14 Jan 2023

އަގުބޮޑު ހެދުމެއްތަ؟ އެ އަގަށް ބައިވަރު ހެދުންތަ؟

އަގުބޮޑު ހެދުމެއްތަ؟ އެ އަގަށް ބައިވަރު ހެދުންތަ؟

By: Aminath Ibrahim

ލާ އަންނައުނު ގަތުމުގައި އެންމެން ގެންގުޅެންޖެހޭ ހާއްސަ އުސޫލެއް ނޯވެ އެވެ. އެމީހަކަށް އެންމެ ރަނގަޅު ޝޮޕިން ޗޮއިސް ކަނޑައަޅާނީ އެމީހެކެވެ. މިސާލަކަށް، އަވަސް އަވަހަށް ހެދުން އެޅުމުގެ މޫޑާއި ސްޓައިލް ބަދަލުވާ މީހަކަށް އެންމެ ކަމުދާނީ އަގު ހެޔޮކޮށް ގިނަ ހެދުން ގަތުމެވެ. ނުވަތަ މާ އަވަސް އަވަހަށް ލާ އެއްޗެހީގެ ސައިޒް ބަދަލުވާ މީހުންނަށްވެސް އެންމެ ރަނގަޅު ޝޮޕިން ޗޮއިސް އަކީ މިގޮތް ކަމަށް ވެދާނެ އެވެ.

ޖެހިޖެހިގެން ދެ ދުވަހު އެއް ހެދުމެއް ލާން ބޭނުން ނުވާ މީހުންނާއި ގިނަ ދުވަހު އެއް ހެދުންތަކެއް ގެންގުޅެން ބޭނުންނުވާ މީހުންގެ މެޖޯރިޓީ ވެސް ބޮޑަށް ބުރަ ވާނީ މި އޮޕްޝަނަށެވެ.

މިއާ ހިލާފަށް، އަގު ބޮޑުކޮށް ހެދުން ގަންނަ މީހުންނާއި އެއް ހެދުމަށް ގިނަ ރުފިޔާ ހަރަދުކުރަން އޯކޭ ކަމަށް ބަލާ މީހުންނަކީ ގިނަ ފަހަރަށް ކޮލިޓީއާ މެދު ވިސްނާ މީހުންނެވެ. މިކަހަލަ މީހުންނަކީ އާންމުކޮށް އެއް ސްޓައިލްތަކެއް ނުވަތަ އެއް ބްރޭންޑް ތަކަކަށް ލޯބިކުރާ މީހުންނެވެ. ނުވަތަ އެއް އެއް ކަހަލަ މެޓީރިއަލް ތަކަކަށް ލޯބިކުރާތީ އެއަށް ހަރަދުކުރަން ޖެހިލުން ނުވާ މީހުންނެވެ. އަގު ބޮޑުކޮށް ހެދުން ގަންނަ ބައެއް މީހުން، ދެތިން އަހަރު ނޫނީ އެއަށްވުރެ ގިނަ ދުވަހަށް ވެސް އެއް ހެދުން ގެންގުޅެފާނެ އެވެ.

މި ދެ ގޮތް ވެސް ރަނގަޅު!

އަހަރެމެން އުޅެ ބޮޑުވެ ތަރުބިއްޔަތުވެފައި ތިބި ފިކުރުގައި އަންނައުނުގެ ކޮލިޓީ އަކީ ޒަރޫރީ ހަރަދެއް ނޫނެވެ. އަގުބޮޑުކޮށް ހެދުން ގަންނަ މީހުންނާ ދިމާލަށް މާ ފޫހި ނަޒަރަކުން ބަލާލެވެނީ ގިނަ ފަހަރަށް މިހެންވެ އެވެ. އެކަމަކު މި ދެ ގޮތަކީ ވެސް އެއްގޮތަށް ވުރެ އަނެއް ގޮތް ވަކި ރަނގަޅު ދެ ގޮތެއް ނޫނެވެ. ސަބަބަކީ މިއީ އެއްކޮށް ވެސް ގަންނަ މީހާގެ އިހުތިޔާރަށް ދޫވެފައި އޮންނަ ކަމަކަށް ވާތީ އެވެ. އެމީހަކަށް ރަނގަޅު ގޮތް އެނގޭނީ އެމީހަކަށެވެ. އެކަމުގައި އެހެން މީހަކަށް ފާޑުކީގެން ނުވާނެ އެވެ. މީހުންގެ ހުންނަ އެކަހަލަ ޕާސަނަލް ކަންތައްތަކަށް އިހުތިރާމްކުރާ މީހަކަށް ވާށެވެ.

ފައިދާ ވެސް އެއްވަރު!

އަގު ހެޔޮކޮށް ގިނަ ހެދުން ގަންނަ މީހުންނަކީ އާންމުކޮށް މަހަކު އެއްފަހަރު ނުވަތަ އެއަށްވުރެ ވެސް ކައިރި ކައިރީގައި ހެދުން ގަންނަ މީހަކަށް ވެދާނެ އެވެ. އޭގެ މާނައަކީ ގިނައިން ހެދުން ގަތް ވަރަކަށް ގިނަ ހެދުން ލާން ހުންނާނެ އެވެ. ގިނަ ވައްތަރުތަކުގެ ހެދުން ގިނަ ވާނެ އެވެ. ހެދުން ރޮޓޭޓް ކުރާއިރު ގާތްގާތުގައި އެއް ހެދުމެއް ތަކުރާރުކޮށް ލާން ނުޖެހުމަކީ މިގޮތަށް ހެދުން ގަންނަ މީހުންނަށް އޮތް ފައިދާ އެކެވެ. ހިތްހަމަޖެހުމެކެވެ.

އަގުބޮޑުކޮށް، ހާއްސަކޮށް ބްރޭންޑެޑް ހެދުން ގަންނަ މީހަކަށް ތިން މަހުން އެއް މަހު ހެދުމެއް ގަނެވުނަސް، އެ ގަންނަ ހެދުން މިވެނި ވަރަކަށް ދުވަހު ލެވޭނެ ކަމުގެ ހިތްހަމަޖެހުން އޮވެ އެވެ. ބައެއް ފަހަރަށް، އާދައިގެ އާމްދަނީއެއް ލިބޭ މީހަކަށް، ހެދުން ފަދަ "އެހާ ޒަރޫރީ ނޫން" ކަމަކަށް އަތުން ގިނަ ރުފިޔާ ހަރަދުކޮށްފައި ގަތުމުން ހާއްސަ ހިތްހަމަޖެހުމެއް އިހުސާސްކުރެވެ އެވެ.

ބުނެބަލާށެވެ. މި ދެގޮތުން ކުރެ އެންމެ ކަމުދަނީ ކޮން ގޮތެއް ހެއްޔެވެ؟

ޝޮޕިން

Popular