By: Aminath Ibrahim
ނުވަދިހައިގެ ފަހުކޮޅަށް އެޅުނު އިރުވެސް ގދ.ފިޔޯރީގެ ހުޅަނގު ފަރާތު ހޭޅިފަށާ ކައިރީގައި އެއްގަމުގައި ކޮނެފައި ހުންނަ ހައެއްކަ ފޫޓުގެ ބޮޑެތި ވަޅުގަނޑުތަކުގެ ހަނދާންހުރެ އެވެ. އެކަމަކު އެ ވަޅުގަނޑުތަކުގައި ރޯކޮށް އުވަދަވައި އުޅުނުތަން ދުށް ހަނދާނެއް ނުވެ އެވެ. މަންމަ ބުނެދިން ގޮތުން ނަމަ، އެހާ ހިސާބަށް އައި އިރު ޒަމާނީ ސިމެންތި އެ ރަށަށް ތިޔާގިވެއްޖެ އެވެ. އެހެންވެ އުވަދެވުމުގެ ބުރަ އާއި އޭގެ ބޭނުން ކެނޑި، އެ މަސައްކަތަށް މީހުން ކަންނެތްވެއްޖެ އެވެ.
ދުފުމުގައި ހުނީގެ ގޮތުގައި ލުމަށް، ދޭތެރެއަކުން ފަހަރެއްގައި އޭރު ވެސް މީހުން އެކަން ނުކުރާނެއެކޭ ނޫނެވެ. އެކަމަކު، އާދަކާދައިގެ ތެރެއިން އެކަން މުޅިންހެން އޭރު ދޫވެއްޖެ އެވެ.
އުވަދެވުމަކީ ގިނަ މީހުންގެ ބައިވެރިވުން އެކަމަށް ބޭނުންވާ ބުރަ މަސައްކަތެކެވެ.
ހަތްދިހައިގެ ފަހުކޮޅު، ފިޔޯރީގައި ހުރި ފަން މަދަރުސާ ރޫޅާލައި، އާ މަދަރުސާއެއް އެޅުމަށް، އެރަށުގެ ހަތަރު އަވަށުގެ މެދުގައި ވާދަވެރިކަން އިއުލާނުކޮށް، އުވަދަވަން މާސިންގާ ވަޅުގަނޑު ކޮނުނެވެ. ރަށުގެ ސްކޫލު ހިންގަންތިބި ވެރިންނާއި ރައްޔިތުންނާއި، ސްކޫލުގެ ދަރިވަރުން ބައިވެރިވި އެވެ. އުވަ ވަޅަށް ބޭނުންވާ ދަރު އެއްކުރުމާއި، ގާ އެއްކުރުމާއި، އެއްކުރާ ގާ ސަރަހައްދަށް އުފުލުމާއި، އެތަކެތި ވަޅުގަނޑުގައި އަތުރައި އެންދުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ރަށުގެ އެންމެން ބައިވެރިވި އެވެ.
"ވަރަށް ގިނަ މަރުހަލާތަކެއް އެ މަސައްކަތުގެ ތެރޭގައި ހިމެނޭ. ފުރަތަމަ ކޮންނާނީ އާންމުކޮށް މީހުން އުޅޭ ގެތަކާ ދުރު ހިސާބެއްގައި، މޫދާ ކައިރީގައި، ފެން ތިލަ ނުވާ ފުންމިނަށް ގާތްގަނޑަކަށް ހަތަރުފޫޓު ނުވަތަ ހަ ފޫޓުގެ ވަޅުގަނޑެއް. ދެން ހޯދާނީ ގިނަ އިރުން އަނދައި ހުސްވާ ކަހަލަ ވަކަރު. ވަރަށް ގިނައިން ބޭނުންވާނެ. މިސާލަކަށް، ދިއްގާ، ރުކުގެ ވަކަރު، ބަނބުކެޔޮ ވަކަރު. މިކަހަލަ ދަރު ބޭނުންކުރަން ޖެހެނީ، ގާ އަންދައިގެން އަޅިޔަށް ހެދުމަށް ވަރަށް ގިނަ އިރު އަލިފާންގަނޑު އަންދަން ޖެހޭނެތީ،" އެ ރަށުގެ ދުވަސްވީ މީހަކު ކިޔައިދިނެވެ.
އަންދަން ބޭނުންވާ ވަރަށް ވަކަރު އެއްކުރެވުމުން، "ބޯންފަޔާ" ރޯކުރަން ވަކަރު އަތުރާ ގޮތަށް، ވަޅުގަނޑުގެ އެންމެ މެދު ހުހަށް ހުންނާނެ ގޮތަށް ވަކަރުތައް ދިގަށް ޖަހަމުން އަތުރަމުން، ފުނި މައްޗަށް އުސްކުރެ އެވެ. އެންމެ މެދަށް ހުންނާނީ ފަސޭހައިން ހުޅު ރޯވާ ކަހަލަ ފަނާއި އިލަ އާއި ނާއްޓާއި ބޮނބި ފަދަ ތަކެތި ލައިފަ އެވެ. މިތަކެތީގެ މަތިން ވަކަރުތައް ޖަހަމުން އަތުރަމުން ދާއިރު، ވަޅުގަނޑުގެ ބޭރުގައި ހުރެގެން އެތެރޭގައި މި ތަކެތީގައި އަލިފާން ރޯކުރެވޭ ގޮތަށް މަގެއް ނުވަތަ ބާގަނޑަކަށް ޖާގަ ބަހައްޓަ އެވެ. މީގެ ބޭނުމަކީ، ބޭނުންވާ ވަރަށް ވަކަރާއި ގާ އަޅައި ނިމޭ ފަހުން ވަޅުގަނޑުގެ މެދަށް އަލިފާން ލެވޭ ގޮތަށް މަގު ފަހިކުރުމެވެ.
ވަކަރު އަތުރައި ނިމޭއިރު ބިމަށްވުރެ ތަންކޮޅެއް މައްޗަށް ވަކަރު ފުނީގެ އުސްމިން ހުންނާނެ އެވެ.
ކެންދޫގައި މިދިޔަ އަހަރު ހެދި އުވަ ވަޅެއް: އުވަދެވުމަކީ ގިނަ މަރުހަލާތަކެއް ހިމެނޭ ބުރަ މަސައްކަތެއް.
އަންދަން އަޅާ ގަލުގެ ގޮތުގައި ކުރީޒަމާނުގައި އާންމުކޮށް ބޭނުންކޮށް އުޅުނީ އަކިރި އެވެ. އެކި ކަހަލަ ހިރި އާއި ބިން ހިރި (ބްރެއިން ކޮރަލް) ގާ ވެސް ތަޅައިގެން ބޭނުންކުރެ އެވެ.
މިދިޔަ އަހަރު، ހެރިޓޭޖް މިނިސްޓްރީގެ މަޝްރޫއެއްގެ ދަށުން، ބ ކެންދޫގައި ހުންނަ އަބުލް ތަބްރޭޒީގެފާނުގެ މަގާމްފުޅުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމަށް، އެ މަސައްކަތް ކުރި އެރަށުގެ ޒުވާނުން އުވަދަވަން ބޭނުންކުރީ އަކިރީގެ ބަދަލުގައި ބިން ހިރި އެވެ.
"ވާގޮތަކީ ބޮޑު ފުށްގަނޑެއްހެން އޭގެ ފޯމޭޝަން މިހުންނަނީ. އެހެންވީމަ އެ ކަމަށް މާ އެކަށޭނަ ކަމަށް އަޅުގަނޑުމެންނަށް ގަބޫލުކުރެވުނީ އެ ބާވަތުގެ ގާ. އެކަމަކު ފަސޭހައިން ލިބެން ހުންނާނީ އަކިރި. ބޮޑަށް ބެލެވެނީ އެހެންވީމަހެން އާންމުކޮށް ކުރީ ޒަމާނުގައި އަކިރި ބޭނުންކޮށް އުޅުނީ،" އެ މަޝްރޫއުގައި އިސްކޮށް އުވަދެވުމުގެ މަސައްކަތުގައި ހަރަކާތްތެރިވި އަލީ މަންސޫރު އޮޅުންފިލުވައިދިނެވެ.
ވަކަރުތަކުގެ މައްޗަށް، އަންދަން ބޭނުންވާ ވަރަށް ގާ އަޅައި ފުންޏަކަށް ހެދުމަށްފަހު އެއްކަލަ ލޯވަޅުން، ވަޅުގަނޑުގެ އެތެރެ އަށް އަލިފާން ލައެވެ. ރަނގަޅަށް އެތެރެ އަނދައިގަންނަ ވަރަށް އަލިފާން ލުމަށް ފަހު، ހުރިހާ ވަކަރުތަކެއް އަނދައި ނިމެންދެން ބަހައްޓަ އެވެ.
