12 Jun 2022

އިސްތިރިކުރުން މިއީ ހާދަ ބޮޑު ކަމެކޭ

އިސްތިރިކުރުން މިއީ ހާދަ ބޮޑު ކަމެކޭ

By: Aishath Maaha

އިސްތިރިކުރުން މިއީ ވަރަށް ފޫހި ކަމެކެވެ. ކިތަންމެ ދާހިތުން ތަނަކަށް ދާން ޕްލޭން ކުރިޔަސް އިސްތިރިކުރަން ޖެހޭ ހިސާބުން މުޅި މޫޑު ބަދަލުވާހާ ވެ އެވެ. މިއީ ކިތަންމެ ބައެއްގެ ވާހަކަ އެވެ.

އެއްޗެހި ގަންނައިރު ވެސް އިސްތިރިކުރަން ނުޖެހޭ ނުވަތަ ފަސޭހަ މެޓީރިއަލް ބަލައިގެން ގަންނަނީ ވެސް އިސްތިރިކުރާހިތް ނުވާތީ އެވެ.

އެކަމަކު ކުރީގެ ޖެނެރޭޝަން މީހުން ބުނާގޮތުން ނަމަ އަހަރެމެން ކަންނެތީ އެވެ. ބޮޑުވެގެން އައި އިރު އެއްޗެހި ދޮންނަން ދުވަހެއް ހާއްސަކޮށްފައި އޮންނަހެން އެއްޗެހި އިސްތިރިކުރަން ވެސް ދުވަހެއް ހާއްސަކޮށްފައި އޮވެ އެވެ. އިސްތިރިކުރުން އޭރުގެ މީހުންނަށް މާބޮޑު ކަމަކަށް ނުވެ އެވެ.

ކަމުދާ ފިލްމެއް އަޅުވާލައިގެން މުޅި ދުވަހު މަންމަމެން އިސްތިރިކުރަން އުޅޭ ހަނދާންވޭ ދޯ އެވެ. އޭގެ ކުރީ ދުވަހު ދޮވުނު ހުރިހާ އެއްޗަކާއި މުޅި ހަފްތާގައި އެންމެން ލާނޭ އެއްޗެހި އިސްތިރިކުރާނެ އެވެ. ބެޑްޝީޓުތަކާއި ބާލީސް އުރަތަކާއި ސޯފާ ކުޝަން ކަވަރުތައް ވެސް އިސްތިރިކުރާނެ އެވެ.

އިސްތިރިކުރަން ދަސްކޮށްދޭން އެ އެއްޗެހި އިސްތިރިކުރަން ހަވާލުކުރާތީ ކުރި ޝަކުވާ އަދިވެސް ހަނދާން އެބަހުއްޓެވެ.

އިސްތިރިކުރުމަކީ ކިތަންމެ ފޫހި، ކުރާހިތްނުވާ ކަމަކަށް ވިޔަސް އެއީ އޭގައި ވަރަށް ގިނަ ފައިދާހުރި ކަމެކެވެ. ކޮންމެ އެއްޗެއް ވެސް ލުމުގެ ކުރިން އިސްތިރިކުރަންޖެހޭ އެތައް ސަބަބެއް އެބަހުއްޓެވެ.

ހުރިހާ ޖަރާސީމެއް މަރުވާނެ

މިހާރު ހުންނަ މެޝިންތަކުން ވަރަށް ހޫނުކޮށް އެއްޗެހި ދޮވެވޭނެ އެވެ. ހޫނުކޮށް އެއްޗެހި ދޮންނަނީ ވެސް ޖަރާސީމުތައް މަރާށެވެ. އެކަމަކު މެޝިނުގެ އެ ޕްރޮސެސް ތެރެއިން ސަލާމަތްވެގެން އެތައް ޖަރާސީމެއް އަންނައުނުގައި ހަރުލާފައި ހުރެ އެވެ. އަނެއްކޮޅުން ކޮންމެ ކޮންމެ މެޓީރިއަލްއެއް ބޭނުންވާ ހޫނު މިނެއްގައި ނުވެސް ދޮވެވޭނެ އެވެ.

އަނެއްކާ ބޭރުގައެއްޗެހިި އެއްޗެހި ހިއްކަން އަޅާ ނަމަ ވެސް އެތައް ޖަރާސީމަކާއި ބެކްޓީރިއާއެއް އައިސް ތަތްކޮށްލަ އެވެ. މިހުރިހާ އެއްޗަކުން ސަލާމާތްވާން އޮތް އެންމެ މޮޅު ގޮތަކީ ވެސް އިސްތިރިކުރުމެވެ.

"ކުޑަވުން" ދުރުކޮށްދޭނެ

ކޮންމެ އެއްޗެއްގައި ވެސް އެ އެއްޗެއް ދޮންނަންވީ ހޫނުމިނާއި އެހެން ހުރިހާ ކަމެއް ލިޔެ ހަރުކޮށްފައި އޮވެ ހުރެ އެވެ. އެކަމަކު ގެންގޮސް މެޝިނަށް އަޅާލާއިރު މި ލޭބަލަށް ބެލުމަކީ އެކަކު ވެސް ކުރަން ހަނދާން ހުންނަ ކަމަކަށް ނުވެ އެވެ. ލޭބަލްގައި ބުނެފައިވާ ގޮތަށް ނޫން އެހެން ސެޓިންއެއްގައި ދޮވުމުން ބައެއް މެޓީރިއަލްތައް ސައިޒް ކުޑަވެ އެވެ. އެކަމަކު ލޭބަލްގައި ބުނެފައިވާ ގޮތަށް އިސްތިރިކުރުމުން ބައެއް ފަހަރު ކުދިވާ އެ އަންނައުނު ސަލާމަތްކުރެ އެވެ. އެހެންވެ އެންމެ މުހިންމު ކަމަކީ އަބަދު ވެސް ލޭބަލް ބަލައިގެން ދޮވެ އިސްތިރިކުރުމެވެ.

ފްރެޝް ލުކެއް

ކިތަންމެ ރީއްޗަށް ފެންވަރާލައި، މޭކަޕްކޮށްލައިގެން އަޔަސް ރޫޖެހިފައިވާ ހެދުމެއް ލާފައި ހުރެއްޖެ ނަމަ ފްރެޝް އަދި ނީޓް ކަމަކަށް ނުދައްކަ އެވެ. ރީއްޗަށް އިސްތިރިކޮށްލައިގެން ހެދުން ލުމުން ފްރެޝް، އަދި ތަރުތީބު ސިފަ ދައްކައިދެ އެވެ.

ގިނަ ދުވަހު ބޭނުންކުރެވޭ

އަންނައުނު އިސްތިރިކޮށްގެން ބޭނުންކުރާ ނަމަ ގިނަ ދުވަހު ބޭނުން ކުރެވޭނެ އެވެ. އިސްތިރިކުރުމުން ފޮތި ހަލާކުވުމުން ދުރުކޮށްދީ ސީލްކޮށްދޭނެ އެވެ.

ނުބައި ވަސްތައް ކަނޑުވާލާނެ

ބައެއް ފަހަރު، ބޭނުންކުރެވޭ ދޮންނަ ކުނޑި ނުވަތަ ލިކުއިޑްގެ ސަބަބުން އެއްޗެހީގައި ފާޑެއްގެ ވަހެއް ހަރުލާފައި ހުރެ އެވެ. މި ވަސް އެންމެ ފަސޭހައިން ނައްތާލެވޭނީ އިސްތިރިކޮށްގެންނެވެ. ހޫނުވުމުން ބައެއް ކަހަލަ ވަސްތައް ވަރަށް ފަސޭހައިން ފިލައިގެންދާނެ އެވެ.

މީހުން ދެކޭގޮތާ މެދު މުހިންމު ދައުރެއް އަދާކުރޭ

އިސްތިރިކޮށްގެން އެއްޗެހި ލައިގެން އަންނަ މީހަކާއި އިސްތިރިނުކޮށް އެއްޗެހި ލައިގެން އައުމުން ދެވޭ އިމްޕްރެޝަން ތަފާތުވެ އެވެ. ހާއްސަކޮށް ވަޒީފާގެ މާހައުލުތައް ފަދަ ރަސްމީ ތަންތަނުގަ އެވެ. އިސްތިރިކޮށް ރޫފިލުވައިގެން ހުރުމަކީ މީހާގެ ސާފުތާހިރު ކަމާއި ތަރުތީބުކަން ދައްކުވައިދޭ ސިފައެއް ކަމަށް އޮންނަނީ ގަބޫލު ކުރެވިފަ އެވެ.

ރިލޭކްސިން ކަމެއް

ފަހަރުގައި މިއީ އެންމެންނަކަށް ނޫނެވެ. އެކަމަކު ބަލާހިތްވާ ފިލްމެއް، ސީރީޒެއް އަޅުވާލައިގެން ނުވަތަ ލަވައެއް ޖަހާލައިގެން އިނދެ މަޑުމަޑުން އިސްތިރިކުރުމަކީ ބައެއް މީހުން ބުނާގޮތުން ވަރަށް ރިލެކްސިން ކަމެކެވެ.

Popular