17 Feb 2021

ނާޗޯސްއާ އެކު ކާން ފުރުޓް ސަލްސާ އާއި ގުއަކަމޯލް!

By: Aminath Ibrahim

"ދޯ" ގެ ރެސިޕީ ސެގްމެންޓުގައި އިއްޔެ ވާނީ ޝެފް، އަހުމަދު ފަތީންގެ ނާޗޯސް ރެސިޕީއެއް ގެނެސްދީފަ އެވެ. ނާޗޯސް އަކީ އޭގެ ގޮތުގައި ކެއުމަށް ވެސް މީރު މެކްސިކަން ޑިޝްއެކެވެ. އެކަމަކު މި ކެއުން އެންމެ ފުރިހަމަވެގެން އަންނަނީ އެއާ އެކުގައި ކާނެ ސައިޑް ޑިޝްއެއް ނުވަތަ ޖައްސައިގެން ކާލެވޭގޮތަށް ތައްޔާރުކުރާ ހާއްސަ "ޑިޕް" ގެ މީރު ރަހަގަނޑާއި ވެސް އެކުގަ އެވެ.

އެހެންވީމާ، މި އާޓިކަލް ގައި މި ހިމަނާލަނީ ނާޗޯސް އާއި އެކު ކެއުމަށް ތައްޔާރުކުރަންވީ ހާއްސަ ފުރުޓް ސަލްސާ ސެލެޑާއި އެވޮކާޑޯ ގުއަކަމޯލް "ޑިޕް" ތައްޔާރުކުރާނެ ގޮތެވެ.

ފުރުޓް ސަލްސާ ތައްޔާރުކުރާނެ ގޮތް

1/2 އަނބު (އަނބެއްގެ އެއް ފަޅި)

1/2 ޑްރެގޮން ފުރުޓް (ފުރުޓްގެ އެއްފަޅި)

2 ޓޮމާޓޯ (އޮށް ނަގާފައި)

ފްރެޝް ކޮރިއެންޑާ

1/2 ވައިޓް އޮނިއަން

ގިތެޔޮ މިރުސް

1 ހަލަޕީނޯ

1 ލުނބޯ

ރަހަ ދޭ ވަރަށް ލޮނު

ރަހަ ދޭ ވަރަށް އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް: ތައްޓެއްގައި މި ހުރިހާ ބާވަތްތަކެއް އެއްކޮށްލާފައި ލޮނު ރަހަ އާއި ކުޅި ރަހަ ހެޔޮވަރުކޮށްލުމުން ސެލެޑް ތައްޔާރުކޮށްލެވުނީ އެވެ.

އެވޮކާޑޯ ގުއަކަމޯލް ޑިޕް ތައްޔާރުކުރާނެ ގޮތް

3 އެވޮކާޑޯ (ތޮށި ނޮޅައިލުމަށްފަހު މޭޝް ކޮށްފައި)

1 ލުނބޯގެ ހުތް

1 ސައިސަމްސާ ލޮނު

1/2 ޖޯޑު ފިޔާ (ކުދިކޮށް ގޮޅިއަށް ކޮށާފައި)

3 މޭޒުމަތީ ސަމްސާ ތާޒާ ސިލާންތްރޯ (ހިމުންކޮށް ކޮށާފައި)

2 ޕްލަމް ޓޮމާޓޯ (ރޯމާ) ގޮޅި އަށް ކޮށާފައި

1 ސައި ސަމްސާ ހިމުންކުރި ލޮނުމެދު

ގްރައުންޑް ކޭން ޕެޕާ (އޮޕްޝަނަލް)

ތައްޔާރު ކުރާނެ ގޮތް: ތައްޓެއްގައި އެވޮކާޑޯ އާއި ލުބޯ ހުތާއި ލޮނުކޮޅު އެއްކޮށްފައި މޭޝް ކޮށްލާށެވެ. އަދި ފިޔާ ކޮޅާއި ސިލާންތްރޯ، ޓޮމާޓޯ އަދި ލޮނުމެދު އަޅާލުމަށް ފަހު ރަނގަޅަށް މިކްސް ކޮށްލާށެވެ. އެއްކުރަމުން ދާއިރު ގްރައުން ކޭން ޕެޕާ ކޮޅެއް އަޅާލުމުން ރަހަ މީރުކޮށްދޭނެ އެވެ.

އެންމެ މީރު ރަހަ ގެނައުމަށް ގަޑިއެއް ހާ އިރު ފްރިޖުގައި ފިނި ކުރުމަށްފަހު ސާވް ކުރާށެވެ.

ކެއްކުން ރެސިޕީ

Popular