20 Jan 2021

ކުޅޭ އެއްޗެއްގެ ބެޓެރިއަކުން ދިވެހި ކުއްޖަކަށް ބޮޑު ގެއްލުމެއް

"ތިން އަހަރުގެ ދަރިފުޅު މެދުނުކެނޑި ރޯތީ ހަދާނެ ގޮތް ހުސްވެފައި ތިއްބައި ދެ ވަނަ ދުވަހު ހެދި އެކްސްރޭއަކުން އެނގުނީ ކަނާތްފަޅީގެ ނޭފަތުގެ އެތެރޭގައި ކުޑަ ބަޓަން ބެޓެރީއެއް ހަރުލާފައި އިންކަން"

"ތިން އަހަރުގެ ދަރިފުޅު މެދުނުކެނޑި ރޯތީ ހަދާނެ ގޮތް ހުސްވެފައި ތިއްބައި ދެ ވަނަ ދުވަހު ހެދި އެކްސްރޭއަކުން އެނގުނީ ކަނާތްފަޅީގެ ނޭފަތުގެ އެތެރޭގައި ކުޑަ ބަޓަން ބެޓެރީއެއް ހަރުލާފައި އިންކަން"

By: Aminath Ibrahim

ޓިވީން ދައްކަމުންދިޔަ ނާސަރީ ލަވަތަކެއް ބަލަން، ކުޅޭ އެއްޗެއް ނަގައިގެން ކޮޓަރީގެ އެނދުމަތީގައި އޮތް ތިން އަހަރުގެ އަންހެން ދަރިފުޅުގެ ކައިރީގައި އިނދެފައި މާއިދާ ކޮޓަރިން ނުކުތީ ރޭގަނޑުގެ ކެއުމަށް އުނދުންމައްޗަށް އުދާފައި ހުރި ތެއްޔެއް ބަލައިލަން ވެގެންނެވެ. މިނެޓެއް ވެސް ނުވެ އިވުނީ ބާރަކަށް ދަރިފުޅު ރޮއެގަތް އަޑެވެ. ދުވެފައި މާއިދާ ކޮޓަރިއަށް ވަތް އިރު އޭރު ވެސް އެނދުމަތީގައި އޮތް ދަރިފުޅު ގަދައަކަށް ރޮނީ އެވެ. ބަލާ ބެލުމަށް، އަނިޔާއެއް ވެފައި ހުރި ތަނެއް ފެންނާކަށް ނެތެވެ. ވީ ކިހިނެއް ކަމެއް ނޭނގިގެން ހާސްވެފައި މާއިދާ އަށް އިނދެވުނީ ދަރިފުޅު އުރާލައިގެން ހަމަޔަކަށް އެޅުވޭތޯ އެވެ.

އެގޮތުގައި އިރުގަނޑެއް ވީ އިރު ވެސް ދަރިފުޅުގެ ރުއިމެއް ނުހުއްޓުނެވެ. ލޮލުންނާއި ނޭފަތުން އައިސް އައިސް ހުރި ފެންތައް އިރުއިރުކޮޅަކާ ފޮހެދީ ވާހަކަ ދައްކަން މަސައްކަތް ކުރިޔަސް ވީގޮތް ބުނަން ދަރިފުޅަކަށް ނޭނގުނެވެ. ކޮންމެވެސް ތަދެއް ވާތީ ރޮވެނީ އެވެ.

"ދެ ގަޑި އިރު ވި އިރު ވެސް ހަމަ ރޮނީ. ސިކުނޑި ސުމަކަށް ގޮސްފަ އަޅުގަނޑު އިނީ. އޭރު އެކަމަކު ނޭފަތުން އައިސްފައި ހުރި ފެނުގައި ހުރި މަޑު ބްރައުން ކުލައަކަށް ދާ ކުލަ އެއް. އެހެންވެ އެގަޑީގަ އާއިލާގެ ޑޮކްޓަރަކަށް ގުޅީމަ ބުނީ ހޮސްޕިޓަލަށް ދާން،" މާއިދާ ކިޔައިދިނެވެ.

އެކަމަކު ކޮވިޑް-19 އޭރު މާލޭގައި ގަދައަށް ފެތުރެމުން ދާތީ އާއި، ރޮއެ ރޮއެ ވަރުބަލިވެގެން ދަރިފުޅަށް ކުޑަކޮށް ނިދިޖެހިފައި އޮތުމުން މާއިދާ އާއި ފިރިމީހާ ވިސްނީ ހެނދުނު ވުމުން ޑޮކްޓަރަށް ދައްކަން ދާށެވެ. އޭރު ނިދީގައި ވެސް ކުއްޖާއަށް ގިސްލެވެ އެވެ. އުނގުމަތީގައި ދަރިފުޅު ބާއްވާލައިގެން އިން މާއިދާ އަށް މާ ގިނަ އިރެއް ނުވެ އަނެއްކާވެސް ނޭފަތުން އަންނަން ފެށި ދިޔައިގައި އާދަޔާ ހިލާފު ކުލައެއް ހުރިކަން ފާހަގަވާން ފެށި އެވެ.

"އެހެން އިންދާ ކަޅު ކުލައެއްގެ ފެނެއް ނޭފަތުން ފައިބަންފެށީ. ފުރަތަމަ ހުރީ ހުދު ފާޑެއްގެ ކުލަ އަކަށް. ޑިސްޗާޖް އަންނަ ވަރަކަށް އެ ހުދުކުލަ މަޑުމަޑުން ކަޅު ކުލައަކަށް ބަދަލުވަމުން ދިޔައީ،" މާއިދާ ކިޔައިދިނެވެ.

"އެ ހުރިހާ އިރަކު ވަރުބަލިވެގެން އިރުކޮޅަކަށް ނިދި ޖެހުނަސް އަނެއްހެން ބޭބީ އަށް ނުވެސް ނިދޭ. ބައްދައިގަނެގެން އުނގުގައި ހަމަ އިންނަނީ، އެ ރޭ އެއްކޮށް އިނީ އެހެން."

ހެނދުނު ވުމުން މާއިދާގެ ދެމަފިރިން ދަރިފުޅު ހޮސްޕިޓަލަށް ގެންދިޔަ އެވެ. އެއީ ކޮވިޑް-19 ފެތުރޭތީ މާލޭގައި ކާފިއު އިއުލާންކޮށް ކޮންމެހެން މަޖުބޫރީ ހާލަތެއް ދިމާވެގެން ނޫންގޮތަކަށް ތުއްތު ކުދިންނާއި ހައިރިސްކު މީހުން ހޮސްޕިޓަލަށް ނުދާން އަންގާފައި އޮތް ދުވަސްކޮޅެވެ. އެކަމަކު ވޭނުގައި ރޮމުންދާ ދަރިފުޅަށް ވީގޮތެއް ބަލަން ހޮސްޕިޓަލަށް ދިއުން ނޫން ގޮތެއް ނެތެވެ. އޭރު ކުއްޖާ ހުރީ ގަދަ އަށް ހުން ވެސް އައިސްފަ އެވެ.

ހޮސްޕިޓަލަށް ދިއުމުން ނޭފަތުން ޑިސްޗާޖް އަންނާތީ ކޮވިޑް ޓެސްޓު ކުރަން ލޭ ނެގުމަށް ފަހު ނަތީޖާ ލިބެންދެން ގެއަށް ފޮނުވައިލި އެވެ.

"ޑެންގީއަށް ވެސް ވެދާނެ ކަމަށް ޝައްކު ކޮށްފަ، އެ ޓެސްޓު ވެސް ހަދާފަ ނެގެޓިވް އޭ ބުނީ. ދެން އަނެއްކާ ވެސް ފެމިލީ ޑޮކްޓަރަށް ގުޅީމަ ކުޑަކޮށް ވިސްނާފަ ބުނެފި ނޭފަތު ތެރޭގައި އެއްޗެއް އިންހެންނޭ ހީވަނީ. ބަލާލަބަލާށޭ އަދިވެސް،" މާއިދާ ބުންޏެވެ.

ޑޮކްޓަރު އެހެން ބުނުމުން ގަބޫލު ނުކުރެވުނަސް، ނޭފަތް މަތި ކުޑަކޮށް ދުޅަވެފަ އިންހެން ހީވެގެން އަވަހަށް ހޮސްޕިޓަލަށް ދިޔަ އެވެ. އޭރު މެންދަމު ދޭއް ޖަހަނީ އެވެ. އޭޑީކޭ އަށް ގޮސް އީއާރަށް ދައްކާފައި ޓެސްޓު ހަދަން ލޭނަގައި އެކްސްރޭއަށް ވެއްދި އެވެ. ނޭފަތު ތެރޭގައި ބެޓެރީއެއް އިންކަން އެނގުނީ އެހާ ހިސާބުންނެވެ.

ތިން އަހަރުގެ ކުޑަ އަންހެންކުއްޖާގެ ނޭފަތު ތެރޭގައި ބެޓެރީ އިން ހިސާބު އެކްސްރޭއިން: ގިނަ ފަހަރަށް މި ގޮތަށް ނޭނގި ކުދިންގެ ގުނަވަންތަކުގެ ތެރެއަށް ދާ ބެޓެރި އާއި ދިރުވާ ބެޓެރިތައް ޑިކެޓް ނުކުރެވި ލަސްވޭ

ކުޑަ ކުއްޖާގެ ނޭފަތުގައި ހަރުލާފައި އިނީ ކުޑަ މަދޮއްޓެއް ސައިޒުގެ ބެޓެރީ އެކެވެ. އެއީ އެނދުމަތީގައި ކުޅެން ގެންގުޅުނު ޓިއާރާގެ ތެރޭގައި އިން ކުޑަ ބެޓެރީ އެވެ.

އެ ބެޓެރީ ނަގަން ސާޖަރީއެއް ކުރަން ޖެހުނެވެ. ލިބިފައިވާ ގެއްލުން އެނގުނީ ބެޓެރި ނެގުމުންނެވެ. ނޭފަތުގެ ކަނާތް ފަޅީގެ ލޮލަށްވުރެ ތަންކޮޅެއް ތިރީގައި ބެޓެރި ހަރުލާފައި އިން ތަން އިނީ ޓިޝޫތައް މަރުވެ، މަސްގަނޑު ގިރެން ފަށައިފަ އެވެ. ނޭފަތުގެ ކަށިގަނޑަށް ވެސް އޭގެ ކެމިކަލްގެ އަސަރު ހުރީ ފޯރައިފަ އެވެ. ލިބިފައި ހުރި ގެއްލުން ބޮޑުކަމުން ނޭފަތް ފްލެޓް ވެދާނެ ކަމަށް ޑޮކްޓަރުން އޭރު ލަފާކުރި ކަމަށް ވެސް މާއިދާ ބުންޏެވެ.

"އެ ބެޓެރި އަކީ އަނދާފަ އޮތް ބެޓެރިއެއް. އެހެންވެ އޭގެ ރިއެކްޝަން ވަރަށް ކުޑަވީމަ ދަރިފުޅަށް އެހާ ބޮޑުވަރު ނުވީ. އެހެން ނޫން ނަމަ އިންޓާނަލް ބްލީޑިން އަކަށް ދާނެ ކަމަށް ޑޮކްޓަރު ބުނި. އެހާ ބިރުވެރި އެއްޗެއް އެއީ،" މާއިދާ ބުޏެވެ.

އެ ސާޖަރީއަށް ހަތް މަސް ވީއިރު އަދިވެސް ކުއްޖާގެ ނޭފަތް ރަނގަޅެއް ނުވެ އެވެ. މާއިދާ ބުނީ، ތިން ހަފްތާގެ އެންޓިބައޮޓިކް ޑޯޒްތައް ދީ ނިމުމުން މިހާރުވެސް މެދު ނުކެނޑި ކޮންމެ ދުވަހަކު ނޭފަތަށް ބޭސް ޖަހަންޖެހޭ ކަމަށެވެ. އެކަމަކު އަދި ވެސް ނުބައިވެފައި ހުންނަ ރޯގާއާއި އެކު ގަނޑުގަނޑަށް ހުންނަ ޑިސްޗާޖެއް ދަރިފުޅުގެ ނޭފަތުން މެދުނުކެނޑި އަންނަ ކަމަށް ބުންޏެވެ. އޭނާ ބުނީ ފުލް ރިކަވަރީއެއް ލިބެން އަދި ދުވަސްގަނޑެއް ނަގާނެ ކަމަށް ޑޮކްޓަރުން ބުނާ ކަމަށެވެ.

ކުޑަ ކުއްޖާގެ ނޭފަތު ތެރެއިން ނެގި ބެޓެރި: ބެޓެރީގެ ކެމިކަލް ރިއެކްޝަންގެ ސަބަބުން ނޭފަތުގެ ތެރޭގައި ބެޓެރި ހަރުލި ދިމާ ހުރީ ގިރެން ފަށާފައި

"މިވަރުގައި ވެސް ދަރިފުޅު ސަލާމަތްވީ އެކްސްރޭ އެއް ނެގުނީމަ. އެހާ ކުޑަ އެއްޗެއް ގިނަ ފަހަރަށް ހުރިކަން ނޭނގެންޏާ ޑިޓެކްޓް ނުވެސް ވެ ދާނީ. ބެޓެރީ ބިރު ބޮޑީ، އޭގެ ނުރައްކާތެރިކަން ބޮޑުވީމަ. އެކްޓިވް ބެޓެރިއެއް ނަމަ ދެ ގަޑި އިރު ނަގާނީ އޭތި އޮންނަ ތަން އެއްކޮށް ވިރިގެން މަސްގަނޑު ފޫ އަޅުވާލަން. އަޅުގަނޑު ބުނާނީ ބެޓެރި ހުންނަ ޑޯލް އެއްޗެހި ކިރިޔާވެސް ބެޓެރި ނެއްޓޭނެ ޗާންސެއް އޮވެއްޖިއްޔާ ކުދިންނަށް ނުދެން،" މާއިދާގެ މި މެސެޖުން އެތައް ކުދިންނެއް ގެއްލުމުން ސަލާމަތްކުރެވިދާނެ އެވެ.

ބަޓަން ބެޓެރީ ހުންނަ ބައެއް އެއްޗެހި

ކުދިން ކުޅެން ގެންގުޅޭ ބައެއް ކަހަލަ ދިއްލޭ އެއްޗެހި

މޭޒުމަތީގައި ބަހައްޓާ ދިއްލޭ ލައިޓާއި މިއުޒިކަލް މިނީއޭޗާތައް

އަތްމަތީ ކަލްކިއުލޭޓާ

ބައެއް ކަހަލަ ބަދިގެ ސާމާނު

ބެޓެރީއެއް ދިރުވާލެވިއްޖެ ނަމަ، ކާތަކެތި ދާ ހޮޅީގެ ތެރެ ދެ ގަޑި އިރު ތެރޭގައި އަންދާލަ އެވެ. ނުވަތަ ބެޓެރި ހަރުލާ ހިސާބު އަނދައިގެން ގިރި، ހަށިގަނޑުގެ ތެރެއަށް ލޭ ފައިބައި ނުރައްކާތެރި ހާލަތަކަށް މީހާ ފޮނުވައިލަ އެވެ. ބައެއް ހާލަތްތަކުގައި ގެއްލުންތަކުގެ ސަބަބުން މީހާ މަރުވާ ހާލަތަށް ވެސް ދެ އެވެ.

ބެޓެރީއެއް ދިރުވާލެވިއްޖެ ނަމަ ނުވަތަ ގުނަވަނަކަށް ގޮސްފިކަމަށް ޝައްކު ވާނަމަ ހަދަންވީ ގޮތް

ބެޓެރީއެއް ކުއްޖަކަށް ދިރުވިއްޖެ ނަމަ ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ނޭވާ ލާއިރު "ކޫރުމެއް" ހުރުން ނުވަތަ މޭގައި ރިއްސުން ހިމެނެ އެވެ. އަދި ދިރުވަން އުނދަގޫވެ، އަނގައިން ދަވަ އައުން ކަހަލަ ކަމެއް ފާހަގަ ކުރެވިދާނެ އެވެ. ނުވަތަ ލެއާ އެކު ހޮޑުލުމާއި ބޮޑުކަމުދާ ތަކެތީގައި އާދަޔާ ހިލާފު ކަޅު ކުލައެއް ހުރުން ވެސް އެކަށީގެންވެ އެވެ.

ދަރިފުޅަށް ބެޓެރިއެއް ދިރިފައިވާ ކަމަށް ކިރިޔާ ވެސް ޝައްކުވާ ނަމަ ލަސްނުކޮށް ހޮސްޕިޓަލަށް ގެންދާށެވެ.

ކުޑަކުދިން ދަރިން ތަރުބިއްޔަތުކުރުން

Popular