7 Sep 2024

އޭނާ ތެދުވެގެން ގޮސް ކޮޓަރި ދޮރު ބަލައިލިއެވެ. އެދޮރުވެސް ހުރީ އޭނާ ތަޅުލިގޮތަށެވެ. ތަޅުދަނޑިވެސް ޖަހާފައެވެ.

އެއީ ފެނުނު ހުވަފެނެއް ހެއްޔެވެ؟ އަލަމާރި ހުޅުވާލިއިރު އެޑައިރީ އޭނާ ހަމަ ބޭއްވި ތާނގައި އޮތެވެ.

ޑައިރީގެ ވާހަކަ އޭނާގެ އެކުވެރިޔާއަށް ކިޔައިދިނީ އެދުވަހުއެވެ. ޒިލާލު އައީ އެ ހިފައިގެން ކަމަށާއި އެ ޑައިރީ ފެނުނު ގޮތަށް ދަންދެން އަޒީމާއަށް ކިޔައިދިނެވެ. ހީވަނީ ޑެނިއަލް ސްޓީލުގެ ލޯބީގެ ވާހަކައެއް ކިޔަން ފެށުނު ހެންނޭ ބުނަމުން އޭނާގެ މަންމަ ފަށާފައި އޮތީ ބައްޕައާއި އެންމެ ފުރަތަމަ ދިމާވި ހިސާބުން ކަމުގައި ކިޔައިދިނެވެ.

"އެހެންވީމާ ތިޑައިރީ ކިޔާ ނިމޭއިރު ޝިއުގެ ވަރަށް ގިނަ ސުވާލަށް ޖަވާބު ލިބޭނެތާ!" އަޒީމާ ބުނެލިއެވެ.

ޝިއުނާއަށް ފެނުނު ހުވަފެނުގެ ވާހަކަ ކިޔައިދީފައި އޭނާއަށް އަނެއްކާވެސް ކޮންމެވެސް ފޮރުވިފައިވާ ކަންތައްތަކެއް އެބަވެޔޭ ހިތަށް އަރަންފަށައިފި ކަމަށް ބުނެލިއެވެ.

"ސާބަސް! ފެންނަ ކޮންމެ ހުވަފެނަކީ ހަގީގަތާއި ގުޅިފައިވާ އެއްޗެއް ނޫން" އަޒީމާ ބުނެލިއެވެ.

" އެކަމަކުވެސް ހަމަ... މިހާރު ހިތްބުނަނީ "

"އަހަންނަށް ރޭގައި ހުވަފެނުން ފެނުނު އަހަރުމެން ހަތަރު މީހުން ހުޅުމާލެއަށް ދުއްވަން ގޮސްގެން އުޅެނިކޮށް" އަޒީމާ ބުނެލިއެވެ. "ތީނަ އިނީ ހައިޝަމްގެ ފަހަތުގައި...ބާރަށް ބައްދައިގެން" އަޒީމާ ހިނގަޑެއް ޖަހާލިއެވެ.

އެހިސާބުން ހައިޝަމްގެ ވާހަކަ ފެށުނެވެ. ޝިއުނާ ހީކުރިގޮތާއި ޚިލާފަށް އޭނާގެ އެއްވެސް ޚަބަރެއް ނުވެއެވެ.

"އަދި މަޑުކުރޭ.. ދުވަސްކޮޅެއް ނުވަނީސް އޭނާ ގުޅާނެ ބަލައްޗޭ!" އަޒީމާ ބުންޏެވެ.

"އުނހޫ ، މަ ބޭނުމެއްނޫން އޭނާއާއި ވާހަކަ ދައްކާކަށް" ޝިއުނާ ޖަވާބު ދިނެވެ.

އެޔާއިއެކު ޒިލާލުގެ ޚަބަރު ވީތޯ އަޒީމާ އަހާލިއެވެ.

"ކީއްވެ ޒިލާލު މަށަށް ޚަބަރު ވާންވީ؟.. އަޒީމާ ބުނާގޮތުން ހީވަނީ އެއީވެސް މަގޭ ބިޓެއްހެން... އޭނާ ނުޖެހޭދޯ މަގޭ ހާލު ބަލާކަށް ދުވާލަކު އެއްފަހަރު ގުޅާކަށް!" ޝިއުނާ ކުއްލިއަކަށް ހިތްހަމަ ނުޖެހުނެވެ. އޭނާ މޭޒުދޮށުގައި އިންނަ ހިތެއްވެސް ނުވިއެވެ. އެހެންކަމުން އަވަހަށް އެތަނުން ތެދުވެގެން ދުރަށް ދިޔައީއެވެ.

