25 Nov 2022

ބައިގެންދިއުމުގެ އަލާމާތްތައް އެނގޭނީ ކިހިނެއް؟

By: Aminath Ibrahim

"ނިއުޔޯކްޓައިމްސް ޕޭރެންޓިން" އެޑިޝަންގައި 2019 ވަނަ އަހަރު ޝާއިއުކޮށްފައިވާ ގައިޑްލައިނެއްގައި، ބައިގެންދިއުމުގެ ނުވަތަ މިސްކެރީޖެއްގެ އާންމު އަލާމާތްތަކުގެ ގޮތުގައި ބެލެވިދާނެ ކަންތައްތަކެއް ބުނެދީފައިވެ އެވެ.

● ބަލިވެއިންނަ ކޮންމެ ފަހަރަކު ބައިގެންދިއުމުގެ 10-15 ޕަސެންޓް ޗާންސް އަންހެނުންނަށް އޮވެ އެވެ. ނަމަވެސް ބަލިވެ އިންނަތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބައިގެންދިއުން ތަޖުރިބާކުރާ އަންހެނުންގެ ތެރެއިން ގިނަ ޕަސެންޓެއްގެ މީހުން، ފަހުން ބަލިވެ އިނދެ ފުލް ޕްރެގްނެންސީ ޓާމެއް ފުރިހަމަކުރެ އެވެ.

● ބަލިވެއިންނަ ފަހުން ކުރިމަތިފަރާތުން ލޭ އައުމާއި، ދަށްބަނޑުގައި އާދަޔާހިލާފަށް ރިހުމާއި، އުރަމަތި މަޑުވެފައި ރިހުން ފަދަ ކަންކަމަކީ ބައިގެންދިއުމުގެ އަލާމާތްތަކެއްގެ ގޮތުގައި ބެލެވިދާނެ ކަންކަމެވެ.

● މެދުއުމުރު (35 އިން މަތި) ގެ އަންހެނުންގެ ހަށިގަނޑުގައި ހަކުރުބަލި ފަދަ ބައްޔެއް ހުންނަ ނަމަ ބައިގެންދިއުމުގެ ޗާންސް އިތުރުވެ އެވެ. ނަމަވެސް ގިނަ ފަހަރަށް ބައިގެންދާ ސަބަބު ޑޮކްޓަރުންނަށް ވެސް ދެނެނުގަނެވެ އެވެ.

● ބައިގެންދިއުން ހުއްޓުވޭނެ ނުވަތަ ބައިގެން ނުދާ ގޮތް ހެދޭނެ އެއްވެސް ކަހަލަ ޑޮކްޓަރީ ފަރުވާއެއް ނުވަތަ ޓްރީޓްމަންޓެއް އަދި ނެތެވެ.

● އާލީ މިސްކެރީޖްގެ ގޮތުގައި ބަލާ ބައިގެންދިއުން ނުވަތަ ބަލިވެ އިންނަތާ ދުވަސްކޮޅެއްގެ ތެރޭގައި ބައިގެންގޮސްފިނަމަ، އޭގެ ފަހުން ޕީރިއަޑްގެ އެއް ބުރު ފުރިހަމަކުރުމަށްފަހު އަލުން ޕްރެގް ވާން ޓްރައިކުރުމަކީ މައްސަލައެއް ނޫން ކަމަށް، ފަހުގެ ހޯދުންތަކުން ވަނީ ދެނެގަނެވިފަ އެވެ.

●●●●●●

އުމުރުން 21 އަހަރުގެ މަރިޔަމް ޝައުނާ (އަސްލު ނަމެއް ނޫން) ބަލިވެއިނީ އުމުރުން 18 އަހަރުގައި ކައިވެނިކުރުމަށް ފަހު، ކައިވެންޏަށް ހަ މަހުން ފެށިގެން ކުއްޖަކު ހޯދަން މަސައްކަތް ކުރާތާ ތިން އަހަރު ފަހުންނެވެ. އޭނާ އަކީ 14 އަހަރުން ފެށިގެން ޕީސީއޯއެސް އަށް ޑައިގްނޯސްވެފައިވާ މީހެކެވެ. ޕީރިއަޑް ސައިކަލްއަށް އެކަމުގެ ސަބަބުން އަސަރެއް ނުކުރެ އެވެ. ކައިވެންޏަށް ފަހު ވެސް ގަވާއިދުން މައްސަރު ކަންތައް ލައިގަނެ އެވެ.

ބަލިވެއިންކަމަށް ޝައްކުކުރެވިގެން ޝައުނާ ޓެސްޓުކުރީ ޕީރިއަޑް ވާންޖެހޭ ދުވަސް ހަފްތާއަކަށް ލަސްވުމުންނެވެ. ހޯމް ޕްރެގްނެންސީ ކިޓްގެ ފުރަތަމަ ނަތީޖާ ވެސް ދެއްކީ ޕޮޒިޓިވް ކޮށެވެ. އެކަމަކު ޓެސްޓު ކިޓުގެ ދެވަނަ ރޮނގު ކިރިޔާ ފެންނަ ވަރަށް ފަނޑުކޮށް އިނުމުން އެއީ "ވީކް ރިޒަލްޓް" އެކެވެ. ލޭގެ ޓެސްޓެއް ހެދުމުން ޔަގީންވި އެވެ. ބަނޑަށް ހަތް ވަނަ ވަނަ ހަފްތާކަން ވެސް އެނގުނެވެ. އެކަމަކު އޭގެ ހަ ވަނަ އަށްވީ ދުވަހު ގިނަ އަލާމާތްތަކެއް ފެނިފައި ޝައުނާގެ ދަރިފުޅު ބައިގެންދިޔައީ އެވެ.

"ބަލިވެއިންކަން އެނގުނު އިރު ވެސް ކުޑަކުޑަ ތަދަކާ އެކު ޑިސްޗާޖް އާދޭ. ބްރައުން ކުލައިގައި ބައެއް ފަހަރު، އަނެއްބައި ފަހަރު ތަކުގައި މަޑު ފިޔާތޮއްޓަށް ދާ ކުލައެއްގައި ހުންނަނީ. ލޭގެ ޓެސްޓުން ޕްރެގްނެންސީ ކޮންފާމް ކުރި ދުވަހު ޑޮކްޓަރު ބަލާފައި ބުނީ ހުރިހާ ކަމެއް ރަނގަޅޭ،" އޭނާ ކިޔައިދިނެވެ.

ޖެހިގެން އައި ދުވަހު އައި ޑިސްޗާޖުގައި ސާފު ލޭ ކުލައަށްދާ ލޭ ހުރުމުން އަވަހަށް ދިޔައީ ޑޮކްޓަރަށް. އެހާ ހިސާބުން އެނގުނީ ވަރަށް ވީކް ޕްރެގްނެންސީއެއްކަން. ބްލަޑް ޓެސްޓްގައި އެޗްސީޖީ ލެވެލް ފެންނަން އިނީ ހަތް ހަފްތާގެ ޕްރެގްނެންސީއެއްގައި ކައުންޓް އިންނަންޖެހޭ ވަރަށް ވުރެ މާދަށުގައި،"

ލޭ އަންނަން ފެށި ގޮތަށް ދަށް ބަނޑުގައި އުފެދުނު ރިހުން ކޮންޓްރެކްޝަން ތަދު ނުވަތަ ކުއްލިކުލިއަށް އަރައި ފައިބާ ތޫނު ރިހުމަކަށް ބަދަލުވެ، ފަސްވަނަ އަށް ވީ ދުވަހު ބޭބީ ބައިގެންދިޔައީ އެވެ.

"ސްކޭންކޮށްފައި ބަލާފައި ޑޮކްޓަރު ބުނީ ބޭބީ ނެތޭ ފެންނާކަށް. ހާޓްބީޓެއް ވެސް ނެތް. ދެން އެ ގަޑީގައި ވެސް ރިއްސަމުން ރިއްސަމުން ގޮސް އިރުއޮއްސުނު އިރު ތަދު ފިލަން ފަށައިފި. އެހާ ހިސާބުން އެނގިއްޖެ މިކަން ނިމުނީކަން. އައިސްފައި ހުރި ލޭގައި ގަނޑު ލޭކޮޅެއް ގޮތަށް ބޭބީ އޮތީ. ސެކް ވެސް އެނގޭ ކޮންމެވެސް ވަރަކަށް ވަކިކުރަން. ނަރުސް ކުއްޖާ އޮޅުންފިލުވައިދިނީ،" ޝައުނާ ތަފްސީލުކޮށްދިނެވެ.

"ދެން ބޭސް ޖަހައިގެން ބަނޑު ސާފުކުރުމަށް ފަހު ގެއަށް ފޮނުވައިލީ."

ކުރީކޮޅު ބައިގެންދާ މީހުންނަށް އާންމުކޮށް ފުރަތަމަ 12 ހަފްތާގެ ތެރޭގައި މައްސަލަތައް ދިމާވެ އެވެ. އަދި މި މުއްދަތުގައި ބައިގެންދެ އެވެ. 12 ހަފްތާގެ ފަހުން ދުޅަހެޔޮކޮށް ފާއިތުވާ ކޮންމެ ހަފްތާއަކާއެކު ރިސްކު ކުޑަވެ އެވެ. އެހެންނަމަވެސް 20 ހަފްތާ ވަންދެން ބައިގެންދިއުމުގެ ޗާންސް އޮވެ އެވެ. އެއަށްފަހު ބައިގެންދިއުން ބަލަނީ ބަނޑަށް ދަރިފުޅުޅު މަރުވުން ނުވަތަ "ސްޓިލް ބާތު" ގެ ގޮތުގަ އެވެ.

މި މައުލޫމާތު މުހިއްމުވާ އެއް ސަބަބަކީ، ކުރިއާ ހިލާފަށް މިހާރު އަތްމަތީ ޓެސްޓް ކިޓް ފަދަ ތަކެތި ހުންނާތީ ކިރިޔާ ބަލިވެ އިންނައިރު އެކަން ދެނެގަނެވެ އެވެ. އަދި އެނގުމަށްފަހު ކިތަންމެ ކުރު މުއްދަތެއް ހޭދަވީނަމަވެސް، ބައިގެންދާ ދަރިފުޅާއެކު އެތައް އުންމީދަކާއި އުފަލެއް ފުނޑުފުނޑުވެގެން ދެ އެވެ. އަދި ލޯބިވާ މީހަކު ވަކިވުމުން ކުރާ ހިތާމަ ގިނަ ފަހަރަށް މައިމީހާ ނުވަތަ ދެމަފިރިން ކުރެ އެވެ.

ޝައުނާގެ ކޭސްގައި، ދަރިފުޅު ބައިގެން ދިއުމަށްފަހު ޑިޕްރެޝަން އާ ކުރިމަތިލާން ޖެހުނެވެ. ވަޒީފާއަށް އޭގެ އަސަރުކޮށް އެންމެ ފަހުން ތެރަޕީއަށް ވެސް ދާން މަޖުބޫރުވާ ހިސާބަށް އޭނާ ނަފްސާނީގޮތުން ބަލިވި އެވެ.

ހޭލުންތެރިވާން ހަދާނީ ކިހިނެއް؟

● ތިމާއަށް ހުރި ރިސްކުތައް ދެނެގަތުން

● އެލާމް ވާންޖެހޭ އަލާމާތްތައް ދެނެގަތުން

● ކަންބޮޑުވާ އަލާމާތެއް ފާހަގަކުރެވޭނަމަ މީހަކާ އަވަހަށް ވާހަކަދައްކައިގެން އެހީތެރިއަކު ބެހެއްޓުން

● ނަފްސާނީ އެހީތެރިކަން ހޯދުން

● އަނެއްކާވެސް އުންމީދު އާކޮށްފައި މަސައްކަތް ކުރުމަށް ނަފްސު ތައްޔާރުކުރުން/ބައިވެރިޔާއާ އެކު ވާހަކަ ދެއްކުން

ބައިގެންދިއުމާއި ދަރިން ނުލިބުމާ ބެހޭ މައުލޫމާތުތައް ހޯދުމާއި އެކަމާ ބެހޭގޮތުން އަމިއްލަ ހޭލުންތެރިކަން އިތުރުކުރުމަކީ ފަރުދީގޮތުން ކުރުން މުހިއްމުކަމެކެވެ.

ސިއްހަތު މައިންގެ ސިއްހަތު މާބަނޑުވުން

Popular