18 May 2022

ދިވެއްސަށް ލޯބި ޖައްސަން ކިޑީގެ "ތާނަ މަޖާ"

By: Ahmed Jaishan

ދަރިން ބޮޑުވަމުން އަންނަ އިރު މިހާރު ގިނަ ފަހަރަށް އަހަރެމެންނަށް އެންމެ ފުރަތަމަ ވެސް އެއްޗެހި ދަސްކޮށްދެވެނީ އިނގިރޭސި ބަހުންނެވެ. ނަމަވެސް މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ބޭނުންވަނީ ކުޑަކުދިންނަށް ތަފާތު ގޮތްތަކުން ދިވެއްސަށް ލޯބި ޖައްސާށެވެ. އެކަމަށްޓަކައި އެންމެ ބުރަކޮށް ކުރާ އެއް މަސައްކަތަކީ "ތާނަ މަޖާ" އެވެ.

ކުޑަކުދިންނާ ގުޅޭ ކޮންޓެންޓް ހޯދާއިރު ދިވެހި ބަހުން އެއްޗެހި ނުހުންނަނީ އެވެ. ނަމަވެސް ކިޑީ އަންނަނީ ކުޑަކުދިންނާ ގުޅޭ ތަފާތު އެކި ކަހަލަ ކޮންޓެންޓްތައް އުފައްދަމުންނެވެ. އޭގެތެރެއިން މިދިޔަ އަހަރުގެ ތެރޭގައި ކިޑީ ވަނީ "އުދުހިލާ" ނަމުގައި ވެސް އަލްބަމެއް ނެރެފަ އެވެ.

އެ އަލްބަމަކީ ކުޑަކުދިންނަށް ތަފާތު ނާނާތަކާއި ވާހަކަތައް ކިޔައިދިނުމަށް ކިޑީ ވަރަށް ލޯތްބާ އެކު އުފެއްދި އަލްބަމެކެވެ. މި އަލްބަމް އަކީ ހުސް ދިވެހި ލަވަތައް ހިމެނޭ އަލްބަމެކެވެ.

ކިޑީގެ އެ ހިޔާލުތަކުގެ ތެރެއިން މިހާރު މަސައްކަތްކުރަނީ ތާނަ މަޖާ ނެރުމަށެވެ. "ތާނަ މަޖާ" އަކީ ވަރަށް ބޮޑު ޕްރޮޖެކްޓެކެވެ.

މިއީ މުޅި ރާއްޖޭގެ ހުރިހާ ތުއްތު ކުދިންނަށް ހާއްސަ ކޮށްގެން ނެރޭ ހާއްސަަ ކޮންޓެންޓްތަކެކެވެ. ކިޑީ ބުނާގޮތުގައި ތާނަ މަޖާ އަކީ ދިވެހި ބަހަށް އޮތްލޯބި އިތުރަށް އާލާކޮށް ދިރުވައި ކުރިއަށް އޮތް ޖީލުތަކަށް އަހާހިތްވާ، ބަލާހިތްވާ ގޮތެއްގާ ދިވެހި ބަސް ގެނެސްދިނުމުގެ މަގުސަދުގައި އުފައްދާ ކޮންޓެންޓަކެކެވެ.

ލަވަތަކަށް ވުރެ މިފަހަރުގެ ކޮންޓެންޓުތައް ތަފާތުވެފައި ދާއިރާތައް ފުޅާވާނެ އެވެ. ތަފާތު ލަވަތަކުގެ އިތުރުން ކުޅިވަރުތަކާއި ޓީވީ ޝޯތަކާއެކު ދިވެހި ބަހަށް އިތުރަށް ލޯބި ޖެއްސުމަށް މަސައްކަތްކުރާނެ އެވެ.

"‎ތާނަ މަޖާގެ މި މަސައްކަތުގައި، މުޅިން އާ ހާށަވިޔަނީގެ ތީމް ލަވައާއި ހާށަވިޔަނީގެ ކޮންމެ އަކުރަކަށް ވަރަށް ރީތި ލަވައެއްގެ އިތުރުން ޓީވީ ޝޯތަކާއި ސްޓޫޑިއޯ ޕްރޮގްރާމްތައް އަދި ކުޑަކުދިންގެ މުޅިން އާ ލަވަތައް ގެނެސްދެވޭތޯ މަސައްކަތް ކުރާނަން،" އުނޫޝާ ކިޔައިދިނެވެ.

View this post on Instagram

A post shared by Mariyam Unoosha (@unoosha)

ކިޑީ ބޭނުންވަނީ މަޖާ ލަވަތަކާއި ވީޑިއޯތަކާއި ކުޅިވަރުތައް މެދުވެރިކޮށް ދިވެހި ބަސް ދަސްކޮށް ރީތި އާދަތަކަށް ހުރިހާ ކުދިންގެ ޝައުގުވެރިކަން އުފެއްދުމަށެވެ.

ތާނަ މަޖާގެ ކޮންޓެންޓްތައް ވަރަށް އަވަހަށް ނެރެންފަށާނެ ކަމަށް ކިޑީ ބުންޏެވެ. އޭގެ ކުރިން ތާނަ މަޖާގެ ތީމް ލަވައިގެ ޓީޒާއެއް ވަަނީ މިހާރު ދައްކާލައިފަ އެވެ. ކިޑީގެ ތާނަ މަޖާ ތީމް ލަވައިގެ މިއުޒިކާއި ސައުންޑްގައި އޮތީ ބާޗީގެ ހިއްސާ އެވެ.

މަރިޔަމް އުނޫޝާ (ކިޑީ)

Popular