16 Feb 2021

ޝެފް ފަތީން މި ކިޔައިދެނީ "ޕާފެކްޓް" ނާޗޯސް ހަދާނެ ގޮތް!

By: Aminath Ibrahim

މި ކިޔާ "ޕާފެކްޓް ނާޗޯސް" އެއްގެ ރަހަގަނޑު ހެޔޮވަރުވެގެން އަންނާނީ އޭގައި ހުންނަ މުރަނަ ޗިޕްސްއާ އެކު މައްޗަށް އަޅާ ޓޮޕިން އާއި ހިތް ފުރެންދެން އަޅާ ޗީޒްގެ މީރު ރަހަގަނޑު، ޖައްސައިގެން ކާ "ޑިޕް" އާ ވެސް އެކުވެގެންނެވެ.

ފަސޭހަ ގޮތަކަށް މިކަން ނިންމާލެވިދާނޭ ހީވިޔަސް، ގަރުނެއް ކުރިން މެކްސިކޯ އިން އުފަންވި މި ކާނާގެ އަސްލަށް ކުޑައިމީސް ކަމެއް ނުގެނެސް "މީރު" ނާޗޯސް ގަނޑެއް އަހަރެމެން ކަހަލަ ބީރައްޓެހި ގައުމެއްގެ ބަޔަކު ހަދާއިރު ސިކުނޑި ސުމަކަށް ހިނގައިދާނެ އެވެ.

އެތައް އެވޯޑެއް ހޯދާފައިވާ މަޝްހޫރު ޝެފް، އަހުމަދު ފަތީންގެ މި ރެސިޕީން މި ކިޔައިދެނީ އެގޮތެވެ. ފަސޭހައިން މީރުކޮށް، ފުރިހަމައަށް ނާޗޯސް ތައްޔާރުކުރާނެ ގޮތެވެ.

މިއީ ދިވެހިންނަށް ކަމުދާ ގޮތަށް ފަތީން ތައްޔާރުކުރި އޭނާގެ އޮރިޖިނަލް ރެސިޕީ އެކެވެ.

ނާޗޯސް ހަދާނެ ގޮތް

1 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

1 ފިޔާ (ބޮޑު) ކުދި ގޮޅިއަށް ކޮށާފައި

500 ގްރާމް ކުކުޅު (ކުދިކޮށް/ހިމުންކޮށް ކޮށާފައި)

2 ލޮނުމެދު (ހިމުން ކޮށްފައި)

1 މޭޒުމަތީ ސަމްސާ ޓެކޯ ސީޒަނިން

ކޮޝާ ސޯލްޓް

1/4 ޖޯޑު ފެން (އަޅަން ބޭނުން ނަމަ)

1 ބޮޑު ޕެކެޓް ޓޯޓިލާ ޗިޕްސް

2 ޖޯޑު ގާނާފައި ހުރި ޗެޑާ ޗީޒް

2 ޖޯޑު ގާނާފައި ހުރި މޮންޓެރީ ޖެކް ޗީޒް

1 (15-oz) ދަޅު ބްލެކް ބީންސް (ފެނުން ނަގާފައި)

1،1/2 ތާޒާ ހަލަޕީނޯ މިރުސް

2 ޓޮމާޓޯ (ގޮޅިއަށް ކޮށާފައި)

ގިތެޔޮ މިރުސް (ބޭނުން ނަމަ)

ތައްޔާރުކުރާނެ ގޮތް

1. އަވަނުގެ ބޭކިން ޝީޓް މަތީގައި ފޮއިލް އަޅާލުމަށްފަހު 425 ޑިގްރީއަށް ހޫނުކުރަން ޖައްސާށެވެ. އެއަށްފަހު ބޮޑު ތަވަައެއްގައި، މެދު ގިނީގައި ތެޔޮފޮދެއް ހޫނުކޮށް، ކޮށާފައި ހުރި ފިޔާ އަޅާފައި ފަސް ވަރަކަށް މިނެޓް ވަންދެން ހަނާކުރާށެވެ. ދެން ކުކުޅު ކޮޅު އަޅާލުމަށްފަހު މަޑު ބްރައުން ކުލަ އަރަންދެން (ހަ ވަރަކަށް މިނެޓް) ހަނާކުރާށެވެ. އެއަށްފަހު ތަވާގައި ފެން ހެދިފައި ހުރި ނަމަ ސަމްސަލަކުން ފެންތައް ނަގާށެވެ.

