19 May 2025

ދަތްތައް ފަނިކައި ހަލާކުނުވަނީސް މިކަމާ އުޅެންވެއްޖެ

ދަތްތައް ފަނިކައި ހަލާކުނުވަނީސް މިކަމާ އުޅެންވެއްޖެ

By: Asima Nizar

ތަނެއްގައި ކިރިޔާ ރިއްސާލިޔަސް ޑޮކްޓަރަށް ދައްކައި ވާނުވާ ބަލާ މީހުން ވެސް ދަތްތައް ފަނި ކައި ހަލާކުވާއިރު ވެސް އަޅާނުލައި ތިބެ އެވެ. ހޮސްޕިޓަލާ ހަމައަށް ދަނީ ރިހުން ބޮޑުވެ، އަނގަތެރެ ދުޅަވެ، އެއްޗެއް ނުކެވޭ ހާލަތަށް ދިއުމުންނެވެ.

އެކަމަކު އޭގެ ކުރިން، އަނގައިގެ ސިއްހަތަށް އަހަރެމެންގެ ތެރޭގައި އޮތް އަޅާނުލުމުގެ ވާހަކަ ވެސް ދޫކޮށްލެވޭކަށް ވެސް ނެތެވެ. ބޮޑުވަރު ނުވަނީސް ދަތްތަކަށް ފަރުވާތެރިވާން ޖެހެ އެވެ.

ދަތުގެ ޑޮކްޓަރު، ޑރ. އީމާން މުހައްމަދު ވިދާޅުވީ ގޭގައި ކޮށްލާ ފަސޭހަ އަދި ކުޑަކަމަކުން ވެސް އަނގައިގެ ސިއްހަތު ރަނގަޅުކުރުމަށް ބޮޑު އެހީއެއް ލިބޭނެ ކަމަށެވެ. ނަމަވެސް، އެކަމަށް މީހުން ސަމާލުކަން ނުދޭ ނުވަތަ ހޭލުންތެރިކަން ވަރަށް ކުޑަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނގައިގެ ސިއްހަތަށް ގޭގައި ކުރެވިދާނެ ކަންތައް

- މަދުވެގެން ދެ އިރު ދަތް އުނގުޅުން (ހެނދުނުގެ ނާސްތާއަށް ފަހު އަދި ރޭގަނޑު ނިދުމުގެ ކުރިން)

- ދެ ދަތް ދޭތެރެ ސާފުކުރުމަށް ގަވައިދުން "ފްލޮސް" ކުރުން

- ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުން އަދި ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ބާވަތްތައް ބޭނުން ނުކުރުން

- ހަރު ބުރުހެއް ބޭނުން ނުކުރުން

- ރަނގަޅު ޓެކްނިކަށް ދަތް އުނގުޅުން

ހެނދުނު ހޭލައިގެން ދަތް އުނގުޅާ ގޮތަށް ހުންނަ މީހުން ވެސް މަދެއް ނޫނެވެ. އޭގެ ނަތީޖާއަކީ ދަތުގައި ކޮބަޑި ޖެހުމެވެ.

އޭގެ އެއް މިސާލަކީ އެންމެ މަދުވެގެން ދުވާލަކު ދެ އިރު ދަތް އުނގުޅުމެވެ.

އީމާން ވިދާޅުވީ ދަތްފަނި ކަނީ ކާ އެއްޗެހި ދަތުގައި ގިނައިރު ހަރުލާފައި ހުރެ، އަނގައިގެ ތެރޭގައި ޖަރާސީމު އިތުރުވާން ފެށުމުން ކަމަށެވެ. އެހެންވެ، އެންމެ މަދުވެގެން ދެ އިރު ދަތް އުނގުޅުމަކީ ދަތްތައް ސަލާމަތްކުރަން ކުރެވޭނެ ވަރަށް ކުޑަކުޑަ އަދި އެންމެ މުހިއްމު އެއް ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ. ދަތް އުނގުޅާއިރު ވެސް ފްލުރޮއިޑް ހުންނަ ބޭސް ބޭނުންކުރުން ރަނގަޅެވެ.

އޭގެ އިތުރުން ލޯގަނޑެއް ކައިރީގައި ހުރެގެން ދަތްތަކާއި އަނގަތެރެ އަދި ދޫ ހުރި ގޮތް ބަލައި، ތަފާތެއް ފާހަގަވާ ނަމަ ވެސް ޑޮކްޓަރަށް ދެއްކުން މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ. އޭރުން ބައްޔެއް ހުއްޓަސް ބޮޑުވަރު ނުވަނީސް އަދި ދުރާލައި ދެނެގަނެވި ފަރުވާ ހޯދޭނެ އެވެ.

ގިނައިން ފޮނި އެއްޗެހި ކެއުމަކީ ވެސް ދަތްފަނި ކާނެ ކަމެކެވެ. އައިޖީއެމްއެޗްގެ ޑެންޓަލް އޮފިސަރު ވިދާޅުވި ގޮތުގައި އެގޮތަށް ދިމާވަނީ ފޮނި އެއްޗެހި ކެއުމަށްފަހު ދަތްތައް ރަނގަޅަށް ސާފުނުކުރާތީ އެވެ.

"މެޓާ، ޗޮކޮލެޓު ކަހަލަ އެއްޗެހި ވަރަށް ބޮޑަށް ތަތްލާ. އެހެންވީމަ ދަތުގައި ގިނައިރު ހަރުލާފައި ހުންނާނެ. އެގޮތަށް ހަރުލާފައި ހުންނަ އެއްޗިއްސަކީ ޖަރާސީމު ކާ އެއްޗެހި. އެ ކައިފަ ޖަރާސީމު މި ދޫކުރަނީ ދަތްތައް ހަލާކުވާ އެސިޑު،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ، ރަނގަޅަށް ދަތް އުނގުޅުމާއި ކޮންމެ ހަ މަހަކުން ގަވައިދުން ޗެކަޕް ހެދުން ވަރަށް މުހިއްމު."

މިކަންކަމަށް ސަމާލުކަން ނުދޭނަމަ އޮތީ ކިތައްމެ ގަދަ ވޭނެއް އެޅިއަސް ދަތްތައް އުފުރުމެވެ. އެ ހިސާބަށް ދިއުމުގެ ކުރިން އަމިއްލައަށް ފަރުވާ ފަށާށެވެ.

ދަތުގެ ފަރުވާ ދަތް

Popular