އެއިރު އަލަމްގެ ފޯނުން ތޫބާގެ ތަސްވީރެއް ދައްކާލައިގެން ހެވިފައި އަލަމް އިނެވެ.
***
"ދަރިފުޅާ ކިހިނެތް ވެފަތަ ތިއިނީ؟!" މުނައްވަރުގެ ސުވާލު އަމާޒުކޮށްލީ ނެގިމަޑުވެ ގަބުވެފައި އިން ލިލިއަންއާއެވެ. ބައްޕަގެ ސުވާލާއެކު ވެރިވި ސިހުމަށްވުރެ ބޮޑު ސިހުމެއް އޭނާގެ ނަފްސަށް އެވަގުތު ވެރިކުރުވާފައިވެއެވެ. ޒައިނަބުގެ ތުހުމަތުތަކާއި ރުޅިވެރިކަން އެސްފިޔަ ޖަހާލާ ކޮންމެ ފަހަރަކު ބިރުވެރި ހުވަފެނެއްހެން އޭނާގެ ލޮލު ކުރިމަތީގައި ދިޔައީ ތަސްވީރުވަމުންނެވެ. އެއިރު މުނައްވަރުގެ އެ ސުވާލުގެ ޖަވާބަށް އެދިގެން ތޫބާއާއި ތަސްނީމްވެސް ތިއްބެވެ. އެއިން އެކަކަށްވެސް ޖަވާބު ދިނުމެއްނެތި ކާތަށި ދުރުކޮށްލުމަށްފަހު ކޮޓަރިއަށް ވަންނަން ހިނގައިގަތެވެ.
ކޮޓަރިއަށްވަދެ ލިލިއަން އެނދުގައި އޮށޯވެލިއެވެ. މިއަދު ކުރަންހުރި އެއްވެސް ކަމެއް މިވަގުތު އޭނާ ކުރާހިތެއް ނެތެވެ. ބުނެއެއް ނޫން ހެއްޔެވެ؟ ވިސްނުމާ ފިކުރުތަކުގެ އަޅަކަށް ނަފްސުވެގެންދާއިރު، އެކަނިވެރިކަމުގެ ފަރުވާއަކީ މުހިއްމު އެއްޗެވެ. އަމިއްލަ ނަފްސާމެދު އަމިއްލަ ފިކުރިއްޔާތުގެ ނަޒަރަކުން ވިސްނާލަން އެފަދަ ފަރުވާގެ ބޭނުން ބޮޑުވާ ފަހަރުއާދެއެވެ. ލިލިއަންއަށްވީ އެހެންނެވެ. އޭނާ ބޭނުންވީ އެކަނިވެރިކަމުގެ ފަރުވާއިން ފަރުވާ ލިބިގަންނާށެވެ. އެހެންމީހުންނާ ދުރުގައި ހިނދުކޮޅެއްގެ ހިމޭންކަމެއް އެ ނަފްސަށް ވެރިކުރުވާށެވެ. އެހެނަސް އޭނާގެ އެ އެދުމަށް ހުރަސް އެޅީ އެވަގުތު ކޮޓަރިއަށް ވަދެގެންއައި ތޫބާއެވެ. ތޫބާ ފެނުމާއެކު ލިލިއަންއަށް އެނދުން ތެދުވެވުނެވެ. އަދި މޫނުމަތީ ހުރި ނުތަނަވަސްކަން ފޮރުވަން އޭނާ މަސައްކަތް ކުރިއެވެ.
"އެންމެ ފަހުން އެހިސާބަށްވެސް ދިޔައީތަ؟ ލިލިއަން އަކަށް ނޭނގޭތަ އެމީހުން ލިލިއަން ދުވަހަކުވެސް ގަބޫލު ނުކުރާނެކަމެއް! އެއީ ހިތެއް އޮންނަ ބައެއް ނޫން! އެމީހުންނަށް ދުނިޔެ ފެންނާނީ ފައިސާގެ ހަވާސާގެ ތެރެއިން! އަހަރެމެންކަހަލަ މީހުންނަކީ އެމީހުންގެ ހައިސިއްޔަތާ އަރާ އަރަފޯދިގެންވާ ބައެއް ކަމުގައި އެމީހުން ގަބޫލެއް ނުކުރާނެ!..." ލިލިއަންގެ ގާތުގައި އިށީނަމުން ތޫބާ ބުނަންފެށި ވާހަކަތައް ދޭހަ ނުވެފައި ލިލިއަންއަށް އިނދެވުނެވެ. ހަގީގަތުގައި ތޫބާ ދެއްކީ އޭނާގެ ހިތުގެ ކެކުޅުމެއްގެ ވާހަކައެވެ. މިންހާލްއާއި ލިލިއަންގެ ގުޅުން ތޫބާއަށް ނޭނގޭ ކަމަށް ހީވިއަސް ތޫބާއަށް ހުރިހާއެއްޗެއްވެސް އެނގެއެވެ. ލިލިއަންގެ ކޮންމެ ފިޔަވަޅަކަށް އޭނާ ފާރަލައެވެ. ލިލިއަން އޭނާ ހިނގި ރާސްތާ އިން ހިނގަން އޭނާ ނޭދުނަސް، އެކަމަށް ސީދާ ލިލިއަންގެ ގާތުގައި އެދެން ނުކެރޭ ސަބަބެއް އޭނާގެ ވެއެވެ. އެ ސަބަބު އެނގޭ ދުވަހު އޭނާގެ ހަގީގަތް މުޅިން ބޭޒާރު ވާނެތީއެވެ.
"ދޮންތަ ކީކޭތަ ތިކިޔަނީ؟!.." ތޫބާގެ އެ މައުނަވީ ލަފްޒުތަކާމެދު ވިސްނަމުން ލިލިއަންއަށް އެ ސުވާލު ކުރެވުނެވެ. އެހިސާބުން ތޫބާގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. އެ ރީތި މޫނުމަތީގެ ކުލަވަރު ކުއްލިއަކަށް އޮއްސި ހިމޭންކަމެއްގެ ތެރެއަށް އެ ނަފްސު ބެހިގެން ދިޔަ ކަހަލައެވެ. --ނުނިމޭ--