28 Jun 2022

ބަތާ އެކު އެންމެ މީރީ ... ގަރުދިޔަ؟

ބަތާ އެކު އެންމެ މީރީ ... ގަރުދިޔަ؟

By: Aishath Maaha

ބަތާ އެކު ކާން އެންމެ މީރީ ކޯއްޗެއްހެއްޔޭ އަހައިފިއްޔާ ގިނަ މީހުން ބުނާނީ ގަރުދިޔަ ކަމަށެވެ. ބައެއް މީހުންނަށް ގަރުދިޔަ އާއި ބަތާ މާ މީރީ އެވެ. އަނެއް ބަޔަކު މިހެން ބުނަނީ ދިވެއްސެއް ވިއްޔާ ގަރުދިޔަ މީރުވާން ޖެހޭނޭ ހީވާތީ އެވެ. ނުވަތަ އެހެން ގަބޫލުކުރާތީ އެވެ.

އެކަމަކު ކޮންމެހެން ގަރުދިޔަ މީރުވާކަށް ވެސް ނުޖެހޭދޯ އެވެ. ބަތާ އެކު ކާން ގަރުދިޔަ ނޫނަކަސް ބައިވަރު އެއްޗެއްހި އެބަހުއްޓެވެ.

ގަރުދިޔައަށް ފަހު ބަތާ އެކު ކާން އަހަރެމެން ދިވެހިންނަށް ދެން އެންމެ ކަމުދަނީ ކޮންމެވެސް ކަހަލަ ރިހަގަނޑެކެވެ. މަސް، ކުކުޅު، ތަރުކާރީ، ބިސް މިހެން ގޮސް ކޮންމެ އެއްޗެއްގައި ރިހަ ކެއްކިޔަސް މައްސަލައެއް ނެތެވެ. އަދި އެންމެ ކަމުދަނީ ދިވެހިން ތައްޔާރުކޮށްފައި ހުންނަ ދިވެހި ހަވާދުގައި ކައްކާ ރިހަ އެވެ.

ރިހައިގެ ބަދަލުގައި ތަންކޮޅެއް ހިކިކޮށް ހުންނަ ކޮންމެވެސް ބާވަތެއް ވެސް ކަމުދާ މީހުން އުޅެ އެވެ. މަސް، ކުކުޅު ނުވަތަ ތަރުކާރީ ފަދަ ތަކެތި ހިކިކޮށް، ހަނާކޮށްލައިގެން ވެސް ބަތާ އެކު ކާން ކަމުދެ އެވެ.

ދެން ދިވެހިންނަށް އެންމެ ކަމުދާ އެއްޗަކީ ބަތާ ރިހާކުރެވެ. ރިހާކުރާ ބަތާއި، ތެލުލި ފަތާ ލޮނުމިރުހާ އެއްކޮށްލައިގެން ކާނުލާނަމަ ހިތްހަމަނުޖެހޭ މީހުން ވެސް އުޅެ އެވެ. ބައެއް ފަހަރު މިއީ ކަންނެތްކޮށްލަން ކާ ކެއުމެކެވެ. އެކަމަކު މީރު ކެއުމެކެވެ.

މިއިން ކޮންމެ އެއްޗަކާ އެކު ބަތް ކޭ ނަމަވެސް މަސްމިރުހާއި، ތެލުލި ފަތާއި، ސަންބޯލާއި އަސާރައަކީ ވެސް ގިނަ މީހުންގެ ކެއުމުގައި ކޮންމެހެން ހުންނަން ޖެހޭ އެއްޗެއް ދޯ އެވެ.

ކިޔުންތެރިންނަށް ބަތާއެކު ކާން އެންމެ މީރީ ކޯއްޗެއްކަން ކޮމެންޓުކޮށްލަ ބަލާށެވެ. ދިވެހިންނަށް އެންމެ ކަމުދާ ކެއުމެއް ވެސް އޭރުން އެނގިދާނެތާ އެވެ.

Popular