ބައެއް މީހުން، އަލިފާން ރޯކުރުމުގެ ކުރިން ވަޅުގަނޑު ވަށައިގެން އައްޓެއް، ނުވަތަ ބެރިކޭޑެއް ޖަހަ އެވެ. މީގެ ބޭނުމަކީ އަނދަމުން ދާއިރު ވަޅުގަނޑުން ބޭރަށް ދުރަށް އެއްޗެހި ދިޔަ ނުދިނުމެވެ.
"ދެ ދުވަހެއް ވަރު ވަންދެން އަނދާއިރު ހުރިހާ ވަކަރުތަކެއް އަނދައި، އެންމެ މަތީގައި ހުންނަ މަދު ގާތަކެއް ފިޔަވައި ހުރިހާ ގަލެއް ހުންނާނީ އަނދައިގެން ފުށަށް ވާން ގާތްވެފައި. ދެން ވަޅުގަނޑުގެ ހޫނުކަން ވަކި ވަރަކަށް މަޑުވުމުން މޫދުން ލޮނު ހިފައިގެން އައިސް އެކި ފަރާތުން ޖަހާނީ. އޭރު ފުނޑިފައި ހުންނަ ގާތަށް ފުށަށް ވެގެން، ބޮޑެތި ވަޅުގަނޑު ހެދޭގޮތަށް ފަޅައިގެން އެތެރެއަށް ފައިބަން ފަށާނެ. ރަނގަޅަށް ލޮނު ޖަހައި ނިމުމުން ދެން ބަހައްޓާނީ ފިނިކުރަން،" މަންސޫރު ކިޔައިދިނެވެ.
ރަނގަޅަށް ފިނިވުމުން، ނުއަނދައި ހުންނަ ގާތަށް ނަގައި އުކާލަ އެވެ. އޭރުން ރާނަން ބޭނުންވާ އުވަ ތައްޔާރުކޮށް ނިމުނީ އެވެ. ކުރީ ޒަމާނުގައި ގެތަކާއި މައިޒާންތަކާއި ފާރުތައް ރާނަނީ މި އުވައިންނެވެ. މިހާރުވެސް އުވަ އިން ރާނާފައިވާ މުސްކުޅި ގެތައް ރަށްރަށުގައި އެބަ ހުއްޓެވެ. މާލޭގައި ވެސް އެބަހުއްޓެވެ.
ހެރިޓޭޖްގެ މަޝްރޫއެއްގެ ދަށުން ކެންދޫގައި ކުރިއަށްދިޔަ އުވަދެވުން.
ދިވެހިންގެ ދިރިއުޅުމުގެ ތެރޭގައި އޮތް ޒަމާންވީ އުވަދެވުމުގެ މި އާދަ ފިލައިގެން ދާން ފެށީ ޒަމާނީ ސިމެންތި ތައާރަފްވެގެން އައުމާއެކު ރޭނުމަށް ކުރަންޖެހޭ މަސައްކަތް ލުއިވި ހިސާބުންނެވެ. އުވައަށްވުރެ ސިމެންތީގެ ބާރު ގަދަ އެވެ. ރޭނުމާއި ކޮންސްޓްރަކްޝަންގެ ދާއިރާގައި މިހާރު އުވައިގެ މާ ބޮޑު ބޭނުމެއް ނެތެވެ. ނަމަވެސް ތާރީހާއި އާދަކާދައާ ގުޅިފައިވާ މި ދުވަސްވީ މަސައްކަތް އަދިވެސް ދިވެހިންނަށް ހާއްސަ އެވެ.
ނޯޓް: ދުފާއިރު ހުނީގެ ގޮތުގައި ނަގާ އުވަ، އުވަ ވަޅުން އުވަ ނަގާ ގޮތަށް ވެސް އިހުގައި ބޭނުންކުރެ އެވެ. އެކަމަކު އާންމުކޮށް ހުނީގެ ގޮތުގައި ބޭނުންކުރަނީ، އުވައިގެ ބާރު ބާރު ދަށްކުރުމަށް، އުވަ ވަޅުން ނަގާ އުވަ، ފެން އެއްޗަލަށް ލުމަށް ފަހު، އިރުގަނޑެއް ކުރުމަށް ފަހު ފިލްޓާވެގެން ފެން އެތީގެ އަޑިއަށް ޖަމާވުމުން އެބައި ނަގައިގެންނެވެ. މިބައި ނެގުމަށްފަހު ބައެއް މީހުން އެއަށް ކައިރު (ދިވެހި ބޭހުގެ ގޮތުގައި ބޭނުންކުރާ ބާވަތެއް) ލައެވެ. މިގޮތަށް ހެދުމުން މަޑު ރަތްކުލައެއް އަރަ އެވެ.