15 Sep 2022

ރޯ ކުދިން ފަސޭހައިން ނިންދެވޭނެ އުކުޅެއް

By: Ahmed Jaishan

އާއިލާއަށް ދަރިއަކު އިތުރުވާ ހިސާބުން ދެމަފިރިންގެ ދިރިއުޅުމަށް ވަރަށް ބޮޑު އެޑްޖަސްޓްމެންޓެއް ގެންނަން ޖެހެ އެވެ، މުޅިން އާ ތަޖުރިބާތަކެއް ދެމީހުން ކުރާނެ އެވެ. އޭގެތެރެއިން ބައެއް ކަންތައްތަކަކީ ބައެއް މީހުންނަށް އަބަދުވެސް އުނދަގޫ ކަންކަމެވެ. އެއިން އެއް ކަމަކީ ދަރިފުޅު ނިންދެވުމެވެ.

ތުއްތު ދަރިފުޅަށް ކާންދިނުމާއި ނިންދެވުމަކީ ބައެއް ބެލެނިވެރިންނަށް ވަރަށް އުނދަގޫ ކަމެކެވެ. އަދި ކުދިން ކުޑައިރު ނިންދެވުމަކީ ވަރަށް ގިނަ ވަގުތު ވެސް ހޭދަވާ ކަމެކެވެ. އަދި އަމުދުން ނިދާފައި އޮއްވައި ހޭލެވިއްޖެ ނަމަ އަލުން ނިންދެވުމަކީ މާ ބޮޑަށް ވެސް އުނދަގޫ ވާ ކަމެކެވެ.

އެތައް ގަޑިއިރެއް ހުސްކޮށް ދަރިފުޅު ނިންދަވަން އުޅޭ އުޅުން ބަދަލުކޮށްލެވިދާނެ ކަމަށް ބުނެފި ނަމަ ގަބޫލު ކުރާނަން ހެއްޔެވެ؟ ދަރިފުޅު އަލުން ނިންދަވާލުމަކީ ފަސޭހަ ކަމަކަށް ވެދާނޭ ބުނެފި ނަމަ އެކަން ގަބޫލު ކުރާނަން ހެއްޔެވެ؟

ރޯ ދަރިފުޅު ފަސޭހައިން ނިންދަވާލެވޭނެ ގޮތެއް ހޯދުމަށް ސައިންސުވެރިން ވަނީ ވަރަށް މަސައްކަތްކޮށްފަ އެވެ. އެންމެ ފަހުން މިކަންތައް މިއޮތީ ކާމިޔާބު ވެސް ވެފަ އެވެ. ދާދިފަހުން "ކަރަންޓް ބަޔޯލޮޖީ" ގައި ޕަބްލިޝް ކުރި ލިޔުމެއްގައި ވަނީ ދަރިފުޅު ފަސޭހައިން ނިންދަވާލުމަށް ކުރެވޭނެ ކަންތައްތަކެއް ހާމަކޮށްފަ އެވެ.

.

މިގޮތަށް ކަންތައް ކުރުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ރޯ ދަރިފުޅު ނެގުމަށްފަހު އުރާލައިގެން ކުޑަކޮށް ހިނގާލުމެވެ. ފަސް މިނެޓެއްހާއިރު ހިނގާލުމަށް ފަހު ދެން ދަރިފުޅު ގޮވައިގެން ތަނެއްގައި އިށީނދެ އިންނާށެވެ. ގާތްގަނޑަކަށް އަށް މިނެޓު ވަންދެއް މަޑުމަޑުން އިނުމުން ދަރިފުޅު ނިދި އަންނާނެ ކަމަށް ސައިންސުވެރިން ބުނެ އެވެ.

ތުއްތު 21 ކުއްޖެއްގެ ނިދުމުގެ އާދަތަކަށް ބަލައިގެން ހެދި ދިރާސާގައި ކުޑަކުދިން އަވަހަށް ނިދުމަށް އެހީތެރިވާ ގޮތްތައް ވަނީ ހޯދައިފަ އެވެ. ދިރާސާއިން ދެއްކީ، ތުއްތު ކުއްޖާ ރޯ އިރު ހިނގާލުމުން 30 ވަރަކަށް ސިކުންތުގެ ތެރޭގައި ތުއްތުކުއްޖާގެ ހިތުގެ ތެޅުން އާންމު މިންވަރަކަށް ތިރިވާ ކަމަށެވެ. އެެހެންވެ ތުއްތު ކުއްޖާ އިތުރަށް ހަމަޖެހިލަ އެވެ.

ހިނގާލުމަށްފަހު ކުޑަ ވަގުތުކޮޅަކު ދަރިފުޅު އުރާލައިގެން އިށީނދުމުގެ ބަދަލުގައި ވަގުތުން ތުއްތު ކުއްޖާ އެނދަށްލާ ނަމަ އެކުއްޖާގެ ހިތުގެ ތެޅުން އަވަސް ވެ އެވެ. ނަތީޖާއެއްގެ ގޮތުން އަލުން ތުއްތު ކުއްޖާ ރޯން ފަށަ އެވެ.

ތުއްތު ކުއްޖާ ނިންދަވަން އުނދަގޫވާ ނަމަ މިއީ ޓެސްޓު ކޮށްލަން ރަނގަޅު ކަމެކެވެ.

Popular