22 Jul 2024

"ކީއްކުރަން ތިއުޅެނީ؟ ކަލޭގެ ބައްޕައަށް ދައްކަން މަގޭ ފޮޓޯ ނަގަންތަ؟" އޭނާ ރުޅިއައިސް ރަތްވިއެވެ.

"ނޫން!" ޝިއުނާ އަވަސް އަވަހަށް ފޯނު ޖީބަށްލިއެވެ.

"އެވަރުގެ ނުބައި ނުލަފާ މީހަކު މަ ނުދެކެން... ފަރީޝާގެ ދުވަސް ދުއްވާލީ ހަމަ..." ޝިއުނާގެ ކާފަގެ ދެލޮލުން އަނެއްކާވެސް ކަރުނައިގެ އަސަރު ފައުޅުވާން ފެށިހެން އޭނާއަށް ހީވިއެވެ. ޝިއުނާއަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނެވެ. ޒިލާލުމެން ކޮބައިބާވައޭ އެމީހުން އަޑު އިވޭ ހިސާބުގައި އެބަ ތިބިބާވައޭ އޭނާގެ ހިތަށް އެރިއެވެ. އޭނާގެ ބައްޕަ ކުރީ ކޮންކަމެއްތޯ އަހަން ހިތަށް އެރިއެއް ކަމަކު އޭނާ އެ ސުވާލު ކުރަން ޖެހިލުންވިއެވެ.

"ކަލޭގެ ބައްޕަ ހަނީފު.... " އޭނާގެ ކާފަ އަނެއްކާވެސް ވަހަކަ ދައްކަން ފެށިއެވެ. އެވަގުތު އޭނާ ވަރަށް ބޮޑަށް ކެއްސައިގަތެވެ. "ފެން" އޭނާ ބުނެލިއެވެ. ޝިއުނާ އަވަސް އަވަހަށް މޭޒުމަތީގައި ހުރި ބިއްލޫރިތަށި ފުރެންދެން ފެން އަޅައިގެން ގެނެސްދިނެވެ. ކާފަ އެތަށީގައި ހިފިއިރު އަތް ތުރުތުރު އަޅާކަން ޝިއުނާއަށް ފާހަގަ ކުރެވުނެވެ. އޭނާ ފެންފޮދެއް ބޯލުމަށް ފަހު ދެލޯ މަރާލިއެވެ. ކުޑަ އިރުކޮޅަކަށް ފަހު އޭނާގެ ކެއްސުންގަނޑު މައިތިރިވިއެވެ.

ކާފަ އިށީނދެގެން އިން ދިމާލުގައި ފިލާ ޖަހާ ބައްދާފައިވާ ކުޑަދޮރުގެ ދާރަމަތީގައި ހުރި ކޯފު ސިރަޕް ފުޅިއަކާއި ބޭސްތަކެއް ޝިއުނާގެ ލޮލުގައި އަޅައިގަތެވެ. ކާފަ ބޭސް ބުއީ ކޮންއިރަކުތޯ ޝިއުނާ އަހާލިއެވެ. އެޔާއިއެކު އޭނާ ލޯ ހުޅުވާލިއެވެ. ޝިއުނާގެ މޫނަށް ބަލަހައްޓައިގެން އެކައްޗެއްވެސް ނުބުނެ އިރުކޮޅަކު އިނެވެ.

" ފަރީޝާ! ހާދަ ދުރުގަ ތީނީ... އާދެބަލަ މިކޮޅަށް" އޭނާ ވަރަށް މަޑުމަޑުން ވާހަކަ ދެއްކިއެވެ.

ޝިއުނާ ތެދުވިއެވެ. އަދި މިއީ ފަރީޝާއެއް ނޫނޭ ، ޝިއުނާއޭ ބުނަމުން ކާފަގެ ކައިރިއަށް ދާން އެއްފިޔަވަޅު އެޅިއެވެ.

