24 Jul 2024

ގުރޭޝާއަށްފަހު އެހެން އަންހެން ކުއްޖަކަށް ހިތް ނުދޭން އޭނާ ނިންމި ނިންމުން މަޑުމަޑުން ބަދަލުވަމުން ދަނީ ބާވައޭ އެވަގުތު ހިތަށް އެރިއެވެ.

ޒިލާލު ހިނގަމުން ހިނގަމުން ބޭރަށް ނުކުތެވެ. އެވަގުތު ހެލްތު ސެންޓަރު ދޮރުމަތީގައި އިން ސެކުރިޓީ ގާޑަށް އޭނާ ފެނިގެން އައިސް ބަލާށޭ ކިޔާފައި ހަނާ އަޅާލިއެވެ.

"ކޮފީ ތައްޓެއް ބޭނުންތަ؟" އޭނާ ޒިލާލު ކުރެން އަހާލިއެވެ. ޒިލާލު ބޯޖަހާލުމުން ވަތްގަނޑު ތެރެއިން ޔޭޔޭ ކޮފީ ޕެކެޓެއް ނަގައި، މޭޒުމަތީގައި ހުރި ތަރުމޯޒުން ހޫނު ފެންއަޅައި، ކޮފީ ހަދައިދިނެވެ. ޒިލާލު ޝުކުރު އަދާކުރަމުން އޭނާއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ.

އެމީހާ ޒިލާލުގެ ވަނަވަރު އޮޅުންފިލުވިއެވެ. އެއަށް ފަހު އިބްރާހިމްބެއާއި އޮތީ ކޮންގުޅުމެއްތޯ އަހާލިއެވެ.

"އެއީ އަހަރުމެން ކާފަގެ ރައްޓެއްސެއް... މިރަށަށް އާދެވުނީމާ ހާލު ބަލައިލަން އައީ" ޒިލާލު ކުރިންވެސް ބުނިގޮތަށް ޖަވާބު ދިނެވެ. އަދި އިބްރާހިމްބެ އާއި ރައްޓެހިތޯ އެމީހާކުރެން ޒިލާލު އަހާލިއެވެ.

އޭނާ ބޯހޫރާލިއެވެ. އިބްރާހިމްބެއަކީ މާބޮޑަށް މީހުންގެ ތެރެއަށް ނުކުމެ ވާހަކަ ދައްކާ އުޅޭ މީހެއްނޫން ކަމުގައި އޭނާ ކިޔައިދިނެވެ. ގިނައިން ފެންނާނީ މިސްކިތުން ކަމަށާއި މިދޭތެރެއިން ބަލިވެގެން ޑޮކްޓަރަށް ދައްކަން އައި ރެއަކު އޭނާއާއި ދިމާވިކަމަށް ވެއެވެ. އޭނާގެ ގާތް ތިމާގެ މީހަކު މިރަށުގައި ނޫޅޭކަމަށާއި އޭނާ މިރަށަށް ހިޖުރަކުރިތާ އެތައް އަހަރެއް ވެދާނެ ކަމުގައިވެސް އެމީހާ މައުލޫމާތު ދިނެވެ.

"ކުރިން ދާނެ ގޭގެއަށް ސަލަވާތްފުޅު ކިޔަން... އެކަމަކު މިހާރު އެއީ ކުރަން ވާވަރުގެ ކަމެއްނޫނޭ ކިޔާތީ މިރަށުގައިވެސް އެކަހަލަ ކަންތަކެއް ނުކުރޭ" އެމީހާ ކިޔައިދިނެވެ.

"ކަލޯއަށް އިނގޭތަ އެބެއަކީ ކުރިން ޖިންނި ގެންނެސްގެން ކިޔެވި މީހެއްކަން؟" އޭނާ އަހާލިއެވެ. "އޭނ؟" ޒިލާލުއަށް އަހާލެވުނެވެ.

