މިއޮތީ ވިއްސާރަ މޫސުން އައިސްފަ އެވެ. އިއްޔެ އާއި ރޭ ވެސް ވާރޭ ވެހުނު އިރު މިއަދު ވެސް ވިއްސާރަވާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ. އެހެންވީމާ ގަދަ ވިއްސާރައަށް ތައްޔާރުވާން މިހާރު މާބޮޑަށް ވެސް ލަސްވެއްޖެ އެވެ.
މިއޮތީ ވިއްސާރަ މޫސުން އައިސްފަ އެވެ. އިއްޔެ އާއި ރޭ ވެސް ވާރޭ ވެހުނު އިރު މިއަދު ވެސް ވިއްސާރަވާނެ ކަމަށް އޮތީ ލަފާކޮށްފަ އެވެ. އެހެންވީމާ ގަދަ ވިއްސާރައަށް ތައްޔާރުވާން މިހާރު މާބޮޑަށް ވެސް ލަސްވެއްޖެ އެވެ.
ވިއްސާރަ މޫސުމަށް ތައްޔާރުވާން އެންމެ ފުރަތަމަ ކަމަކަށް ވެސް ކުރަންވީ ކަމަކީ ވާރޭ ކޯޓާއި ކުޑަ ހޯދުމެވެ. މާލެއިން ޓެކްސީއެއް ހޯދުން ބޮޑު ކަމަކަށްވެފައި އޮތް މި ދުވަސްވަރު ވާރޭގެ ސަބަބުން އިތުރަށް އުނދަގޫވާނެ އެވެ. އެހެންވީމާ ޓެކްސީއަށް ބަލައިގެން އެއްވެސް ތައްޔާރެއް ނުވެ ހުންނާނެކަމެއް ނެތެވެ.
ކުޑައެއްގެ އިތުރުން ކޮންމެހެން ވެސް ކޯޓެއް ހޯދަންވާނެ އެވެ. އެއީ މާބޮޑަށް ވައިގަދަވެއްޖެ ނަމަ ވެސް ކުޑަ ނަގައިގެން ހިނގަން އުނދަގޫވާނެތީ އެވެ. އަދި ސައިކަލު ދުއްވާއިރު ކުޑައެއް ހިފައިގެން އިނުން އެންމެ ރައްކާތެރި ވެސް ނުވާނެތީ އެވެ. މިއީ މިހެން ކިޔައިދޭން ޖެހޭ ވާހަކައެއް ނޫނެވެ. އެންމެނަށް ވެސް އެނގޭ ކަމެކެވެ.
އެހެންވީމާ އެންމެ ރައްކާތެރި ގޮތަކީ ކޯޓެއް ހޯދުމެވެ. ކުޑަކުދިންނަށް އަދި ބޮޑެތި މީހުންނަށް ވެސް އެވެ. ކޮތަޅު ކޯޓަކަށް ވުރެ ވެސް ބޮޑަށް ރަނގަޅީ ކޮލިޓީ ރަނގަޅު ކޯޓެކެވެ. އެ ކޯޓު ނިކަން ފަސޭހައިން ހަލާކުވާނެ އެވެ. އަގު ބޮޑަސް ރަނގަޅު ކޯޓެއް ގަތުން މާ ބުއްދިވެރިވާނެ އެވެ.
އެކަމަކު ކޯޓެއް ގަންނައިރު ވެސް ބަލަންޖެހޭ މުހިންމު ކަންތައްތަކެއް އެބަހުއްޓެވެ. ބައެއް ފަހަރު ބޮޑުއަގުގައި ގަންނަ ކޯޓުން ބޯކޮށް ވާރޭވެހޭނަމަ ކޯޓު ލައިގެން ހުއްޓަސް ނުތެމި ސަލާމަތެއް ނުވެ އެވެ. އެންމެ ރަނގަޅު ކޯޓެއް ގަންނަން ބަލާނެ ކަންކަން މި ކިޔައިދެނީ އެވެ.