2. ދެން ހިމުން ކޮށްފައި ހުރި ލޮނުމެދުކޮޅު އެއްކޮށްލުމަށް ފަހު ކުކުޅުކޮޅު ކުޑަކޮށް މުރަނަވާ ވަރަށް ހަނާކުރާށެވެ. ފަސް ވަރަކަށް މިނެޓްކޮށްފައި ބީންސް އަޅާށެވެ. އަދި ބޭނުން ނަމަ، ފެން ފޮދެއް އަޅާފައި ރަނގަޅަށް އެއްކޮށްލާށެވެ. އޭރުން ޗިކަން-ބީން ޕޭސްޓް ތައްޔާރުކޮށްލެވުނީ އެވެ.

3. ވަކި ޓްރޭއަކަށް ޓޯޓިލާ ޗިޕްސް ޕެކެޓްގެ އެއްބައި އަޅާލާށެވެ. އަދި ޗިޕްސްތަކުގެ މައްޗަށް، ތައްޔާރުކުރި ޗިކަން-ބީން މިކްސްގެ އެއްބަޔާއި ދެ ވައްތަރު ޗީޒްގެ އެއްބަޔާއި ހަލަޕީނޯގެ އެއްބައި ވެސް އަޅާށެވެ. މީގެ މައްޗަށް އިތުރު ލޭޔަރެއް އަޅަން، އަނެއްކާވެސް ޗިޕްސް އަޅާލުމަށްފަހު ދެންމެ މި ބުނި ގޮތަށް ޓޮޕިން ރިޕީޓް ކުރާނީ އެވެ.

އެއަށް ފަހު އަވަނަށް ލާފައި ޗީޒް ރަނގަޅަށް މެލްޓް ވުމުން ނަގާށެވެ. ދެން އެވޮކާޑޯ އެއް ކުދި ގޮޅިއަށް ކޮށާފައި، އެއާއި، ކޮށާފައި ހުރި ޓޮމާޓޯ އެއް ކޮށާފައި އެއާއި ޖޯޑެއްގެ ސިލާންޓްރޯ (އޮޕްޝަނަލް) އާއި ގްރީން އޮނިއަން ކޮށާފައި މައްޗަށް އަޅާލާށެވެ. އޭރުން ޓޮޕިން ނިމުނީ އެވެ. ނާޗޯސް ތައްޔާރުކޮށްލެވުނީ އެވެ.

ނާޗޯސް އެންމެ މީރު ވާނީ ހޫނުކޮށް، ތާޒާކޮށެވެ.

ނާޗޯސް އެންމެ މީރުކޮށް ކާން ބޭނުންވާ ނަމަ މިއާ އެކު ޖައްސައިގެން ކާން ދެ ވައްތަރެއްގެ ޑިޕް އެއް ތައްޔާރުކޮށްލެވިދާނެ އެވެ.

ފްރުޓް ސަލްސާ އާއި އެވޮކާޑޯ ގުއަކަމޯލް ޑިޕް އާއި އެކު ނާޗޯސްގެ ރަހަގަނޑަށް ޓުވިސްޓެއް ގެނެސްދޭނެ އެވެ.

މި ދެ ޑިޕްގެ ރެސިޕީ "ދޯ" ގެ އެހެން އާޓިކަލްއެއްގައި ގެނެސްދޭނަމެވެ.

ކެއްކުން

Popular