"ކޮބާ މަގޭ ފަރީޝާ؟" އެވަގުތު އަނެއްކާވެސް ކުޑަކޮށް އަޑު ގަދަވިއެވެ. އަދި ވަރަށް ނުރުހިފައި ތިއީ ކާކުހޭ ޝިއުނާއާއި ދިމާލަށް ބުނެލިއެވެ. ޝިއުނާއަށް ހުއްޓެވުނެވެ.

"މީ ޝިއުނާ... ކާފަ ފޯނުކޮށްފަ ބުނީމެއްނު ދެކިލަން އަންނާށޭ!" އޭނާ އެހެން ބުނުމުން އެއްވެސް އެއްޗެއް ނުބުނެ ޝިއުނާއާއި ދިމާލަށް ބަލަހައްޓައިގެން އިނީއެވެ. އޭރު ޝިއުނާ ކަންބޮޑު ވާން ފަށައިފިއެވެ. އޭނާގެ ބައްޕަ ބުނީ ތެދުވާހަކައެކޭ ހިތަށް އެރިއެވެ. ކާފަ މިހާރު ބުއްދި ހަމައެއް ނުޖެހެއެވެ. ޝިއުނާ ދޮރާއިދިމާލަށް ބަލައިލިއެވެ. ޒިލާލުމެން ކޮބައިތޯއެވެ.

"ފަރީޝާ ކޮބާ؟" އޭނާ ސުވާލު ކުރިއެވެ. އަދި އެއްނޭވާއިން އޭނާގެ އަތުގައި ހުރި ފެންތަށި ހުސްކޮށްލިއެވެ. އެއަށްފަހު އަނެއްކާވެސް އޭނާގެ ދަރިފުޅުގެ ދުވަސް ދުއްވާލީ ހަނީފުއޭ ބުނެލިއެވެ.

ޝިއުނާއަކަށް އޭނާގެ ބައްޕައާއި ދިމާލަށް އެވަރަށް އެއްޗެތި ކިޔާ އަޑުއަހާކަށް އޭހާ ފަސޭހައެއް ނުވިއެވެ. ކާފަ ދެލޯ މަރާއިގެން އިންދާ މަޑުމަޑުން ނުކުމެގެން ދާންވީ ކަންނޭގެއޭ އޭނާގެ ހިތަށް އަރަންފެށިއެވެ.

ޝިއުނާގެ ކާފަ އަނެއްކާވެސް ކޮށި އަރާގޮތްވިއެވެ. މޭގައި އަތް އުނގުޅާލަމުން އަނެއްކާވެސް ފެން ދޭން އެދުނެވެ. ޝިއުނާ ފެންފުޅިއާއި ދިމާލަށް ދިޔަ ވަގުތު މަންމައޭ ކިޔާފައި ކޮންމެވެސް އެއްޗެއް ބުންޏެވެ. އެކަމަކު ޝިއުނާއަކަށް އެބުނި އެއްޗެއް ސާފެއް ނުވިއެވެ.

މޭޒުމަތީގައި ވާ ފެންފުޅި ނަގައިގެން ޝިއުނާ އެނބުރުނު އިރު ކާފަ ގޮނޑިން ތެދުވަން މަސައްކަތް ކުރަނީއެވެ. ޝިއުނާ އަވަސް އަވަހަށް ކާފައަށް އެހީތެރިވެދޭން އެދިމާލަށް ދިޔައެވެ. އެހެންނަމަވެސް އޭނާ އެހިސާބަށް ނުފޯރަނީސް ކާފަގެ އަތުގައި ހުރި ބިއްލޫރި ތަށި ވެއްޓި ތަޅައިގެން ދިޔައެވެ. އަދި ކާފަ ގޮނޑީގެ ތެރެއަށް ވެއްޓެން ދިޔައެވެ.

"ކާފާ!" ޝިއުނާއަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. އޭރު ޒިލާލުއާއި ޒުހުދާ ތިބީ އެގެއާއި ޖެހިގެން އޮތް ހުސް ބިމުގައި ހުރި ޖޭމުގަހެއްގެ ދޮށުގައެވެ. އެއަޑަށް ޒިލާލު ދުއްވައިގަތެވެ. އޭނާގެ ފަހަތުން ޒުހުދާވެސް އައެވެ.

"ޒިލާ... ކާފައަށް ކޮންމެވެސް ގޮތެއް ވެއްޖެ!" ޝިއުނާ ރޮއެގަތެވެ.

އޭރު އިބްރާހިމްބެ އޮތީ ސަރަންފީގޮނޑިއަށް ވެއްޓިފައެވެ. ދެލޯ މެރި އެއްވެސް ހަރަކާތެއް ނެތެވެ. ޒިލާލު ކައިރިއަށް ގޮސް އޭނާ ނޭވާލާތޯ ބެލިއެވެ. އަދި ޒުހުދާ ކައިރީގައި މަގުމަތިން މީހަކު ފެނޭތޯ ބަލާބަލާށޭ ބުނެލިއެވެ.

"ކާފައަށް ކިހިނެއްތަ އެވީ؟" ޝިއުނާ ކަންބޮޑުވެގެން ސުވާލު ކުރަން ފެށިއެވެ. އަވަހަށް ޑޮކްޓަރަށް ގެންދަން ހިނގާށޭ ބުނެލިއެވެ.

ދާދި ކުޑަ އިރުކޮޅެއްގެ ތެރޭގައި ދެފިރިހެނަކު ދުވަމުން އައިސް ވަނެވެ. އޭގެ ފަހަތުން ޒުހުދާވެސް ވަނެވެ.

އެދެމީހުން އަވަސްވެގަތީ އިބްރާހިމްބެ ހެލްތު ސެންޓަރަށް ގެންދާށެވެ. ފަތްޖެހި އެނދަކަށް ލައިގެން ސެންޓަރާއި ދިމާލަށް ދިޔަ މަގުމަތީގައި އެމީހުން ޒިލާލު އާއި ވަރަށް ސުވާލު ކުރިއެވެ. އެއީ އެހިސާބުގައި އުޅޭ ބަނގުލަދޭޝް ދެމީހުންނެވެ. އިބްރާހިމްބެގެ ހާލު ބަލާ އެހީވެދެނީ އެމީހުން ކަމަށް ކިޔައިދިނެވެ. އިބްރާހިމްބެއަކީ ޒިލާލު ކާފަގެ ރައްޓެއްސެއް ކަމަށާއި މިރަށަށް އާދެވުނީމާ އޭނާގެ ހާލު ބަލައިލަން އައީ ކަމުގައި ޒިލާލު ބުނެލިއެވެ. އޭނާ އެހެންބުނީ ތެދަށް ކިޔައިދީފިއްޔާ ޝިއުނާއަށް އެތައް ސުވާލަކާއި ކުރިމަތި ވާނެތީއެވެ. އޭރު އެމީހުންގެ މާ ފަހަތުން ، ޒުހުދާގެ އަތުގައި އެލިގަނެގެން ކަހަލަ ގޮތަކަށް ޝިއުނާ އާދެއެވެ.

ޑޮކްޓަރ ބަލާފައި ، އިބްރާހިމް ބެއަށް އެޖެހުނީ ސްޓްރޯކެއް ކަމަށް ލަފާކުރެވޭކަމުގައި ބުންޏެވެ. އޭނާ މިހާރު އެއޮތީ ކޯމާއެއްގައި ކަމަށާއި މިވަގުތަށް ކުރެވޭނެ މާބޮޑު ކަމެއް ނެތްކަމަށް ބުންޏެވެ. އެއަޑު އިވިފައި ޒުހުދާ ރޯން ފެށިއެވެ. އެމަންޒަރު ފެނުމުން ޝިއުނާވެސް ފެންކަޅިވިއެވެ. ޒިލާލު އަވަސް އަވަހަށް ޒުހުދާ ގޮވައިގެން އެތަނުން ބޭރަށް ނުކުތެވެ.

