26 Mar 2024

ފައިގައި ރިހޭތީ ދަރިފުޅު ރޮނީތަ؟

ފައިގައި ރިހޭތީ ދަރިފުޅު ރޮނީތަ؟

By: Aishath Mihna Nasih

ކުޑަ ދަރިފުޅު ފައިގައި ރިއްސާތީ އުޅޭ ހެއްޔެވެ؟ މާ ބޮޑަށް ދުވެ، ކުޅެ އުޅޭ ދުވަހެއް ނަމަ ނިދަން އޮވެފައި ވެސް ތެދުވެ، ފައިގެ ރިހުމުގެ ޝަކުވާ ކުރޭހެއްޔެވެ؟ ހެދިބޮޑުވަމުން އަންނަ ކުދިންގެ މެދުގައި މިފަދަ ތަދު ވަރަށް އާންމެވެ. އާންމުކޮށް މިފަދަ ތަދުތަކަށް ކިޔަނީ ގްރޯވިން ޕެއިން އެވެ.

ބޮޑުވަމުން އަންނަ އިރުގެ ތަދުތައް ގިނަ ފަހަރަށް އިހްސާސްވަނީ ފައިގައި ރިއްސުމުގެ ގޮތުގަ އެވެ. މި ގޮތަށް ގިނަ ފަހަރަށް ރިހުން އަންނަނީ އުނަގަނޑުގެ ކުރިމަތީގައި، ކަކުލުގައި ނުވަތަ ކަކުލުގެ ފަހަތުގަ އެވެ. ހަވީރު ނުވަތަ އެންމެ ބޮޑަށް ރޭގަނޑަށް މި ތަދުތައް ފާހަގާވާއިރު، ޖެހިގެން އަންނަ ދުވަހުގެ ހެނދުނަށް ލުއިކަން އިހުސާސްކުރެވެ އެވެ.

ކުޑަކުދިންގެ ގްރޯވިން ޕެއިން ފިލުވައިދިނުމަށް އެހީތެރިވުމަށް ގޭގައި ކުރެވިދާނެ ބައެއް ފަރުވާތައް ހިމަނާލާނަމެވެ.

މަސާޖުކުރުން: ރިހުން ހުންނަ ތަން މަޑުމަޑުން މަސާޖު ކުރުމަކީ އުނދަގޫ ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ހޫނު ފެނުން ފެންވެރުން: ނިދުމުގެ ކުރިން ހޫނު ފެނުން ފެންވެރުމަކީ މަސްތައް ރިލެކްސްވެ ތަދު ކުޑަކޮށްދޭނެ ކަމެކެވެ.

ސްޓްރެޗިން: މަސްތަކުގެ ޓެންޝަން ފިލުވައިދިނުމަށްޓަކައި ދަރިފުޅު މަޑުމަޑުން ސްޓްރެޗިން ކަސްރަތުތައް ކުރުމަށް ހިތްވަރު ދޭށެވެ. އަދި ހާއްސަކޮށް ގިނައިން ދުވެ އުޅޭ ކުއްޖެއް ނަމަ އެ ދުވަސްތަކަށް ހާއްސަ ސަމާލުކަމެއް ދޭންވާނެ އެވެ.

ހޫނު ނުވަތަ ފިނި ޕެކް: ހޫނުކުރާ ޕެކެއް ނުވަތަ ފިނި ޕެކެއް، ތަދުވާ ތަނުގައި އުނގުޅުމުން ލުއި ލިބެ އެވެ.

އަރާމު އެނދު: މި ތަދަކީ ގިނަފަހަރަށް ރޭގަނޑަށް އަންނަ ތަދަކަށްވާއިރު ދަރިފުޅު ނިދަން އޮށޯންނަ ގޮދަނޑިއާއި އެދަކީ ލުއި އަދި ސަޕޯޓް ލިބޭ އެއްޗެއްކަން ޔަގީންކުރަންވާނެއެވެ.

ހައިޑްރޭޝަން: ޓޮޑްލާ އުމުރަކީ ކުދިން ނިކަން ހަލަނި ދުވަސްވަރެކެވެ. ދުވެ، ފުންމައި އެކި ކުޅިވަރުގައި ވަގުތު ހޭދަކުރާއިރު، ހަށިގަނޑަށް ލިބެންވާ ވަރަށް ފެން ބޮވޭތޯ ޔަގީންކުރަން ވާނެ އެވެ. ސަބަބަކީ، ޑީހައިޑްރޭޝަންގެ ސަބަބުން މަސްތަކުގައި ރިއްސުން އިތުރުވެދާނެތީ އެވެ.

އެކަށީގެންވާ ނިދި: ދަރިފުޅަށް އެކަށީގެންވާ ވަރަށް އަރާމު ނިދި ލިބޭތޯ ސަމާލުކަން ދޭށެވެ. ވަރުބަލިވުމަކީ ހަށިގަނޑު ވަރުބަލިވެ، މި ރިހުން އިތުރަށް ގޯސްވެދާނެ ކަމެކެވެ.

ކެއުން: ހަމައެޔާ އެކު، މަސްތައް ވަރުގަދަވެ ހެދިބޮޑުވުމަށް އެހީތެރިވާ، ފެހި ފަތް ހުންނަ ތަރުކާރީ ގިނައިން ދަރިފުޅަށް ކާންދިނުމަކީވެސް މި ފަދަ ރިހުންތަކުން ދުރުކުރުމަށް އެހީއަކަށްވާނެ އެވެ.

ކުޑަކުދިން

Popular