30 May 2022

By: Aishath Maaha

ދިރާސީ ކޮންމެ އަހަރަކަށް އާ އެއްޗެހި ހޯދަންޖެހޭ ހެއްޔެވެ. ކުރީ އަހަރު ބޭނުންކޮށްފައި ހުރި އެއްޗެހި އުކާލައި މުޅިން އާ އެއްޗެހި ހޯދުމަކީ ހަމަ ކޮންމެހެން ކުރަންޖެހޭ ކަމެއް ހެއްޔެވެ؟ ނޫނެކޭ ބުނެފައި ވެސް ކޮންމެ މަޔަކާއި ބަފަޔަކު ވެސް ބަލަނީ ކުދިންނަށް މުޅިން އާ އެއްޗެހި ހޯދައިދެވޭތޯ އެވެ.

އަދި ބޭނުންކޮށްފައި ހުރި އެ އެއްޗެހި ވެސް އެހެން ކުއްޖަކަށް ނުދޭ މީހުން ނުދެނީ އެއީ "ހަޑިކަމެއް" ކަމަށް ގަބޫލުކުރެވޭތީ އެވެ. އާކޮށް ބޭނުންކުރެވޭ ހާލުގައި އޮތް އެއްޗެއް ނަމަ އެއްލާނުލައި އެހެން މީހަކަށް ދިނުމަކީ ހަޑިކަމެއް ނޫނެވެ.

އެއީ މުޖުތަމައުގެ ބައެއް މީހުން ގަބޫލުކުރާ ގޮތެވެ. އެކަމަކު އެއީ ދޫކޮށްލަން ޖެހިފައި އޮތް ވިސްނުމެކެވެ.

އެހެން ހުރިހާ ކުދިން އާ ޔުނީފޯމު ލައިގެން ދާއިރު އަމިއްލަ ދަރިފުޅު ބާ ޔުނީފޯމު ލައްވައިގެން ދިއުމުން އެކުދިން ދެރަވާނޭ ހިތަށް އަރާތީ ވެސް ކޮންމެހެން އެއްޗެހި އާކުރާ ބެލެނިވެރިން ވެސް އުޅެ އެވެ. ކުރިން ބޭނުންކުރި ތަކެތި އާކޮށް، ބޭނުންކުރެވޭ ހާލަތުގައި އޮތް ނަމަވެސް އެއްލާ ލެވެނީ އެވެ.

ބޭނުންކުރެވޭ ހާލަތުގައި ހުންނަ އެއްޗެހި އުކާލުމުގެ ބަދަލުގައި ބޭނުންޖެހިފައި ހުރި އެހެން ކުއްޖަކަށް ހަދިޔާ ކުރެވިދާނެ އެވެ. ސޯޝަލްމީޑިއާގެ މި ޒަމާނުގައި ބޭނުންޖެހިފައި ހުރި އާއިލާއެއް ހޯދުމަކީ އުނދަގޫކަމެއް ނޫނެވެ. މަމްސް އެންޖީއޯގެ ފޭސްބުކް ގްރޫޕަކީ މިގޮތަށް ބޭނުންޖެހިފައި ތިބި އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުން ނަމަ އެންމެ ފަސޭހައިން އެ ފުރުސަތު ހޯދޭނެ އެއް ޕްލެޓްފޯމެވެ.

އެ ގްރޫޕްގައި މިހާރު ވެސް އޭގެ ޕޯސްޓެއް އެބަ އިނެވެ. އެތައް މަންމައިންނެއް އަންނަނީ ބޭނުންކުރެވޭ ހާލަތުގައި ހުރި އެއްޗެހި ހުރިކަން އަންގަމުންނެވެ.

ދިރާސީ އަހަރު ނިމުމުގެ މަހެއްހާ ދުވަސް ކުރިން މި ޕޯސްޓުކުރުމުގެ ބޭނުމަކީ ވެސް ވީހާވެސް ގިނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ޕޯސްޓު ޖެހި ފަރާތުން ބުންޏެވެ.

ބޭނުންކޮށްފައި ހުރި އެއްޗެހި ބޭނުންކުރުމަކީ ހަޑިކަމެއް ނޫން

މިއީ ވަރަށް ގިނައިން ދިމާވާ މައްސަލަ އެކެވެ. އެހެން ކުއްޖަކު ބޭނުންކޮށްފައި ހުންނަ އެއްޗެހި ބޭނުންކުރާތީ ސްކޫލުގައި އެހެން ކުދިން ބުލީ ކުރާކަމަށް ބުނެ ކުދިން ކުރާ ޝަކުވާ ވެސް ބައެއް ފަހަރު ބެލެނިވެރިން އަހަން ޖެހެ އެވެ. ދަރަންޏަށް ފައިސާ ހޯދައިގެން ވެސް އާ އެއްޗެހި ހޯދައިދޭން ބެލެނިވެރިން މަސައްކަތްކުރާ އެއް ސަބަބަކީ މިއީ އެވެ.

ކުދިންގެ އިތުރުން ބައެއް ބެލެނިވެރިންގެ ފަރާތުން ވެސް ކުދިންނަށް މިފަދަ އަޑުތައް އިވޭތީ އެވެ. އެކަމަކު ކުދިންނަށް ވިސްނައިދޭންވީ ކަމަކީ އެހެން ކުއްޖަކު ބޭނުންކޮށްފައި ހުރި އެއްޗެހި ބޭނުންކުރުމަކީ ހަޑިކަމެއް ނޫން ކަމެވެ. އަދި އެއީ "ފެންވަރު ދަށް" ވުމެއް ވެސް ނޫން ކަމެވެ. އެކަމާ ލަދު ގަންނާކަށް ވެސް ނުޖެހެ އެވެ.

އެއް ތީމަކަށް ހުރިހާ އެއްޗެއް ހުންނާކަށް ނުޖެހޭ

ދަބަހާއި، ފޮތުގައި ލައްވާ ގަނޑާއި، ލަންޗު ބޮކްސް އާއި ހުރިހާ އެއްޗެއް އެއް ތީމަކަށް ތައްޔާރު ކުރުމަކީ މިހާރު ޓްރެންޑަކަށް ވެފައި އޮންނަ ކަމެކެވެ. ކުދިން ބޭނުންވަނީ ވެސް އެގޮތެވެ. އެކަމަކު ކުދިންނަށް ވިސްނައިދޭންވީ ކަމަކީ އެއީ ކޮންމެހެން ކުރަންޖެހޭ މުހިންމު ކަމެއް ނޫން ކަމެވެ.

އަދި ކުރީ އަހަރު ބޭނުންކޮށްފައި، ނުވަތަ އެހެން ކުއްޖަކު ބޭނުންކޮށްފައި ހުރި އެއްޗެހި ބޭނުންކުރުމަކީ ގިނަ ފައިސާތަކެއް ސަލާމަތްކުރެވޭނެ ގޮތެއް ކަން ކުދިންނަށް ވިސްނައިދޭން ކުރެވިދާނެ ކަމެއް ވެސް މެ އެވެ.

ހަމައެކަނި ސްކޫލަށް ބޭނުންވާ ސާމާނެއް ނޫނެވެ. އާންމުކޮށް ލާ އަންނައުނުގައި ވެސް އެހެން މީހަކު ބޭނުންކޮށްފައި ހުރި އެއްޗެއް ބޭނުން ކުރުމަކީ މައްސަލައެއް ނޫނެވެ. އަދި އަގުބޮޑުކޮށް އާ އެއްޗެހި ގަތުމުގެ ބަދަލުގައި ތްރިފްޓް ފިހާރަތަކުން ވެސް އެއްޗެހި ގަތުމަކީ ކުރެވިދާނެ ކަމެކެވެ.

ސްކޫލް ސްކޫލް ޔުނީފޯމް

Popular