އެޔާއިއެކު، އިބްރާހިމްބެއަކީ ޖިންނި އަވަލާފައި ތިބޭމީހުން ރަނގަޅު ކުރަން ވަރަށް މޮޅުމީހެއްކަމަށާއި އޭރު އެކި ރަށްރަށުން އޭނާ ކައިރިއަށް މީހުން ދާކަމަށް އޭނާ ކިޔައިދިނެވެ. އިބްރާހިމްބެ އެކަން ހުއްޓާލާފައި މިރަށަށް ބަދަލުވީ އޭނާގެ ދަރިފުޅު ނިޔާވި ހަދިސާއަށް ފަހުގައޭ އޭނާ ބުނެލިއެވެ. އޭރު ކޮފީތަށި ހުސްކޮށްލާފައި އެތެރެއަށް ދާން ޒިލާލު ތެދުވެއްޖެއެވެ.

"ކޮން ހާދިސާއެއް؟" ޒިލާލު ހިނގައިގަންނަން އުޅެފައި މަޑުކޮށްލިއެވެ.

"އަހަންނަކަށްވެސް މާ ރަނގަޅަކަށް ނޭނގެ މީގެ ދޮގު ތެދެއް.. އެކަމަކު އެރަށު މީހުން ކިޔަނީ އޭނާ ދަރިފުޅު މަރުވީ ގުދުރަތީ މަރަކުންނެއް ނޫނޯ" އެމީހާ ކިޔައިދިނެވެ. އަދި ޒިލާލުގެ ކާފަ ކައިރީ އެވާހަކަ އަހާ ބަލާށޭ ބުނެލިއެވެ.

"ކާފައޭ؟" ޒިލާލުއަށް ހުއްޓުން އެރިއެވެ. އެ ގާޑުމީހާއާއި ވާހަކަ ދައްކަން ފަށަމުން އިބްރާހިމްބެއަކީ އޭނާގެ ކާފަގެ ރައްޓެއްސެކޭ ބުނެވުނު ހަނދާނެއް އޭނާ ނެތެވެ.

"ބަލަ ބުނީމެއްނު އެއީ ކާފަގެ ރައްޓެއްސެކޭ؟"

ޒިލާލު ހިނިގަނޑެއް ޖަހާލަމުން އޭނާގެ ކާފަ މިދުނިޔެ ދޫކުރިތާ ކޮންޒަމާނެއްހޭ ބުނެލިއެވެ. އަދި އިބްރާހިމްބެގެ ދަރިފުޅަށް ޖިންނިއެއް ހަމަލާ ދިނީ ތޯ އަހާލިއެވެ. އޭރު ޒިލާލުގެ ހިތަށް އަރަމުން ދިޔައީ ޝިއުނާ ދައްކާފައިވާ ވާހަކަ ތަކެވެ. ޝިއުނާގެ ބައްޕަ ، ޝިއުނާ ކާފައާއި ބައްދަލުކުރަން ފޮނުވަން ބޭނުން ނުވި ވާހަކައެވެ. ކާފަ މަންމައާއި ބެހޭގޮތުން ކޮންމެވެސް ވާހަކައެއް ދައްކަން ބޭނުންވެގެން އުޅުނު ވާހަކައެވެ. އެވާހަކަ އަކީ އެއީތާއޭ އޭނާގެ ހިތަށް އެރިއެވެ.

"އުނހޫ ... އެނަ މަރާލީ އޭނާގެ ފިރިމީހާ ޔޯ ކިޔަނީ!"

"އޭނ؟" ޒިލާލުއަށް ލިބުނީ ކުއްލި ސިހުމެކެވެ.

" އެމަންޖެ ހިތާވީ ބޯޓު ދަތުރު ކުރަން އުޅުނު މާލޭ މީހަކާ.. އެމީހާ އޭނާއާއި ކައިވެނިކޮށްފައި ފުރައިގެން ދިޔައީ.. ދެން އައިއިރު އެމަންޖެ އުޅެނީ ވިހައިގެން... ވީގޮތެއް އެކަކަށްވެސް މާރަނގަޅަކަށް ނޭނގެ.. އެރަށު މީހުންނަކަށްވެސް.. ކިޔާ ގޮތުގައި އެ ފިރިހެންމީހާ އޭނާ މަރާލާފައި ކުޑަ ދަރިފުޅު ގޮވައިގެން ފިލީ!"

އެއަޑުއިވުމުން ޒިލާލުގެ މުޅިގައިން ހީބިހި ނަގައިގެންދިޔައެވެ. ބުނާނެ އެއްޗެއް ނުވިސްނި، ބަސްހުއްޓުނެވެ. އޭނާއަށް އަލުން ގޮނޑީގައި އިށީނދެވުނެވެ.

"ވެދާނެ އެއީ ދޮގަކަށްވެސް... ކަލޯ ތިބުނިހެން ޖިންނިއެއް ހަމަލާ ދިނީކަމަށްވެސް! " ޒިލާލުއަށް ވީގޮތް ފެނުމުން ގާޑު ކަލޭގެ ބުނެލިއެވެ. ފުން ނޭވާއެއް ލަމުން ޒިލާލު ތެދުވިއެވެ. އޭނާ ކޮފީއަށް ޝުކުރު އަދާކުރަމުން ދާން ހިނގަތެވެ.

" އެރަށަކު އެނާގެ މަހާނައެއް ނުހުރެޔޯ... ކިޔާ އުޅެނީ އޭނާ މަރާލާފައި ކަނޑު ފެއްތީއޭ" އެވަގުތު އެމީހާ ބުނެލިއެވެ.

ޒިލާލު އިތުރު ވާހަކަ އަޑުއަހަން މަޑުކުރާކަށް ބޭނުމެއްނުވިއެވެ. އޭނާ އެތެރެއަށް ވައިންގޮތަށް ވަދެ އިބްރާހިމްބެ ކޮބައިތޯ ބަލައިލިއެވެ. އޭނާގެ ގަޔަށް ގުޅާފައި ހުރި މެޝިންތައް ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ހިނގަމުން ދިޔައެވެ. ޒިލާލު އައިއަޑަށް މޭޒުމަތީގައި ބޯޖަހާއިގެން އިން ނަރުސް ކުއްޖާ ބޯހިއްލާފައި ބަލައިލިއެވެ. އޭނަ ސުވާލު ކުރުމުން 'ނޯ ޗޭންޖު' އޭ ބުނެލިއެވެ.

ޒިލާލު ގޮނޑީގައި އިށީނދެ ފާރުގައި ބޯޖައްސާލިއެވެ. އޭރުވެސް ، އެލިބުނު މައުލޫމާތުގެ ސަބަބުން އޭނާގެ ހިތުގެ ހިނގުން ހަމައަކަށް ނޭޅެއެވެ. އޭނާއަށް ދެއަތަކަށް ބޯ ހުރާލެވުނެވެ. ޝިއުނާ ފަކީރަށް އެކަން އެގުނީމާ ދެންވާނީ ކިހިނެތް ބާވައެވެ؟ ޝިއުނާގެ ބައްޕަ އެވަރުގެ ނުބައިކަމެއް ހަމަ ކޮށްފާނެ ބާވައެވެ؟

އޭނާ، ދެލޯ މަރާލައިގެން ފިކުރުގެ ތެރެއަށް ގެއްލިފައި އިންދާ ފަތިސް ނަމާދަށް ގޮވާއަޑު އިވެންފެށިއެވެ. މިސްކިތަށް ދާން ނުކުތް ތަނާ ސެކިއުރިޓީ މީހާއާއި ދިމާވިއެވެ. ޒިލާލު އަންނަތަން ފެނިގެން އޭނާ މަޑުކޮށްލިއެވެ.

"އޭތް، މަ ދެންމެ ދެއްކި ވާހަކަތައް މީހުންކައިރީ ނުކިޔާތި އިނގޭ!.... މީހަކާއި ބެހޭގޮތުން ޔަގީންނުވާ ވާހަކަ ދެއްކުމަކީ އެހާ ރަނގަޅު ކަމެއް ނޫނެއްނު" ޒިލާލު އަރާހަމަ ވުމުން އޭނާ ބުންޏެވެ.

"ބޭބެ ހާސްނުވޭ!... އެހެންނޫނަސް އަހަރެން ގަބޫލެއް ނުކުރާނަން ތިކަހަލަ ތޯތޯ ވާހަކައެއް" ޒިލާލު ބުނެލިއެވެ.

މިސްކިތުން ފައިބައިގެން އެމީހާ ދިޔައީ އެހެން ދިމާލަކަށެވެ. ޒިލާލު މަޑުމަޑުން ހިނގާލާފައި ހެލްތު ސެންޓަރަށް އައީއެވެ. އޭރުވެސް އޭނާއަށް ވިސްނެމުން ދިޔައީ ޝިއުނާއާއި މެދުގައެވެ. އެއީ ތެދު ކަމުގައި ވަނީނަމަ، އެކަން އެނގުނީމާ އޭނާއަށް ވާނީ ކިހިނެތްބާވައޭ ހިތަށް އަރަމުން ދިޔައެވެ.

ސެންޓަރަށް ވައިންއިރު، ނަރުސް ކުއްޖާގެ އިތުރުން ޑޮކްޓަރާއި އަދިވެސް ކުރިން ޒިލާލު ނުދެކޭ ބޭރުގެ އަންހެނެއް އިބްރާހިމްބެ ކައިރީގައި އުޅެއެވެ. އެހިސާބުން ކޮންމެވެސް ކަމެއްވެއްޖެއޭ ޒިލާލުގެ ހިތް ބުނެދީފިއެވެ. ވީ ކީއްތޯ ބަލައިލަން ދޮރުމައްޗަށް އެރުމުން ބޭރުގައި މަޑުކޮށްލާށޭ އިންޑިޔާ ނަރުސް ކުއްޖާ ބުނެލިއެވެ. އަދި އިބްރާހިމްބެ ނުފެންނާނެ ގޮތަށް ފޮތިގަނޑު ދަމާލިއެވެ.

***

ޝިއުނާއަށް ހޭލެވުނީ ޒުހުދާ ގޮވީމައެވެ. ބޭބެ ގުޅާފައި އަވަހަށް އަންނާށޭ ބުނި ވާހަކަ ބުނުމުން ކާފަ ހޭ އެރީއޭ ކިޔާފައި އުފަލުން ޝިއުނާ ތެދުވިއެވެ. އަދި އަވަސް އަރުވާލާފައި އެތަނަށް ދާން ނުކުތެވެ. އޭރު ދުނިޔެ މައްޗަށް އަލިވާން ފަށައިފިއެވެ.

ޝިއުނާ ގޮސް އެތަނަށް ވައިންއިރު ޒިލާލު ހުރީ ކައުންޓަރ ކައިރީގައި ޝިއުނާއަށް ފުރަގަސް ދީގެން ކޮންމެވެސް މީހަކާ ވާހަކަ ދައްކާށެވެ. ޝިއުނާ އޭނާގެ ކާފަ އޮތް ދިމާލަށް މިސްރާބު ޖެހިއެވެ.

"ޝިއު މަޑުކޮށްބަލަ!" ޒިލާލުއަށް އޭނާ ފެނުމާއިއެކު ފަހަތުން ދިޔައެވެ.

ކާފަގެ މުޅި މޫނުގަޔާއި އެއްކޮށް ފޮތިގަނޑު އަޅާފައި އޮތްތަން ފެނުމުން ޝިއުނާއަށް ހުއްޓެވުނެވެ. ސުވާލުން ފުރުފައިވާ ގޮތަކަށް ޒިލާލުއާއި ޒުހުދާ އާއި ދެމީހުންނަށް ބާލައިލިއެވެ. ޝިއުނާގެ ކާފަ މިދުނިޔެ ދޫކުރި ވާހަކަ އޭނާއަށް ބުނެދިނީ ޑޮކްޓަރެވެ. އެޔާއިކު ޝިއުނާއަށްވެސް ރޮއެގަނެވުނެވެ. ޒިލާލުގެ ގައިގަ އޮޅުލައިގަނެވުނެވެ.

***

ފޯނުވާން ފެށީ ހުސްނާ ފާޚާނާގައި އިންދައެވެ. އޭނާ އަވަސް އަވަސް ކޮށްލައިގެން ނުކުމެ އެނދުމަތީގައި އޮތް ފޯނު ނެގިއިރު ފޯނު ކެޑިއްޖެއެވެ. އެއީ ޝިއުނާގެ ކޯލެއްކަން އެނގުމުން ހުސްނާ ގުޅިއެވެ. ދެ ރިންގު ވީތަނާ ޝިއުނާ ފޯނު ނެގިއެވެ. އެހެންނަމަވެސް އޭނާއަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާ ފެށީ ރޯށެވެ. ހުސްނާ ކަންބޮޑުވިއެވެ. ހުއްޓާލާފައި ވީގޮތެއް މަންމައަށް ކިޔައިދީބަލާށޭ ބުނަންފެށިއެވެ. އެތައް އިރަކަށް ފަހު ޝިއުނާ ކިޔައިދޭން ފެށިއެވެ. ހުސްނާ ދެލޯ ބޮޑު ކޮށްގެން ހުރެ ބޭރަށް ނުކުތެވެ. އޭރު ހަނީފު ގެއިން ނުކުމެގެން ހިގައްޖެއެވެ. ކުޅެން ދާން ވެގެން ބޫޓަށް އަރަން ޖޯލީގައި އިށީދެގެން ޝަހުދު އިނެވެ.

"ދަރިފުޅާ ފޯނު އެބައޮތްތަ؟" ހުސްނާ އަހާލިއެވެ. އަދި ބައްޕައަށް ގުޅާފައި ވަރަށް އަވަހަށް ގެއަށް އައިސް ބަލާށޭ ބުނާށޭ ބުނެލިއެވެ.

ކިހިނެއް ވީތަ މަންމާ!.." ޝަހުދު ސުވާލު ކުރިއެވެ.

"އިތުރު ސުވާލު ނުކޮށް އަވަހަށް ގުޅާބަލަ!" ހުސްނާއަށް ތަންކޮޅެއް ބާރަށް ބުނެވުނެވެ.

އޭރު ޝިއުނާ ރޮއެ ރޮއެފައި ކިޔަމުން ގެންދަނީ ބައްޕަ އޭނާ ދެކެ ވަރަށް ރުޅި ދުރުވާނެދޯ އޭ އެހެންނެވެ. ހުސްނާ އޭނާ ހަމަޖައްސައިދޭން ވާހަކަ ދެއްކިއެވެ.

"ދޮންތަގެ ކާފަ ނިޔާވީޔޯ... ދަރިފުޅަށް އިނގޭތަ ދޮންތަ އޮޅުވާލާފައި އެހެރީ އެރަށަށް ގޮހޭ!" ހުސްނާ ފޯނު ނިންމާލާފައި ވެގެން އުޅޭގޮތް ޝަހުދުއަށް އޮޅުން ފިލުވައިދިނެވެ. ދޮންތަ އެކަހަލަ ކަމެއް ކޮށްފާނެކަމަކަށް މަންމަ ދުވަހަކުވެސް ހިތަކަށް ނާރައޭ އޭނާގެ ދަރިފުޅާއި ދިމާލަށް ބުނެލިއެވެ.

ހަނީފުއަށް ގެއަށް އާދެވުނީ ޝަހުދު ނުކުމެގެން ދިޔަފަހުންނެވެ. އޭރު ހުސްނާ ހުރީ ހާސްވެގެން ދެކޮޅަށް ހިނގާލަ ހިނގާލައެވެ. ހުސްނާ ހުރިގޮތް ފެނިފައި ހަނީފުވެސް ކަންބޮޑުވިއެވެ. ވީ ކީއްތޯ އަހާލިއެވެ.

"އެމަންޖެގެ ކާފަ... އިބްރާހިމްބެ ނިޔާވެގެން އެބައުޅޭ" ހުސްނާ ބުނެލިއެވެ.

"އޯ އެހެންތަ؟..... އެވާހަކަ ބުނަންތަ މަ ތިގެނައީ؟" ހަނީފު ބޮޑު ޗޮކެއް ކަނޑާލަމުން ބުނެލިއެވެ.

"ހަނީފު ރުޅި ނާންނާތި އިނގޭ!.... އެކަމަކު... އެމަންޖެ އަހަރުމެންނަށް އޮޅުވާލާފައި އެހެރީ ގޮސް އެރަށުގައި!" ހުސްނާ ރޮއެގަތެވެ.

ހަނީފުއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހުސްނާ ރަނގަޅަށް އެވާހަކަ ތައް ކިޔައިނުދެނީސް ހަނީފު ފޯނު ނެގިއެވެ.

"އަޅެ ހަނީފު މިވަގުތު އެމަންޖެ ދެކެ ރުޅި ނާންނާތި... އޭނަ އެކަނިމާ އެކަނި އެތާއެހެރީ!" ހުސްނާ ކަންބޮޑުވިއެވެ.

ހަނީފު ގުޅީމާ އެތައް އިރަކަށް ފަހު، އެ ފޯނަށް ޖަވާބު ދިނީ ފިރިހެނެކެވެ. އޭނާ ނަމަކީ ޒިލާލު ކަމަށާއި އެއީ ޒުހުދާގެ ބޭބެ ކަމުގައި އޭނާ ބުނެދިނެވެ. އަދި ޝިއުނާ ރޯތީ މިވަގުތު ފޯނުން ވާހަކަ ދައްކަން އުނދަގޫ ވީމާ އޭނާ ޖަވާބު ދިނީ ކަމަށްވެސް ބުނެދިނެވެ. ހަނީފު ސުވާލު ކުރުމުން ވީގޮތް އޭނާ ކިޔައިދިނެވެ. ހަނީފު އެހެންހޭ ބުނެލާފައި ޝިއުނާގެ ކާފަ އޭނާ ކައިރީ ދެއްކީ ކޮންވާހަކަ އެއްތޯ އަހާލިއެވެ. އެޔާއިއެކު އެމީހުންތިބީ ބޭރުގައި ކަމަށާއި މާ ގިނައިރަކު ވާހަކަ ނުދައްކާ ކަމަށް އެކުއްޖާ ބުނެދިނެވެ.

ހަނީފު ފޯނު ނިންމާލާފައި ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި ހުސްނާއާއި ދިމާލަށް ބަލައިލާފައި އެބެއަށް މާބޮޑު އެއްޗެއް ކިޔައިދެވުނު ހެނެއް ހިޔެއްނުވެޔޭ ބުނެލިއެވެ.

ފޯނު ބާއްވާފައި ޒިލާލު ވިސްނާލިއެވެ. އޭނާއަށް ދެންމެ އެ ވާހަކަ ދެއްކުނީ ޝިއުނާގެ މަންމަގެ ގާތިލުއާއި ހެއްޔޭ އޭނާގެ ހިތަށް ވަނީއެވެ.

-- ނުނިމޭ --

ދިގު ވާހަކަ ވާހަކަ: ޑައިރީ

Popular