"ޒުހު ތިހެން ހެދީމާ ޝިއުނާއަށް ވާނީ ކިހިނެތް؟" އޭރު ޒިލާލުވެސް ހުރީ ވަރަށް ހާސްވެފައެވެ. ދެން ހަދާނެގޮތެއް ނުވިސްނިފައެވެ. މުހައްމަދު ފުރަން ދާންވެގެން އެމީހުން ލަސްވެގެން ގުޅީ އެވަގުތުއެވެ. ޒިލާލު ވެގެން އުޅޭ ގޮތް ކިޔައިދިނީމަ މުހައްމަދާއި އޭނާގެ ދައްތައާއި ދެމީހުން ހޮސްޕިޓަލަށް އައެވެ. މުހައްމަދުގެ ދައްތަ ފާތުމަ މެންގޭގައި ޝިއުނާމެންނަށް އެރޭ ތިބެވޭނެ ގޮތް ހަމަ ޖައްސައިދީފައި އެނަ ފުރަން ދިޔައީއެވެ.

ހެލްތު ސެންޓަރުގައި އެވަގުތު އިތުރު ބަލިމީހެއް ނެތެވެ. އެހެންކަމުން އެތާ އެތެރޭގައި މާގިނަ މީހުންތަކެއް ނެތެވެ. އިރުއޮއްސުނު އިރުވެސް ކާފަ ބާއްވާފައި އޮތްތާ ބޭރުގައި ހުރި ގޮނޑީގައި ޝިއުނާ އިށީދެލައިގެން އިނެވެ. އޭނާ އެއްވެސް ތާކަށް ދާކަށް ބޭނުމެއްނުވިއެވެ. ކާފަ ހޭއަރާއިރު ކައިރީގައި ހުންނަން ބޭނުންކަމުގައި ބުނަމުން ގެންދިޔައެވެ. ޒުހުދާއާއި ޒިލާލުވެސް ކަންބޮޑުވެފައި އޭނާގެ ކައިރީގައި ތިބީއެވެ. ޝިއުނާގެ ކާފަ ދެއްކި ވާހަކަ އެމީހުންނަށް ކިޔައިދިނެވެ. ކާފަ އެންމެ ފަހުން ބުނިއެއްޗެއް އޭނާއަށް މާރަނގަޅަކަށް އަޑެއް ނީވޭ ކަމުގައި ބުނެލިއެވެ. އޭނާކައިރީގައި 'މަންމަ ބާލާށޭ' ބުނިހެން ހީވާ ވާހަކަ ޝިއުނާ ބުނެލިއެވެ. ޒުހުދާއާއި ޒިލާލުއައި ދެމީހުންނާއި ވާހަކަ ދެއްކުމަށްފަހު އޭނާގެ ބައްޕަ ބުނިހެން ކާފަގެ ސިކުނޑި މުޅިން ރަނގަޅު ނޫންކަމަށް އެންމެފަހުން އޭނާވެސް ނިންމިއެވެ.

"އެއީ މުސްކުޅި ވީމާ ވެދާނެގޮތެއް" އެވަގުތު ޒުހުދާ ބުނެލިއެވެ.

ޒިލާލުމެންގެ ބައްޕަ މަހުން އައިސް އެ ޚަބަރު ލިބިގެން ޒިލާލުއަށް ގުޅިއެވެ. އޭނާ ވާހަކަ ދައްކަމުން ޝިއުނާގެ މީހުންކައިރީ މިހާރު ބުނެފިންތޯ އަހާލިއެވެ. އެފޯނު ބާއްވާފައި ޝިއުނާ ދުރަށް ގެންގޮސްފައި ޒިލާލު އެވާހަކަ ދެއްކިއެވެ. އޭނާ އައީ ބައްޕަމެންނަށް ނޭނގިކަން ޒުހުދާއަށް ވެސް ނޭނގޭތީއެވެ.

"އުނހޫ! ގުޅާކަށް ނުކެރޭނެ... އޭރުން ބުނާނީ ވަގުތުން ފުރައިގެން އަންނާށޭ" ޝިއުނާ ބުނެލިއެވެ. އޭނާ އަދި ކާފައާއި ވާހަކަ ދައްކަން ބޭނުމެވެ. ޖަވާބު ބޭނުންވާ އެތައް ސުވާލެއް އެބަހުރިކަމުގައި ބުނެލިއެވެ.

އަށެއްޖެހިތަނާ ފާތުމަ އަނެއްކާވެސް އެތަނަށް އައެވެ. އެމީހުން ކައިރީގައި ކާން ހިނގާށޭ ބުނާށެވެ. އެގެހުންނަނީ މިތަނާ ވަރަށް ކައިރީގައި ކަމަށް ބުނުމުން އެންމެފަހުން ޝިއުނާ ދާން އެއްބަސްވިއެވެ. އެކަމަކު ޝިއުނާއަކަށް ނުވެސް ކެވުނެވެ. އޭނާ އިނީ އެއަށްވުރެ ކަންބޮޑުވެފައެވެ. ކާފައަށް ވާނެ ގޮތެއް ނޭނގޭތީއެވެ. ކިތަންމެ ފަހަރަކު އޭނާގެ މަންމައަށް ގުޅާފައި ވެގެން އުޅޭގޮތް ކިޔައިދޭންވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް އޭރުން އޭނާގެ ބައްޕަ އިންތިހާއަށް ރުޅި ދުރުވާނެކަން އެނގޭތީ ނުކެރުނީއެވެ.

ކައިނިމިގެން އަނެއްކާވެސް އެމީހުން ހެލްތު ސެންޓަރަށް އެނބުރި ދިޔައީއެވެ. އޭރު އެތާ އެތެރޭގައި ނަރުސް ކުއްޖަކު ހުއްޓެވެ. އިތުރު ބަދަލެއް ނާންނަކަމަށާއި އޭނާ އެތާނގައި ހޭލާ އިންނާނޭ ކަމުގައި ބުނެލިއެވެ. އެކަމަކުވެސް ޝިއުނާ ގެއަށްދާކަށް ބޭނުމެއްނުވިއެވެ. އަނެއްކާވެސް ގޮނޑީގައި އިށީނީއެވެ. އޭރު ޒުހުދާ އިނީ ވަރަށް ނިދިއައިސްފައެވެ. އެކަމަކު ޝިއުނާ އެކަނި ބައިންދާފައި ދާކަށް އޭނާ ވެސް ބޭނުމެއްނުވިއެވެ. އެންމެފަހުން ޒުހުދާ ގޮނޑީގައި އިނދެ ނިދިއެވެ. ޝިއުނާވެސް ތާއްޔާއި ޖެހެން ފެށުމުން ދެން ނިދާލަން ދާން ވީނުންހޭ ޒިލާލު ބުނެލިއެވެ. އޭނާ އެތާނގައި ހޭލާ އިންނާނެ ކަމަށާއި ކިރިޔާވެސް ބަދަލެއް އައިސްފިއްޔާ ޝިއުނާއަށް ގުޅާނަމޭ ބުނުމުން އެންމެފަހުން ޝިއުނާ ދާން އެއްބަސްވިއެވެ.

***

ދަންވަރުގެ ވަގުތެވެ. ހެލްތު ސެންޓަރު ތެރެއިން އިވެމުންދަނީ އިބްރާހިމްބެގެ ގަޔަށް ގުޅާފައި ހުރި މެޝިންގެ ބީޕް ބީޕް އަޑު އެކަންޏެވެ. ޒިލާލު ނިދި އަންނަން ފެށުމުން ތެދުވެގެން ދެކޮޅަށް ހިނގަން ފެށިއެވެ. އޭނާއަށް ވިސްނެމުން ދިޔައީ ޝިއުނާއާއި މެދުގައެވެ.

