21 Jul 2024

ސްކްރީންތަކާއި ސޯޝަލް މީޑިއާއާ ދުރަށް ޖެހިލައި ސިކުނޑި ތާޒާކޮށްލުމަށް ފޮތެއް ކިޔާލަން ހިތްވަރު ދިނުމުގެ ގޮތުން މިފަހަރު މި އޮތީ މަޝްހޫރު ލިއުންތެރިޔާ އިސަބެލް ބްރޫމްގެ "ދަ އޮރެންޖު ހަައުސް" އެވެ.

ހެންރީ އަދި ވަޔޮލެޓްގެ ލޯބީގެ ދަތުރު ފެށުނީ މި އޮރެންޖު ކުލައިގެ ގޭގެ ތެރެއިންނެވެ. ހަމަ އެގޮތަށް، މިފޮތް ކިޔާލާ ކޮންމެ މީހެއްގެ ހިތުގައި ވެސް ލޯބި އުފެދޭނެ އެވެ.

ވިހި އަހަރު ކުރިން މި އޮރެންޖު ގެ އަކީ ދެ މީހުންގެ ލޯބީގެ ފެށުމަށް ވީއިރު މި ގެއަކީ މި ދެމީހުންގެ ގުޅުމުގެ އެންމެ ފަހު މަންޒިލަށް ވެދާނެބާއެވެ؟

ވާހަކައިގައި ވަނީ ކިހިނެއް؟

ހެންރީ އަދި ވަޔޮލެޓް އެންމެ ފުރަތަމަ ދިމާވަނީ މި އޮރެންޖު ކުލައިގެ ގޭގެ ބަގީޗާ ތެރެއިންނެވެ. ރީތި ރަށެއް ކަމަށްވާ މަލޯކާގައި މި ދެ މީހުން އެކަކު އަނެކަކުގެ ލޯބީގެ ތެރެއަށް ގެނބި އެތައް ހުވަޔަކާއި ވައުދެއް ވި އެވެ. އަދި ދެ މީހުންގެ ވަރުގަދަ ލޯތްބާ އެކީ ދިރިއުޅުމެއް ބިނާކުރުމަށްޓަކައި މި ގޭގައި ދެމީހުންގެ ކުރިމަގު މަޑު މަޑުން ބިނާކުރަން ފެށިއެވެ.

މި ގެޔަކީ ދެމީހުންގެ ލޯބީގެ މާ ފޮޅުވަމުން އުފާވެރި ދިރިއުޅުމެއް އުޅެމުން ދިޔަ ތަނަކަށް ވިޔަސް ދަރިއަކު ލިބި ގިނަ ދުވަސްވުުން މިހާރު މި ގެއަކީ ދެ މީހުން ދިރިއުޅުމާ މެދު ހަނގުރާމަކުރާ ތަނަކަށް ވަނީ ބަދަލުވެފަ އެވެ. ގޭގެ ފާރުގައި ރެނދުލަމުން ދިޔައިރު ދެ މީހުންގެ ސިއްރުތައް ހާމަވަމުން ދެމީހުންގެ ގުޅުމުގައި ވެސް ދިޔައީ ރެނދުލައި ނިކަމެތިވަމުންނެވެ.

ދެމީހުންގެ ގުޅުމުގެ އެންމެ ފަހު ދުވަސްތައް ކަމުގައި ބުނެ މި ގެ ވިއްކާލުމުގެ ތެރޭގައި ދެން ހިނގާ އިތުރު ކަންކަމަކީ ކިޔުންތެރިންގެ ސަމާލުކަން ދަމައިގަނެ ދިރިއުޅުމާ ދެތޭރޭ އިތުރު ގޮތަކަށް ވިސްނާލަން ދެވޭ ފުރުސަތަކަށް ވެގެންދާނެ އެވެ.

Popular