ޝިއުނާ ގެއަށް އައިސް އަވަސްވެގަތީ ޑައިރީ ކިޔާށެވެ.

" އަހަރެން ގޭތެރޭގައި އުޅެނިކޮށް މީހަކު ސަލާމް ގޮވާލި އަޑަށް ނުކުތްއިރު ގެއަށް ވަދެ ހުރީ އޭނާއެވެ. އަހަންނަށް ސަލާމް ބަލައިގަނެވުނުތަނާ އެތަނަށް ބައްޕަ ނުކުތެވެ. ވަރަށް ހަރުކަށިކޮށް ކީއްކުރާ މީހެއްތޯ ސުވާލު ކުރިއެވެ. އެވަގުތު އަހަރެން އަވަހަށް ގޭތެރެއަށް ވަނީއެވެ. އެކަމަކު އޭނާ ދޭ ޖަވާބެއް އަޑުއިވޭ ހިސާބުގައި މަޑުކޮށްލައިގެން ހުރީމެވެ. އޭނާ އައީ އިބްރާހިމްބެއާއި ބައްދަލުކޮށްލަން ކަމުގައި ބުންޏެވެ. އެޔާއިއެކު އޭނާ ގޮވައިގެން ބައްޕަ ގޭތެރެއަށް ވަނެއެވެ. އެތެރެ ގޭތެރޭގައި އޭނާ ދައްކާވާހަކަ އަޑުއަހަން އަހަރެން ފިލާ ހުރީއެވެ. ބައްޕަ ކިހިނެތްވީތޯ ސުވާލުކުރުމުން އޭނާ މޭދަށަށް ތަދެއް އަރާފައި މެއިން ދިލަނަގަނީ ކަމަށް ބުންޏެވެ. އެކަން ބޮޑަށް ވަނީ އިރުއޮއްސޭ ގަޑީގައި ކަމަށާއި ރޭގަނޑު ނިދަން އުނދަގޫ ކަމަށްވެސް ކިޔައިދިނެވެ. ބައްޕަ އޭނާގެ ވަނަވަރު އޮޅުން ފިލުވިއެވެ. އޭނާގެ ނަމަކީ ހަނީފު ކަމަށާއި އޭނާއަކީ މާލޭ މީހެއް ކަމަށް ކިޔައިދިނެވެ. އަލީ ރަޝީދުއާއި އެއް ބޯޓެއްގައި ދަތުރު ކުރަން އުޅޭ ވާހަކަވެސް ބުންޏެވެ. އޭނާ މިރަށަށް އައީ ކީއްކުރަންތޯ ބައްޕަ އެހުމުން އޭނާއައީ އުނަގަނޑަށް އެރި ތަދެއް ނުފިލާ ގިނަދުވަސްވެގެން ދިވެހި ބޭސްކުރަން ކަމުގައިވެސް ބުނެދިނެވެ. ތިމޭގަ ރިހުމަކީ އެކަމާއި ގުޅިފައި ހުރި ކަމަކަށްވެސް ވެދާނެއޭ ބައްޕަ ބުންޏެވެ. އެހެންނަމަވެސް ފެންފުޅިއެއް

ދޭނަން ކަމަށާއި ހަވީރު އަސުރުން ފައިބައިގެން އެބަލާ އަންނާށޭ ބުނުމުން އޭނާ ނުކުމެގެން ދިޔައީއެވެ.

އަހަންނަށް ހެވުނެވެ. އޭނާ އެއައީ ބަލިވެގެން ނޫންކަމަށައި އެއައީ އަހަރެން ހޯދަން ކަން އަހަންނަށް ހަމަ ޔަގީނެވެ. އޭނާ އަސުރުން ފައިބައިގެން ފެންފުޅި ބަލާ އަންނަންވާ އިރަށް އަހަރެން ތައްޔާރުވީމެވެ. ގޭމަގުން އޭނާއާއި ދިމާކުރީމެވެ. ހަނީފުއަށް އަހަރެން ފެނުމުން ވަރަށް ހިނިއައިސްފައި ތިގެއަށް ދިޔައީ ބައްޕަ ހޯދަން ނޫންކަން އިނގޭ ދޯ އޭ ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ. ބޮޑުލަނޑެއް ލިބިއްޖެއެއް ނޫންހޭ ބުނެވުނެވެ. އަދި މިރޭ އަންނަން ބައްޕަ ބުނާނެ ކަމަށާއި އޭނާގެނެސް ބާއްވާފައި އިރުއަރަންދެން ކިޔެވެލި ކިޔަވާނީ ކަމަށް ބުނީ އޭނާއާއި ސަމާސާ ކޮށްލާ ހިތުންނެވެ. އެހިސާބުން އޭނާ ޖެހިލުންވިއެވެ. އެހެންވިއްޔާ ނުދާނަމޭ ބުނަމުން އައި ކޮޅަށް އަނބުރާލަން އުޅުނެވެ.

އެހެން ހެދީމާ ބައްޕަ ވަރަށް ރުޅިއަންނާނެ ކަމަށް އަހަރެން ކިޔައިދިނީމެވެ. އަދި އޭނާ އަހަރުމެންގެއަށް ވަނީ ކޮންމެހެން ބައްޔެއް ވެގެންނެއް ނޫންކަން ބައްޕައަށް ވިސްނޭނެ ކަމަށާއި އޭރު ކަމަކު ނުދާނެއޭ އަހަރެން ބުނީމެވެ. އަދި ބައްޕަ މިހާރު އޭނާގެ އިންތިޒާރުގައި ހުންނާނެއޭ އަވަހަށް ދާށޭ ބުނެފައި އަހަރެން ގެއާއި ދުރަށް ހިނގައިގަތީމެވެ. އެވަގުތު އޭނާ އަހަންނަށް ގޮވާލާފައި ވާހަކަ ދައްކަން ބޭނުންކަމާއި ބައްދަލުވާނީ ކިހިނެތްތޯ އަހާލިއެވެ.

ރަށަށް ލަފާ ދޯންޏަކުން ބަލި މީހަކު ބާލައިފިއްޔާ ތުނޑިއަށް ގޮސް އަހަރެންގެ އިންތިޒާރުގައި ހުންނާށޭ ބުނެފައި އަހަރެން ދިޔައީއެވެ.

އެދުވަހު ހަވީރު ފަހެއް ޖެހިތަނާ ބަލި މީހަކު ގެނައެވެ. އަހަރެން ތުނޑިއާއި ދިމާލަށް ދިޔައީ އެއްގޮތަކަށްވެސް ހަނީފު އެތާނގައި ހުންނާނެ ކަމަށް އުއްމީދު ކޮށްގެނެއްނޫނެވެ. އޭނާ އެކަނި މާއެކަނި އެތާނގައި ހުއްޓާ ފެނުމުން ވަރަށް އުފާވިއެވެ. އަހަރެން ގަސްތަކުގެތެރެއިން، ފިލަފިލައިގެން އެދިމާލަށް ދިޔައީމެވެ. އޭރު އޭނާގެ އަތުގައި ހުރި ވިނަ މާތަކުގައި ފުއްޓަކި ޖަހަމުން ހިނގަމުން ދިޔައެވެ. އަހަރެން ކުއްލިއަކަށް އޭނާގެ ކުރިމައްޗަށް ނުކުތުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. އޭނާގެ އަތުގައި އޭރު އޮތީ އެންމެ މަލެކެވެ. އެމަލުގައި ފުއްޓަތްކެއް ޖަހަމުން 'އަންނާނެ' އެހެންބުނެލިއެވެ.

އޭރު އަހަރެން އެހެންބުނީސް ސުރެ އޭނާ ގޮސް އިނީ އަތިރީގައި ކަމުގައި ބުނެލިއެވެ. އެދޯނިން ބޭލި މީހާ ފަތްޖެހި އެނދަކަށް ލައިގެން ތިގެއާއި ދިމާލަށް މިސްރާބު ޖެހީ ހިސާބުން ފެށިގެން އޭނާ މިހުންނަނީ މިތާނގައި ކަމަށް ބުނެދިނެވެ.

"ހިޔެއްނުކުރަން ފަރީ އަންނާނެކަމަކަށް" އޭނާ ވަރަށް އުފާވެލާފައި ވާހަކަ ދެއްކިއެވެ.

އޭނާއަށް އަންނަން ކެރޭނެކަމަށް އަހަރެންގެ ހިތަށް ނާރާވާހަކަ ބުނީމެވެ. އެއާއިއެކު މިރަށު މީހުން އަހަންނާއި ވާހަކަ ނުދައްކަނީ ބައްޕަ ދެކެ ބިރުގަންނާތީ ކަމަށް އޭނާއަށްވެސް އަޑުއިވިފައިވާ ކަމަށް ބުނެލިއެވެ.

އެވާހަކަތައް ގަބޫލު ކުރަންތޯ އަހަރެން އެހީމާ ގަބޫލު ކުރާނަމަ ތިގެއަކަށް ނުވާންނާނެ ދޯއޭ އަހަންނާއި ދިމާލަށް ބުނެލިއެވެ. އަހަރެން ވަރަށް އުފާވިއެވެ. އަހަރެން ގޮވައިގެން އުޅޭނެ ހިތްވަރުހުރި މީހަކާ މިދިމާވީތާއޭ ހިތަށްއެރިއެވެ.