ވިލިނގިލީ ފެރީއިން ޝިއުނާއާއި ދިމާވިދުވަސް އޭނާގެ ހަނދާނަށް އައެވެ. އެއީ އޭނާ ރަށަށް އަންނަންވެގެން މާލެ ދިޔަދުވަހެވެ. ގުރޭޝާއާއި ޖެހުނު މައްސަލައަށްފަހު އެނާ ހުރީ އެއްގޮތަކަށްވެސް ރަށަށް ދާން ބޭނުންނުވެފައެވެ. އެކަމަކު އޭނާގެ މަންމަ ގުޅާފައި ނައިސް ގިނަދުވަސް ވެގެން އެވާހަކަ ދެއްކީމާ ދާން ނިންމާފައި މާލެ އައީއެވެ. އޭނާ ފެރީގައި އިނދެގެން ވިސްނަމުން ދިޔައީ ގުރޭޝާއާއި ކުރިމަތިލާން ޖެހޭނެތީ އެކަމާއެވެ. ގުރޭޝާ ދެކެ އަދިވެސް ލޯބި ވިއެއްކަމަކު ، އޭނާއަށް މަޢާފުކޮށް އަލުން ގުޅޭކަށް ޒިލާލު ބޭނުމެއްނޫނެވެ.

އެ މާޔޫސް ޚިޔާލުތަކުގައި އިނދެފައި އެނާ ބަލައިލި ވަގުތު ފެރީގެ އަނެއްފަރާތުގައި އިން ޒުވާން އަންހެން ކުއްޖަކު އޭނާގެ ލޮލުގައި އަޅައިގަތީއެވެ. އެއަންހެން ކުއްޖާގެ އިސްތަށިގަނޑު ފުރަގަހަށް އައްސާފައި އޮތްއިރު ކަންހުޅިއާއި ދިމާލުން ބައެއް އިސްތަށި ނެއްޓި ވަޔާ ހޫރެމުންދިޔަ މަންޒަރަށް ބަލަން އިންދާ އެ އަންހެން ކުއްޖާ އޭނާއާއި ދިމާލަށް ބަލައިލާފައި ރަކި ގޮތަކަށް ހިނިތުންވެލީއެވެ. ޒިލާލުގެ ހިތުގައި ކުޑަކުޑަ ޝައުގުވެރިކަމެއް އުފެދުނީ އެވަގުތުއެވެ. އޭގެފަހުން، ޖެހިގެން އިން އަންހެން ކުއްޖާއާއި ދެމީހުން ވާހަކަ ދައްކާފައި ހީ ހަދަމުން ދިޔައިރު ޒިލާލު، އެ މަންޒަރު ބަލާހިތްވީއެވެ.

އޭގެ މަދު ދުވަސްކޮޅެއް ފަހުން، އެއަންހެން ކުއްޖާ އޭނާގެ ރަށަށް އައިސް އޭނާގެ ގޭގައި ހުންނަން ދިމާވުން މިއީ ކޮންކަހަލަ އިއްތިފާގެއް ހެއްޔޭ ހިތަށްއެރިއެވެ. ޒިލާލުއަށް އެނގޭހާވެސް އެއްޗަކީ އޭނާއަށް ޝިއުނާ ޚާއްސަ ވެއްޖެކަމެވެ. ޝިއުނާއަށްޓަކައި ހިތުން ރުހުމުން ކޮންމެކަމެއްވެސް އޭނާ ކޮށްދޭން ތައްޔާރަށް ހުރިކަމެވެ. ގުރޭޝާއަށްފަހު އެހެން އަންހެން ކުއްޖަކަށް ހިތް ނުދޭން އޭނާ ނިންމި ނިންމުން މަޑުމަޑުން ބަދަލުވަމުން ދަނީ ބާވައޭ އެވަގުތު ހިތަށް އެރިއެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular