27 Oct 2022

ލޯބި ދޫނިތަކެއް ދިއްގަރުގައި ގެ އަޅައި އެންމެން ހައިރާންކޮށްފި

ލޯބި ދޫނިތަކެއް ދިއްގަރުގައި ގެ އަޅައި އެންމެން ހައިރާންކޮށްފި

By: Aminath Ibrahim

ރާއްޖޭގައި މި ދޫނި އާންމުކޮށް ނޫޅުނަސް ޓީވީންނާއި އެހެން ގޮތްގޮތުން މި ސޮރުމެންގެ ކުޅަދާނަކަމާއި ލޯބިކަން ހުންނާނީ ފެނިފަ އެވެ. މިއީ އަމިއްލައަށް ވިޔެގެން ގެ އަޅައިގެން އުޅޭ ކުދިކުދި، ކުލަ ރީތި ދޫންޏެކެވެ. ނަމަކީ، "ވިލެޖް ވީވާ" އެވެ.

މ. ދިއްގަރު ތަރިކަގޭ މުހައްމަދު ޖާބިރު މީގެ 12 ދޫނި އެބަ ގެންގުޅެ އެވެ. ވިޔާ ދޫނިތައް އެރަށުގައި އަމިއްލަ މިނިވަން ހާލިތަކެއްގައި އޭގެ ހިމާޔަތުގައި ދިރިއުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެ ދޫނިތަކުގެ ޗާލުކަމާއި ރީތި ގޮވެއްޔާއި އޭގެ ހައިރާންކުރުވަނިވި އުޅުންތެރިކަން އެރަށަށް އަންނަ ބީރައްޓެހިންގެ ސަމާލުކަން އަތުލަ އެވެ.

ވަށައިގެން ބެދިފައިހުންނަ އުނދޯލި ސިފަވާގޮތަށް ރީތި ގެތުމެއް ފެންނަން ހުންނަ ގޮތަށް ހާލި ހަދައި އުޅޭ ވީވާ އަކީ ރާއްޖެއަށް މުޅިން އާ ދޫންޏެއް ނޫނެވެ. އެފްރިކާ ބައްރާއި އެ ހިސާބުގެ "ރާއްޖެ ކަހަލަ" މާހައުލުތަކުގައި ދިރިއުޅޭ މި ދޫނި ރާއްޖެއަށް އެތެރެކޮށްގެން ކޮންމެވެސް ވަރަކަށް ގެންގުޅެ އެވެ. ނަމަވެސް ޖާބިރުގެ ގެއިން ފެންނަ ތަފާތަކީ، އޭނާގެ ގޭގައި އެ ދޫނިތަކަށް ލިބިފައި އޮންނަ ހިފެހެއްޓުމެއް ނެތް މިނިވަންކަމެވެ. އެ މިނިވަންކަމުގައި ދޫނިތައް، އޭގެ އަސްލު ފިތުރަތާއި ތަބީއަތުގައި ދައްކާ އާދަޔާހިލާފު ހުނަރާއި ހިތްގައިމުކަމެވެ. އެކަމުން އެ ގެއަށް ގެނުވާފައިވާ ގުދުރަތީ ޒީނަތްތެރިކަމެވެ.

ތަރިކަ ގޭގެ ރުކެއްގައި ވީވާ ދޫނިތައް ހަދާފައިވާ ހާލިތަކެއް: މި މަންޒަރު ބަލާލަން ދިއްގަރަށް ދާ މެހުމާނުން ވެސް ޝައުގުވެރިވޭ ފޮޓޯ: ޖާބިރު

"އެސޮރުމެންގެ އެންމެ ގިނަ ހާލި ހަދާފައި ހުންނަނީ މިގޭގައި ހުންނަ ރުކެއްގައި. އަދި ހުންނާނެ ކުންނާރު ގަހެއް ވެސް. އެ ގަހުގައި ވެސް ހާލި ހަދާފައި ހުރޭ. އެ ހާލިތަކުގައި ވެސް ނިދައި އުޅޭ. ކުންނާރު ގަހުގައި ހަދާފައި ހުންނަ ބައެއް ހާލިތައް އެބަހުރޭ އަޅުގަނޑުމެން ގޮނޑިއަކަށް އެރީމާ އަތްލެވޭހާ ތިރީގައި ވެސް، ލޮލަށް ރީތި ހިތްގައިމުކަމެއް އެއީ،" ޖާބިރު ބުންޏެވެ.

ދޫނި ގެންގުޅޭހިތްވާ ވަރުން، މީގެ ކުރިން ވެސް އެއް ފަހަރަކު ވީވާ ދޫނި ޖޯޑެއް ގެނެސްގެން އޮޅުކުރެވޭތޯ އޭނާ މަސައްކަތްކުރި އެވެ. އެކަމަކު ދޫނިތައް މިނިވަންކޮށް ގެންގުޅުމުގެ ހިޔާލު އޭރު ނެތުމުން، ގެއަށް ގެނައިގޮތަށް ވީވާ ޖޯޑު ވެއްދީ އޭރު އޭނާ ގެންގުޅެމުން އައި ކެނެރީ ދޫނިތަކަކާ އެކު އެއް ކޮއްޓަކަށެވެ. އެކަމަކު، ދުވަސްކޮޅެއް ނުވެ، ވީވާގެ އުނދަގޫ ކޮށީގައި އެކުގައި އުޅޭ ކެނެރީތަކަށް ބޮޑުވެ، ގެންގުޅެން އުނދަގޫ ވެގެން އެ ދެ ދޫނި ވިއްކާލީ އެވެ.

"އެއްކޮށް ބޭތިއްބީމާ، މި ދެ ދޫނި ކުރާ ކަމަކީ ކޮށީގައި ތިބޭ ކެނެރީތަކަށް އުނދަގޫކުރަނީ. އެކަންތައް ބޮޑުވެގެން ވިއްކާލީ،" އޭނާ ކިޔައިދިނެވެ.

މިހާރު އެގޭގައި ދިރިއުޅޭ 12 ދޫންޏަކީ، ފުރަތަމަ ގެނައި ދޫނި ޖޯޑު ވިއްކާލާފައި އޭގެ ފަހުން އަނެއްކާ ވެސް ވީވާ ގެންގުޅޭ ހިތްވެގެން ގެނައި ދޫނިތަކާއި އެ ދޫނިތައް ބިސްއަޅައި ފީކޮށްގެން އިތުރުވި ދޫނިތަކާ އެކު، ހަތް ފިރިހެން ދޫންޏާއި ފަސް އަންހެން ދޫންޏެވެ.

ޖާބިރު ގެންގުޅޭ ދޫންޏެއް ހަދާފައިވާ ހާއްޔެއް: މި ހާލިތައް ހުންނަނީ ކުޅަނދުރު ހަތާ ހުންނަ ގޮތަށް، ފަނުގައި އެލުވޭ ގޮތަށް ހަދާފައި. ވީވާ އަކީ މި ހުނަރަށް މަޝްހޫރު ދޫންޏެއް

"ޖާވާ ވެސް ގެންގުޅުނިން. އެކަމަކު ވީވާ، ޖާވާ އަށްވުރެ ބޮޑުވެފައި ރީތި. ނުގޮވަންޏާ އަހަންނަށް ދޫނި ރީއްޗެއް ނުވޭ. އެހެންވީމާ، ވީވާގެ ގޮވެލި ވެސް ވަރަށް ރީތި. ފެންނަ ގޮތް ވެސް ހިތްގައިމު،" ޖާބިރު ބުންޏެވެ.

"ވަރަށް ވިސްނުން ވެސް ރަނގަޅު ދޫންޏެއް. ވަރަށް އަވަހަށް އުޅޭ މާހައުލު ދަސްކޮށްލާ."

މިހާ ހިސާބުން، މިބުނާ ވަރުގެ މިނިވަންކަމެއް ދީގެން، ބީވެދިޔަ ނުދީ މި ދޫނިތަކެއް ޖާބިރު ގެންގުޅޭ ގޮތް ބަލަން ހިނގާށެވެ.

"ފުރަތަމަ ގެނައި ދޫނިތައް ތިން މަހެއްހާ ދުވަސް ވަންދެން ކޮށީގަ އާއި އަތްމަތީގައި ގެންގުޅެ އޮޅުކޮށްފައި މިނިވަންކޮށްލީ،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނި ގޮތުން، ދޫނިތައް އޮޅުވާން ތިން މަސްދުވަހަކީ ރަނގަޅު މުއްދަތެކެވެ. އޮޅުވުމުން ދޫނިތައް މިނިވަންކޮށްލުމުގެ ކުރިން އެސޮރުމެންނަށް ކާ ވަގުތުތަކުގައި އައިސް ތިރިކޮށްލެވޭ ގޮތަށާއި، ބައެއްގެ އުނދަގޫ ޖެހިއްޖެ ހާލަތެއްގައި ދޫނިތަކުގެ ރައްކަލަށް ވައްދާނެ ކޮއްޓެއް ވެސް ތައްޔާރުކުރި އެވެ.

އޭނާ ބުނީ، ދޫނިތައް މިނިވަންކުރި ފަހުން އެސޮރުމެން އަމިއްލައަށް އެ ގޭގައި ހުންނަ ދިގު ރުކުގަ އާއި ކުންނާރު ގަހުގައި ހާލި ހަދައިގެން އުޅެން ފެށީ ކަމަށެވެ. ބިސް އަޅައި ބިސް ފީކުރަނީ މި ހާލިތަކުގައި މީހެއްގެ ހިލަމެއް، އުނދަގުލެއް ނުފޯރާ ގޮތަށެވެ. ކާ ވަގުތު ޖެހުމުން ރަށުގެ ކޮންމެ ތަނެއްގައި އުޅުނަސް އަންނަނީ ގެއަށެވެ.

"ހާލިތައް ހުންނަނީ ރުކުގެ ފަންތަކުގައި އެލުވާފައި. ހާއްޔަށް ވަންނަ ދޮރު އިންނަނީ ތިރިއަށް ވާ ގޮތަށް. އެއީ ތިރިން ހިނގާބިގާވެ އުޅޭ މީހުން އެސޮރުމެންނަށް ހާލި ތެރޭގައި ތިބޭ އިރު ފެންނަ ގޮތަށް. އެހެންވީމަ ވަރަށް ރައްކާތެރިކޮށް އެސޮރުމެން ހާލި ހަދަނީ. ބިސް އަޅައި ފީކުރާ އިރު އަޅުގަނޑުމެންނަކަށް ވެސް ނޭނގޭ. އެނގެނީ ހާއްޔަށް އަރައި ކުދި ދޫނިތަކަށް ކާންދޭން ފެށީމާ،" ޖާބިރު ބުންޏެވެ.

ވިލެޖް ވީވާ އަކީ ހާލި ހެދުމަށް އެސޮރުމެން ގެންގުޅޭ ގެތުމުގެ ފާޑުވެރިކަމާ އެކު ހާއްސަ ސިފަތަކެއް ލިބިފައިވާ ދޫންޏެކެވެ. އަންހެން ދޫނި ބިސް އަޅައި ފީކުރުމާ ހަމައަށް، ފިރިހެން ދޫނި ހާލީގެ ފޯރިމަރައި ހަމަލާތަކަށް ފާރަވެރިވެ އިނދެ އެވެ. ބިސް ފީވެ، ކުދި ދޫނިތައް ނިކުތުމުން، ކާންދޭން ބޭނުންވާ ފަންޏާއި ކާއެއްޗެހި ހޯދަން ބޭރުތެރޭގައި އުޅޭނީ މަންމަ ދޫންޏެވެ. މި މުއްދަތުގައި ވެސް ފިރިހެން ދޫނި ކުދި ދޫނިތަކަށް ހިމާޔަތްދެ އެވެ. ޖާބިރު ގެންގުޅޭ ދޫނިތަކުގެ އާދައަކީ ވެސް މިއީ އެވެ.

"ކާޅުވެސް ވަރަށް ނުބެހޭނެ އެ ދޫނިތަކާ. މަދުމަދުން އާދޭ. އަޔަސް ވެސް، ފިރިހެން ދޫނި އިނދޭ އަބަދުވެސް ކުދި ދޫނިތައް ބަލަން. ފިރިހެން ދޫނި ވަރަށް އެޓޭކް ކުރާނެ އެސޮރުމެންނަށް. އެހެންވީމާ ކާޅު ވެސް ވަރަށް ނާދޭ،" ޖާބިރު ބުންޏެވެ.

މި ހިތްގައިމު ދޫނި އާއިލާ މިނިވަންކަމުގައި ދިރިއުޅޭ މަންޒަރު ފެންނާތީ ދިއްގަރަށް އަންނަ މެހުމާނުންގެ ޝައުގުވެރިކަން ތަރިކަގެއަށް ލިބެ އެވެ. އެރަށުގައި ވިލެޖް ވީވާ ގެންގުޅެނީ ވެސް އެ ގޭގައި އެކަންޏެވެ.

ވީވާގެ 118 ވައްތަރެއްގެ ދޫނި ހުރެ އެވެ. މީގެ ތެރެއިން ވިލެޖް ވީވާ އަކީ "ޕްލޮސިއެޑާ" އާއިލާ އަށް ނިސްބަތްވާ ވައްތަރެކެވެ. ވީވާ އަންހެން ދޫންޏާއި ފިރިހެން ދޫނި ވަކިކުރަން އެނގޭ އެންމެ ފަސޭހަ ގޮތަކީ ކުލައިގެ ތަފާތެވެ. މިއީ ރާއްޖޭގައި ދިރިއުޅޭ ނުވަތަ މޫސުމީ ހިޖުރަކުރުންތަކަށް ރާއްޖެއަށް އައިސް އުޅޭ ދޫންޏަކަށް ނުވާތީ ދިވެހި ނަމެއް އޮންނަކަމެއް ނޭނގެ އެވެ.

ދޫނި

Popular