19 Apr 2021

ކަނޑޫދޫ މިރުހުން ހެދީ ކޯއްޗެއް؟

ދުވަހަކު ވެސް ނުވާ ވަރަށް މި ރޯދަ މަހު ކަނޑޫދޫ މިރުހުގެ އަގު ވަނީ ހެޔޮވެފައި

ދުވަހަކު ވެސް ނުވާ ވަރަށް މި ރޯދަ މަހު ކަނޑޫދޫ މިރުހުގެ އަގު ވަނީ ހެޔޮވެފައި

By: Ifraz Ali

ކުޅިރަހަ ގަދަ، ވަރަށް މީރު ގިތެޔޮ މިރުހެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ތ.ކަނޑޫދޫގެ މިރުހުން ކާ އެއްޗެއް ތައްޔާރުނުކޮށް މިހާރު ރޯދަ މަހު ހިތްހަމަޖެހުމެއް ނުލިބެ އެވެ. ރޯދަ މަހު ކަރަޔަށް އޮންނަ ލޯބި، މިހާރު މި މިރުހަށް ވެސް ދެވިއްޖެ އެވެ. އަދި ކަނޑޫދޫ މިރުހުން ތައްޔާރުކޮށްފައި ހުންނަ ކޮންމެސް އެކައްޗެއް ނަމަވެސް، ރޯދަ ވީއްލާ ސުފުރާމަތީގައި ހުންނަން ބޭނުންވެ އެވެ.

މި ރޯދަ މަހު ކޮންމެ ގެއަކު ވެސް ކަނޑޫދޫ މިރުހުން އެއްޗެއް ތައްޔާރުކުރާނެހެން ވަރަށް ބޮޑަށް ހީވެ އެވެ. އެއީ އެހެން ރޯދަ މަސްތަކާ ހިލާފަށް މިފަހަރު ކަނޑޫދޫ މިރުސް މާރުކޭޓުގައި ތިޔާގިވުމާއި އަގު ވެސް ވަރަށް ބޮޑަށް ހެޔޮ ވީމަ އެވެ. -- ތި ގޭގައި ކަނޑޫދޫ މިރުހުން މިއަދު ތައްޔާރުކުރަނީ ކޯއްޗެއް ހެއްޔެވެ؟

ކުޅި ބޯކިބާ، ބަޖިޔާ، ހަވާދުލީ ބިސް، ކަޓްލެޓްސް އަދި މިހެން ގޮސް ކޮންމެ ހެދިކާއެއް ވެސް ކަނޑޫދޫ މިރުހުގައި ތައްޔާރުކޮށްފި ނަމަ، ރަހަ މުޅިން ތަފާތެވެ. އަދި ހެދިކާގެ އިތުރުން ރޯދަ ވިއްލާ ސުފުރާ މަތިން އާންމުކޮށް ފެންނަ މަސް ހުންޏާއި ރިހަ އާއި ނޫޑުލުސް ކަހަލަ އެއްޗެއްސަށް އަޅަން ވެސް މި މިރުސް ވަރެއް ހަމަ ނެތެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއަކުން ބަޔަކު ކަނޑޫދޫ މިރުސް ގަންނަނީ-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"އާޗާ. ދެން މަ ރޮށި ފިހާނީ ވެސް ކަނޑޫދޫ މިރުސް ލައިގެން... އިނގިދާނެތާ..،" މިރުހުގެ އަގު ހެޔޮވި ޚަބަރު "މިހާރު" ނޫހުގައި ޖެހުމުން މީހަކު ކުރި ސަމާސާ ކޮމެންޓެގައި ލިޔެފައި އޮތެވެ.

ކުރިން ބައެއް ރޯދަ މަސްތަކުގައި ކަނޑޫދޫ މިރުހުގެ އަގު ވަނީ 2،000ރ. އަށް އުފުލިގެން ގޮސްފަ އެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ކަނޑޫދޫ މިރުސް ބަހައްޓާފައި-- ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ރޯދަ މަސް ފެށުނު އިރު މާރުކޭޓުގައި ކަނޑޫދޫ މިރުސް ކިލޯއެއް ލިބެނީ 470ރ. އާއި 580ރ. އާ ދެމެދުގެ އަގެއްގަ އެވެ. އެކަމަކު މިހާރު މިރުސް ކިލޯއެއްގެ އަގު ވަނީ 270ރ. އަށް ވެއްޓިފަ އެވެ. އަދި 100 ގްރާމްގެ މިރުސް މިހާރު ލިބެން ހުރީ 30ރ. އަށެވެ. މިއީ ވަރަށް ބޮޑަށް އަގުހެޔޮވުމެވެ. ގާތްގަނޑަކަށް ދެ ގުނަ އަގު ތިރިވުމެކެވެ.

މާރުކޭޓު ވިޔަފާރީވެރިން ބުނާ ގޮތުގައި މިއަހަރު ކަނޑޫދޫ މިރުހުގެ އަގު މިހާ ބޮޑަށް ހެޔޮވީ މިރުސް ލިބޭ ވަރު ގިނަވުމުން ކަމަށެވެ. އަދި ކަނޑޫދޫގެ އިތުރުން މިހާރު ލ.އަތޮޅުގައި ވެސް މިހާރު މި މިރުސް ހައްދާތީ މިރުސް ލިބުމުގައި މިފަހަރު މާ ބޮޑު ދައްޗެއް ނެތީމާ ކަމަށެވެ.

ކެއްކުން ތ. ކަނޑޫދޫ ހެދިކާ

Popular