މިރަށު ފިރިހެނުން އަހަންނާއި ވާހަކަ ދައްކަން ބިރުގަންނަނީ ކީއްވެގެންކަން އަހަރެން ކިޔައިދިނީމެވެ. އެއީ އަހަރެން މަދުރަސާގައި އުޅުނުއިރު ރައްޓެހިވި ކުއްޖަކަށް ދިމާވިގޮތުން ކަމުގައި ބުނެދިނީމެވެ. އަހަރުމެން ރައްޓެހިވިތާ މަސްދުވަސްވެސް ނުވަނީސް އެފިރިހެން ކުއްޖާއަށް ގަދަ ހުމެއް ޖެހުނީއެވެ. އެބަލިން ގަދަ ނުވެ އޮވެ އޭނާ މިދުނިޔެ ދޫކުރީއެވެ. އެހިސާބުން ފަހީމް މަރުވީ ބައްޕަ ހެދި ސިހުރަކުން ކަމުގައި މުޅި ރަށުތެރޭގައި ކިޔަން ފެށީއެވެ.

އޭގެ ފަހުން މިރަށު އަންހެން ކުދިންވެސް އަހަންނާއި ދުރުވީއެވެ. ރުގިއްޔާތަ ގެ ނޫނީ މިހާރު އަހަރެން ވަދެއުޅޭ ގެއެއް ވެސް މިރަށަކު ނުހުންނާނެއެވެ.

ހަނީފުއަށް އޮތީ އެހުރިހާ ވާހަކައެއް އަޑުއިވިފައެވެ. އޭނާ އެވާހަކަތައް ގަބޫލު ނުކުރާކަމަށާއި ކޮންމެގޮތެއްވިޔަސް އެއީ އަހަރެންގެ ކުށެއްނޫން ކަމުގައި ބުނެލިއެވެ.

ދެން އަހަރެން ފެށީ މާލޭގެ ވާހަކައެވެ. އަހަރެން ދުވަހަކުވެސް މާލެ ނުދަމޭ ބުނީމާ ކިޔައިދިނެވެ. މާލެ މިރަށާއި ވަރަށް ތަފާތު ވާނެއޭ އޭނާ ބުންޏެވެ. އޭނާ އަހަރެން މާލެ ގެންދަން ބޭނުމޭ ބުނެލިއެވެ. އެކަމަކު އޭނާ ގެންދަން ބޭނުމީ ދެން އެނބުރި ނާދެވޭ ގޮތަށް ކަމުގައި ބުނުމުން އެބުނިއެއްޗެއް އަހަންނަކަށް ނުވިސްނުނެވެ.

އޭނާ އަހަރެން މާލެގެންދަން ބޭނުމީ އޭނާގެ އަންބެއްގެ ގޮތުގައޭ ބުންޏެވެ. އަހަރެންގެ އަތުގައި ހިފާލަމުން އެނާއަށް އެކަން ވެދާނެތޯ އަހާލިއެވެ. އެވަގުތު އަހަރެން ވަރަށް ލަދުގަތެވެ. އެއީ އަހަރެން ބޭނުންވާ ގޮތެވެ. އެކަމަކު އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނީއެވެ. އެހެންއިންދާ އޭނާ އަހަރެންގެ ދަތްދޮޅީގައި ހިފާ އިސް އުފުލުވިއެވެ. އަދި އެގޮތް ބޭނުންތޯ ސުވާލު ކުރިއެވެ. އަހަރެން އާނއެކޭ ބުނަން ބޭނުންވިއެވެ. އެކަމަކު އެހާ އަވަހަށް އެހެން ބުނުން އެއީ ހުތުރު ކަމަކަށް ވާނެތީ އަހަރެން ވިސްނާލާނަމޭ ބުނީމެވެ. އަދި ލިބުނު އުފަލެއްގެ ބޮޑު ކަމުން އެތަނުން ތެދުވެގެން ދުއްވައިގަތީމެވެ. ދެން އެހެން ވަގުތަކުން ބައްދަލު ކުރާނަމޭ ބުނަމުންނެވެ. އޭނާ ފުރަތަމަ ފެނުމުންވެސް އަހަރެންގެ ހިތަށް އަސަރުކުރީ ކީއްވެގެންކަން މިހާރު ވިސްނިއްޖެއެވެ. ހަނީފުއަކީ އަހަރެން މިތަނުން ސަލާމަތްކޮށްދޭނެ މީހާއެވެ. ޚިޔާލީ ވާހަކަތަކުގައި ވާހެން އަހަރެން މިތަނުން ސަލާމަތް ކުރަންއައި ޝެހެޒާދާއެވެ."

