By: Ahmed Jaishan
އާ އަހަރު ފެށުމާ ގުޅިގެން ފެޝަން ޓްރެންޑްތައް ވެސް ވަރަށް އަވަސް އަވަހަށް ބަދަލުވާން ފަށާނެ އެވެ. މި އަހަރު ވެސް ފެށުމާ އެކު މި އަހަރު އެންމެ ހިނގާނެ ފެޝަން ޓްރެންޑްތަކުގެ ވާހަކަތައް ވަނީ ދައްކަން ފަށައިފަ އެވެ. އެ ޓްރެންޑުތަކުގެ ތެރޭގައި އަލަށް ޓެސްޓު ކޮށްލަން ރަނގަޅު ސްޓައިލްތަކެއް އެބަހުއްޓެވެ.
މެޓަލިކް އަދި ދަޅަ އަޅާ މެޓީރިއަލް
.
މެޓަލިކް މެޓީރިއަލްހެން ހީވާ ފެބްރިކަކީ އާންމުކޮށް 80ގެ އަހަރުތަކުން ފެށިގެން 2000ގެ ކުރީކޮޅުގައި ވަރަށް މަގުބޫލު ވެފައިވާ ޓްރެންޑުތަކެކެވެ. މިކަހަލަ މެޓީރިއަލްތަކަކީ ނުރަސްމީ އިވެންޓްތަކަށް ގޮސް އުޅޭ އިރު ލައިގެން އުޅުނު ހެދުންތަކުގެ މެޓީރިއަލްތަކެވެ. މި ޓްރެންޑަކީ މިހާރު އަނެއްކާ އެނބުރި އައިސްދާނެ ޓްރެންޑެއް ކަމުގެ އަޑުތައް ވަނީ ފެތުރެން ފަށައިފަ އެވެ.
މެޓަލިކް މެޓީރިއަލް ފަދަ ދަޅަ އަޅާ އަދި ވިދާ ގޮތަށް ހުންނަ ހެދުންތައް މިއީ އެނބުރި އަންނަން އުޅޭ ޓްރެންޑެކެވެ. އެގޮތުން ދަޅަ އަޅާ ސިކުއިން އާއި ސެޓިން އަކީ ވެސް މިފަދަ މެޓީރިއަލް އާ ގުޅޭނެ މެޓީރިއަލްތަކެވެ. މިފަދަ މެޓީރިއަލްތަކުގައި ދިގު ހެދުންތަކުގެ އިތުރުން އާންމުކޮށް ހަވީރު ލާ ފަދަ ޓޮޕްތައް ވެސް ހެދޭނެ އެވެ.
ފްރިންޖަކީ އާންމުކޮށް ޕާޓީތަކުގައި ނުވަތަ އިވެންޓުތަކުގައި ހެނދުންތަކުން ފެންނަ ސްޓައިލެކެވެ. މިއީ މީގެ ކުރިން ބޭނުންކުރަމުން އައިސް، އެކަމަކު ބާވެފައިވާ ޓްރެންޑެކެވެ. ނަމަވެސް މިއޮތީ މި ޓްރެންޑު އަނެއްކާ ވެސް އައިސްފަ އެވެ. މި ފަހަރު މި ޓްރެންޑް ފެންނާނީ އާންމުކޮށް ކޮންމެ ދުވަހަކު ލައި އުޅޭ އެއްޗެހިންނެވެ. ހެދުމާއި ޖީންސްތަކުގެ އިތުރުން ސްކާޓްގައި ވެސް ފްރިންޖް ބޭނުންކޮށްލެވޭނެ އެވެ. މިއީ ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލުވާނެ ސްޓައިލް އެއް ކަމަށް ބެލެވެ އެވެ.
ކުޑަކުދިންގެ ހެދުންތަކުގެ މެޓީރިއަލް
.
ކުޑަކުދިން ލައި އުޅޭ ހެދުންތައް ހުންނާނީ ވަރަށް އަލިގަދަކޮށް އަދި ބޮޑެތި ޕެޓާންތައް ޖަހައިފަ އެވެ. މި ޕެޓާންތައް މި ފަހަކަށް އައިސް ބޮޑެތި މީހުންގެ ހެދުންތަކުން ވަނީ ފެންނަން ފަށައިފަ އެވެ. މި އަހަރު މިއީ އާންމުކޮށް ފެންނާނެ ޓްރެންޑެއް ކަމަށް ބެލެވެ އެވެ.
މި ޓްރެންޑުގައި ހިމެނޭ ޕެޓާންތަކުގެ ތެރޭގައި ކުޑަކުދިންގެ ހެދުންތަކުން ފެންނަ ސްމައިލީ ފޭސްތަކާއި ތަރި އަދި އެކި ކަހަލަ ކާޓޫން ހިތް ފަދަ ތަކެތި ބޮޑެތި މީހުން ލައި އުޅޭ އެއްޗެހިންނުން ފެންނާނެ އެވެ. މި ޓްރެންޑުން އެންމެ ގިނައިން ފެންނާނީ ޓީޝާޓްތަކާއި ޖީންސްތަކެވެ. އަދި މިއީ އާންމުކޮށް ލައި އުޅޭ އެއްޗެހީގައި ހިމެނޭނެ ޕެޓާންތަކެވެ.