ވޯޓާ ޕްރޫފް ފެބްރިކެއްތޯ ބަލަންވާނެ
ކޯޓެއް ލުމުގެ އެންމެ ބޮޑު ބޭނުމަކީ ވެސް ނުތެމުމެވެ. ކޯޓެއް ގަންނައިރު އެ ކޯޓު ތައްޔާރުކޮށްފައިވަނީ ވޯޓާ ޕްރޫފް ފެބްރިކަކުންތޯ ނުވަތަ ވޯޓާ ރިޕެލެންޓް ފެބްރިކަކުންތޯ ބަލަންވާނެ އެވެ. އެއީ ވޯޓާ ރިޕެލެންޓް ފެބްރިކެއް ނަމަ ވަކިވަރަށްވުރެ ގިނައިރު ތެމުމުން އެތެރެއަށް ފެން ލީކުވާން ފަށާނެ އެވެ. ވޯޓާ ޕްރޫފް ނަމަ ތަންކޮޅެއް އަގުބޮޑުވާނެ އެވެ.
ކޯޓުގެ ހުރިހާ ފައްޗެއް ހުރީ ފެން ނުވަންނަ ވަރަށް ފަހާފައިތޯ ބެލުން
މިއީ ވަރަށް މުހިންމު ކަމެކެވެ. ބައެއް ފަހަރު ކޯޓުތަކުން އެތެރެއަށް ފެން ލީކުވެ އެވެ. އެއީ ކޯޓުގެ ހުރިހާ ފައްޗެއް ނުފަހާ ހުންނާތީ އެވެ. ބައެއް ކޯޓުތަކުގެ ބައެއް ފަތިތައް ހުންނާނީ ރަނގަޅަށް ނުފަހާ ތަތްކޮށްލައިފަ އެވެ. ކޯޓެއް ގަތުމުގެ ކުރިން ފެން ވަންނާނޭ ފަދަ ގޮތަކަށް އެއްވެސް ފައްޗެއް ނުފަހާ ހުރިތޯ ބަލަންވާނެ އެވެ.
ރަނގަޅު ހުޑެއް އިންތޯ ބެލުން
ކޯޓުގެ ހުޑަކީ ވެސް މުހިންމު ރޯލެއް އަދާކުރާ އެއްޗެކެވެ. ރަނގަޅު ހުޑެއް ނެތް ނަމަ ކޯޓު ތެރެއަށް ފެން އެޅޭނެ އެވެ. އެކަމުން ސަލާމަތްވާން ދެން ހޯދަން ޖެހޭނީ ކުޑަ އެކެވެ. އޭރަށް ކޯޓު ލުމުގެ ބޭނުން ވެސް ކެނޑުނީ އެވެ. ބޮލަށް ހެޔޮވަރު ނުވަތަ ރަނގަޅަށް އެޖަސްޓު ކުރެވޭ ހުޑެއް އިންކަން ޔަގީންކޮށްފައި ނޫނީ ކޯޓެއް ނުގަންނައްޗެވެ.
ދިގުމިން
ފެޝަނަކަށް ނުވަތަ ލާ ހެދުމާއި، ޖިންސާއި މި ހުރިހާ އެއްޗަކަށް ގުޅުވަން ކުރު ކޯޓެއް ގަތުމަށް ވުރެ ބޮޑަށް ރަނގަޅީ ވީހާ ވެސް ދިގު ކޯޓެއް ގަތުމެވެ. ހިނގާފައި އުޅުނަސް ނުވަތަ ސައިކަލުގައި އުޅުނަސް އެންމެ ރަނގަޅުވާނީ ދިގު ކޯޓެކެވެ. ދިގު ކޯޓެއް ބޭނުން ނޫން ނަމަ ކޯޓާއި ހަރުވާޅު ވަކިން ހުންނަ ކަހަލަ ސެޓެއް ވެސް ހޯދިދާނެ އެވެ.