އެހިސާބަށް ކިޔާފައި ޝިއުނާއަށް ހިނިތުންވެލެވުނެވެ. ޑެނިއަލް ސްޓީލުގެ ލޯބީގެ ވާހަކައެކޭ އޭނާއަށް އަޒީމާ ކައިރީ ބުނެވުނީ ހަމަ ރަނގަޅަށޭ އޭނާގެ ހިތަށް އެރިއެވެ.

ދެން އޮތް ގަނޑަށް އެއްލިއިރު އޮތީ ޖެހިގެން އައި ދުވަހުގެ ތާރީޙު ޖަހާފައެވެ. ޝިއުނާ ޝައުގުވެރިކަމާއިއެކު އެގަނޑު ކިޔަންފެށިއެވެ.

"ހަވީރު ގަޑީގައި އަހަރެން ތުނޑިއަށް ދިޔައިރު ހަނީފު އާއި އަލީ ރަޝީދުއާއި ދެމީހުން އެތާނގައި ތިއްބެވެ. ހަނީފުގެ އަތުގައި ކެމެރާ އޮތެވެ. އެނާ އަހަރެންގެ ފޮޓޯ ނެގިއެވެ. އަދި އަލީ ރަޝީދު ލައްވާ އަހަރުމެން ދެމީހުންގެ ފޮޓޯވެސް ނެނގިއެވެ. އެހިސާބުން އަލީ ރަޝީދު ދާން ހިނގައިގަތީމާ އަހަރުމެން ދެމީހުން ހޭޅިފަށުގައި ހެދިފައިވާ ގަސްތަކުގެ ނިވަލުގައި އިށީނީމެވެ. އޭނާގެ ވާހަކައާއި ދޭތެރޭ ވިސްނިންތޯ ހަނީފު އެންމެ ފުރަތަމައިނުންވެސް އަހާލިއެވެ. އެވާހަކައަށް ނުވިސްނާ، އެކަމަށް ނޭދޭ ނަމަ އަހަރެން މިހެން ހަނީފުއާއި ބައްދަލުކުރަން އައީސްތޯ އަހާލީމެވެ. އެހިނދު ހަނީފު ވަރަށް އުފާވިއެވެ. އޭނާގެ އަތުތެރެއަށް އަހަރެން ގެންދިޔައެވެ. އެވަގުތު އަހަންނަށް ކުރެވެމުން ދިޔަ އިހުސާސް ތަކެއް ބުނެދޭކަށް އަހަންނަކަށް ނޭނގެއެވެ. އަހަރެން ވަރަށް އުފާވިއެވެ. އެންމެ އުފާވީ ހަނީފު އަހަރެން ދެކެ ލޯބިވާކަމަށް ބުނީމައެވެ...."

އެހިސާބަށް ޑައިރީ ކިޔުނުއިރު ޝިއުނާގެ ހިތަށްވެސް އާދަޔާ ޚިލާފު އުފާވެރިކަމެއް ވެރިވެގަނެފިއެވެ. އޭނާގެ އެއުފާވެރިކަން ކޮންމެވެސް މީހަކާ ހިއްސާ ކޮށްލަން ބޭނުންވިއެވެ.

ޝިއުނާގެ މެސެޖް ޒިލާލުއަށް ލިބުނު އިރު އޭނާ އިނީ ކެރަމް ކުޅޭށެވެ. ޝިއުނާ ފޮނުވި 'ހައި ހައު އާރ ޔޫ' އަށް ވަރަށް ކުރުކޮށް 'ގުޑް އެންޑު ޔޫ؟' އެހެން ލިޔެލާފައި ފޮނުވާލިއެވެ. ޝިއުނާވެސް ރަނގަޅޭ ބުނެފައި އޭނާ ޑައިރީ ކިޔަންފެށި ވާހަކަ ލިޔެފައި އޮތެވެ. އޭނާގެ މަންމައާއި ބައްޕަ ވަރަށް ރޮމޭންޓިކް ކަމަށެވެ.

"އެހެންތަ؟" ޒިލާލު ނޭނގޭ ކަމަށް ހަދާލާފައި ލިޔެލިއެވެ. އޭނާގެ މަންމަ ޖިންނިއާ ރައްޓެހިވާ ހިސާބުން ދެން ޝިއުނާ ބުނާނީ ކީކޭ ބާވައޭ ޒިލާލުގެ ހިތަށް އެރިއެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular